1 Aug 2020

ފޮޓޯ ސްޓޯރީ: ހދ.މަކުނުދޫގެ އީދު ބޮނޑި

މަކުނުދޫ ސްކޫލްގެ ދިވެހި މުދައްރިސަކު ލިޔުނު ސްކްރިޕްޓަކަށް، ގްރޭޑް 10ގެ ދަރިވަރުން އެކްޓުކޮށްދިން ފޮޓޯ ސްޓޯރީއެއް.

މަކުނުދޫ ސްކޫލްގެ ދިވެހި މުދައްރިސަކު ލިޔުނު ސްކްރިޕްޓަކަށް، ގްރޭޑް 10ގެ ދަރިވަރުން އެކްޓުކޮށްދިން ފޮޓޯ ސްޓޯރީއެއް.

By: Ifraz Ali

"އީދު ބޮނޑި" ހިލުމަކީ ޒަމާނުއްސުރެ ހދ.މަކުނުދޫގައި، ބޮޑު އީދާ ދިމާކޮށް، ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވެގެން ކުރަމުން އަންނަ ސަގާފީ ކަމެކެވެ. މިހާރު ވެސް ކޮންމެ އަހަރެއްގެ ބޮޑު އީދުގައި މި ހަރަކާތް ބާއްވަ އެވެ. މި އީދާ ދިމާކޮށް މަކުނުދޫ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންނާއި "ވަސިފް ފޮޓޯސް" ގުޅިގެން، ކުރި މަސައްކަތަކީ އެ ރަށުގައި އެންމެ ކުރިން "އީދު ބޮނޑި" ހަދާ އުޅުނު ގޮތް، ފޮޓޯތަކުން ދައްކައިދިނުމެވެ.

"އެ ކުދިންގެ ފަހު އަހަރަށް ވެސް ވީމައާ އެކީގައި އީދާ ދިމާކޮށް ތަފާތު ކަމެއް ކުރުމަށް ސްކޫލްގެ މުދައްރިސަކު ދިން ހިޔާލަކަށް މި ފޮޓޯ ސްޓޯރީ ހެދީ. ފޮޓޯތަކުން އެ ފެންނަނީ ދަރިވަރުން. މިއީ ދަރިވަރުންނާއި ޓީޗާރުންގެ ޓީމަކުން ކުރި މަސައްކަތެއް،" ވާސިފްފޮޓޯސްގެ ފޮޓޯގްރެފާ އަދި މަކުނުދޫ ސްކޫލްގެ ލީޑިން ޓީޗަރު މުހައްމަދު ވާސިފް، ޓީމުގެ ފަރާތުން ވާހަކަދައްކުމުން ވިދާޅުވި އެވެ.

މަކުނުދޫ ސްކޫލްގެ ދިވެހި މުދައްރިސް މިންނާ ހަމްޒާ ލިޔުނު ސްކްރިޕްޓަކަށް، ދަރިވަރުން އެކްޓުކޮށްދީފައިވާ، 18 ފޮޓޯ ހިމެނޭ މި ފޮޓޯ ސްޓޯރީގެ ކޮންމެ މަންޒަރެއްގައި އެ ދައްކައިދެނީ ކޮން ކަމެއްކަން ލިޔެފައިވެ އެވެ. ޒަމާނުއްސުރެ އެކަން ކުރަމުން އަންނަ ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެ އެވެ.

ފޮޓޯ: ވާސިފްފޮޓޯސް

ޢީދު ބޮނޑިއެޅުމަކީ މަކުނުދޫއަށް ހާއްސަ ސަގާފީ އާދަކާދައެއްގެ ގޮތުގައި ކުރަމުން އަދާހަމައަށް އައިސްފައިވާ ކުޅިވަރެއް.

ފޮޓޯ: ވާސިފްފޮޓޯސް

މިކަމުން ރަށުގެ މުޖުތަމައުގެ ފަރުދުންގެ ކިބައިގައިވާ އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިގެންދޭ. އީދު ބޮނޑި ހަދަނީ ހައްޖު ދުވަހު ނަމަވެސް މިހާރު މިކަން ކުރަނީ ހައްޖު ދުވަހުގެ ކުރީ ދުވަހު.

ފޮޓޯ: ވާސިފްފޮޓޯސް

މިކަމަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ، ހިސާބުގަނޑެއްގެ ގެތަކުގެ އަންހެންވެރީން އެއްވެ މަޝްވަރާތައް ކުރެވޭ. އަދި މިކަން ކުރާނެ ގެއެއް ކަނޑައަޅާ.

ފޮޓޯ: ވާސިފްފޮޓޯސް

އެއަށް ފަހު އެއްތަނެއްގައި ހަނޑޫފެނުލައި، ހުނި ގާނައި، ދަރާއި ބޮނބި އަދި ބޮނޑި އެޅުމަށް ބޭނުންކުރާ އުނިފަތް އެއްކޮށް މަސައްކަތްތައް ކުރިއަށް ގެންދޭ.

ފޮޓޯ: ވާސިފްފޮޓޯސް

އޭގެ އަނެއް ދުވަހު ހެނދުނު ހެނދުނާ، ބޮނޑީގެ ބައިވެރިން ގޭދޮށަށް އެއްވެ، ހަނޑޫ ފުނޑާ އެހެނިހެން މަސައްކަތްތައް ކުރަމުން ގެންދޭ.

