28 Mar 2021

By: Ifraz Ali

ކޮވިޑްއާ އެކު ދިގުލައިގެން ދިޔަ ފުރަބަންދުގައި ރަށަށް ނުދެވި ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ތާށިވެފައި ހުރުމަށް ފަހު މުހައްމަދު އަލީ (މޯޑެކްސް) އޭނާގެ އުފަން ރަށް، ނ. މާފަރަށް ދިޔައީ މިދިޔަ މަހު އެވެ. ސާޅީސް ދުވަހުގެ ބޮޑު ޗުއްޓީއަކަށް މިފަހަރު ރަށަށް ދިޔައީ ވެސް ރަށް ޕްރޮމޯޓްކުރަން ކޮންމެވެސް ކަހަލަ ތަފާތު ކަމެއް ކުރަން ހިތުލައިގެންނެވެ. ފްރީ ޑައިވްކުރުމާއި މޫދުއަޑީގެ ފޮޓޯނެގުމަކީ އޭނާގެ އެންމެ ހާއްސަ ކަންކަމެވެ. މޯޑްގެ ވާހަކަ "ދޯ" އިން ކުރިން ގެނެސްދިނީމެވެ.

ފޮޓޯ: މުހައްމަދު އަލީ (މޯޑެކްސް)

މާފަރުގެ މޫދުއަޑީގައި މިހާރު ބަހައްޓައިފައި ހުރި "ވިޒިޓް މާފަރު" އުނދޯންޏަކީ އެ ހިޔާލުތަކުގެ ތެރެއިން އޭނާއަށް އެންމެ ސަޅި ކަމަށް ފެނުނު މަސައްކަތެވެ.

"މި އައިޑިއާ ލިބިގެން ރައްޓެހިން ގާތުގައި އެ ވާހަކަދެއްކީމަ، އެކަކު ބުނީ ރާއްޖެއިން ބޭރުގައި ވެސް ބައެއް ތަންތަނުގައި މި ކޮންސެޕްޓަށް އެއްޗެހި ހަދައިފައި ހުންނަ ކަމަށް. ދެން އެ އެއްޗެހި ބަލައިގެން އިންސްޕަޔާވެފައި މި ހުރީ،" މޯޑް ބުންޏެވެ.

ފޮޓޯ: މުހައްމަދު އަލީ (މޯޑެކްސް)
ފޮޓޯ: މުހައްމަދު އަލީ (މޯޑެކްސް)

މޯޑްއާ އެކު މި މަސައްކަތުގައި އިތުރު 8 ވަރަކަށް މީހުން ބައިވެރިވި އެވެ.

ބޮޑު ފަޅެއް އޮންނަ މާފަރުގެ މޫދުއަޑީގައި މި ދަގަނޑު އުނދޯލި ބެހެއްޓީ ރަށަށް ދަތުރުކުރާ މީހުން ފޫހިފިލުވައިލަން ގޮސް، ފޮޓޯ ނަގާނެ ރީތި، ތަފާތު ސްޕޮޓެއް ހެދުމުގެ މަގުސަދުގަ އެވެ. ރަށުން ފުރައިގެން ޑިންގީއެއްގައި 15 ވަރަކަށް މިނެޓުން އެ ހިސާބަށް ދެވެ އެވެ.

View this post on Instagram

A post shared by Mohamed Ali (@mod3yx)

ހުސް ދަގަނޑު ހޮޅި ބޭނުންކޮށްގެން ފަރުމާކުރި މި އުނދޯލީގެ އުސްމިނުގައި 8 ފޫޓު އަދި ހުރަހަށް 6 ވަރަކަށް ފޫޓު ހުރެ އެވެ.

ފޮޓޯ: މުހައްމަދު އަލީ (މޯޑެކްސް)

"އެ ދުވަހު މެންދުރު ގޮސް، ހަވީރަށް ނިމިއްޖެ އުނދޯލި ހަރުކޮށް. ރެޑީވެގެން ދިޔައީ، ބޮއެ ޖަހައިގެން އޭތި މަޑުމަޑުން ތިރިކުރީ،" މިއީ ފަސް ވަރަކަށް ދުވަހުގެ މަސައްކަތެއް ކަމަށް މޯޑް ބުންޏެވެ.

"ވަރަށް ބޮޑު ޓީމް އެފަޓެއް މިއީ. ބޭބެމެންނާއި ބައެއް ރައްޓެހިން މިކަމުގައި އުޅުނީ. އެންމެން ވެސް ފުޅި ނާޅަ، ހަމަ ފްރީޑައިވް ކޮށްގެން މޫދުއަޑީގައި މި ހަރުކުރީ."

ފޮޓޯ: މުހައްމަދު އަލީ (މޯޑެކްސް)
ފޮޓޯ: މުހައްމަދު އަލީ (މޯޑެކްސް)

މި އުނދޯލި ކައިރީގައި މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފެތިފައި އޮންނަ ބޯޓެއް ވެސް އޮވެ އެވެ. މޯޑު ބުނީ ފަރާ ކައިރީގައި އޮންނަ އެ ސަރަހައްދުގެ މޫދުއަޑި ވަރަށް ސާފުވާނެ ކަމަށެވެ. އަދި މި އުނދޯލީގައި ފޮޓޯ ނަގަން ދާ މިހުން ފެތިފައި އޮތް ބޯޓު ކައިރި ގޮސްލަން ވެސް ރަނގަޅު ވާނެ އެވެ.

"މިކަމުގައި އުޅުނު އަހަރެންގެ ހުރިހާ ރައްޓެހިންނާއި ފެމެލީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ރަށަށް ދާ ކޮންމެ މީހަކު ވެސް މިތަަނަށް ގޮސް ފޮޓޯއެއް ނަގައިފައި ޝެއާކުރާނެ ކަމަށް ހީކުރަން،" އޭނާ ބުންޏެވެ.

މި ކަހަލަ ތަފާތު އެހެން އެއްޗެހި އަދި ކުރިއަށް އޮތް ތަނުގައި ވެސް ހަދަން ވިސްނާ ކަމަށް މޯޑް ބުންޏެވެ.

ޗުއްޓީ ދުވަސްވަރު ޒުވާނުން ނ. މާފަރު

Popular