12 Jun 2020

By: Aminath Ibrahim

ލޮކްޑައުން ގާތްގަނޑަކަށް ނިމި، މިހާރު މިއޮތީ "ނިއު ނޯމަލް" އަށް ނުކުންނަ ހިސާބުގަ އެވެ. ބޮޑެތި މީހުން އެކަންޏެއް ނޫނެވެ. ކުދިންނާ ވެސް އެކީގަ އެވެ. ނިއު ނޯމަލް ގައި ކުޑަކުދިން ވެސް ގޭތެރެއަކު ނުތިބޭނެ އެވެ. ސްކޫލަށް ވެސް ދާނެ އެވެ. ނިއު ނޯމަލްގައި، ރައްކާތެރިވެ ތިބެގެން ކުދިން ކިޔަވާނީ ސްކޫލް ތެރޭގައި އެހެން ކުދިންނާ ވެސް އެކުގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ އޮތީ އެކަން އިއުލާނުކޮށްފަ އެވެ.

އެކަމަކު، ބޮޑު ޕެންޑެމިކުން ރޯވި ހުޅުގަނޑުން އެރި ބޯ ދުންތައް އަދި މުޅިން ނުފިލަނީސް، ދަރިން ސްކޫލަށް ފޮނުވާނީތޯ ނުވަތަ ގޭގައި ބައިތިއްބައިގެން "ކޮރޯނާ ނިމެންދެން" މަޑުކުރާނީތޯ، މިއީ މިހާރު އޮތް ބޮޑު ބަހުސެވެ. ކުދިކުދި ކްލާސްރޫމްތަކުގައި ގައިގޯޅިކޮށް ތިބެ ކުދިން ކިޔަވަން ފޮނުވުމަކީ ކިހާ ވަރެއްގެ ރިސްކެއް ހެއްޔެވެ؟ ކުދިންނަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ކޮރޯނާވައިރަސް މުޅިން ނިމޭނީ ކޮން ދުވަހަކުން ހެއްޔެވެ؟

އެކަމަކު ބުނަންހެއްޔެވެ. ކުދިން ސްކޫލަށް ނުފޮނުވިޔަސް، ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ލިބުމާ އެކު ކުދިން ގޮވައިގެން އެތަންމިތަނަށް ދިއުމާއި ބޮޑެތި މީހުން ވެސް އެކި ތަންތަނުގައި އުޅެފައި ގެޔަސް ގޮސް ކުދިންނާ ގައިގޯޅިކޮށް އުޅެންޏާ، ސްކޫލުން ކުދިންނަށް އޮތް ނުރައްކަލުގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ.

މި ހިމަނާލަނީ ކުޑަކުދިންނާއި ކޮރޯނާވައިރަހާ ބެހޭގޮތުން ސައިންސްވެރިން މިހާތަނަށް ކަށަވަރުކޮށްދީފައިވާ ބައެއް މައުލޫމާތެވެ. ކުދިން ސްކޫލަށް ގެންދިއުމާ މެދު، ގޮތް ނިންމުމުގެ ކުރިން މި ކަންކަމަށް ވިސްނާލުން މުހިއްމެވެ.

ކޮރޯނާވައިރަސްގެ ނުރައްކާ ކުދިންނަށް އޮތީ ކިހާ ވަރަކަށް؟

ސައިންސްވެރިން މިހާތަނަށް ކުރި ހުރިހާ ދިރާސާއަކުން ވެސް ދައްކަނީ، ވައިރަސް ޖެހޭ މީހުންގެ ތެރެއިން އެންމެ ކުޑަ ރިސްކެއް އޮތީ ކުޑަކުދިންނަށް ކަމަށެވެ. އޭގެ މާނަ އަކީ ވައިރަސް ހުއްޓަސް، ބަލިވެ، ސިއްހީގޮތުން ހަށިގަނޑަށް ގެއްލުންވާން އޮންނަ ފުރުސަތު ކުޑަކަމެވެ.

ރާއްޖޭގެ ތަފާސްހިސާބަށް ބަލާއިރު ވެސް މިކަން އެނގެ އެވެ. ދެހާހާ ގާތްކުރާ ވަރަކަށް، ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19ގެ ކޭސްތައް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި 20 އަހަރުން ދަށުގެ މީހުންނާއި ކުދިންގެ ގޮތުގައި 163 ކޭސް ހިމެނެ އެވެ. މީގެ ވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި މިހާރު ވަނީ، ހަމައެކަނި ވައިރަސް ހުރުން ފިޔަވައި މާބޮޑު އަލާމާތެއް ވެސް ނުފެނި ބަލިން ރަނގަޅުވެފަ އެވެ. މީގެ ތެރޭގައި ވިހައިގެން 8 ދުވަސް ވީ ކުޑަ ކުއްޖެއް ވެސް ހިމެނެ އެވެ.

