1 Jul 2020

By: Ahmed Nadym

2020 ވަނަ އަހަރުގެ ހިތި، އަވަހަކަށް ނިމޭކަށް ނެތެވެ. އަދި އިންސްޓަގްރާމް މޮޑެލް، ފިޓް ފާޒިލްގެ "އިމޭޖު" ގޮވައި އަޅިއަށްވެ އަރައިގެން މި އުޅޭ ކޮށިގަނޑުން އަހަރެމެންގެ ހަމަ އެކަކު ވެސް، ސަލާމަތްވާކަށް ނެތެވެ. ކޮށިގަނޑަށް ފަހު ކޮށިގަނޑެއް އަރަމުން ދަނިކޮށް، މިއޮތީ "އަތަށް ގޮވި ގިވްއަވޭ ކާރިސާ" އަށް ފަހު މައާފަށް އެދެމުން ފާޒިލް ދިން ހާއްސަ އިންޓަވިއުއެކެވެ. މި އިންޓަވިއުގައި އެ "ގިވްއަވޭ" ނިއުކްލިއާ ބޮމަކަށް ބަދަލުވި ގޮތާއި އެ ގޮވުމަކުން "ޝަރުމީލާ" އެއް އުފަންކުރުވި ސިއްރު ފޯމިއުލާތައް ހިއްސާކޮށް، އެ އޮލަ ދުންގަނޑު ސާފުކޮށްދޭއިރު އޭނާގެ "މެނޭޖަރަށް" މި ވަނީ ބޮޑެތި، ސީރިއަސް ތުހުމަތުތަކެއް ވެސް ކޮށްފައެވެ.

ފާޒިލް ބުނަނީ މިވީހާ ދުވަހު އޭނާ "މެނޭޖަރެއް" ގެ ގޮތުގައި ގެންގުޅުނު ކުޅަދާނަ ފޮޓޯގްރާފަރު އަލީ މުހައްމަދު ނުވަތަ މަޝްހޫރު ނަމުންނަމަ "އެލީޒް" އަކީ މި ހުރިހާ ގޮއްވުމެއްގެ ވެސް މޭސްތިރިއެވެ. ނަމަވެސް އެ ހުރިހާ ވާހަކައެއް އެލީޒް ދޮގުކުރެއެވެ.

އެކަމަކު ފާޒިލްގެ "ސްޓޯރީ" އަކީ މިއެވެ.

"މީހުން ބުނެއެއް ނުން، މީހަކަށް މާ ބޮޑަށް ޑިޕެންޑްވީމަ، އެންމެ ކައިރީގަ ހުންނަ މީހާއޭ ބޮލަށް ފައިން އަރާނީ. މިއީ އޭތި. އޭތި މި އޮތީ ލައިގަނެފަ،" އޭނާ ކިޔައިދިނެވެ.

"އޭނަ އަހަރެން ގެންގުޅެފައި ހުރީ އޭނަ އަމިއްލަކޮށް، ވެރިކޮށްލައިގެން އުޅުނު ޕްރޮޑަކްޓެއް ފަދައިން. ވަރަށް ބޮޑަށް މެނިޕްލޭޓްކޮށް، ކަންކަން އޮޅުވާލައިގެން. ދިސް އިޒް ގެޓިން ވެރީ ޑާޓީ އަސްލު."

އެއީ ތެދެކެވެ. ބިތުފަންގި ނެގިވަރަކަށް، މި ވާހަކައިގެ މުޑުދާރުކަން ވަނީ ހައްތަހާ ބޮޑެވެ. ފާޒިލް ބުނާ ގޮތުން ނަމަ އޭނާ ވެއްޓިފައި ވަނީ "ލޯބީގެ ވަރަށް ކެހިވެރި އަނދަވަޅަކަށެވެ".

