9 Jun 2021

By: Ahmed Jaishan

ބޭރު ގައުމެއްގެ ކުންފުންޏަކުން ރާއްޖޭގެ ސަގާފީ ފޭލީ "ވަގަށް" ނަގައިގެން އުޅުނު މައްސަލަ މިއަދު އޮތީ ވަރަށް ހޫނުވެފަ އެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ނުރުހުން ކުންފުންޏަށް ރައްދުވަމުން ދަނިކޮށް އެންމެ ފަހުން އެ މީހުން ވަނީ އެ ހުރިހާ ކަމަކަށް މާފަށް އެދިފަ އެވެ.

ގްރީސްގެ ފެޝަން ކުންފުންޏެއް ކަމަށްވާ "ބްލުއާ" އިން އެ މީހުންގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި ދިވެހި ފޭލި މާކެޓުކޮށްގެން ވިއްކަމުންދާކަން ވަނީ ދާދި ފަހުން ހާމަވެފަ އެވެ. އެކަމު އެ ފަރާތްތަކުން ފޭލި ވިއްކަމުން ދިޔައީ ރާއްޖޭގެ އެއްވެސް ނަމެއް ހިމެނުމެއް ނެތި އަމިއްލަ އުފެއްދުމެއްގެ ގޮތުގަ އެވެ.

އެ ކުންފުނިން ،ހުދުކުލަ އާއި ކަޅުކުލައިގެ ފޭލި ވިއްކަމުން ދިޔައީ އާދައިގެ "ސެރޯންގް" ކެޓަގަރީގަ އެވެ. އެ މީހުންގެ ވެބްސައިޓްގައި ހުދު ފޭލި މާކެޓުކޮށްފައިވަނީ "އާރިއާ ސެރޯންގް" ގޮތުގަ އެވެ.

އެކަމާ ގުޅިގެން ދިވެހީންގެ ރުޅިގަނޑު އޮތީ މުޅި ސޯޝަލް މީޑިއާގައި ބަންޑުންކޮށްލާފަ އެވެ. އަދި ބްލުއާ އިން އެކަމުގައި މާފަށް އެދުމަށް އެތައް ބަޔަކު ގޮވައިލި އެވެ.

View this post on Instagram

A post shared by BLOEUR (@bloeur)

އެންމެފަހުން މާފަށް އެދި ކޮށްފައިވާ ޕޯސްޓްގައި އެ ކުންފުނިން ބުނެފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރި "އިންޓަނޭޝަނަލް ޗައިލްޑްސް ޑޭ" އެ ކުންފުންޏަށް ވަރަށް ހާއްސަ ކަމަށެވެ. އެކަން ފާހަގަކުރުމުގެ ގޮތުން މާބަނޑު މީހަކާ އެކު ވަރަށް ހާއްސަ ފޮޓޯއެއް ނަގާފައިވާއިރު އެ ފޮޓޯގައި އިން އަންހެން މީހާ އަނދެގެން ހުރި ފޭލީގެ ހާއްސަކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ފޮޓޯ ޕޯސްޓުކުރި އިރު ފޭއްޔާ ގުޅޭ މާބޮޑު މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އޭގެ ފަހުން ރާއްޖޭގެ ނެޝަނަލް ހެންޑިކްރާފް އެސޯސިއޭޝަނުން އެ ކުންފުންޏަށް ފޭލީގެ ވާހަކަ ކިޔައިދީފައިވާ ކަމަށް ބުންޏެވެ.

"ދިވެހި ފޭއްޔަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި ވަރަށް ގިނަ ދުވަސްވަންދެއް ބޭނުންކޮށްފައިވާ އެއްޗެއް ކަމަށް މައުލޫމާތު ލިބުނު. އަދި ގާތްގަނޑަކަށް 1340ގެ އަހަރުތަކާ ހަމައަށް އޭގެ ތާރީހު ދެމިގެންދާ ކަމަށް ވެސް މައުލޫމާތު ލިބުނު. ފޭއްޔަކީ އަންހެނުންގެ އިތުރުން ފިރިހެނުން ވެސް އަންނަ އެއްޗެއްކަން މިހާރު އެނގޭ،" އެ ކުންފުނިން ކުރި ޕޯސްޓުގައި ބުންޏެވެ.

އެހެންވެ ފޭއްޔަކީ އަމިއްލަ އެއްޗެއްގެ ގޮތުގައި މާކެޓް ކުރެވުމަކީ ގޯހެއް ކަމަށާއި އެހެންވެ އެކަމާ މާފަށް އެދޭ ކަމަށް ބުނެ މިހާރު ވަނީ އެ މީހުންގެ ވެބްސައިޓުން ފޭލިތައް ވެސް ނަގައިފަ އެވެ.

ސަގާފަތް ގްރީސް އާދަކާދަ

Popular