By: Ahmed Jaishan
މަރިޔަމް ސަމާ މިދިޔަ އަހަރުގެ ޖޫން މަހު، އެއް ދުވަހަކު ހަމަ ހުރެލާފައި ހިތަށް އެރީ އޭނާގެ ބަރުދަން ބަލައިލާށެވެ. ކުރިން ހުރި ވަރަށް ވުރެ ބަރުކަން އޭރުވެސް އެނގެ އެވެ. ބަރުދަން ބެލި އިރު 81 ކިލޯ ހުއްޓެވެ. މިއީ އޭނާގެ ބަރުދަން އޭގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗެވެ.
ބަރުދަން ލުއިކޮށްލަން އެ ހިސާބުން މަސައްކަތް ފެށުނީ އެވެ. އެކަން ނުވާނެ ކަމަށް ބުނި އެތައް ބަޔަކަށް ރައްދު ދީ މިހާތަނަށް 25.5 ކިލޯ ލުއިކޮށްލައިފި އެވެ.
ލަންކާގައި ދިރިއުޅޭ ސަމާގެ ކޮންމެ ދުވަހެއްގެ ޝެޑިއުލްގައި ވެސް ސިއްހީ ރަނގަޅު އާދަތަށް މިހާރު ހިމެނެ އެވެ. އެކަމަކު އެއީ ކުރިން އޭނާ އަށް ވެސް އެހާ ފަސޭހަ ކަންކަމެއް ނޫނެވެ.
އުމުރުން 29 އަހަރުގައި އަމިއްލަ ވިޔަފާރި އެއް ހިންގަމުން އޭނާގެ ދެ ދަރިން ބަލަމުން އަމިއްލަ ސިއްހަތަށް ވަގުތު ދިނުމަކީ ކުރިން އެހާ ފަސޭހަ ކަމެއް ނޫނަސް އެކަމަށް ފަރިތަވެ މިހާރު އެއީ ދިރިއުޅުމުގެ ބަޔަކަށް ހަދައިފި އެވެ.
"ކުރިން އެހާ ބޮޑަށް ސިއްހަތަށް ބަލައެއް ނޫޅެން. ހަމަ އަބަދު ފެނުން އެއްޗެއް ކަނީ. ދެން ފުޑީއެއް ވީމަ އެކި ކަހަލަ އެއްޗެހި ކައި އުޅުމަށް ވަރަށް ޝައުގުވެރިކަން ހުރި،" ސަމާ ކިޔައިދިނެވެ.
ޖަންކް ފުޑްގެ ދުނިޔެއިން ނުކުމެވުމުގެ ކުރިން އޭނާ ބަރުދަނާ މެދު ހިތް ހަމަ ނުޖެހިގެން ބަރުދަން ލުއިކުރަން އެތައް ފަހަރަކު މަސައްކަތްކުރި އެވެ.
"ގިނަ ބަޔަކަށް ހީވާ ކަމެއް އެއީ، ބަރުދަން ލުއިކުރާ މީހުންނަކީ ހަމަ އެއް ފަހަރުގެ މަތިން ފަށައި އެކަން ކާމިޔާބުކުރާ މީހުން ކަމަށް. އަޅުގަނޑު މީގެ ކުރީން ވެސް ބަރުދަން ލުއިކޮށް ހިކެން ވެގެން ކަސްރަތު ކުރަން ފެށިން. އެކަމު ހަމަ އެކި ފަހަރުމަތިން ހުއްޓާލާފައި ހުންނާނެ،" ސަމާ ބުންޏެވެ.
ބަރުދަން ލުއިކޮށް ހިކުމާއި ސަމާއާ ދެމެދު އޭރު އޮތީ "ބެކް އެންޑް ފޯތު" ގުޅުމެކެވެ. އެއްވެސް ވަރަކަށް އޭރު ވަކި ޝެޑިއުލެއްގެ މަތިން ކަސްރަތެއް ނުކުރެވެ އެވެ.
ދެން މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ގައި އޭނާ ހަމަ ހުރެލާފައި ބަރުދަން ބަލައިލީ އެވެ. ބަރުދަން 81 ކިލޯގައި ހުރުމުން ޝޮކަކަށްވީ، ސަމާ ބުނި ގޮތުގައި އޭނާގެ ދެ ދަރިންނަށް ބަނޑުބޮޑު އިރު ވެސް އެހާ ބަރުވެފައި ނުވާތީ އެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތް ފެށީ އެހާ ހިސާބުންނެވެ.