ފިޓް ފާޒިލްގެ "އަތަށް ގޮވި" ގިވްއަވޭގެ ކެމްޕޭން ފޮޓޯގަނޑު: މި ގިވްއަވޭގެ އެއްޗިއްސަށް ވީގޮތެއް ފާޒިލަކަށް ވެސް ނޭނގޭ. --ފޮޓޯ: އެލީޒް ގެލަރީ

"އޭނަގެ އަތުގަ ވަރަށް ސްޓަފް ހުންނާނެ. ދެން މަ ޖައްސާލައިފިން ފޮޓޯނަގަން"

އިންސްޓަގްރާމުގައި ފޮލޯވަރުން ގޮވައިގެން ލައްކައަކާ ހަމަކުރަމުން ދިޔަ އުމުރުން 27 އަހަރުގެ ފާޒިލް ޖޫން މަހުގެ ފަސް ވަނަ ދުވަހު އިންސްޓަގްރާމުގައި އިއުލާނުކުރި އަދި މިހާރު "މީމްއަކަށް" ބަދަލުވެފައިވާ ފޮޓޯގަނޑުގެ އަސްލާއި އޭނާގެ ގިވްއަވޭ ކެމްޕޭނަށް އިރު އަރައިގެން އައިގޮތަކީ މިއީއެވެ. ފާޒިލް ބުނަނީ ގިވްއަވޭއެއްގެ ހިޔާލު އޭނާ އުފަންކުރުވި ނަމަވެސް އެ ގިވްއަވޭ "ބޮޑު މަޖާގަނޑަކަށް" ހަދައި އެ މަޖާގަނޑު އެންމެފަހުން ވިހަކޮށްލުމުގެ ފަހަތުގައި ހުރި މީހަކީ 2015 ވަނަ އަހަރުން ފެށިގެން އޭނާގެ ރަސްމީ ފޮޓޯގްރާފަރު އަދި މެނޭޖަރެއްގެ ގޮތުގައި އުޅެމުން އައި އެލީޒް އެވެ.

"އޭނަ އަތުގަ ހުންނާނެ ވަރަށް ސްޓަފް. ގިނަގިނައިން ޓްރެވަލްކުރާ މީހެއްވީމަ ހުންނާނެ ވަރަށް ފާޑުފާޑުގެ އެއްޗެހި. ދެން މިގޮތަށް (ގިވްއަވޭއެއް ޖައްސަން) ބުނީމަ އޭނަ ބުނެފި ތިމަންނަ ދީފާނަމޭ އެ އެއްޗެހިތައް ފާޒިލް އަށް (ގިވްއަވޭގެ ގޮތުގައި ދޭން ވެސް)،" ފާޒިލް ކިޔައިދިނެވެ.

"ދެން މިގޮތަށް ބުނެގެން އެ އެއްޗިއްސާއެކު މަ ޖައްސާލައިފިން ފޮޓޯ ނަގަން. ޖައްސާލިތަނުން މީނަ ބުނެފި ހިނގާށޭ އަދި ތީތި މަޖާކޮށްލަން. އޭތި މީތި އަޅަން. އެހެންކިޔާފަ މީނަގެ އެކި އެއްޗެހިތައް އަޅައިފި. މެކްބުކާ އޭތި މީތި."

ފާޒިލް ބުނަނީ ސީރިއަސްކޮށް ފޭނުންނަށް ގިވްއަވޭއެއް ދިނުމުގެ ހިޔާލު ގެންގުޅުނު ނަމަވެސް އެ ހިޔާލު ފުރަތަމަ ވެސް ބަދަލުކޮށްލި ހިސާބަކީ އެއީ ކަމަށެވެ. އެކަމަކު މަޖާވެގެން ގޮސް ނެގި އެ ފޮޓޯގަނޑު އިންސްޓަގްރާމުގައި ލައްކައެއްހާ މީހުންނަށް ޕޯސްޓުކޮށް ނިދައި ހޭލިއިރު އޭނާ ބުނަނީ އެ ސަމާސާގެ މޫޑު އޮތީ އެއްކޮށް ބަދަލުވެފައެވެ.

