By: Aminath Ibrahim
އާދީއްތަ ދުވަހުގެ ސްކޫލުތައް ހުޅުވާތީ ޕެންޑެމިކްގެ މިންގަނޑުތަކަށް ކްލާސް ރޫމްތައް އަތުރައި، ކުދިން ގެންގުޅޭނެ ގޮތްތަކާއި ކިޔަވައިދޭނެ ގޮތް ޕްލޭންކޮށް ފައިނަލް ކުރުމުގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރުން އިއްޔެއިން ފެށިގެން އުޅެނީ އަވަދިނެތި އެވެ. ޕެންޑެމިކްގައި އެ ސްކޫލުގެ ކްލާސްރޫމެއްގައި ތިބޭނީ ގިނަ ވެގެން 15 ކުދިންނެވެ. ސޯޝަލް ޑިސްޓެންސިން ބަހައްޓަން ކުދިންނަށް ކިޔައިދެވޭނެ އެވެ. ހުރިހާ ގްރޭޑަކަށް ވެސް ހަފްތާގެ ފަސް ދުވަހު ކިޔަވައިދޭނެ އެވެ. މާލޭގެ ހުރިހާ ސްކޫލެއްގައި ވެސް މި ތައްޔާރީތައް ދަނީ ކުރިއަށެވެ.
އެކަމަކު އަންނަ އާދީއްތައިގެ އެންމެ ބޮޑު ހައިލައިޓަކަށް ވާނީ ގާތްގަނޑަކަށް އަހަރެއްގެ މެދުކެނޑުމަކަށް ފަހު ކްލާސްރޫމް ތައް ފުރި، ޓީޗަރުންނާއި ދަރިވަރުން ބައްދަލުވެ، ރައްޓެހި ކުދިން ދިމާވެ އެކުގައި ކިޔެވުމުގެ ފުރުސަތު އަނެއްކާ ވެސް ލިބުމެވެ. އެހެންވީމަ ކުދިން ސްކޫލަށް ފޮނުވާ ގަޑި ގާތްގަނޑަކަށް މި އޮތީ ޖެހިފަ އެވެ. ތައްޔާރު ހެއްޔެވެ؟
"އާދީއްތަ ދުވަހާ ގުޅިގެން ވަރަށް މިކްސް އިމޯޝަންތަކެއް ހުރީ. ވަރަށް އުފާ ވޭ. ހަމަ އެއާ އެކު ހާސް ވެސް ވޭ. އެކަމަކު މި ތައްޔާރުވަނީ ވީހާ ވެސް ރައްކާތެރި ފިޔަވަޅުތަކާއެކު ކުދިންނަށް މަރުހަބާ ކިޔަން،" ޕްރިންސިޕަލް ނާޒްނީން ވާފިރު ވިދާޅުވި އެވެ.
މިހާރުން ފެށިގެން ކުދިންނަށް ޓިއުޝަން ޓީޗަރުންނާއި ސްޕޯޓްސް ކޯޗުން ހޯދަން ވިސްނަނީ ނަމަ ތައްޔާރު ތި ވެވެނީ އަދި ރަނގަޅަކަށް ނޫނެވެ. ސްކޫލް ހުޅުވާ ދުވަސް ކައިރިވެ، އެވާހަކަތައް ދެކެވެން ފެށުމުން ދަރިފުޅު ކިޔެވުމާ ދުރުވި ވަރު ހިތަށް އަރާފައި ޕެނިކް ވަނީ ދޯ އެވެ.
އެކަމަކު މިއީ ވެސް ހަގީގަތެވެ. މިދިޔަ އަހަރުން ފެށިގެން ކިޔެވުން ގެއްލިގެން ދިޔައީ ވަކި ކުއްޖަކަށް އެކަންޏެއް ނޫނެވެ. ހުރިހާ ކުދިން ތިބީ ކިޔެވުމާ ދުރުގަ އެވެ. މި ބަންދު ތެރޭގައި ގަވާއިދުން ކިޔަވައި ފިލާވަޅުތައް ބަލައި ހެދި އެންމެ ކުއްޖަކު ވެސް ނުހުންނާނެ އެވެ. އެހެންވީމަ، ކުއްލިއަކަށް ސްކޫލް ފަށައިގަންނަ އިރު އެއް ފަހަރާ ހުރިހާ ޕްރެޝަރެއް ކުދިންނަށް ދޭން ނަހަދާށެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ދަރިފުޅުގެ ކިޔެވުމާ މެދު ކަންބޮޑުވާނެކަން އެނގެ އެވެ. އެކަމަކު ވަގުތު ދޭށެވެ. މަޑުމަޑުން ކިޔެވުމުގެ ކަންކަން ހަމައަކަށް އަޅުވަން ކުދިންނަށް ވެސް، އަމިއްލަ މީހާ އަށް ވެސް ވަގުތު ދޭށެވެ.
