22 Sep 2020

ސައިންސް ބުނާ ގޮތުން "ގޮސިޕް" ނުކުރާ މީހަކު ނުހުންނާނެ އެވެ. ދުވާލަކު އެވްރެޖްކޮށް 52 މިނިޓް، އެހެން މީހުންގެ ވާހަކަ ދެއްކުމުގައި މީހުން ހޭދަކުރެ އެވެ.

މިކަމާ ދެކޮޅުހަދާނީ ކިހާވަރަކަށް ހެއްޔެވެ؟ ނުވަތަ އެއްބަސްވިޔަސް ވެސް އެ ބުނާ ވަރަށް މީހެއްގެ ވާހަކަ ދައްކާ ކަމަށް އެއްބަސް ވެވެން ނެތީ ދޯ އެވެ؟

ލަފްޒީ މާނަ އަށް ބަލާ ނަމަ، ދިވެހި ބަހުން "ގޮސިޕް" އަށް ކިޔަނީ ނެތިމޮށުމެވެ. އެއީ މީހެއްގެ ވާހަކަ އެމީހަކު ނެތް ތަނެއްގައި ދެއްކުމެވެ. މިއީ ޕޮޒިޓިވް މާނައަކަށްވުރެ ބޮޑަށް ނެގެޓިވް މާނައެއް ދޭހަވާ ބަހެކެވެ. އެހެންވީމާ، މި ބަސް ބުނާއިރު އަޑު އަންނަ ގޮތް ކިތަންމެ ހުތުރަސް، މިއީ އެންމެން ވެސް ކުރާ ކަމެކެވެ.

ގޭގައި ކަމެއް ހިނގައި ދިޔަ ގޮތް ނުވަތަ މައިދައިތައާ މެދު އިހުސާސްކުރެވޭ ގޮތް ނުވަތަ އޮފީހުގެ ރުންކުރު ބޮސްގެ ވާހަކަ މީހެއް ގާތު ދައްކާލައި ރުޅި އާއި އުދާސް ފިލުވާލައި މެޔަށް ލުއިކޮށްލަން ބޭނުންނުވާނީ ކާކު ހެއްޔެވެ؟

އެކަމަކު ކުރާ ހުރިހާ "ގޮސިޕް" އެއް ގޯސްވާނެ ހެއްޔެވެ؟ މީހަކު ނެތް ތަނެއްގައި މީހެއްގެ ރަނގަޅު ވާހަކަ ވެސް ދެއްކިދާނެ އެވެ. ނުވަތަ އެއްވެސް ކޮޅަކަށް ބުރަނުވެ، މީހެއްގެ ވާހަކަ މީހަކާ ހިއްސާ ވެސް ކުރެވިދާނެ އެވެ.

އެމެރިކާގެ ޔުނިވަސިޓީއަކުން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނީ، ގިނަ މީހުން މީހުން "ގޮސިޕް" ކުރާއިރު ނެގެޓިވް ވާހަކައަށްވުރެ ގިނައިން ދައްކަނީ ވަކި ކޮޅަކަށް ބުރަ ނުވެ ދައްކާ ވާހަކަ ކަމަށެވެ. މި ހޯދުމުން އިތުރަށް އެނގުނީ، އެވްރެޖްކޮށް މީހަކު ދުވާލެއްގެ މައްޗަށް 52 މިނިޓް، އެހެން މީހެއްގެ ވާހަކަ ދެއްކުމުގައި ހޭދަކުރާ ކަމެވެ. އަދި ގިނައިން "ގޮސިޕް" ކުރަނީ އަންހެނުން ކަމަސެވެ.

މިއީ އަހަރެމެން ވެސް މިކަން ކުރާ ގޮތް ކަމަށް ނިންމިދާނެ ހެއްޔެވެ؟ އެންމެ ގިނައިން މީހުންގެ ވާހަކަ ދައްކަނީ ކޮން ބައެއް ހެއްޔެވެ؟

މެންޓަލް ހެލްތް

Popular