"ނިދާފަ ހޭލިއިރު މި އެއްޗެއް އޮތީ ވައިގަ ހިފާފަ. ދެން ފޮޓޯގައި ދައްކާލާފައި ހުރި ހުރިހާ އެއްޗެހިތަކެއް ގިވްއަވޭސްގެ ގޮތުގައި ދިނުން ނޫން އެހެން ގޮތެއް އަހަރެމެންނަކަށް ނެތް އެ ހިސާބަކުން،" ފާޒިލް ބުންޏެވެ.

"ދެން ނިންމީ އެ އެއްޗެހިތައް ހަމަ އަސްލަށް ވެސް ގިވްއަވޭސްގެ ގޮތުގައި ދޭން. އެކަމަކު އެއީ ހުސް އެއްޗެހި. ދެން މަ ބުނެފިން ހަމަ އަސްލަށް ވެސް ދެނީ ހެއްޔޭ؟ ބުނީމަ ބުނެފި އާނއެކޭ، ދޭނީއޭ. ދެން މީނަ އަކީ ފުދިގެން ލިބިގެން އުޅޭ މީހެއްވީމަ އަހަރެން ވެސް އެވާހަކަ ގަބޫލުކޮށްފިން"

"އެކަމަކާ އެއްވެސް ޑައުޓެއް ވެސް ނުކުރަން. މެނޭޖަރު އެހެން ބުނީމަ އެގޮތަށް އެކަންތައް ކުރީ."

ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމަ އަށް ކުރިއަށް ގެންދިޔަ ކެމްޕޭން ނިމުނުއިރު އޮތީ ވަރަށް ގަދަ އަށް ވެސް ވައިގައި ހިފައިފައެވެ. އެކަމަކު ފާޒިލަށް އޭރު ވެސް ރޭކާނުލައި އޮތް ކަމަކީ މި ކެމްޕޭން އޭނާގެ "އިމޭޖު" އިރައި ކުދިކުދިކޮށްލާނެ ނަގޫރޯޅިއަކަށް ބަދަލުވެދާނެ ކަމެވެ.

"ދެން މި ހުރިހާ ކަމެއް މިގޮތަށް ކޮށްދެމުން ދިޔައީމަ އަހަރެން ހަމަ ބްލައިންޑްލީ ޓްރަސްޓްކުރާނެ ދޯ މީނަ އަށް،" ފާޒިލް ބުނެލިއެވެ.

"ދެން އަހަރެން އޮންލައިންކޮށް ސްޓޯރީޒްތައް ހިންގަން އިންދައި މީނަ ގުރުއަތުގެ ހުރިހާ ކަމެއް ނިންމައިފި ވަރަށް ފާސްޓްކޮށް. ނިންމާފަ ބުނެފި ހޮވިއްޖެއޭ. މިހިރީއޭ އެ ކުއްޖާ. ފޮލޯކޮށްލަ ބަލާށޭ. ކޮންމެވެސް އައިޝް ޝަރޫއެކޯ. ދެން މަ އަވަހަށް ފޮލޯ ވެސް ކޮށްލައިފިން"

"ދެން އިރުކޮޅެއް ފަހުން އޭނަ އަހަރެންގެ ފޮލޯ ރިކްއެސްޓް އެކްސެޕްޓް ވެސް ކޮށްފި އިނގޭ. އޭރަކު އަދި އަހަންނަކަށް ނޭނގޭ ހަމަ ވާއެއްނުވާއެއް ވެސް. އަހަރެން ހުރީ ހަމަ ގޮސް އެއަށް ވަދެ ގެއްލިފަ."

އަރައިގެން އަންނަ އިރާއެކު ފާޒިލް ވެސް "ޕިކްޗާއިން" ގެއްލެން ޖެހިދާނެ ކަމުގެ ފިކުރެއް ވެސް އޭރަކު ނެތެވެ.

