16 Apr 2021

މި ލޯބި މާމަގެ ތަސްވީރު އާއިޝްގެ ކުލަ ފަންސޫރުން

ހައްވަދައިތަގެ މި ލޯބި ތަސްވީރު އާއިޝް ކުރަހައި ނިންމާލީ ތިން ދުވަހުން

ހައްވަދައިތަގެ މި ލޯބި ތަސްވީރު އާއިޝް ކުރަހައި ނިންމާލީ ތިން ދުވަހުން

By: Ifraz Ali

މި ތަސްވީރުން ފެންނަ އުމުރުން ދުވަސްވީ މީހަކީ ފޮޓޯގްރާފާ ސުއާދު އަބްދުއްސައްތާރު (ޝޫ) ގެ މާމަ، ހައްވަދައިތަ އެވެ. ހައްވަ ދައިތަގެ ވަރަށް ލޯބި ފޮޓޯތައް ޝޫ އަބަދު ވެސް ނަގައި އުޅެ އެވެ. މި ފޮޓޯތަކުގެ ތެރެއިން އެންމެފަހުން އޭނާ ނެގި ހައްވަދައިތަގެ ފޮޓޯއެއް، އެންމެ 16 އަހަރުގެ އާޓިސްޓަކު ކުލަ ފަންސޫރުން ކުރާހާލައި، ހުނަރު ދައްކާލުމުން މިހާރު ވަނީ ހާއްސަ ސަމާލުކަމެއް ލިބިފަ އެވެ. އެ އާޓިސްޓަކީ ހުސެއިން އާއިޝް އަޝްރަފް އެވެ.

އާއިޝް ކުރެހި ހައްވަދައިތަގެ ތަސްވީރު.-- ފޮޓޯ: ޝުއާދު އަބްދުސައްތާރު (ޝޫ)

އާއިޝް، ހައްވަދައިތަގެ ތަސްވީރު ކުރެހީ އޭނާގެ ސްކޫލް ޕްރޮޖެކްޓަކަށެވެ. މި ތަސްވީރުގެ ކުރިން ވެސް އޭނާ ވަނީ އެހެން ބައެއް މީހުންގެ ޕޯޓްރެއިޓްތައް ކުރަހައިފަ އެވެ.

ވަރަށް ކުޑައިރުއްސުރެއް ކުރެހުމަށް އޭނާގެ ޝައުގުވެރިކަން ހުރެ އެވެ. އާއިޝްގެ ބައްޕަ އަކީ ވެސް ކުރަހާ މީހަކަށް ވާތީ، މިކަމަށް ލޯބި ޖެހުނީ އެވެ. އާއިޝްއަށް ލިބޭ ހުސް ވަގުތުގެ ބޭނުން އޭނާ ހިފަނީ ވެސް އެއްޗެއް ކުރަހާށެވެ. އެންމެ ގިނައިން ކުރަހަނީ ފަންސޫރާއި ފަންސޫރު ކުލައިންނެވެ. އިތުރު އެހެން ދެ މީޑިއަމްއެއް ކަމަށްވާ ފެންކުލަ އާއި ތެޔޮކުލައިން ވެސް އޭނާ ކުރަހަ އެވެ.

ހައްވަދައިތަގެ ތަސްވީރު ކުރަހަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ހުސެއިން އާއިޝް އަޝްރަފް
ހައްވަދައިތަގެ ތަސްވީރު ކުރަހަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ހުސެއިން އާއިޝް އަޝްރަފް

ހައްވަދައިތަގެ މި ތަސްވީރު ކުރަހާ ނިންމާލީ ތިން ދުވަހުންނެވެ.

"ފުރަތަމަ ފަންސޫރުން އައުޓްލައިން ސްކެޗް ކުރީ. ވަރަށް ބަލައިގެން ހުރިހާ އޭންގަލްއަކުން އަސްލު ފޮޓޯއާ ވީހާ ވެސް ބޮޑަށް ދިމާވާނެ ގޮތަށް ކުރަހަމުން ދިޔައީ. އެންމެ ފުރަތަމަ ކުލަ ޖައްސަން ފެށީ ދެ ލޮލުގައި،" ބޭނުންވި ގޮތަށް ކުރަހާ ނިންމާލެވުނު ކަމަށް އާއިޝް ބުންޏެވެ.

