By: Ahmed Jaishan
ސްކޫލް ދުވަސްވަރު ގިނަ ކުދިން ތިބެނީ އެކި ގްރޫޕުތަކަށް ބެހިފަ އެވެ. އެ ގްރޫޕުތަކަކީ ގިނަ ފަހަރަށް ކިޔަވާ ނިމޭއިރު ވެސް އެކީގައި ތިބޭ ގްރޫޕުތަކެވެ. އޭގެތެރޭގައި ވެސް އެންމެ ވަރުގަދަ އެއް ގްރޫޕަކީ ސްކޫލުގައި ކޮންމެ ކުއްޖެއް އިންނަ ބެންޗުގައި ތިބޭ ކުދިންނެވެ. ބެންޗު ޕާޓްނަރުންނެވެ. މި މީހުން ގިނަ ފަހަރަށް އުޅެނީ ސްކޫލު ނިމެންދެން އެކީގައި އެވެ. އެކަމަކު އެ އެކުވެރިން މިހާރު ކޮބައިހެއްޔެވެ؟
އާންމުކޮށް ސްކޫލު ދުވަސްވަރުގައި، ހާއްސަކޮށް ޕްރައިމަރީ އަދި ސެކަންޑަރީ ކިޔެވި އިރު ޓީޗަރުން ތިބޭނީ ހުރިހާ ދަރިވަރުން ތިބެން ވަކި ތަނެއް ކަނޑައަޅައިފަ އެވެ. އިންނަ ތަން ބަދަލުކުރާނީ ކޮންމެވެސް ސަރަކާތެއް ޖަހައިގެން މައްސަލަ ގޯސްވެއްޖެ ނަމަ އެވެ. އެކަމަކު މިހެން ގިނަ ދުވަހު ތިބެންޖެހުމުން އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް އުފެދިފަ އެވެ.
މިގޮތަށް އުފެދޭ ބެންޗު ޕާޓްނަރުންނަކީ ހުރިހާ ކަމެއްގައި ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ގަދަ ގްރޫޕެކެވެ.
ބައެއް ކުދިންނަކީ ގްރޭޑް 1 އިން ފެށިގެން 10 ނިމެންދެން މިހެން ތިބުމުގެ ފުރުސަތު ލިބުނު މީހުންނެވެ. އެހާ ގިނަ ދުވަސް ވަންދެއް އެހާ ގާތްކޮށް އުޅޭތީ ސްކޫލުން ބޭރުގައި ވެސް ގުޅުން ވަރުގަދަ އެވެ.
އެކަމަކު ސްކޫލު ނިންމުމަށް ފަހު ގިނަ ފަހަރަށް ބެންޗު ޕާޓްނަރުން ވަކިވެ އެވެ. އެކި ތަންތަނަށް ކިޔަވަން ނުވަތަ ވަޒީފާއަށް ދިއުމާއި އެކި ސަބަބުތަކާ ހެދި އެވެ.
ބައެއް މީހުން މިގޮތަށް އުފެދުނު ގާތްތަކުގައި އަދިވެސް އެބަ އުޅެ އެވެ. އެކަމަކު އަނެއް ބަޔަކަށް އެ މީހުންގެ ބެންޗު ޕާޓްނަރުން ވީތަނެއް ނޭނގެ އެވެ. ސޯޝަލް މީޑިއާ އިން ފެނި ހައި ޖަހާލައި އެއްޗަކަށް ލައިކެއް ދިނަސް އަސްލު ގުޅުމެއް ނެތެވެ.
ތި އެންމެންގެ ތެރެއިން އެއް އިރެއްގައި ބެންޗް ޕާޓްނަރުންގެ ގޮތުގައި ތިބި މީހުން މިހާރު ކޮބައިހެއްޔެވެ؟ އެމީހުންނާ މިހާރުވެސް އެހާ ގާތް ހެއްޔެވެ؟