By: Ifraz Ali
އޮންލައިން ވިޔަފާރި ހިންގާ ފޭސްބުކާއި އިންސްޓަގްރާމް ޕޭޖުތަކުގެ ކޮމެންޓް ސެކްޝަނަކީ ވަރަށް ޝައުގުވެރިތަނެވެ. އެ ޕޭޖުތަކުން ވިއްކާ އެކި ވައްތަރުގެ އެއްޗެހި، ވަރަށް މޮޅަށް އިޝްތިހާރުކޮށްފައި ޕޯސްޓް ކޮށްލާނެ އެވެ. އެކަމަކު މަދު ފަހަރަކު ނޫނީ އެ އެއްޗެހީގެ އަގެއް ނުޖަހާނެ އެވެ. ޕޯސްޓުގައި ބުނެފައި އޮންނާނީ "ޑީއެމް ފޯ ޕްރައިޒް" ނުވަތަ އަގު އަހަން ބޭނުން ނަމަ ވަކިން މެސެޖެއް ފޮނުވާށެވެ.
އޮންލައިން ވިޔަފާރި އަށް ހާއްސަ އިސްކަމެއްދޭ މި ދުވަސްރު އަދި މިކަން މާ ބޮޑެވެ. ބައެއް މީހުން ތިބެނީ މިކަމާ ރުޅިން ތުންފިއްތައިގެންނެވެ.
އެހެން ބުނެފައި އޮންނައިރު ވެސް ކޮމެންޓް ސެކްޝަން ފުރާލައިފައި އޮންނަނީ "ޕްރައިޒް؟" ނުވަތަ އަގަކީ ކޮބައިތޯ އަހައިފައި ހުންނަ ކޮމެންޓުތަކުންނެވެ. އަދި މި ކޮމެންޓުތަކަށް ދޭ ޖަވާބުގައި ޕޭޖުން ބުނަނީ އަގު ވަކިން މެސެޖުކޮށްފައި އޮންނާނެ ކަމަށެވެ. އަދި ވަކި ހިސާބަކުން ޕޭޖުގެ ވެރިޔާ އަށް ވެސް ނުކަތައިގެން، އަގު އަހާފައި ހުންނަ ކޮމެންޓްތަކަށް ޖަވާބެއް ނުދީ ހުންނަތަން ވެސް ވަރަށް ގިނައިން ފެނެ އެވެ.
މިހެން ބުންޏަސް، ބައެއް ޕޭޖުތަކުން އަގު ޖަހާފައި ވެސް ހުރެ އެވެ. އެކަމަކު ގިނަވާނީ އަގު ނުޖަހާ ހުންނަ ޕޭޖުތަކެވެ. އަދި އަގު ޖަހާފައި ހުއްޓަސް ވަރަށް ފޯރި އަރުވާލާއިފައި އަގު އަހާ މީހުން އުޅެ އެވެ. އަދި މި ކަހަލަ މީހުންގެ ކޮމެންޓުތަކަށް އާންމުން ދޭ ޖަވާބުގައި، ޕޯސްޓުގައި އަގު ޖާހާފައި އޮތްތަން ހަމަ ލޮލަށް ނުފެންނަތީތޯ ބުނެ ހީސަމާސާ ވެސް ކުރެ އެވެ.
މި ޕޯސްޓުގައި އަގު ނުޖަހަނީ ކީއްވެ ހެއްޔެވެ؟ ވަރަށް ގިނަ މީހުން އަހަ އެވެ. އަގު ޖަހާލައިފައި ހުރުމުން ވިއްކާ މީހާއަށާއި ގަންނަ މީހާ އަށް ވެސް ފަސޭހަވާނެއެއްނުން ހެއްޔެވެ؟
މި ސުވާލަށް ޖަވާބެއް ލިބޭތޯ އަހަރެމެން ބައެއް ޕޭޖުތައް ހިންގާ މީހުންނާ ސުވާލުކޮށްލީމެވެ. ގިނަ މީހުން ދެއްކި އެންމެ ބޮޑު އުޒުރަކަށްވީ ޕޭޖުތަކުގެ އޮންނަ ވާދަވެރިކަމެވެ.
"އަހަރެން އެއްޗެހި ވިއްކާ އަގު އެގިއްޖިއްޔާ އަނެއް ޕޭޖުން ހަމަ އަހަރެން މި ވިއްކާ އެތި މި އަގުގައި ނުވަތަ މިއަށް ވުރެ ހެޔޮ އަގެއްގައި ވިއްކަން ފަށައިފިއްޔާ މީހުން ގަންނާނީ އެ ޕޭޖުން ދޯ. މަށަށް ގެއްލުން. އެކަމަކު އަގު ނުޖަހާ ހުރީމަ ދެ ޕޭޖަށް ވެސް ހަމަ ފައިދާ، ނޫންތަ؟،" ނަން ނުޖަހާ ގޮތަކަށް ޕޭޖެއް ހިންގާ މީހަކު ބުންޏެވެ.
ޕޭޖު ހިންގާ މީހުންގެ ތެރޭގައި އަދި މި ވިސްނުމާއި މުޅިން ތަފާތު ހިޔާލެއް ގެންގުޅޭ މީހުން ވެސް އުޅެ އެވެ.
"އަސްލު ޕޭޖަށް ޓްރެފިކް ބޮޑުކުރަން އެހެން ހަދަނީ. މީހުން އިންޓަރެކްޓްވާ ވަރު ބޮޑުވީމަ، ގިނަ މީހުން ބަލަންޏާއި ގަންނަ ވަރު ވެސް އިތުރުވޭ. އަދި އެހެން އަގު ނުޖަހާ ހުރީމަ މީހުން ބޮޑަށް ބޭނުންވަނީ ކޮން ކަހަލަ އެއްޗެއްކަން ހޯދަން ވެސް ފަސޭހަ. ގިނައިން ކޮމެންޓް ކުރާ ނަމަ އޭގެ މާނަ އަކީ އެމީހުން ވަރަށް ބޭނުންވޭ މި. އޭރަށް އަހަރެމެންނަށް އެނގޭނެ ގިނައިން މި ވިއްކަންވީ ކަން،" އެހެން ޕޭޖެއް ހިންގާ މީހަކު ބުންޏެވެ.
ކިތަންމެ ރުޅި އަޔަސް، މި ޖެހުނީ ކޮމެންޓް ނުކޮށް، އަގު ހޯދަން ވަކިން މެސެޖެއް ކުރާށެވެ.