By: Aishath Maaha
ދެ އަންހެނަކު އެއްތަން ވެއްޖެއްޔާ މީހުންގެ ވާހަކަ ދެއްކުން ނޫން ކަމެއް ނުކުރާނޭ ކިޔައިގެން އަންހެނުންނަށް މަލާމާތްކުރުމަކީ ބައެއް މީހުންގެ އާދައެކެވެ. މީހެއްގެ ވާހަކައެއް އިވުނަސް ގިނަ މީހުންނަށް ގަބޫލުކުރެވޭނީ ވެސް އެއީ ކޮންމެވެސް އަންހެނަކު ދެއްކި ވާހަކައެއް ކަމަށެވެ. އެއީ އޮފީސްތެރެއިން ނުވަތަ ކްލާހުގައި ނުވަތަ ކޮންމެވެސް އެހެން ތަނެއް ނަމަވެސް އެވެ.
އެކަމަކު ޔުނިވާސިޓީ އޮފް ކެލިފޯނިއާ އިން މިދިޔަ އަހަރު ހެދި ދިރާސާއަކަށް ފަހު ބުނީ އަންހެނުންގެ ބޮލުގައި މީހުންގެ ވާހަކަ ދެއްކުމުގެ އިލްޒާމް އަޅުވާފައި ފިރިހެނުންނަށް ސަލާމަތްވެވެން ނެތް ކަމަށެވެ. އެއީ އަންހެނުންނާ އެއް ވަރަށް ފިރިހެނުން ވެސް މީހުންގެ ވާހަކަ ދައްކާކަން ދިރާސާ އިން ހާމަވެފައި ވާތީ އެވެ.
މީހުންގެ ވާޙަކަ ދެއްކުމަކީ ހަމައެކަނި އެމީހުންނާ ބެހޭ ނުވަތަ އެމީހުންގެ ގޯސް ވާހަކަ ދެއްކުމެއް ނޫނެވެ. މީހަކު ނެތް ތަނެއްގައި އެމީހަކާ ބެހޭ ކޮންމެ ވާހަކައެއް ވެސް ވާނީ މީހުންގެ ވާހަކަ ދެއްކުމަށެވެ. އެއީ އޭނާގެ ރަނގަޅު ސިފައެއްގެ ވާހަކަ ނުވަތަ ވަކިކޮޅަކަށް ނުޖެހޭ ވާހަކައެއް ނަމަވެސް އެވެ.
މި ދިރާސާ އިން ދެއްކިގޮތުގައި މީހުންގެ ވާހަކަ ދައްކަން ކޮންމެ މީހަކު ވެސް ކޮންމެ ދުވަހަކު އެވްރެޖްކޮށް 52 މިނެޓު ހޭދަކުރެ އެވެ. އިތުރަށް ބުނެފައިވަނީ މީހުންގެ ވާހަކަ ދައްކާއިރު ވެސް ނިއުޓްރަލްކޮށް އެ ވާހަކަތައް ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ދައްކާ ކަަމަށެވެ. އަދި މީހުންގެ ގޯސް ވާހަކަ ދުވަސްވީ މީހުންނަށް ވުރެ ގިނައިން ދައްކަނީ ޒުވާނުން ކަމަށެވެ.
ކޮންމެ ވެސް ދެ މީހަކު ނުވަތަ ދެތިން މީހެއް އެހެން މީހުންނާ މާދުރުގައި ވަކި ގްރޫޕު ހަދައިގެން ކޮފީ ބޯން ނުވަތަ ސިނގިރޭޓް ބޯން ތިބޭ ތަން ފެނުމުން ބައެއް މީހުން އެހާ ހާސްވާ އެއް ސަބަބަކީ މިއީ އެވެ. އެ މީހުންގެ މައުލޫ އަކީ ތިއީ ކަމަށް ވެދާނެތީ އެވެ. އެމީހުން ދައްކާ ނުދައްކާ ވާހަކައެއް ނޭނގޭތީ އެވެ.
މިކަމާ ބެހޭގޮތުން ސައިންސްވެރިން ބުނަނީ އެހެން މީހުން ވެގެން ތިމާގެ ވާހަކަ ދެއްކުން ގޯސް ކަމަކަށް ވުރެ ބޮޑަށް އެކަމުން ފައިދާވެސް ވެދާނެ ކަމަށެވެ. ފަހަރުގައި އެ މީހުން އެދައްކާ ވާހަކައިގައި ކޮންމެވެސް ހަގީގަތެއް އޮވެދާނެ އެވެ. އެ ވާހަކައެއް އަޑު އިވުމުން އަމިއްލަ ނަފްސާ މެދު ވިސްނާލުމުން އެކަމެއް ރަނގަޅުކޮށްލަން ވެސް އެނގިދާނެ އެވެ. އެކަމަކު އެހެން މީހުން ގާތުގައި ނުދައްކާ ދިމާލަށް ބުނުމުން މާ ރަނގަޅު ދޯ އެވެ.