10 Feb 2020

By: Aishath Maaha

ބައެއް އާޓިސްޓުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމީހުންގެ ހުނަރު ވިއްކައިގެން އެކަށީގެންވާ އާމްދަނީއެއް ހޯދުމުގެ ފުރުސަތު ރާއްޖޭގައި ފަހިވެފައި ނެތުމެވެ. ހުނަރާއި ޝައުގުން ފުރިފައި ތިބި މިފަދަ ޒުވާނުން އާޓާ ގުޅުންހުރި އެހެން ދާއިރާތަކަށް ވަދެ ގެއްލި ހުސްވާ އެއް ސަބަބަކީ މިއީ އެވެ. އުމުރުން 22 އަހަރުގެ ފާތިމަތު އަފްނާން އަކީ ވެސް މިފަދަ ޒުވާނެކެވެ.

ގްރޭޑް 3،4 ގައި ހުޅުމާލޭ ފަރީދިއްޔާ ސްކޫލްގައި އުޅުނުއިރު އޭނާ އަށް ކިޔަވައިދިން ޓީޗަރެއްގެ ހުނަރުވެރި އާޓް މަސައްކަތްތައް ފެނި އަފްނާންގެ ޝައުގުވެރިކަން އެއްކޮށް އާޓަށް ހުއްޓުނީ އެވެ. ގްރޭޑް 10 ނިމުނުއިރު ވެސް އެ ނޫން ދާއިރާއަކުން ކުރިއަށް ދާން އަފްނާން ބޭނުމެއް ނުވި އެވެ. ފުލް ޓައިމް ކެރިއަރަކަށް އާޓް ހަދައިގެން ކުލަޖައްސާ ފިހި ހިފައިން ނުކުތުމުން އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެ ކަމަށް ގަބޫލުކުރާތީ އާޓް އެންޑް ޑިޒައިންގެ ސެޓްފިކެޓް ލެވެލް 3 ކޯހެއް ހަދައިގެން ގްރެފިކް ޑިޒައިނަރެއްގެ ރޯލު ފުރަން ފެށީ އެވެ. މިހާރު ބޭނުންވަނީ މާކެޓިންގެ ދާއިރާ އަށް ވެސް އާޓާއި ގްރެފިކް ޑިޒައިނިންގެ ތެރެއިން ވަންނާށެވެ.

ނަމަވެސް ސްކޫލްގައި އުޅުނު އިރެކޭ އެއްގޮތަށް ވަގުތު ހޯދައިގެން ކުރެހުމަށް ވަގުތު ހުސްކުރެ އެވެ. އެ ކުރެހުންތައް އޭނާ ދޫކޮށްލަނީ އިންސްޓަގްރާމަށެވެ. މިއީ އަފްނާންގެ އާޓް މަސައްކަތްތަކުގެ ތެރެއިން އޭނާ އަށް އެންމެ ކަމުދިޔަ 10 އާޓް ޕީސް އާ އޭގެ ވާހަކަ އެވެ.

މިއީ ވިލިނގިލީގައި، މި ފެންނަ މަންޒަރުގެ ފެންނަ ސަރަހައްދުގައި ހުރެ ވަގުތުން ކުރެހި ކުރެހުމެކެވެ. އެހެން ބޯޓުތަކާ ހިލާފަށް އެ ބޯޓުގައި ރީނދުކުލަ ހުރުމުން ކޮންޓްރާސްޓް ހައި ވާތީ އެ ބޯޓު ހާއްސަކޮށްލީ އެވެ.
މިއީ އަފްނާން އާޓް އެންޑް ޑިޒައިން ކޯހުގައި އުޅުނު އިރު ކުރެހި ކުރެހުމެކެވެ. ރާއްޖޭގެ ތީމަށް ނުވަތަ ރާއްޖޭގެ ކޮންމެވެސް ތަނެއް ކުރަހަން ޖެހުމުން އަފްނާން ކުރެހި ކުރެހުމެވެ.
އެންމެ ފުރަތަމަ ކުރަހަން ފެށިއިރު މަންޑަލާ އާޓަކީ އަފްނާންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހުރި އަދި ވަރަށް ގިނައިން ކުރެހި އާޓެކެވެ. އެދުވަސްކޮޅު ގިނަ ރިކުއެސްޓްތަކެއް ވެސް ލިބުނީ އެއަށެވެ. ދެލި ބޭނުން ކުރުމުގެ ބަދަލުގައި މި އާޓްޕީސްގައި އަފްނާން ބޭނުންކުރީ ޑޮޓްތަކެކެވެ.
މިއީ އެއްދުވަސްކޮޅެއްގައި ވައިރަލްވެގެން އުޅުނު "ޓޫންމީ" ޗެލެންޖުގައި އޭނާ ކުރެހި ކުރެމެކެވެ. އަފްނާންއަށް ހީވާގޮތުން އެއީ ސެލްފް ޕޯޓްރެއިޓެއް ކާޓޫނަކަށް ބަދަލުކޮށް ކުރެހުމެވެ. އެކަމަކު އަމިއްލަ ޕޯޓްރެއިޓެއް ކުރަހަން އެހާ ގަޔާނުވެ އަފްނާން ކުރެހި އޭނާގެ ފިރިމީހާގެ ކުރެހުމެކެވެ.
މިއީ އިލަސްޓްރޭޓާ އިން ކުރަހާފައިވާ ކުރެހުމެކެވެ. އާންމުކޮށް އަފްނާންގެ ހުރިހާ ކުރެހުމެއްގައި ވެސް ޑީޓެއިލް ހިމަނަން އޭނާ މަސައްކަތްކުރެ އެވެ. އެކަމަކު މިއީ ޑީޓެއިލް މަދުކޮށް އޭނާ ކުރެހި ކުރެހުމެކެވެ.
ވާން ގޯ ގެ ސްޓާރީ ނައިޓް ކުރެހުމަކީ އަފްނާންގެ ވަރަށް ބޮޑު އިންސްޕިރޭޝަނެކެވެ. މިއީ އެ ކުރެހުން ޓްރައިކޮށްލަން ބިއްލޫރީގައި އަފްނާން ކުރެހި ކުރެހުމެކެވެ.
2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިންކްޓޯބާ ޗެލެންޖުގައި އަފްނާން ބައިވެރިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޗެލެންޖުގައި އަފްނާން ބައިވެރިކުރި ޑިޖިޓަލް އާޓްވޯކެކެވެ.
މިއީ 2018 ވަނަ އަހަރުގެ އިންކްޓޯބާ ޗެލެންޖުގައި "ބޮޓުލް" ތީމަށް އަފްނާން ކުރެހި ކުރެހުމެކެވެ. އެއިން އެ ފެންނަނީ ބަނޑިކޮށްލާފައި އޮތް ތާޒާ ފެންފުޅި އެކެވެ.
މި އާޓްވޯކަށް އަފްނާން އިންސްޕަޔާވީ އެތަނުގެ ވައިބްރެންޓް ކުލަތަކާއި އެތަނުގައި ގަޔާވާގޮތެއް ހުންނާތީ އެވެ.
މިއީ ކޮފިން ކުރަހާފައިވާ ކުރެހުމެކެވެ. އަފްނާންގެ މި މަސައްކަތަކީ ރައްޓެއްސަކަށް ދޭން ތައްޔާރުކުރި އުފަންދުވަހުގެ ހަދިޔާ އެކެވެ.
އާޓިސްޓް

Popular