ކޮރޯނާވައިރަސް ޖެހިގެން ރާއްޖެއިން މަރުވެފައިވާ 8 މީހުންނަކީ 30 އަހަރުން މަތީގެ މީހުންނެވެ. މަރުވި މީހުންގެ ތެރެއިން ވެސް ދިވެހިންނަކީ 80 އިން މަތީ މީހުންނެވެ.

ކޮވިޑް-19 ޖެހުނު ކުޑަކުދިންގެ އަދަދާއި އެހެން ބައެއް އަދަދުތައް ދައްކައިދޭ ޗާޓެއް - ދޯ އިންފޮގްރެޕިކްސް: އަހްމަދު މާނިސް

މުޅި ދުނިޔޭގެ ނިސްބަތުން ވެސް ކޮރޯނާވައިރަސް ޖެހިގެން ނުރައްކާތެރި ހާލަތަކަށް ގޮސް ބަލީގައި މަރުވެފައިވާ ކުޑަކުދިންގެ އަދަދު ވަރަށް މަދެވެ.

ކުދިންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރޭނެބާ؟

މިހެން ބުނުމުން ހައިރާން ނުވާށެވެ. އެކަމަކު މި ސުވާލުގެ ސީދާ ޖަވާބު އަދި ސައިސްވެރިންނަސް ވެސް ބުނެދޭކަށް ނޭނގެ އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ވަރަށް ކުޑަކޮށް ބަލީގެ އަލާމާތް ފެންނަ، ނުވަތަ އެއްގޮތަކަށް ވެސް ބަލީގެ އަލާމާތް ނުފެންނަ މީހުން، އެހެން މީހުންނަށް ބަލި ފަތުރަނީ ކޮން ދަރަޖައެއްގައިކަން ބުނަން އަދިވެސް ނޭނގެ އެވެ. މިކަން ދެނެގަނެވޭނީ ބަލި ޖެހޭ އެންމެންގެ އެންޓިބޮޑީސް ޓެސްޓް ހަދައިގެން މުޅި އާބާދީގައި ވައިރަސް ހުރި މީހުން ބަލައި، އެމީހުންނަށް ބަލި ޖެހުނު ގޮތް ދިރާސާ ކޮށްގެންނެވެ.

ލަންޑަންގެ ސައިންޓިފިކް އެޑްވައިޒަރީ ގްރޫޕް ފޮ އެމްޖެންސީސް އިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުން، ކުޑަކުދިންނަށް ވައިރަސް ޖެހޭލެއް މަދެވެ. އަދި ޖެހިއްޖެ ނަމަ، ބަލިވުން ވެސް ދުރެވެ. އަދި އެކުދިންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ޗާންސް ވެސް ކުޑަ އެވެ. އެކަމަކު ކުދިން ބަލި ފަތުރާ މިންވަރު މަދު ކަމަށް ބުނާ ވާހަކަ އަށް ދައްކާނެ މާ ބާރުގަދަ ހެއްކެއް ވެސް އަދި ނެތެވެ.

ސްކޫލް ސްޓާފުންނަށް އޮތީ ކިހާވަރެއްގެ ރިސްކެއް؟

ސްކޫލަށް ކުދިން ދާ ނަމަ، ވަޒީފާ އަށް ނުކުންނަ ޓީޗަރުން ގިނަވާނެ އެވެ. ސްކޫލް ދޮށަށް ބެލެނިވެރިން އެއްވާލެއް ވެސް އިތުރުވާނެ އެވެ. މި ހުރިހާ އެއްވުންތަކަކަކުން ވައިރަސް ފެތުރޭނީ ކިހިނެއް، ކިހާ ވަރަކަށް ކަމެއް އަދި ބުނަން އަވަހެވެ.

މިހާތަނަށް ސްކޫލް ހުޅުވާލި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ނަތީޖާ ދައްކާ ގޮތުން، ސްކޫލްތައް ހުޅުވުމުން، ބަލި ފެތުރޭ މިންވަރަށް ކުޑަ އިތުރުވުމެއް އަޔަސް، މާބޮޑު ފަރަގެއް ނުދައްކަ އެވެ. އެކަމަކު މި ގައުމުތަކުން ވެސް ސްކޫލްތައް ހުޅުވާލީ ބަދަލުތަކަކާ އެކުގަ އެވެ. މުޅިން ހުޅުވައިލީއެއް ނޫނެވެ.

