17 Nov 2020

By: Aminath Ibrahim

ފަޅު ރަށްތަކަށާއި ފިނޮޅުތަކަށް ޕިކްނިކް ދިއުމަކީ މަޖާ ކަމެކެވެ. އެކަމަކު ގިނަ އަދަދަކަށް ކުނި ވެސް އުފެދޭ ކަމެކެވެ. ރީތި ފިނޮޅުތަކަށާއި ބީޗުތަކާއި ފަޅުރަށްތަކަށް ޕިކްނިކް ގޮސްފައި އަންނަ އިރު ޒާތް ޒާތުގެ ކުނިން އެތަންތަން ގޮނޑުކޮށްލާފައި އާދެވޭ ފަހަރު ގިނަ އެވެ. މިހެން ވަނީ ދަތުރު ދާއިރު ކުންޏާ ދޭތެރޭ ވިސްނާ ނުލެވުމެވެ. ނުވަތަ އެތަންތަނަށް ދޫކޮށްލާ ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުމާއި އެތަނަށް ދަތުރުދާނެ އެހެން މީހުންގެ ހިތްހަމަޖެހުމާ މެދު ވިސްނާ ނުލެވޭތީ އެވެ.

އެހެންވީމާ، ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރުކަމުން މި ހިމަނާލަނީ ކުނި މަދުކޮށް، ޕިކްނިކަކަށް ޕެކްކުރާނެ ގޮތްތަކާއި ކުނި ނާޅައި ޕިކްނިކެއް ނިންމާނެ ގޮތެވެ.

ޕިކްނިކް ޕްލޭން ކުރުން!

ޕިކްނިކް ދާ ތަނެއްގެ ގޮތުން އެތަނަކާ އެންމެ ގުޅޭ ގޮތަށް، އެ ތަނާއި އެތަނަކަށް ދާނެ އެހެން މީހުންނަށް ވިސްނައިގެން ދަތުރު ޕްލޭންކުރުމަކީ މުހިއްމު ކަމެކެވެ. ފިނޮޅަކަށް ދާ ނަމަ، އެއީ ހުސް ދޮންވެލިގަނޑެކެވެ. ޑަސްބިނެއް ނުހުންނާނެ އެވެ. އުކާލާފައި ދާ ކުނި ނަގައި ސާފުކުރާނެ މީހަކު ނުހުންނާނެ އެވެ. އެހެންވީމާ، ދަތުރު ޕްލޭން ކުރާއިރު ކުނި މަދުވާނެ ގޮތާއި ނިންމާފައި އަންނަ އިރު، އުފެދުނު ކުނި އުފުލަން ބުރަ ނުވާ ގޮތަށް ލިސްޓު ތައްޔާރުކުރުމަށް އިސްކަން ދޭށެވެ.

ނުގެންދަންވީ އެއްޗެހީގެ ލިސްޓެއް!

- ޕްލާސްޓިކް ތަށި

- ޕްލާސްޓިކް ކޮތަޅު

- ޕްލާސްޓިކް ފެން ފުޅި

- އެކި ކަހަލަ ޕެކެޓް ފުޑް

- ޑިސްޕޮސަބަލް ނެޕީ

ޕެކު ކުރެވިދާނެ އެއްޗެހީގެ ލިސްޓެއް!

- ފުރުޓް ޕްލެޓާ: ދަތުރަށް ފުރުމުގެ ކުރިން ދޮލަނގެއް ނުވަތަ ބޮޑު ތައްޓެއްގައި އެންމެންނަށްވާ ވަރަށް އެކި ބާވަތްތަކުގެ މޭވާ ކޮށާފައި ތައްޔާރުކޮށްލަން ރަނގަޅު ވާނެ އެވެ. މޭވާ ތަށި ތައްޔާރު ކުރާއިރު ކަރަ އާއި އަލަނާސި ކަހަލަ މޭވާތަކަށް ބޮޑަށް އިސްކަންދޭށެވެ.

- ސޭންޑްވިޗް ޕްލެޓާ: ދަތުރު ގޮސް އުޅޭ އިރު ހެނދުނު ނާސްތާ އަށް މީރުކޮށް ސޭންޑްވިޗް ތައްޔާރުކޮށްގެން ޕްލެޓާ ތައްޔާރުކޮށްގެން ގެންދެވިދާނެ އެވެ. އޭރުން ދަތުރު ގޮސް އެ ހުރިހާ ތައްޔާރީއެއްގައި އުޅޭކަށް ނުޖެހޭނެ އެވެ.

