23 Feb 2020

By: Aminath Ibrahim

ކުދިން ލިބި، މަޔަކަށްވާ ހިސާބުން ބައެއް މީހުން އެހެން ހުރިހާ ކަމެއް ދޫކޮށްލަ އެވެ. މިއީ އާއިލާ އާއި ދަރިންނަށްޓަކައި އަންހެނުން ވާ ބޮޑު ގުރުބާނީއެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރެ އެވެ.

އެކަމަކު މި އުސޫލުގެ ބޭރުން، އަމިއްލަ ހުވަފެންތަކުގެ ފަހަތުން ދަރިންނާ އެކު، ވަރަށް ހިތްވަރާ އެކު ނުކުންނަ މަންމައިން އަހަރެމެންގެ ތެރެއިން ވެސް ފެނެ އެވެ. މި ގެނެސްދެނީ މިފަދަ ހިތްވަރު މައިންގެ ތެރެއިން އެކެއްގެ ވާހަކަ އެވެ.

ތިން ރައްޓެހިންގެ ހިޔާލަކުން އުފެދުނު، ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް، ނަދާ ޝަރީފްގެ ދެ ކުދިން އެބަ ތިއްބެވެ. ދޮށީ ދަރިފުޅު ޒަހާރާ އަށް 8 އަހަރެވެ. ހަގު ދަރިފުޅު އަލަވީ އަށް ތިން އަހަރު ވެސް ނުފުރެ އެވެ. އެ ދެ ކުދިން ވެސް ސްކޫލަށް ދެ އެވެ. ނަދާ އަކީ ފުލްޓައިމް މަސައްކަތް ކުރާ އެކަނިވެރި މައެކެވެ. އެހެން ދިވެހި ގިނަ އާއިލާތަކެކޭ އެއްގޮތަށް، މި ތިން މައިންގެ ކުޑަކުޑަ އާއިލާ އަކީ ވެސް އެންމެ "ޕާފެކްޓް ފެމެލީ" އެއް ނޫނެވެ. އެކަމަކު ކޮންމެ ދުވަހަކީ ވެސް، އިއްޔެ އަށް ވުރެ މާދަން ރަނގަޅު ކުރުމުގެ އުންމީދު ގައި މަސައްކަތްކުރާ ދުވަހެކެވެ.

.

"ހުރިހާ ވެސް އެއްޗަކީ ކުދިން. މަންމައަކަށް ވުމަކީ ލިބޭ ސުޕަ ޕަވާ އެއް. އެ ބާރުގައި، ދަރިންނާއި އެކު އަމިއްލަ ނަފްސު ވެސް އިތުރަށް ރަނގަޅު ކުރެވޭނެ،" ދެ ކުދިންގެ މަންމަ ބުންޏެވެ.

މަސައްކަތާއި ކުދިން؛ ފުރަތަމަ ކަރުނަ، ދެން ކާމިޔާބު

ތިބާ ކްލިނިކް ހަގީގަތަކަށް ހެދުމުގެ މަސައްކަތް، ދެ ރައްޓެހިންނާ އެކު ނަދާ ފެށި އިރު، ކުޑަ ފިރިހެން ދަރިފުޅަށް ކިރިޔާ އަހަރެކެވެ. އެއީ، ކުއްލިއަކަށް ހަޔާތަށް ނަގައި އެއްލައިލި ވަރީގެ ބިޔަ ރާޅުން ލިބުނު ގެއްލުންތަކުގެ މަރާމާތު ވެސް ރަނގަޅަށް ނުނިމެނީހެވެ. އެކަމަކު ލޯބިވާ ކުދިންނަށްޓަކައި ކާމިޔާބު މީހަކަށް ވުމަކީ އަބަދުވެސް ނަދާ ބޭނުންވި ގޮތެވެ. އެ ޗޮއިސްގައި އެވަގުތު ހިފާ ނަމަ، އޭނާގެ ދެ ދަރިންނަށް ބޭނުންވާ އެންމެ ފުރިހަމަ ވަގުތާއި ލޯތްބާއި އަޅައިލުން ދިނުމަށް ކުދިންގެ ގާތު ހުރެވޭކަށް ނެތެވެ.

"އެކަމަކު ވެސް ނިންމީ އެ މަސައްކަތް ވެސް ކުރަން. އެއީ ކުދިން ދެކެ ލޯބި ނުވާތީއެއް ނޫން. ފުރަތަމަ ކަމަކަށް، ކައިވެންޏެއް ކޮށްގެން ހުއްޓަސް، ނުކޮށް ހުއްޓަސް، ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭން ފައިސާގެ ގޮތުން ސްޓޭބަލްވާން އެބަ ޖެހޭ. އެއްވެސް ކަމަކަށް އެންމެ ރަނގަޅު ވަގުތެއް ނާންނާނެ. ކުރަން ބޭނުންވާ ކަމެއް އޮތް ނަމަ ލަސް ނުކުރަންވީ އެހެންވީމަ. އޭރުން އަމިއްލަ އަށް ވެސް ހިތްހަމަ ޖެހޭނެ،" ސައިކޮލޮޖީ ދާއިރާގައި ނުވަ އަހަރު ހޭދަކޮށްފައިވާ ނަދާ ބުންޏެވެ.