ހައްވަދައިތަ އާއިޝްގެ ކުރެހުން ހިފައިގެން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ޝުއާދު އަބްދުސައްތާރު (ޝޫ)

އާއިޝްގެ މި ކުރެހުން ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމުން، ދިވެހި އާޓިސްޓް ކޮމިނިއުޓީގެ ފަރާތުންނާއި އާންމުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބެއް މި އުއްމީދީ އާޓިސްޓަށް ލިބުނެވެ. ހައްވަދައިތަގެ ފޮޓޯއާ އާއިޝްގެ ކުރެހުން ވަރަށް ވައްތަރެވެ. މިއީ ހުނަރެވެ.

މި ކުރެހުން ނިންމައި، އާއިޝް ހައްވަދައިތައާ ބައްދަލު ވެސް ކުރި އެވެ.

އާއިޝްގެ ޕޯޓްރެއިޓް ކުރެހުމެއް.-- ފޮޓޯ: ހުސެއިން އާއިޝް އަޝްރަފް

އާއިޝް އެންމެ ކުރަހާ ހިތް ވަނީ ވެސް ޕޯޓްރެއިޓެވެ. ކުރިން ކުރެހި ޕޯޓްރެއިޓްތަކުގެ ތެރެއިން އޭނާއަށް ދެން އެންމެ ކަމުދަނީ އެމެރިކާގެ މަޝްހޫރު އެކްޓަރު މޯގަން ފްރީމަންގެ ކުރެހުމެކެވެ. މި ވެސް ވަރަށް ފުރިހަމަ މަސައްކަތެކެވެ. އޭނާ މި ޕޯޓްރެއިޓް ނިންމާލީ އެންމެ ރެޔަކުންނެވެ.

View this post on Instagram

A post shared by 🐍 (@_aaish.____)

ކެންވަސްތަކުގައި ތަފާތު، ރީތި ގުދުރަތީ މަންޒަރުތައް ވެސް އާއިޝް ކުރަހަ އެވެ. އެމެރިކާގެ ކުރީގެ މަޝްހޫރު ކުރެހުންތެރިޔާ ބޮބް ރޮސް އަކީ އޭނާ މިސާލެއްގެ ގޮތުގައި ބަލާ އެއް ޝަހުސިއްޔަތެވެ. ބޮބް ރޮސް އަކީ ވަރަށް ރީތި ގުދުރަތީ މަންޒަރުތައް ކުރެހި، ކުޅަދާނަ އާޓިސްޓެކެވެ.

ބޮބް ރޮސްގެ ޓިއުޓޯރިއަލް ބަލައިގެން އާއިޝް ކުރެހި ކުރެހުމެއް.-- ފޮޓޯ: ހުސެއިން އާއިޝް އަޝްރަފް
ބޮބް ރޮސްގެ ޓިއުޓޯރިއަލް ބަލައިގެން އާއިޝް ކުރެހި ކުރެހުމެއް.-- ފޮޓޯ: ހުސެއިން އާއިޝް އަޝްރަފް

"ބޮބް ރޮސްގެ ޓިއުޓޯރިއަލްސް ބަލައިގެން ހުންނާނެ ސީނަރީތައް ކުރަހައިފައި. އެކަމަކު ބޭނުންވާ ގިނަ މެޓީރިއަލްގެ މާލެއިން ނުލިބޭތީ ވަރަށް މަދު އެއްޗެއް ކުރެހެނީ،" އާއިޝް ބުންޏެވެ.

އާއީޝްގެ އެންމެ ބޮޑު އުއްމީދަކީ ދެން އެންމެ އަވަހަށް ބާއްވާ، ދިވެހި އާޓިސްޓުންގެ އެންމެ ބޮޑު އާޓް އެގްޒިބިޝަން ކަމަށްވާ އަންވެއިލިން ވިޝަންސްގައި އޭނާގެ ކުރެހުމެއް ބައިވެރިކުރުމެވެ. އަދި މަޝްހޫރު އާޓިސްޓަކަށް ވުމެވެ.

"ކޮންމެ ކުއްޖަކު ވެސް ވަގުތު ދީގެން، ޝައުގުވެރިކަން ހުރެގެން ކޮށްފިއްޔާ މިއީ ކުރެވޭނެ ކަމެއް،" އާއިޝް ބުންޏެވެ.

އަންހެނުން ކުޑަކުދިން ފޮޓޯގްރަފީ އާޓިސްޓް

Popular