- ޕާން ޕްލެޓާ: ދުވާލުގެ 10 ވަރަކަށް ގަޑި އިރަށް ދަތުރެއް ޕްލޭން ކުރާއިރު މާ ބައިވަރު ކާއެއްޗެހި ބޭނުމެއް ނުވާނެ އެވެ. ޕާނާއި ރޮށި ކަހަލަ އެއްޗެހި އެންމެންނަށް ވާވަރަށް ފިހެގެން ޕެކު ކޮށްގެން ގެންދިއުން ރަނގަޅު ވާނެ އެވެ. ބަތް ކަހަލަ އެއްޗެހި ވެސް ތައްޔާރުކޮށްގެން ގެންދެވޭނެ އެވެ.

- ބާބަކިއު ޕްލެޓާ

- ކުކީސް ނުވަތަ ފޮނި އެއްޗެހި ފުޅިއެއް ނުވަތަ ދަޅެއް: ދަތުރު ގޮސް އުޅޭ އިރު ފޮނި އެއްޗެހި ކާން ބޭނުންވާނެ އެވެ. ބަންދުކުރ ޕެކެޓާއި ދަޅާއި ފުޅި ގެންދިއުމަށްވުރެ ބޮޑަށް ދަތުރަށް ތައްޔާރުކޮށްގެން ފިހާ ކުކީސް އާއި ބްރައުނީސް އާއި މިކަހަލަ މީރު ފޮނި އެއްޗެހި ކުރީބައިގައި ބޮޑު ދަޅެއް ނުވަތަ ފުޅި އެއްގައި ޕެކު ކޮށްލެވިދާނެ އެވެ.

- ކުދި ފެންފުޅީގެ ބަދަލުގައި ބޮޑު ފެން ހަން: މަދު ވަގުތުކޮޅަކަށް ދަތުރު ދާއިރު ވަކި ވަކި ފެންފުޅި ގަތުމުގެ ބޭނުމެއް އަސްލު ނޯންނާނެ އެވެ. އެހެންވީމާ ވީހާ ވެސް މަދުން ޕްލާސްޓިކް ފުޅި ގެންދަން ޖެހޭގޮތަށް ފެން ގެންދަން ހިޔާރުކުރާށެވެ.

- ފެން ބޯން ޑިސްޕޮސަބަލް ނޫން މަގު/ތަށި

- އައިސް ބޮކްސް

- ކުނި އަޅަން ބޮޑު ކަޅު ކޮތަޅު: ޕިކްނިކް ކުރާ ތަނަށް ދެވުމުން ފުރަތަމަ ކަމެއްގެ ގޮތުން ކުނި އަޅާނެ ޑަސްބިނެއް ސެޓަޕް ކޮށްލާށެވެ. ޑަސްބިން ރެގިއުލޭޓް ކުރަން ގްރޫޕްގެ ދެތިން މީހުންނާ ހަވާލުކުރެވިދާނެ އެވެ.

ރިމައިންޑާ: ނިމިގެން ހުރިހާ ކުންޏެއް ނަގަންވާނެ!

ކޮންމެ ގޮތަކަށް ދަތުރު ޕްލޭން ކުރިޔަސް ނިންމާފައި ތަން ސާފުކޮށްލެވޭ ވަރު ކޮންމެ މީހެއްގެ ވެސް ހުންނާނެ އެވެ. ދަތުރުން އުފެދޭ ކުނި ނެގުމަކީ ދަތުރުގައި ބައިވެރިވާ އެންމެންގެ ޒިންމާއެކެވެ. ދަތުރު މަތީގައި ކެއި ހުރިހާ އެއްޗަކުން ލިބުނު ހަކަތަ ކުނި ކޮޅު ނަގާލައި ބަންދުކޮށްގެން ދޯންޏަށް އަރުވަން ބޭނުންކޮށްލާށެވެ. އޭރުން އެކަން އެ ނިމުނީ އެވެ. ސާފުކުރުމުގައި ތިން އަހަރުން މަތީގެ ކުޑަކުދިން ވެސް ބައިވެރި ކުރެވިދާނެ އެވެ.

ޗުއްޓީ ދުވަސްވަރު ޕިކްނިކް

Popular