ސްކޫލެއްގެ ކުދިންނަށް ސައިކޮލޮޖީ ސެޝަނެއް ނަގައިދެނީ؛ އޭނާ އަކީ ކްލިނިކްގައި ކައުންސެލިން ދިނުމުގެ ިއތުރަށް އަމިއްލަ މަސައްކަތްތަކުގައި ވެސް ބުރަކޮށް އުޅޭ މީހެއް

ކިތަންމެ ބޮޑު އަޒުމެއްގައި މަސައްކަތްކުރި ނަމަވެސް، އާއިލާ އާއި އެކު ކުޑަ ދެ ކުދިން ދޫކޮށްލާފައި ކޮންމެ ދުވަހަކު ބުރަކޮށް މަސައްކަތުގައި އުޅުންވީ އޭނާ ހީކުރި ވަރަށް ވުރެ ވޭން ހުރި ކަމަކަށެވެ. ކްލިނިކްގެ އިތުރުން އަމިއްލަ ގޮތުން، ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ސެޝަންތައް ބޭއްވުމާއި، ރިސޯޓްތަކާއި ސްކޫލް އަދި އޮފީސްތަކަށް ނަފްސާނީ ހޭލުންތެރިކަމުގެ ސެޝަންތައް ނަގައި ދިނުމުގެ އިތުރަށް ޕާޓްޓައިމްކޮށް ކިޔަވައިދިނުމުގެ މަސައްކަތް ވެސް ނަދާ ކުރެ އެވެ.

މި ހުރިހާ ކަމަކަށް ވަގުތު ދިނުމަށް ފަހު ކުދިންނާ އެކު ގޭގައި ހޭދަކުރަން އޭނާ އަށް ލިބެނީ ދުވާލަކު ހަތަރު ގަޑި އިރެވެ.

.

"ގިލްޓް އާއި ރިގްރެޓް މުޅި މީހާ ވަށާލި ވަގުތެއް ވެސް އައި. ހިތަށް އެރީ، ކުދިންނަށް ކިހާ ބޮޑު ބޭއިންސާފެއްބާއޭ މި ވެވެނީ. ހާއްސަކޮށް އަޅުގަނޑުގެ ކުޑަ ދަރިފުޅަށް. އެކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ ވަގުތާއި ލޯބި ނުދެވެ އޭ. އެކަމަކު ރަނގަޅަށް ވިސްނާލީމަ ހިތަށް އަރާ، މިއީ ކުދިންގެ މުސްތަގްބަލަށް ވެސް ކުރެވޭ މަސައްކަތޭ. ކަމެއް ހާސިލް ކުރެވޭނީ ސެކްރިފައިޒް ތަކެއް ކޮށްގެން. އެއްވެސް ހާލަތެއް އެއް ގޮތެއްގައި ނޯންނާނެކަން އަބަދު ވެސް ގަބޫލުކުރަން ވާނެ، އޭރަށް ވުރެ ވެސް ބޮޑަށް މިހާރު އެކަން އެބަ ގަބޫލުކުރެވޭ،" ނަދާ ބުންޏެވެ.

މުހިންމީ ގިނަ ވަގުތެއް ނޫން؛ ކޮލިޓީ ވަގުތު

ބުރަކޮށް މަސައްކަތުގައި އުޅޭ މަންމައިންނަށް ނަދާ ދޭން ބޭނުންވާ މެސެޖަކީ މިއީ އެވެ. އެކި މީހުން އުޅެންޖެހޭ ގޮތުން، ކުދިންނާ އެކު ވަގުތު ހޭދަކުރެވޭނީ އެކި ވަރަށެވެ. އެއީ އެއް ގޮތަކަށް ވެސް އަމިއްލަ މީހާ ކުށްވެރިކޮށް ހިތާމަކުރަންޖެހޭ ސަބަބެއް ނޫނެވެ. އޭނާގެ ނަޒަރުގައި، އޭނާ ފަދައިން ބުރަކޮށް މަސައްކަތްކުރާ މައިންނަށް، ދަރިންނަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާ އަކީ ކޮލިޓީ ޓައިމް އެވެ.

