2 Aug 2021

ފާސްޓް ފެޝަންގެ ބަތާނަ ވަރަށް މުޑުދާރު!

By: Ahmed Jaishan

މި ފަހަކަށް އައިސް މުޅި އިންޓަނެޓްގައި ދެކެވެނީ ފާސްޓް ފެޝަންގެ ވާހަކަ އެވެ. ޝެއިން އާއި ޒާރާ ފަދަ ބޮޑެތި ބްރޭންޑުތަކުން ދިވެހިން ބަލްކްކޮށް އެއްޗެހި ގަންނަ ދުވަސްވަރެއްގައި މިއީ ވަރަށް މުހިއްމު މައުލޫއެކެވެ. އެތިކަލްކޮށް ހެދުން ގަތުމަށް ފާސްޓް ފެޝަން ދެނެގަންނަން ވަރަށް މުހިއްމެވެ. އެހެން ނޫނީ އެތައް ބައެއްގެ ހައްގުތައް ނިގުޅައިގަނެވިދާނެ އެވެ.

ފާސްޓް ފެޝަން އަކީ ދަށް ކޮލިޓީގައި، ގިނަ އަދަދަކަށް ހެދުން އުފައްދައި ގަނޑުކޮށް ވިއްކާލުމެވެ.

.

ފާސްޓް ފެޝަންގެ މަގްސަދަކީ ވީހާ ވެސް ގިނަ އަދަދަކަށް، ދަށް ކޮލިޓީގައި އަންނައުނު ވިއްކުމެވެ. ފާސްޓް ފެޝަންގެ ގޮތުގައި ކޮންމެ އަަހަރަކު 80 ބިލިއަނަށްވުރެ ގިނަ ހެދުމާއި އަންނައުނު ހަދަ އެވެ. އެއީ އިންސާނުންގެ އާބާދީއަށް ބަލާ ނަމަ ކޮންމެ މީހަކަށް އަހަރެއްގެ މައްޗަށް 10 އަށް ވުރެ ގިނަ ހެދުމެވެ.

ގިނަ އަދަދަކަށް ހެދުން އުފެއްދުމުން ފެޝަން ޓްރެންޑުތައް އެހާ އަވަހަށް ބަދަލުވެ އެވެ. އަދި އެކަމުގެ ސަބަބުން ޖެހެނީ އަބަދު އާ ހެދުން ގަންނާށެވެ.

.

މިއީ ރަނގަޅު ގޮތެއް ނޫން!

ފާސްޓް ފެޝަންގެ މައިގަނޑު ގޯލަކީ ހެޔޮ އަގުގައި ގިނަ އަދަދަކަށް ހެދުންތައް ވިއްކާލުމެވެ. މާސް ޕްރޮޑިއުސްކޮށް ހެދުން އެއްޗެހި ވިއްކާއިރު އެ ހަދަނީ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނޫނެވެ.

ކޮންމެ އަހަރަކު ގިނަ އަދަދަކަށް ކުނީގެ ގޮތުގައި ހެދުން އުކާލެވެ އެވެ. ހެދުން އުފެއްދުމަށް ބޭނުންވާ މެޓީރިއަލްތައް ނައްތާލުމަށް ގާތްގަނޑަށް 200 އަހަރު ވެ އެވެ. އެކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެ އެވެ.

.

އެހާ ހިސާބުން މައްސަލަ ނިމުނީ އެއް ނޫނެވެ. ފާސްޓް ފެޝަނަކީ އިންސާނީ ހައްގުތަކާ ވެސް ގުޅިފައިވާ ކަމެކެވެ. ދުނިޔޭގެ ބޮޑެތި ފެޝަން އައުޓްލެޓް ކަމަށްވާ "އެޗް އެންޑް އެމް" އާއި "ޒާރާ"ގެ ފެކްޓްރީތަކަކީ ގިނަ ފަހަރަށް، ފަގީރު ގައުމުތަކުގައި ހުންނަ ފެކްޓްރީތަކެވެ. އެއާ އެކު ކުޑަ މުސާރަ ދީފައި މުވައްޒަފުން މަސައްކަތް ކުރުވޭނެ ގޮތްތައް އެ ކުންފުނިތަކަށް ހެދެ އެވެ. އަދި ގިނަ ފަހަރަށް މުވައްޒަފުން މަސައްކަތްކުރާ ތަނުގެ ހާލަތު ވެސް ގޯސްވެ ނުރައްކާތެރި އެވެ.

މާސް ޕްރޮޑިއުސްކޮށް ގާމެންޓް އެއްޗެހި ހަދާއިރު އެކަމުގެ ސަބަބުން އެތައް ވިހައެއް ބޭރުވެ އެވެ. އެ ވިހަތައް ބޭރުވަނީ އާންމުކޮށް މި މަސައްކަތް ކުރާ މީހުން ދިރިއުޅޭ ހިސާބަށެވެ. އެކަމުގެ ސަބަބުން އެމީހުންނަށް ސިއްހީ ގޮތުން ގެއްލުންތައް ވެ އެވެ.

މިހެން ދައްކާނެ ކިތަންމެ ވާހަކައެއް ފާސްޓް ފެޝަނާ ބެހޭ ގޮތުން އެބަ ހުއްޓެވެ. މިއީ ބަތާނަ މުޑުދާރު ކަމެކެވެ.

ހިއުމަން ރައިޓްސް ފެޝަން

Popular