އެއް ވަގުތެއްގައި ސްކޫލަށް ވައްދާ ކުދިން އެ މީހުން ލިމިޓްކުރި އެވެ. އަދި އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ފަރުވާ ބަހައްޓައި، އެކި ހާލަތުގައި އިޖްތިމާއީ ގައިދުރުކަން ބަހައްޓަންވީ ގޮތްތަކަށް ކުދިން އާދަކުރުވަން އިސްކަމެއް ދީފައިވެ އެވެ.

ޑަބްލިޔުއެޗްއޯގެ ޗީފް ސައިންޓިސްޓް ޑރ.ސޯމްޔާ ސްވަމިނަތަންގެ ލަފާ ވެސް މިއާ ދިމާވެ އެވެ. ކުޑަކުދިންނަށް ކޮވިޑް-19 ޖެހުން ދުރު ކަމަށާއި، ޖެހުނަސް ވެސް، ބަލީގައި އަލާމާތްތަކެއް ނުފެންނަ ކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ޗާންސް ވަރަށް ކުޑަ ކަމަަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ.

މި ބަހުސް ގައި ދެން އަންނަނީ ހަމަ އެއްގޮތަކަށް ވެސް ޖަވާބު ދޭން ނޭނގޭ ސުވާލުތަކެކެވެ. އެ ބުނާ އުސޫލުތަކުގެ ތެރެއިން ރާއްޖޭގެ ސްކޫލްތަކުގައި ކުދިން ގެންގުޅެވިދާނެ ހެއްޔެވެ؟ ޓީޗަރުން އެހާ ފަރުވާތެރިވާނެ ހެއްޔެވެ؟ ކުދި ކްލާސްރޫމްތަކުގައި ކުދިން މަސްހުނިވެ ނޫޅޭނެ ހެއްޔެވެ؟

ދަރިންގެ ރައްކާތެރިކަން އިސްކުރާހާ ހިނދަކު، މި ސުވާލުތައް ކުރެވޭނެ އެވެ. އެކަމަކު އަމިއްލަ އަށް މި ސުވާލުތަކުގެ ޖަވާބު މުޅިން ދީ ނިންމައި ސިއްކަ ޖެހުމުން ވެސް އަދި ކަމަކު ނުދާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން މިހާރު އެ ވަނީ ސްކޫލްތައް ހުޅުވާނެ ގޮތުގެ ހާއްސަ ގައިޑްލައިނެއް ވެސް ނެރެފަ އެވެ. މީގެ ތެރޭގައި، ކުދިން ސްލޫލަށް ވަނުމުގެ ކުރިން ސްކްރީންކުރުން ހިމެނެ އެވެ. އަދި ޓީޗަރުންނާއި ބެލެނިވެރިން ހާލަތަށް ތަމްރީންކުރާ ޕްރޮގްރާމް ތަކެއް ވެސް ހިމެނެ އެވެ.

އެހެންވީމާ، މީގެ ނަތީޖާ ނުކުންނާނެ ގޮތް އަދި އެކަކަށް ވެސް ނޭނގޭނެ އެވެ. ހަމަ ޔަގީނުން ވެސް މިކަން ކާމިޔާބު ވާނީ ހަމައެކަނި ޓީޗަރުން ނުވަތަ އެޑިއުކޭޝަން މިނިސްޓްރީ އިން އެކަނި މަސައްކަތް ކޮށްގެނެއް ވެސް ނޫނެވެ. އެއްވަރުގެ ޒިންމާއެއް ބެލެނިވެރިންނަށް ވެސް އެބަ އޮތެވެ. ވިސްނޭ ވަރުގެ ކުދިންނަށް ވެސް އެ ޒިންމާ އެބަ އޮތެވެ. މީގައި މިތިބީ އެންމެން އެކު އެކީގަ އެވެ. އަރައިގަންނާނީ ވެސް އެކު އެކީގަ އެވެ.

ޔަގީނުން ބުނަން އެނގޭހާ އެއްޗަކީ، ހެޔޮ ދުވަހެއް ދައްކަވަން ދެން، ކޮރޯނާވައިރަހަކީ އަހަރެމެން އެންމެންގެ ދިރިއުޅުމުގެ ބައެއް ކަމެވެ. އެހެންވީމަ، މި ދަނޑިވަޅުގައި ހުއްޓިފައި ނުތިބެ ކުރިއަށް ދާ ނަމަ ރިސްކު އޮންނާނެ އެވެ.

ސްކޫލް ކުޑަކުދިން

Popular