19 Jun 2021

ފޯނުގައި ފޮޓޯއަށް ވުރެ ސްކްރީންޝޮޓް ގިނަ ދޯ؟

ފޯނުގައި ފޮޓޯއަށް ވުރެ ސްކްރީންޝޮޓް ގިނަ ދޯ؟

ފޮޓޯއެއް ނަގަން ބަލާއިރު މެމަރީ ފުލްވެފަ އެވެ. އެކަމަކު ޖާގައެއް ހަދަން ޑިލީޓްކޮށްލެވޭނެ އެއްޗެއް ނެތެވެ. އެކަމަކު ކޮންމެ މީހެއްގެ ފޯނުގައި ގިނަވާނީ ފޮޓޯއެއް ނޫނެވެ. އެކި އެއްޗެހީގެ ސްކްރީންޝޮޓެވެ. ބައެއް މީހުން ބުނާ ގޮތުގައި މީހެއްގެ މިޒާޖާއި ހަގީގަތް އެންމެ ރަނގަޅަށް އެނގޭނެ އެއް ގޮތަކީ ފޯނުގެ ގެލެރީގައި އެއްކޮށްފައި ހުންނަ ސްކްރީންޝޮޓުތައް ބެލުމެވެ. އެ ވާހަކަ ބާއްވާށެވެ.

ގެލެރީ ފުރޭ ވަރަށް ސްކްރީންޝޮޓުތަށް ނަގަނީ ކީއްވެތޯ އަހަރެމެން އެކި މީސްމީހުން ގާތު އެހީމެވެ. ލިބުނު ޖަވާބުތަކުން އެންމެ ގިނައިން ލިބުނު ޖަވާބުތައް މި ލިސްޓުކޮށްލަނީ އެވެ.

އެހެން މީހުންގެ ހިޔާލާއި އިންސްޕިރޭޝަން

ރީތިކޮށް ހަދާފައި ހުންނަ ބެލްކަނިތަކާއި ޓެރަސް އަދި ކޮޓަރި އާއި ސިޓިން ރޫމު ރީތިކުރާނެ ގޮތްތަކުގެ ހިޔާލުތައް ފޯނުން ފުރިގެން ބަންޑުންވާއިރު ވެސް އުޅޭ ތަން އޮންނާނީ ހަމަ އޮންނަ ގޮތަށެވެ. އައިޑިއާތައް ފެންނަލެއް ގިނަވެފައި އެއް ފަހަރު ފެންނަ އެއްޗަކަށްވުރެ ދެން ފެންނަ ފޮޓޯ ރީތިވާތީ، ވަނީ ސްކްރީންޝޮޓް ނަގާހާ އެވެ.

ދެން އެންމެ ގިނައީ ހެދުން ޑިޒައިންތަކާއި ކައްކާ ރެސިޕީތަކެވެ. ކުޅުދިޔާވާ ވަަރުގެ އެކި ކަހަލަ ކެއުންގަނޑު ކައްކާލާނަމޭ ހިތަށް އަރުވައިގެން ރެސިޕީގެ ސްކްރީންޝޮޓެއް ނަގާފައިވާ ބައިންދަނީ އެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ ޕާޓީއަކަށް ލާނީ އެ ޑިޒައިންގެ ހެދުމެކޭ ކިޔާފައި އަވަހަށް އޭގެ ސްކްރީންޝޮޓު ވެސް ރައްކާކޮށްލަނީ އެވެ.

މީހުން ދައްކާ ވާހަކަ ތަކުގެ ހެކި

މީ އެންމެ މުހިންމު ކަންތަކެވެ. މިޒަމާނުގައި މީހުންނަށް އިތުބާރުކުރުން ވެފައި ވަނީ ބޮޑު ކުޅިވަރަކަށެވެ. އެހެންވެ މައްސަލަ ޖެހޭއިރު ރައްޓެހިންނަށް ދައްކާލުމުގެ ބޭނުމުގައި، ފަހުން ދައްކާލަން ބާއްވާ ހެއްކެއްގެ ގޮތުގައި ފޮރުވާފައި ހުރި ޗެޓްލޮގްތައް ވެސް ބައިވަރެވެ.

ރިސިޓް، ޓްރާންސްފާ ސްލިޕް

އޮންލައިންކޮށް އެއްޗެހި ގަތުމާއި މީހުންނަށް ފައިސާ ފޮނުވުން ފަދަ ކަންކަމުގައި އެންމެ އާންމު އެއް ގޮތަކީ މިހާރު ޑިޖިޓަލްކޮށް އެކަން ކުރުމެވެ. ފައިސާ ޓްރާންސްފާ ކޮށްފައި، އެ ފައިސާ ދެއްކި ކަމެއް ހަމަޖެހި ނިމެންދެން ފޯނުގައި ބާއްވާލާ ރިސީޓްތައް ޑިލީޓްކޮށްލަން ފަހުން ހަނދާނެއް ނުހުރެ އެވެ. އެއީ ވެސް ގެލެރީއަށް ޖަމާވާ ކުންޏަކަށް އޮތީ ވެފަ އެވެ.

މީމްތައް ވެސް ބައިވަރު

އެކި ގްރޫޕްތަކަށް، އެކަމާ އެންމެ ގުޅޭ ވަގުތެއްގައި ފޮނުވާލަން ސްކްރީންޝޮޓް ހަދާފައިވާ ސޭވްކޮށްލާ މީމްތައް ވެސް ފޯނުގައި ވަރަށް ގިނައިން ގެންގުޅޭ މީހުން އުޅެ އެވެ. މީގެ މީހެއްގެ އަތުގައި ކޮންމެ މައުލޫއަކާ ގުޅޭ މީމް ވެސް ހުންނާނެ އެވެ.

މޮބައިލް ފޯން ސޯޝަލް މީޑިއާ

Popular