ސްކޫލަށް ފޮނުވަން މިފަހަރު ކުދިން ތައްޔާރުކުރަންވާނީ ތަފާތު ގޮތަކަށް!
މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ގިނަ ކުދިން ތިބީ ގޭގަ އެވެ. އޮންލައިންކޮށް ކިޔެވިޔަސް ފިޒިކަލީ ކްލާސް ރޫމަކަށް ނުގޮސް ގިނަ ކުދިން އަހަރެއްހާ ދުވަސް ހޭދަކޮށްފި އެވެ. އެހެންވީމަ ކުދިން ތިބޭނީ ސްކޫލަށް ދާން ކެތްމަދުވެފަ އެވެ. ހަމަ އެއާއެކު ސްކޫލަށް ދާން ޖެހޭތީ ހާސްވެ ބިރުގަންނަ ކުދިން ވެސް ތިބޭނެ އެވެ. އެއީ ވަރަށް ގިނަ ދުވަހު ރައްޓެހިން ނުފެނި ތިބެފައި ކްލާހަށް އަނެއްކާ ދާއިރު ހީވާނީ އަލަށް ސްކޫލަށް ދާން ފަށާ ހެންނެވެ.
އެހެންވީމަ މި އަހަރު ކުދިން ތައްޔާރުކުރަން ޖެހޭނީ ތަފާތުކޮށެވެ.
މި ތިން ދުވަހު ކުދިންނަށް ދޭންވީ "މެންޓަލް ސަޕޯޓް"
ކުދިންގެ ސިކުނޑި ފުރިގެން ބަނޑުންވާ ވަރަކަށް ނޫނެވެ. އެކަމަކު ޕެންޑެމިކްގެ ހަގީގަތް އަލުން ކުދިންނަށް ހަނދާންކޮށްދޭށެވެ. މަންމަ ނުވަތަ ބައްޕަ ކައިރީގައި ގޮތް ކިޔައިދޭން ނުހުންނާނެކަން ބުނެދޭށެވެ. ޕެންޑެމިކްގެ ހާލަތުގައި ޓީޗަރުގެ ބަސް އަހައިގެން ސޯޝަލް ޑިސްޓެންސިންގް ބަހައްޓާނެ ގޮތް ކިޔައިދޭށެވެ.
އެންމެ މުހިއްމު ކަމަކަށް، ކުދިންނަށް އިތުބާރު އޮތްކަން ބުނެދޭށެވެ. އަމިއްލަ ރެސްޕޮންސިބިލިޓީއެއް ގޮތަށް ކުދިންނަށް މިކަންކަން ވިސްނައިދޭށެވެ.
މިދިޔަ ދިހަ ވަރަކަށް މަސް ތެރޭގައި ކުދިންނަށް ވަރަށް ބައިވަރު ކަންތައްތަކެއް ގެއްލިގެން ހިނގައްޖެ އެވެ. ބައިވަރު ފިލާވަޅުތަކެއް ގެއްލިގެން ގޮސްފި އެވެ. އެހެންވީމަ، އާދީއްތަ ދުވަހަކީ އެކުދިންނަށް އަންނަ އުފާވެރި ދުވަހެއްކަން ބުނެދޭށެވެ.
އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމާ ބެހޭގޮތުން ބެލެނިވެރިންނަށް އެނގެންޖެހޭ ވާހަކަ ތައް!
- އާދީއްތަ ދުވަހު ފަށަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ފެށި ދިރާސީ އަހަރުގެ ދެވަނަ ޓާމް
- މާލޭގައި ނާސަރީ އިން މަތީގެ ހުރިހާ ގުރޭޑެއްގެ ކިޔެވުން ފެށޭނެ
- ހަފްތާގެ ފަސް ދުވަހު ހުރިހާ ގުރޭޑަކަށް ކިޔަވައިދޭނެ
- ޕްރީ ސްކޫލް ކުދިން ސްކޫލުގައި ހޭދަކުރާނީ ގާތްގަނޑަކަށް ދެ ގަޑި އިރު
- ހުން ބެލުމާއި އަތް ދޮވުމާއި ޕެންޑެމިކް ހައިޖިން އާއި ގުޅޭ ފިޒިކަލް ހަރަކާތްތަކަށް ކްލާހުގެ އެއް ގަޑި ހާއްސަ ކުރާނެ.