"ދެން އައްޔަ ބުނެފި ކަލޭ ނައްޓާލާށޯ ގެއަށް. ތިމަންނަ ތި އެއްޗެހިތައް ހަވާލުކޮށްލާނަމޯ. ދެން އަހަރެން ނައްޓާލީ ގެއަށް. ދެން ފަހުން މީނަ ބުނެފި އެއްޗެހިތައް ހަވާލުކޮށްފީމޯ. އެކަމަކު ފޮޓޯއެއް ނަގާކަށް އެއްބަހެއް ނުވިޔޯ،" ފާޒިލް ކިޔައިދެމުންދިޔައެވެ.

"ފުރަތަމަ އަހަރެން ކައިރީގަ ބުނީ، މާސްކެއް އަޅައިގެން، ކުޑަކުޑަކޮށް، ވަރަށް ލަދުން ހުރި މީހެކޯ. ދެންވެސް އަހަރެން ހަމަ އެއްވެސް ކަމަކަށް ޝައްކެއް ވެސް ނުކުރަން އޭނަ އެހެން ބުނީމަ. އަހަރެން ހިތުން އެކަންތައް ނިމުނީތާ."

ފިޓް ފާޒިލް.

އެރި އިރާއެކު ޝަރުމީލާ އުފަންވެއްޖެ! ފާޒިލް ގެއްލިއްޖެ!

ގިވްއަވޭގެ ވަރުބަލިކަމާ އެކު ގޮސް ފާޒިލް ނިދިބޮޅަށް ވެއްޓުނުއިރު އަލަށް ލިބުނު 10،000 އެއްހާ ފޮލޯވަރުންނާ އެކު އޭނާގެ ގިވްއަވޭ ކެމްޕޭނަކީ ހީވެސް ނުކުރާ ވަރުގެ ބޮޑު ހިޓެކެވެ. ނަމަވެސް މި ގިވްއަވޭގެ ނަސީބުވެރި، "ޝަރުމީލާ" އާންމުންގެ ލޮލަށް ފެންނަވަރު ނުވެ، އޭނާއާ ހަދިޔާތައް ހަވާލުކުރި މަންޒަރު ފެންނަ ވީޑިއޯއެއް، އެންމެ ކުޑަމިނުން ފޮޓޯގަނޑެއް ވެސް ނުފެނި ފޭނުންގެ މި ޝައުގުވެރިކަން ކެކެމުން އޭގައި ބޮކި ޖަހަމުން ގޮސް އެންމެފަހުން މައްސަލަގަނޑަކަށް ބަދަލުވެ އޭގެ ހޫނަށް ފާޒިލުގެ އަރާމު ނިދިގަނޑު ފިލައިފިއެވެ. އެހިސާބުން ފާޒިލަށް ވެސް ދެން މަޖުބޫރުވީ އާންމުންގެ ލޯތަކަށް ފިލައި އޮންނާށެވެ.

"ދެން އަހަރެންގެ ސިކުނޑި ހަމަ ސުމަކަށް ދިޔައީ. މިއީ މަގޭ ފޭސް. މަ މިއޮތް ކާލަނީ. މީމްސްތަކާ އެއްޗެހި ހަދައިގެން. އެހިސާބުން އަހަރެންގެ ސިކުނޑި ހަމަ އެއްކޮށް ދިޔައީ. އެއްކޮށް ގޮއްސަހުރީ،" ފާޒިލް ބުނެލި އެވެ.

"ދެން ބޯގޮވާފަ މިހެން އިންދައި އޭނަ އައިސް މި ބުނަނީ ތިމަންނަ ވާހަކަ ދައްކައިފީމޯ (ޝިރުމީލާގެ) ފިރިމީހާއާ، އެ އެއްޗެހިތައް އެ ގެއިން އަނބުރާ ގެންނަން. ގެނެސްފަ ހިނގާށޯ ކޮންމެވެސް އެހެން ގޮތަކަށް، އެހެން މީހަކު ލައްވާ ފޮޓޯއެއް ނަގުވާފަ މީތި ނިންމާލަން."

