23 Mar 2020

By: Aminath Ibrahim

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ކަމެއް ހުއްޓާލާފައި ގޮސް ގޭގައި ތިބެން ޖެހުމުން ފޫހިވާނެ ކަމެއް ނެތެވެ. މި ހުރީ ގޭގައި އެކަނި ވެސް، އަދި އާއިލާ އާ އެކީގައި ވެސް ކުރެވިދާނެ ބައެއް ކަންކަމެވެ.

ކްރާފްޓް ހެދުން

ތަފާތު އެއްޗެހި ބޭނުންކޮށްގެން ކްރާފްޓް ތައްޔާރު ކުރުމަކީ މީހާގެ ސިކުނޑި ތަރައްގީވެ ހުނަރު ކުރިއަރާނެ ކަމެކެވެ. އަނެއްކާ މިއީ، އުފާވެރި، ކޮލިޓީ ރަނގަޅު އާއިލީ ވަގުތު ކޮޅެއް ހޭދަކޮށްލަން ވެސް ނުލާހިކު މޮޅު ހިޔާލެކެވެ. ބާވެގެން އެއްލައިލާ ފޮތިކޮޅު ކޮޅާއި، އެއްޗެއް ގަނެގެން އައިސް ބޭކާރު ކޮށްލާ ފޮއްޓާއި ހުސް ފެންފުޅިއާއި މިކަހަލަ އެއްޗެހި ބޭނުން ކޮށްގެން ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންވާ އެއްޗެހި ވެސް ތައްޔާރު ކޮށްލެވޭނެ އެވެ.

އެކި ކަހަލަ ކާއެއްޗެހި ތައްޔާރު ކުރުން

ކުރިން ވަގުތު ނުވާތީ، އޮފީހަށް ދާން ޖެހޭތީ މީރު އެއްޗެއް ތައްޔާރުކޮށްލައިގެން، ކާހިތް ވިޔަސް އެކަން ނުކުރެވޭ ވާހަކަ ދައްކަމެއް ނޫން ހެއްޔެވެ؟ މިހާރު މިއޮތީ އެ ފުރުސަތު ލިބިފަ އެވެ. ދެން ވެސް އެއްޗިހި ކޮޅެއް ހަމަކޮށްލާފައި އެންމެ ކާހިތްވާ އެއްޗެއް ސުފުރާއަށް ނިކަން ތައްޔާރުކޮށްލަ ބަލާށެވެ.

މިއީ ކުދިން ގެންގުޅޭ މީހުންނަށް ވެސް ހަމަ ރަނުގެ ފުރުސަތެކެވެ. ކުދިންނަށް މި ހުރިހާ ދުވަހު ކައްކާފައި ކާން ދިނީ އެއް ނޫން ހެއްޔެވެ. މިހާރު ލިބިފައި ތިއޮތީ ކުދިން ލައްވައި ކާއެއްޗެއް ތައްޔާރު ކޮށްލައިގެން ކެވޭނެ ފުރުސަތެކެވެ. މި ފުރުސަތުގައި އެމީހުންގެ ކެއްކުމުގެ ހުނަރު ވެސް ތަރައްގީ ކުރެވޭނެ އެވެ. އެކަމަކު ކުދިން އެކަނި ދޫކޮށް ނުލާށެވެ.

ގޭތެރެ ތަފާތު ގޮތަކަށް އަތުރައިލުން

ހުސް ވަގުތަކީ މިޒަމާނުގައި ޖަވާހިރަށް ވުރެ އަގުބޮޑު އެއްޗެކެވެ. ކުރަން އުޅޭ އެތައް ކަމެއް މިއޮންނަނީ ވަގުތު ނުވެގެން ނުކުރެވި އެވެ. އެހެންވީމާ، މިހާ ގިނަ ހުސް ވަގުތު ލިބިފައި އޮއްވައި މި ވަގުތު ބޭކާރުކޮށްނުލާށެވެ.

ގޭތެރެ ތަފާތު ގޮތަކަށް އަތުރާލައި، ރޯދަ އަށް ތައްޔާ،ރުވެލަން މިއީ ފައްކާ ދުވަސްކޮޅެކެވެ. މުޅި އާއިލާ އެކުގައި މިކަހަލަ ކަންކަން ކުރުމުން އެ ވާ މަޖަލަކާއި އުފަލަކީ އަދި މުޅިން އެހެން ވާހަކަ އެކެވެ.

ތަފާތު ބަހެއް ދަސްކޮށްލުން

ވާހަކަ ދައްކާ ބަސް ނޫން އެހެން ބަހެއް ދަސްކުރުމަކީ މަޖާ، އަދި ނުލާހިކު ޝައުގުވެރި ކަމެކެވެ. މިކަން ކުރާކަށް 24 ގަޑި އިރު ޔޫޓިއުބް ގައި ވެސް އިންނާކަށް ނުޖެހޭނެ އެވެ. ޑުއޯލިންގޯ ކަހަލަ ފްރީ މޮބައިލް އެޕްލިކޭޝަން ތަކުން ވެސް މިކަން މިއޮތީ ފަސޭހަކޮސްދީފަ އެވެ. އެހެންވީމަ، މިއީ ގޭތެރޭގައި ވާދަވެރިކަމެއް އުފައްދައިގެން ވެސް ކުރެވިދާނެ ކަމެކެވެ.

ގޭތެރޭގެ ކަސްރަތު

ގޭތެރޭގައި މެރެތަން ޖަހާ މީހުން މިހާރު އެކަން ވެސް ކޮށްފި އެވެ. އެހެންވީމަ، މިކަން ނުކުރެވޭނެއޭ ނުބުނާށެވެ. އަޅެ ނިކަން ތްރައި ކޮށްލަބަލާށެވެ. ގައިމު ކުދިން ކޮޅާއި އެކު ޒިމްބާ ޖެއްސުމަކީ ވެސް ނުލާހިކު މަޖާ ކަމެކެވެ. އެންމެން އެއް ގަޑިއެއްގައި ކަސްރަތު ސެޝަނެއް ޖައްސާލުމަކީ ވެސް ފައިދާ ހުރި މަޖާ ވަގުތު ކޮޅަކަށް ވާނެ އެވެ.

މިހުރީ މުޅިން ވެސް ކުރެވޭނެ ކަންކަމެވެ. ދެންވެސް މަގުމައްޗަށް ނިކުތުން އަމާން ވަންދެން ގޭގައި ހިތްހަމަޖެހިގެން އާއިލާ އާއި އެކު ހުރެލާށެވެ.

Popular