ފޮޓޯ: ވާސިފްފޮޓޯސް

ބޮނޑި ހެދުމުގެ ތައްޔާރީތައް ވަމުންދާއިރު ފިރިހެނުން ވަރަށް ނޫން ކަމަށް ހެދިގެން އެ ގޭދޮށުގައި ކޮޅުކޮޅަށް ކުރުކާލިކަނޑާ މަންޒަރު ފެންނަމުންދޭ.

ފޮޓޯ: ވާސިފްފޮޓޯސް

ބޮނޑި ހެދުމުގެ މަސައްކަތް ކުރާއިރު އިންޓަވަލް ދިނުމާއި ދުފަން ދިނުމަކީ އަންހެންވެރީން އުފަލާ އެކު ކޮށްދޭ ކަންކަން.

ފޮޓޯ: ވާސިފްފޮޓޯސް

އަންހެންވެރީންނަށް ބޮނޑި ހިލުމަކީ އުދަނގޫ ކަމަކަށް ވުމުން އެ ބައިމީހުންނާ އެކު ބޮނޑި ހިލައިދޭނެ ފިރިހެނަކު ހޯދައި، އޭނާއަށް ވަރަށް ފުރިހަމައަށް ހިދުމަތްދޭ. ފިރިހެން މީހާ ބޮނޑި ހިލަން ފެށުމާ އެކު ގިނަ ފިރިހެނުން އެ ބޮނޑި ހިލާ ގޭދޮށަށް އައިސް ހިލެމުންދާވަރު ބަލަމުން ގެންދޭ.

ފޮޓޯ: ވާސިފްފޮޓޯސް

ބޮނޑި ހިލާ ނިމުމުން ހުރިހާ އަންހެނުން ވެގެން ތެލިތަކަށް ހިލި ފުށްގަނޑު އެޅުމަށް ފަހު ފިހަން ތައްޔާރު ކުރޭ.

ފޮޓޯ: ވާސިފްފޮޓޯސް

ހިލާފައިވާ ފުށްގަނޑު ގިނަ ތެލިތަކަށް ބަހާލަނީ ބޮނޑިއެއް ގެއްލިދާނެ ކަމުގެ ބިރަށް.

ފޮޓޯ: ވާސިފްފޮޓޯސް

ތެލިތަކަށް ހިލި ފުށްގަނޑު އެޅުމަށް ފަހު ގިނަ އުނދުން ތަކެއްގައި ފިހަމުން ގެންދޭ.

ފޮޓޯ: ވާސިފްފޮޓޯސް

މިހާ ހިސާބުން ފިރިހެނުން ބޮނޑިތަކަށް ފާރަލައި، ފިހެވެމުންދާވަރު ބަލާ އަންހެނުންގެ ޚަރަކާތްތައް ވަރަށް ކައިރިން ބަލަމުންދޭ.

ފޮޓޯ: ވާސިފްފޮޓޯސް

ބޮނޑީގެ ފުށްގަނޑު ފިހެވުމުން ވަރަށް ސިއްރުން އަންހެންވެރީން އެ ތަކެތި ފިރިހެނުންނަށް ނުފެންނާނެހެން ފޮރުވައި. މިހެން ފޮރުވާއިރު ފިރިހެންވެރިންނަށް އޮޅުވާލުމަށް ބޮނޑިގެ ބަދަލުގައި ހުސްތެލި ވެސް ފޮރުވާ.

ފޮޓޯ: ވާސިފްފޮޓޯސް

ފޮރުވުމަށް ފަހު ފިރިހެނުންގެ މަސައްކަތަކީ އަންހެންވެރީން ލީތަނަކުން އެ ބޮނޑި ހޯދައި އަންހެނުނަށް ނޭނގޭހެން ގެންދިއުން.

ފޮޓޯ: ވާސިފްފޮޓޯސް

ގެންދާއިރު އެ ބޮނޑިއަކަށްވާ ފައިސާ ބޮނޑި ގެންދިޔަ ތަނެއްގައި ބާއްވަން ޖެހޭނެ.

ފޮޓޯ: ވާސިފްފޮޓޯސް

ބޮނޑިއެއް ހޯދައި އެ ލިބުމުގެ އުފަލުގައި ބޮނޑި ހޯދުމުގައި އުޅުނު ފިރިހެންވެރިން އެއްވެ ބޮނޑި ކައިއުޅޭ.

ފޮޓޯ: ވާސިފްފޮޓޯސް

އަންހެންވެރީން ފޮރުވި ބޮނޑިތައް ފިރިހެނުންނަށް ނުފެނުނު ނަމަ އެ ބޮނޑިތައް ނަގާނީ ހައްޖު މަހުގެ 13 ވަނަ ދުވަހުގެ އަސުރު ނަމާދު ފަހުން. އަދި ނުފެނުނު ބޮނޑިތައް އެދުވަހުގެ އަސުރު ނަމާދަށް ފަހު އެއްތާކަށް އެއްކޮށް ހަމަހަމައަށް ބޮނޑިއެޅި ބައިވެރީންނަށް ބަހާލާ!

އަޟްހާ އީދު ފޮޓޯގްރަފީ ހދ. މަކުނުދޫ އީދު ފާހަގަކުރުން

Popular