25 Jun 2020

By: Aminath Ibrahim

"ރޭޕްގެ ވާހަކަ ދައްކަން އަދިވެސް ޖެހިލުންވޭ. ލަދުގަނޭ. އެއީ އަހަރެމެންގެ މުޖުތަމައުގައި މި މައްސަލަ ނެތިގެންނެއް ނޫން. މަދުވެގެން މަހަކު އެއް ފަހަރު ރޭޕްގެ މައްސަލައެއް މީޑިއާ އަށް އެބަ ފެންމަތިވޭ. އެކަމަކު، މިކަން ހިނގާ ވަރާ ގާތަށް ވެސް މިކަމުގެ ވާހަކައެއް ނުދެކެވޭ. ހަގީގަތަކީ، މި ވާހަކަތައް މިއަށްވުރެ އަޑުގަދަކޮށް ދައްކައިގެން ނޫނީ ރޭޕްގެ ޝިކާރައަށް ވެފަ ތިބި މީހުންނަށް ވެސް، އަދި މިފަދަ ނުރައްކަލަކަށް ހުށަހެޅިފައިވާ މީހަކަށް ވެސް ހިތްވަރެއް ނުދެވޭނެ،"

ވެލްނަސް އެޑިއުކޭޝަން ސެންޓަރުން މާދަމާ ހަވީރު 4:00 ގައި ބާއްވަން ހަމަޖެހިފައިވާ ފޭސްބުކް ލައިވް، "ރޭޕް: ބްރޯކަން ޓު އަންބްރޭކަބަލް" ގެ ހޮސްޓް، ހައްވާ ލީޝާ ދެކޭގޮތުގައި ރޭޕްގެ ވާހަކަ ދައްކަން އަދިވެސް ފަރިތަވާން ވީ އެވެ. އަޑެއް ނެތިފައި ތިބި ބަޔަކަށް އަޑެއް ހޯދައިދޭން އަދިވެސް ކުރަން ހުރި މަސައްކަތްތައް ބައިވަރެވެ.

އޭނާގެ ޓޯކް ޝޯގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެއީ އެވެ. ރޭޕްގެ ވާހަކަ، އެކަން ތަޖުރިބާކޮށް، އޭގެ ވޭނާއި ތަދާއި ލަދު އިހުސާސްކޮށް، އެ ހުރިހައި ކަމަކާ ހަނގުރާމަކޮށް ކުރި ހޯދާފައިވާ މީހެއްގެ ދުލުން މިފަހަރު ކިޔައިދޭނެ އެވެ. މިއީ ޒުވާނުން އަޑު އަހާލަން ރަނގަޅު ވާހަކަ ތަކަކަށް ވާނެ އެވެ.

ލީޝާ އަކީ، ވެލްނަސް އެޑިއުކޭޝަންގެ ކޯ ފައުންޑާ އަދި އެޑްވޮކެސީ ޑިރެކްޓަރެވެ. އޭނާއަކީ މީގެ ކުރިން ކައުންސެލިން ދިނުމުގެ ދާއިރާގައި ވެސް ހިދުމަތްކޮށްފައިވާ ތަޖުރިބާކާރެކެވެ.

ޝޯގެ މެހެމާނަކީ ޓެޑް ޓޯކް ސްޕީކާއެއް، ލިޔުންތެރިއެއް!

"އަޅުގަނޑުމެންގެ މަގްސަދަކީ ވީހާވެސް ބޮޑަށް، އެއްވެސް ފޮރުވުމެއް، ފަރުދާއެއް ނެތި، ރޭޕްގެ ވާހަކަ ދެއްކުން. ލަދުވެތި ކަމެއްގެ ގޮތުގައި މުޖުތަމައުގައި އެކަން އޮތް އޮތުން ބަދަލުކޮށްލުން. އެހެންވެގެން މަސައްކަތްކުރީ، އެފަދަ ވަރުގަދަ ޝަހުސިއްޔަތެއް ޝޯ އަށް ގެނެވޭތޯ. މިފަހަރުގެ މެހެމާނަކީ އެފަދަ ކަނބަލެއް،" ލީޝާ ބުންޏެވެ.

ވެލްނެސް އެޑިއުކޭޝަން ސެންޓާއިން މާދަމާ ބާއްވާ ޓޯކްޝޯގެ މެހުމާނު، މެޑެލިން ބްލޭކް؛ އޭނާ އަކީ ރޭޕް ވިކްޓިމެއްގެ އިތުރުން ރޭޕާ ދެކޮޅަށް އަޑުއުފުލާ އެކްޓިވިސްޓެއް އަދި ލިޔުންތެރިއެއް

ޝޯގެ މެހުމާނެއްގެ ގޮތުން ވާހަކަ ދައްކާނީ، އިނގިރޭސި ލިޔުންތެރިޔާ އަދި ޓެޑް ޓޯކް ސްޕީކާ މެޑެލިން ބްލޭކް އެވެ. އޭނާ އަކީ ރޭޕް ވިކްޓިމް އެކެވެ. ރޭޕް އާ ދެކޮޅަށް އަޑުގަދަކޮށް ވާހަކަ ދައްކާ އެޑްވޮކޭޓެކެވެ. މެޑެލިން ވަނީ 2017 ވަނަ އަހަރު އޭނާގެ އަމިއްލަ ތަޖުރިބާ ފޮތެއްގެ ގޮތުގައި ލިޔެ ނެރެފަ އެވެ. އޭނާގެ ފޮތް، "އަން ބްރޯކަން" އަށް ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފަ އެވެ.

"މެޑެލިން އަކީ ވަރަށް އިންސްޕަޔަރިން މީހެއް. ތޭރަ އަހަރުގައި ރޭޕްގެ ޝިކާރައަކަށް ވެ، ބޭޒާރުވުމުން ވެސް ހިތްވަރު ދޫނުކޮށް، އޭނާ ފަދަ އެތައް ބައެއްގެ ދިފާއުގައި މިހާރު މަސައްކަތް ކުރާ މީހެއް. އެހެންވީމަ މާދަމާގެ ސެޝަން އިން ވަރަށް ގިނަ މައުލޫމާތުތަކެއް އެނގިގެންދާނެ. ފަހަރުގައި އަޑުއަހަން އެހާ ފަސޭހަ ނޫން ވާހަކަތައް ވެސް އިވިގެންދާނެ. އެކަމަކު ހުރަސްތައް ނައްތާލައި ކުރިއަށް ދެވޭނީ ލަދުން ނުތިބެ ވާހަކަ ދައްކައިގެން."

ރޭޕް އަންހެނުން

Popular