މި ކުޅިގަނޑުގައި ފާޒިލްގެ ދެ އަތް ރަނގަޅަށް ބަނދެވިގެންދާ ހިސާބަކީ މިއެވެ. ފާޒިލް ބުނާ ގޮތުން ނަމަ އޭނާ ހުރީ އޭރު ވެސް ހަމަ "ވާނުވާ" ގައެވެ.

"އޭރު ވެސް އަހަރެން ގަބޫލުކޮށްގެން ހުރީ، ގިވްއަވޭ ގިފްޓްސްތައް އަސްލަށް ވެސް ލިބުނު ޝަރުމީލާ އަތުން އެ އެއްޗެހިތައް މި ގެންނަނީއޭ ހަމައެކަނި ފޮޓޯއެއް ނަގާލަން. މެނޭޖަރެއްގެ ހައިސިއްޔަތުން މީނަ މި ކަމަކުން އަހަރެން ސަލާމަތްކޮށްދޭން ކުރާ ކަމެކޭ މިއީ،" ފާޒިލް ކިޔައިދިނެވެ.

ދެން މީނަ އައިސް ބުނެފި، މަ މިހެން ހަދާށޭ، އެހެން ހަދާށޭ. މަ އެއްބަސްވެއްޖައިން ވަގުތުން މީނަ ބުނި ގޮތަށް ހުރިހާ ކަމެއް ވެސް ކުރަން. ދެން އެންމެފަހުން އެގޮތަށް ފޮޓޯއެއް ނަގައި، ފޮޓޯ ލެވުނީ."

ފާޒިލް ބުނަނީ އެ ފޮޓޯގަނޑާއެކު ޕޯސްޓްކުރި "މައާފުގެ ލިޔުންކޮޅަކީ" ވެސް ސީދާ މެނޭޖަރު އިބާރާތްކޮށް ލިޔެފަ އޭނާ އަށް ދިން ގޮތަށް ޕޯސްޓުކޮށްފައިވާ ލިޔުމެއް ކަމަށެވެ.

"އެހިސާބުން އޭތި ވެސް ގޮވީ. ގޮއްވާލިގޮތަށް މީނަ ވެސް ގެއްލިއްޖެ. ވުޖޫދުން ވެސް،" ފާޒިލް ބުނެލިއެވެ.

"މެނޭޖަރު ބުނީމަ ހުރިހާ ކަމެއް އަހަރެން ކުރީ. އެކަމަކު އަހަންނަށް ވެސް ނުވިސްނުވީ. އަހަރެން އޭރު ހުރީ ވިސްނޭ ކަހަލަ ހާލަތެއްގައެއް ވެސް ނޫން. އަހަރެން އިނީ ހަމަ އެއްކޮށް ގޮވާފަ. އެ ކަންތައްގަނޑު ވީހާވެސް އަވަހަކަށް ނިންމާލަން ބޭނުންވެފައި."

ފިޓް ފާޒިލް. --ފޮޓޯ: އެލީޒް ގެލަރީ

"އަހަރެން މައާފަށް އެދެން! އެ ޝަރުމީލާ އަކީ އުޅޭ މީހެއް ނޫން!"

"މޫނު ބުރުގާ އަޅައިގެން ހުރި ކުއްޖަކާ ގިވްއަވޭ ގިފްޓް ޕެކް ހަވާލުކުރާތަން ފޮޓޯ ނަގާފައި އެ ވަނީ، އަހަންނަށް އެނގިގެން އަހަރެންގެ ރުހުމުގައި. އެކަމަކު އެގޮތަށް އެކަމެއް ކުރެވުނުއިރަކު ވެސް އަހަންނަކަށް ނޭނގެއޭ ޝަރުމީލާއެއް ވުޖޫގައި ނެތްކަން،" ފާޒިލް ކިޔައިދިނެވެ.

"އަހަރެން ގަބޫލުކޮށްގެން ހުރީ އެ ޝަރުމީލާ އަތުން އެއްޗެހިތައް ހޯދައިގެން އައީއޭ ފޮޓޯއެއް ނަގައި މިކަންތައް އަވަހަށް ހިންދާލަން ވެގެން."