އެންމެ ފުރަތަމަ ޑައިޓަށް ބަދަލު ގެނައީ!
ސަމާ ކިޔައިދިން ގޮތުގައި ބަރުދަން ލުއިކޮށް ކަސްރަތު ކުރުމަށް އެންމެ ފުރަތަމަ އެއްވެސް ކަސްރަތެއް ކުރުމުގެ ކުރިން އޭނާ ކުރި ކަމަކީ ޑައިޓަށް ބަދަލު ގެނައުމެވެ. ހަކުރާއި ކާބްސް ހިމެނޭ ކެއުންތައް މަދުކޮށްލި އެވެ.
"ޑައިޓަށް ބަދަލު ގެނެސްގެން 16 ކިލޯ ހިއްކާލިން. އެއަށް ފަހުން އަދި ޖިމަށް ދާން ފެށީ އިތުރަށް ކަސްރަތު ކުރަން،" ސަމާ ކިޔައިދިނެވެ.
ކާބްސް ބޭނުންކުރާ މިންވަރު މަދުކޮށްފައި ޑައިޓަށް އެކި ކަހަލަ ތަރުކާރީ އާއި ފައިބަގެ ބާވަތްތައް އިތުރުކުރީ އެވެ. އޭގެ ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް އެކަމުގެ ސަބަބުން ވާނެ ކަމަށާއި ޑައިޖެޝަން އަށް ފަސޭހަ ވާނެ ކަމަށް ސަމާގެ ތަޖުރިބާކާ އިން އޭނާ ކިޔައިދިނެވެ.
އެ ހުރިހާ ކަމެއް ކޮށްގެން ނަތީޖާ ރަނގަޅުކުރިޔަސް އެ ރޫޓިންގައި ހުންނަން ފަސޭހަ ކަމަކަށް ނުވި އެވެ.
މީހުން ފާޑުކިޔާނެ، މޯޓިވޭޝަން ހޯދަންޖެހޭނީ އަމިއްލަ!
ހިކެން ބޭނުންވާ ކަމަށާއި ބަރުދަން ލުއިކުރަން ފަށާނެ ކަމަށް ސަމާ އޭނާގެ ގާތް މީހުން ގާތު ބުނުމުން އެންމެ ފުރަތަމަ އައީ ހަމަ އާދައިގެ މަތިން ފާޑުކިޔުމެވެ.
"ބުނާނެ، ނުވާނެއޭ. ތީ ދެ ދުވަހެއްގެ ކަމެކޭ. ވަރަށް ނުލިބޭނެ މޯޓިވޭޝަން އެހެން މީހުންގެ ފަރާތުން. އަލަށް ފަށާ ހުރިހާ އެންމެން ވެސް ހުންނާނީ އެކަހަލަ ބަސްތައް އަޑުއަހާފައި،" ސަމާ ކިޔައިދިނެވެ.
އެހެންވެ ސަމާ މޯޓިވޭޝަން ހޯދީ އަމިއްލައަށެވެ. ޑައިޓު ފަށައި ސިއްހަތަށް ފައިދާހުރި ލައިފްސްޓައިލަކަށް ބަދަލުކުރަން ފެށީ އެވެ.
ސަމާ ބުނި ގޮތުގައި ގިނަ ދުވަސް ދުވަހަކީ ކަސްރަތުކުރުމަށް ވަރަށް އުނދަގޫ ވެސް ވި ދުވަސްތަކެކެވެ. ސިއްހަތަށް ފައިދާއެއް ނެތް ގެއްލުން ލިބޭ އެކި އެއްޗެހި ކާހިތްވާ ދުވަސްތައް އަންނަ ކަމަށް ބުންޏެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް އަމިއްލަ ނަފްސަށް ހަނދާންކޮށްދެނީ ރޫޓީން ހުއްޓާނުލައި ކުރިއަށް ދިޔުމަށެވެ. ފަހުން ގޮސް އެ އާދަތަކަށް ހޭނުނީ އެވެ.
ބިޒީކަމުގެ ތެރެއިން ވެސް ސިއްހަތަށް ވަގުތު ދީ!