"މަންމަ މަސައްކަތްކުރާ ނަމަ، އެކަން ރަނގަޅަށް ވިސްނައި ދިނުމުން ކުދިން ވެސް އެކަން ބަލައިގަންނާނެ. އަޅުގަނޑުގެ ދެ ކުދިން ވެސް ވަރަށް އަންޑަސްޓޭންޑިންގް. އެކަމަކު އެ ކުދިންނާ އެކު ވަގުތު ހޭދަކުރަން ނުލިބޭ ނަމަ، އޭގެ ބަދަލުގައި، މަސައްކަތުން ނިމިގެން އައިސް އެ ލިބޭ ވަގުތުކޮޅު ކުދިންނަށް ހާއްސަ، އުފާވެރި ވަގުތުކޮޅަކަށް ހަދަން މަސައްކަތް ކުރެވިދާނެ،" ނަދާ ބުންޏެވެ.

.

"އާންމު ދުވަހެއްގައި އޮފީސް ނިމޭނީ ފަހެއް ޖަހާއިރު. ފަހެއް ޖަހާއިރު ދެވިއްޖިއްޔާ ދަރިފުޅު ގޮވައިގެން ހިނގާލަން ދަން. ދެން ނިދުމުގެ ކުރިން މި ލިބޭ ދެ ތިން ގަޑި އިރު ތެރޭގައި ވެސް ވަރަށް ބަލަން ކުދިންނާއި އެކު އެކި ކަންތައް ކުރެވޭތޯ. މިސާލަކަށް، ކުރެހުން ކުލަޖެއްސުން، ފޮތް ކިޔުން، ނޫނީ ކުދިން ޗޫޒްކުރާ މަޖާ ކަމެއް ކޮށްލުން. އެ ވަގުތު އެހެން މީހަކަށް ނުދެން. ދެން ވީކެންޑްގަ ވަރަށް އެކްޓިވްކޮށް އުޅޭނީ. ވީހާ ވެސް ބޮޑަށް ނަދާގެ ޕްރެސެންސް ދޭން މަސައްކަތް ކުރަން."

މަންމައަކަށް ވުމަކީ ބަލިކަށި ކަމެއް ނޫން؛ ހުވަފެންތައް ދޫ ނުކޮށްލާ!

ތިޔައީ މަންމައެއް ނަމަ، އެންމެ މުހިއްމު ވާނީ ދަރިންނެވެ. އެކަމަކު އަމިއްލަ ނަފްސު މަތިން ހަނދާން ނައްތައި ނުލާށެވެ. މަންމަ އެއްގެ އިތުރަށް ތިއީ ވެސް މީހެކެވެ. އަމިއްލަ އުންމީދު ތަކަކާއި އަމިއްލަ ހުވަފެންތަކެއް ދެކެމުން އައި މުހިއްމު މީހެކެވެ. ކުދިން ލިބުމަކީ އެ އުންމީދު ތަކުގައި ފަސް ލައި ފޮރުވަން ޖެހޭ ސަބަބެއް ނޫނެވެ. އެކަމަކު އެ ހުވަފެންތަކުގެ އަގަކަށް ކުޑަ ގުރުބާނީ އެއް ދޭން ޖެހިދާނެ އެވެ. އެކަމަކު ރަނގަޅު ޕްލޭނެއްގެ ދަށުން ކުރިއަށް ހިނގައި ގަނެވިއްޖެ ނަމަ އެއީ ކުދިންނަށް ވެސް ލިބޭނެ ފަހުރެކެވެ.

.

"ދެ ކުދިން ނަދާގެ މަސައްކަތާއި މެދު ފަހުރުވެރި ވާ ކަން އެނގޭ ނުބުންޏަސް. އަންހެން ދަރިފުޅު ސްކޫލް ނިންމާފައި ކްލިނިކްގައި ހުންނަ އިރު ވެސް ބައެއް ފަހަރު ބުނާނެ، ތިމަންނަ އަކީ ޖޫނިއާ ސައިކޮލޮޖިސްޓް އެކޭ. ދެ ކުދިން ވެސް ވަރަށް އުޅޭނެ ނަދާ ބުރަ ކޮށް އުޅޭ އިރު އެހީ ވާން ވެސް. އެކަހަލަ ކަންކަމުން ވަރަށް ތަފާތު އުފަލެއް ލިބޭ،" ނަދާ ބުންޏެވެ.

"އެހެންވިމަ، ބައެއް ފަހަރު އެންމެ ރަނގަޅު ގޮތަކީ ކުރަން ބޭނުންވާ ކަމެއް އޮތް ނަމަ މަޑު ނުކުރުން. ނަތީޖާ އަކީ ކޮބައި ކަން ވެސް އެނގޭނީ އެކަމާ އުޅުނީމަތާ."

ދަރިން ތަރުބިއްޔަތުކުރުން

Popular