"މި މައްސަލާގައި އަހަރެން އާންމުންގެ ކިބައިން މައާފަށް އެދެން. އެގޮތަށް ކަންތައް ކުރެވުނީތީ، އަހަރެން އެންމެންގެ ކިބައިން ވެސް މައާފަށް އެދެން ބޭނުން،" ފާޒިލް ބުނަނީ މިއީ މިކަމަށް ފަސްއަޅައި ފޮރުވަން އޭނާ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

އޭނާ ބުނަނީ މިއީ ރައްޓެއްސެގެ ގޮތުގައި ދެކެ، މެނޭޖަރެއްގެ ގޮތުގައި އިތުބާރުކުރެވުނު މީހަކު އޭނާ އަށް ދިން ބޮޑު ކެއްސެއް ކަމަށެވެ. ފާޒިލް ބުނި ގޮތުގައި ޝަރުމީލާގެ ގޮތުގައި ދެއްކި "މޫނު ބުރުގާ އެޅި އަންހެން ކުއްޖާ" އަކީ ވެސް އެލީޒް ހޯދައިގެން ގެނައި "އޭނާގެ ރައްޓެއްސެއްގެ ރައްޓެއްސެކެވެ". އަދި "މި ނިންމާލީއޭ" ކިޔާފައި އެ ހުރިހާ ކަމެއް ވެސް ކޮށްދިން މީހަކީ "މެނޭޖަރު" އެލީޒެވެ. -- އެކަމަކު މި ހުރިހާ ވާހަކައެއް ވެސް އެލީޒް ދޮގުކުރެ އެވެ.

"އެ ސިޗުއޭޝަނުގައި އެންމެން އަރައި އަހަރެން ކާން ތިބިއިރު އަހަންނަކަށް ނުވެސް ވިސްނޭނެތާ. އަހަންނަށް ކޮންމެ ގޮތެއް ވެސް އޯކޭވާނެތާ. ރަނގަޅަކަށް ނުވެސް ވިސްނޭ. މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް،" ފާޒިލް ބުންޏެވެ.

"ކޮންމެ މީހެއްގެ ލައިފުގައި ވެސް އަންނާނެ ދޯ ބޮޑު ލެސަންއެއް ލިބޭނެ ހިސާބެއް ދޯ. މަށަށް މިއިން ލިބުނު ލެސަން އަކީ އެންމެ ކައިރީގައި، އެންމެ ހީނުކުރާ މީހާއޭ ގިނަ ފަހަރަށް ލަނޑު ދެނީ. މިއީ ހަމަ މަށަށް މީހަކު ދީފައި އިން ބޮނޑިއެއް. އެހެން މަ ބުނާނީ."

"ޝަރުމީލާ އަކީ އުޅޭ މީހެއް ނޫންކަން މިހާރު ހަމަ 100 ޕަސެންޓް ގެރެންޓީ މިދެނީ އަހަރެން. ގިވްއަވޭ އެއްޗިއްސަށް ވީ ގޮތެއް ވެސް ނޭނގޭ އަހަންނަކަށް މިހާރު. އެއީ އާ އެއްޗެހިތަކެއް ވެސް ނޫން. ހުސް ޔޫސްޑް އެއްޗެހި."

ފާޒިލް އާއި އެލީޒް އެމްއެންޑީއެފްގެ ހަފުލާއެއްގައި: އެލީޒް ބުނަނީ ފާޒިލަށް ފޮޓޯނަގައި ދިނަސް އޭނާ އަކީ މެނޭޖަރެއް ނޫން ކަމަށް.

"މެނޭޖަރު ނެގީ މަގޭ ފައިދާ. މަށަށް ރިލޭޝަންޝިޕެއްގައި ވެސް ނޫޅެވެނީޔޭ!"

