20 Jul 2020

By: Aminath Ibrahim

ތައްޓާއި ތެއްޔާއި ގުދުރަތީ އަޑުތައް ބޭނުންކޮށްގެން މުހްޔިއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޓަރުން ތައްޔާރުކުރި މި ވީޑިއޯ އަކީ ހަމަ އެކަނި ސްކޫލް ކުދިންނަށް އޮތް މެސެޖެއް ނޫނެވެ. މިއީ ކޮވިޑް-19 އާ ހަނގުރާމަ ކޮށް ކޮށް، ސިކުނޑި ވަރުބަލިވެ، ހިނިތުންވާން ހަނދާން ނެތިފައި ހުރި ކޮންމެ މީހަކަށް ހަދިޔާއެކެވެ.

"ޑޯންޓް ވޮރީ، ބީ ހެޕީ" އެވެ. މާދަން މާ އުޖާލާ ވެފައި ރީތިވާނެ އެވެ. މިއީ މުހްޔިއްދީން ސްކޫލް ޓީޗަރުންގެ ފަރާތުން ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންނަށް މިވަގުތު ދޭން އޮތް ހާއްސަ މެސެޖެވެ.

މުހްޔިއްދީން ޓީޗަރުން ކޮވިޑް 19 އާ ގުޅިގެން ޕޮޒިޓިވް މެންޓަލިޓީއެއް ބަހައްޓަން ހިތްވަރުދޭން ތައްޔާރުކުރި ލަވަ

"މި ލަވަ އަކީ ހަމަ ޓެލިކްލާސް ތްރޫކޮށް ހުރިހާ ކުދިންނާއި ބެލެނިވެރިން އުފާކޮށްލަ ދޭން ފޮނުވާލި މެސެޖެއް، ކޮންމެ ޓެލިކްލާހެއްގައި ވެސް ހިމެނޭ ކޮވިޑް-19 ގެ އެވެއާނެސް ކޮމްޕޯނަންޓެއް ލާން. ދެން ކުރީގެ އެޕިސޯޑްތަކުގަ މާސްކް އަޅާނެ ގޮތާއި އަތް ދޮންނަންވީ ގޮތާއި މިކަހަލަ މައުލޫމާތު ގެނެސްދީފަ ހުރީ. އެހެންވެ އަޅުގަނޑުމެން ބޭނުންވީ، ކޮވިޑް-19 އާ ގުޅިގެން ޕޮޒިޓިވް މައިންޑްސެޓެއް ބަހައްޓަން ހިތްވަރު ދޭ ކަހަލަ ކޮންޓެންޓެއް ހަދަން،" ސްކޫލްގެ ސްޕެޝަލް އެޑިއުކޭޓާ، މަރިޔަމް އަޝްފާ ހަމްދީ ބުންޏެވެ.

މި ލަވައިގައި ޕާފޯމް ކޮށްފައި އެ ވަނީ މުހުޔިއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޓަރުންގެ ގޮތުގައި ހިމެނޭ 13 ޓީޗަރުންނާއި ޕްރިންސިޕަލްގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލެވެ. މިއީ ކުރީގެ އިނގިރޭސި ލަވަކިޔުންތެރިޔާ ބޮބީ މެކްފެރިން، 1988 ވަނަ އަހަރު ކިޔައި ރިލީސްކުރި ލަވަ، ޑޯންޓް ވޮރީ ބީ ހެޕީގެ ކަވާ އެކެވެ.

މުހްޔިއްދީން ސްކޫލްގައި ސްޕެޝަލް ނީޑްސް ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންތަކެއް

ތަފާތު އޮޑް މެޓީރިއަލްތަކުގެ އަސްލު އަޑުތައް ހިމަނައިގެން ކިޔާފައިވާ މި ލަވަ ހާއްސަވާ ދެވަނަ ސަބަބަކީ ލަވަ ތައްޔާރުކުރަން ޓީޗަރުން ކޮށްފައިވާ ބުރަ މަސައްކަތެވެ.

"ކޮވިޑް-19 އާ ހެދި ސްކޫލްތައް ބަންދުކޮށްލުމުން ބައެއް ޓީޗަރުން ރަށަށް ގޮސްވީ އޭރު. ދެން ޗެޓްގަ މަޝްވަރާކޮށްގެން ހަފުތާއެއް ލިބުނީ ތައްޔާރުކުރަން. ކޮންމެ ޓީޗަރަކު ވެސް މުޅި ލަވަ އެކްޓްކޮށްފަ ފޮނުވީމަތާ މެޗް ވާ ގޮތަށް ޕައިލް ކުރެވޭނީ. އަނެއްކާ ސައިން ލޭންގްއޭޖް ވެސް ބޭނުންކޮށްގެން ލަވަ ތައްޔާރުކުރީ،" އަޝްފާ ބުންޏެވެ.

"ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވޭ އޯޑިއޯ ކޮމްޕޯޒް ކުރަން ހެލްޕްވެދިން އިލްހާމް އަށް،"

މި ހާއްސަ ލަވައާ އެކު މި ޓީޗަރުންގެ އުންމީދަކީ، ވަރަށް ޕޮޒިޓިވް މެސެޖެއްގެ ގޮތުގައި ހުރިހާ ކުދިން ވެސް މި މެސެޖް ބަލައިގަނެ، މި ވަގުތުގައި އާއިލާ އާއި އެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ދުޅަހެޔޮ ގޮތުގައި އަލުން ސްކޫލަށް އައުމެވެ.

ސްކޫލް މުހިއްދީން ސްކޫލް

Popular