26 Jul 2020

By: Ifraz Ali

ދިވެހިން ފާހަގަކުރާ ހާއްސަ އެކި މުނާސަބުތަކަށް، އެ ދުވަހަކާ ގުޅުވާލައިގެން ތަފާތު ފޮޓޯއެއް ނެގުމަކީ ނައުޝަމް ވަހީދު ވަރަށް ކުރާ ހިތުން ކުރަމުން އަންނަ ކަމެކެވެ. މިއަދު ފާހަގަކުރާ ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވެސް އޭނާ ފޮނުވީ، މިނިވަންކަމުގެ އުފާވެރި އިހުސާސް ބަންޑުކޮށްލަދޭނެ ފަދަ ތަސްވީރަކުންނެވެ. ފުރިހަމަ މިނިވަންކަމެއް ލިބުނު ކަމުގެ އުފާވެރި ޚަބަރު ލިބުނު ދުވަހު، އެ ވަގުތުކޮޅުގެ ހަނދާންތައް އާކޮށްދޭނެ ކަހަލަ ގޮތަށެވެ.

"ދައްކައިދޭން ބޭނުންވީ ގައުމު މިނިވަންވިކަމުގެ ޚަބަރު ލިބުނު ދުވަހުގެ މަންޒަރެއް. އެ ދުވަހު މީހުންނަށް ކުރެވުނު އިހުސާސް. އެ މީހުންގެ މޫނުން ދައްކުވައިދޭން ބޭނުންވީ އެ ލިބުނު އުފާ،" މި ފޮޓޯ ނަގަން ވިސްނި ގޮތް ކިޔައިދެމުން ނައުޝަމް ބުންޏެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed) on

56 ވަނަ މިނިވަން ދުވަހަށް ހާއްސަކޮށް ނައުޝަމް ނެގި ފޮޓޯ.

ތެޅިގަލުން ރާނާފައި ހުރި ފާރެއްގައި ދެ ރާ ބަންޖާއި ފާނޫޒެއް އަދި ރަތް ފޭއްޔެއް އަޅުވާލާފައި ހުއްޓެވެ. ފާރު ކައިރީގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި އުމުރުން ދުވަސްވީ ދެމަފިރިން އިށީނދެލައިގެން ތިބެނީ ނޫސް ކިޔާށެވެ. މުންޑު އަނދެގެން، ހުސްގަޔާ އިން ފިރިހެން މީހާ އިނީ ނޫސް ހުޅުވައިގެންނެވެ. ނޫހުގެ ބަނޑޭރިގަނޑުގައި، އެންމެ ބޮޑު ޚަބަރުގެ ސުރުހީގައި އޮތީ "ރާއްޖެ މިނިވަންވުން" ލިޔެފަ އެވެ. ރަތް ލިބާސް ލައިގެން އިން އަންހެން މީހާގެ އަތުގައި ރޭޑިއޯއަކާއި ދިވެހި ދިދައެއް އޮތެވެ.

ނައުޝަމް ބޭނުންވި ގޮތަށް މި ފޮޓޯ ނަގަން، ބެކްގްރައުންޑް ހަދަން އޭނާ ފަސް ގަޑިއިރު ހޭދަކުރި އެވެ.

View this post on Instagram

A post shared by N Δ U S H Δ M™ (@nausham.waheed) on

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ނައުޝަމް ނެގި ފޮޓޯ.

"އަސްލާ އެއްގޮތަށް، ނޫހެއް ހެދީ އަމިއްލައަށް. އެ ކަރުދާސް ތަންކޮޅެއް ކުރީގެ އެއްޗެއްގެ ގޮތުގައި ދައްކަން ކަރުދާހުގެ ކުލަ ބަދަލުކޮށްލަން ބޭނުންކުރީ ކޮފީ،" ނައުޝަމް ބުންޏެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ވެސް ހާއްސަ ފޮޓޯއެއް ނައުޝަމް ނެގި އެވެ. އެ ފޮޓޯގައި ފެންނަނީ މާމައެއް ކައިރީގައި ތުއްތު ކުއްޖަކު ކަސަބު ވިޔަން އިންނަ ތަނެވެ.

ދިވެހިރާއްޖެ މިނިވަން ދުވަސް ފޮޓޯގްރަފީ

Popular