ފާޒިލް ބުނީ "ގިވްއަވޭ" އަތަށް ގޮވައިގެން ލިބުނު ކެހި އޭނާ އަށް ފަހުމުވެ، "ޕަޒްލް" ހަމަވާން ފެށީ މި ހުރިހާ ކަމެއްގެ ތެރެއިން އޭނާގެ މެނޭޖަރު ފިލައި "ކުއްލިއަކަށް ގެއްލުމުން" ކަމަށެވެ.

"އޭނަާ އައީކީއެއް ވެސް ނޫން. ގުޅީކީއެއް ވެސް ނޫން. އަހަންނަށް ވީ ގޮތެއް ބެލީކީއެއް ވެސް ނޫން. ތިން އެއާ އަށް ހަމަ ޑިސެޕިއާވީ. ދެން އަހަންނަށް ހަނދާންވާން ފެށީ އޭނާ އަހަންނަށް ކުރިން ވެސް ދީފައި ހުރި ބޮނޑިތައް،" ފާޒިލްގެ ވާހަކަ ނިމެން ގާތް ވެސް ނުވާކަން ހަނދާންކޮށްދެމުން އޭނާ ފަށައިގަތެވެ.

އޭނާ ބުނަނީ މި ކަމުގައި އޭނާ އަށް ގޯސްތަކެއް ހެދިފައިވިޔަސް ހަގީގީ ނުބައި ރޯލު ކުޅުނު ފަރާތަކީ "މެނޭޖަރު" ކަމަށެވެ. މެނޭޖަރުގެ ގޮތުގައި މި ހުރިހާ ތުހުމަތެއް ފާޒިލް، އެލީޒަށް އަމާޒުކުރާއިރު އެލީޒް ބުނަނީ "ފޮޓޯ ނަގައިދިނަސް، އޭނާ އަކީ ދުވަހަކު ވެސް ފާޒިލްގެ މެނޭޖަރު" ނޫން ކަމަށެވެ.

ނަމަވެސް ފާޒިލް ބުނަނީ ރަސްމީ ލިޔެކިޔުމެއް ދެ މީހުންގެ ދެމެދުގައި ނެތަސް ރަސްމީ ހުރިހާ ކަމެއްގައި އޭނާ ތަމްސީލުކޮށް ޑީލްތަކުން ލިބޭ ފައިދާ ހަމައަށް ބަހައި، ފޮޓޯ ނަގައި މެނޭޖުކޮށްދީފައި ވަނީ އެލީޒް ކަމަށެވެ. ނަމަވެސް "މެނޭޖަރެއް"ގެ ކޯޓުލައިގެން ގޮސް އެލީޒް ނެގީ އޭނާގެ ނާޖާއިޒު ފައިދާ ކަމަށް ފާޒިލް ބުނެ އެވެ.

"އޭނަ އެބަ ހުއްޓޭ އަހަންނަށް ބްރޭންޑްތަކުގެ ޑީލްސް ލިބެން އުޅުނީމަ މީސް މީހުން ކައިރީގައި ގޮސް ބުނެފައި، ތިމަންނަ އަށް ވަރަށް އީޒީވާނެއޭ (ފާޒިލް ކަހަލަ) އެހެން މީހަކު ކްރިއޭޓްކޮށްލަން. ފާޒިލް އަކީ ވެސް ތިމަންނަ ކްރިއޭޓްކުރި ޕްރޮޑަކްޓެކޭ،" ފާޒިލް ކިޔައިދިނެވެ.

"އޭނާ އަހަރެން ގެންގުޅޭ ގޮތުން އަހަންނަށް ހީވާ ކަހަލަ އަހަރެން މިއީ އޭނާގެ މިލްކުގައިވީ އެއްޗެކޭ. އޭނާގެ ޕްރޮޑަކްޓެކޭ. އޭނާ އަހަރެން ގެންގުޅެނީ ވަރަށް ބޮޑަށް މެނިޕްލޭޓްކޮށް، އޮޅުވާލައިގެން."