ސަމާ ބުނި ގޮތުގައި އޭނާ އަކީ އެންމެ ފުރަތަމަ ފުލްޓައިމް މަންމައެކެވެ. ފަސް އަހަރު ނުވާ ދެ ދަރިން ބަލަމުން ވެސް ސިއްހަތަށް ވަގުތު ދެމުން ދެމުން ވެސް އޭނާ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މާކެޓިން ދާއިރާއިން ކިޔަވަމުން އަންނައިރު އެއީ ވެސް ސަމާގެ ކޮންމެ ދުވަހެއްގެ ރޫޓިންގައި ހިމެނޭ ކަމެކެވެ.
ސަމާ ހިންގާ ވިޔަފާރި "ދޮންކަމަނަ އެމްވީ"ގެ ޕޯސްޓެއް
އެއާ އެކު އަދި "ދޮންކަމަނަ އެމްވީ"ގެ ނަމުގައި ސަމާ އަންނަނީ އޮންލައިން ވިޔަފާރިއެއް ވެސް ހިންގަމުންނެވެ. އަންހެނުންނަށް ހާއްސަ ތަފާތު ޕްރޮޑަކްޓްސްއަށް ހިންގާ އެ ވިޔަފާރި އަށް އަބަދުވެސް ވަގުތު ދޭންޖެހެ އެބެ.
"މި ހުރިހާ ކަމެއް ކުރުމުގެ ތެރޭގައި ވެސް ފަސޭހަ ކަމާ އެކު އުޅެވެނީ ދަރިން ވަރަށް ބަސްއަހާތީ. މަސައްކަތް ކުރުމުގައި އުޅޭ ވަގުތު ވެސް އެކަން އެކުދިން ކައިރީ ބުނެލުމުން ކުޅެން އުޅޭ އިރު ވެސް ކުދިން އެއްވެސް ވަރަކަށް އުނދުވާ ކަމެއް ނުކުރާނެ،" ސަމާ ބުންޏެވެ.
ސަމާ އާއި ޓިކްޓޮކްގެ ވާހަކަ
މި ފަހަކަށް އައިސް ސަމާގެ ޓިކްޓޮކްތައް ވަނީ ވަރަށް ބޮޑަށް މަގުބޫލު ވެފަ އެވެ. ގިނަ ބައެއްގެ ތެރޭގައި ސަމާގެ ޓިކްޓޮކްތައް މަގުބޫލުވީ ދާދި ފަހުން އޭނާ އަޕްލޯޑުކުރި ދެ ޓިކްޓޮކަކުންނެވެ. އެ ދެ ޓިކްޓޮކްގައި ފެންނަނީ އާންމުކޮށް ދިވެހިން އެކަކު އަނެކަކާ ދިމާލަށް ބުނެލާ ރަނގަޅުނޫން އެއްޗިއްސެވެ.
"އެ ޓިކްޓޮކްތައް ހަދާފައިވާނީ މީގެކުރީން އެކި މީހުން އަޑުއަހާފައި ހުރި ތަފާތު ވާހަކަތައް އެއްކޮށްލައިގެން މަޖާ ގޮތަކަށް ސީރިއަސް އިޝޫ ދައްކާލުމުގެ ގޮތުން،" ސަމާ ބުންޏެވެ.
އޭގެތެރެގައި މާބަނޑު މީހުންނާ ދިމާވާއިރު މީހުން ބުނާ އެއްޗިއްސާއި އާންމުކޮށް މީހަކާ ދިމާވާއިރު ދައްކާ ވާހަކަތައް ހިމެނެ އެވެ. އޭގެތެރެއިން ބައެއް ކޮމެންޓުތަކަކީ ސަމާ އަމިއްލައަށް ވެސް އަޑުއަހާފައިވާ ކޮމެންޓުތަކެއް ކަމަށް ސަމާ ބުންޏެވެ.
"މި ކޮމެންޓުތައް ބުނާ މީހުންނަށް ވެދާނެ އެއީ ވަރަށް އާދައިގެ ކަމަކަށް. އެކަމު އެ ރައްދުވާ މީހާއަށް މިއީ ވަރަށް ބޮޑު ކޮމެންޓަކަށް ވެދާނެ ކަމަށް ހަނދާން ކުރަން ޖެހޭނެ،" ސަމާ ބުންޏެވެ.
ސަމާ ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އިޖުތިމާއީ މައްސަލަތަކާ ގުޅޭ ޓިކްޓޮކް ފެންނާނެ އެވެ. އަދި އެކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރަނގަޅު ނަތީޖާއެއް ނުކުމެ އެކަންކަމާ ވާހަކަ ދެއްކުމަށް މަގުފަހިވާނެ ސަމާ އުންމީދުކުރެ އެވެ.