"އަހަންނަށް ރަނގަޅަށް (ރޮމޭންޓިކް) ރިލޭޝަންޝިޕެއްގައި ވެސް ނޫޅެވޭނެ. ބުނާނެ މާ ބޮޑަށް ދެން އަންހެން ކުދިންނާ ތިއޭ މިއޭ މިކަހަލަ އެއްޗެހި ކިޔަން ފަށާނެ. އެކަމަކު އަހަރެންގެ ޕާސަނަލް ލައިފް ދޯ އެއީ. އޭނަ އެބަހުރި އޭގެ ތެރެއަށް ވަދެފައި ވެސް. ފަނިހަދާފައި ވެސް އެބަހުރި."

ފާޒިލް ބުނަނީ އެލީޒްގެ ނުފޫޒާ ހެދި އެހެން އެކުވެރިންނާ އެކު އުޅުމަކީ ވެސް އުނދަގުލެއް ކަމަށެވެ. އޭނާ ބުނާ ގޮތުން ނަމަ އޭނާ ހުރީ މެނޭޖަރެއްގެ ވަކިތަކުގައި ތާށިވެ، ފިތިފަ އެވެ.

"މަށަކަށް ނޫޅެވޭނެ އަސްލު އެހެން ރައްޓެހިންނާ އެއްކޮށް ވެސް. ރައްޓެހިންގެ އެހެން ސާކަލްއެއް އަހަންނަކަށް ނުއުފެއްދޭނެ. ހީ މޭކްސް ޝުއާ ދެޓް ހީ އިޒް ދި އޮންލީ ޕާސަން ދެޓް އިޒް ދެއާ،" ފާޒިލް ބުންޏެވެ.

އޭނާގެ މި ވާހަކަ އާއި ތުހުމަތުތަކުގެ ލިސްޓު ވަރަށް ވެސް ބޮޑެވެ. އަނެއްކޮޅުން "ވިހަވި މަޖަލުގެ" ގެއްލުން ފާޒިލަށް ވެސް އެހާމެ ބޮޑެވެ. އޭނާ ބުނަނީ މިހައި އަސަރުކުރި، މި ވަރަށް ދެރަވި ކަމަކާ އަދި ދިމާނުވާ ކަމަށެވެ.

"ސޯޝަލް މީޑިއާ ބުލީއިންނަކީ އެހާ އަސަރުކުރާ ކަމެއް ކަމަކަށް ކުރިއަކުން ގަބޫލެއްނުކުރެވޭ. އެކަމަކު މިހާރު އެނގިއްޖެ އެއީ ވަރަށް ބޮޑުވަރު ކޮށްލާ ކަމެއްކަން. ހަމަ ކިތަންމެ ގަދަވެފައި ހުންނަ މީހާ އަށް ވެސް މިކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ކަނޑައި ވައްޓާލާނެ،" ފާޒިލް ކިޔައިދިނެވެ.

"ވަރަށް އަސަރުކޮށްލާ ކަމެއް މިއީ. ދެރަވޭ. ވަރަށް ދެރަވޭ. މިހާރު އަސްލު ފެމިލީ މީހުންގެ ސަޕޯޓެއް ނެތް ނަމަ ވަރަށް ގަޅި ކަންތައް ވެސް ކުރެވިފައި ހުންނާނީ. ހަމަ އެވަރަށް ދުއްވާލީ."

އެހެންވީމަ މި އަޑިގަނޑުން އަރައިގަތުމަށް ފާޒިލް ޖައްސާނީ ދެން ކޮން ގިވްއަވޭއެއް ހެއްޔެވެ؟

"އަހަންނަކަށް ދެން ނޭނގޭ އަހަރެން ހަދާނެ ގޮތެއް. އެހެން މީހުންނަށް ލޮކްޑައުން މި ހުޅުވުނީ. އަހަންނަށް ލޮކްޑައުން ފެށުނީ. އެއީ ދޯ މިވީ ގޮތަކީ މިހާރު،" ފާޒިލް ބުނެލިއެވެ.

Popular