By: Ahmed Jaishan
ގްރޭޑު ސްކޫލު ދުވަސްވަރު ކޮންމެ ކްލާހެއްގައި ވެސް އަތު ލިޔުމަށް މޮޅު އެކަމަށް މަޝްހޫރު ކުދިން އުޅެ އެވެ. އެހެން ކުދިންނަށް ވުރެ ރީތިކޮށް ލިޔާތީ ޓީޗަރުންނުގެ ލޯބި މި ކުދިންނަށް ލިބެ އެވެ. ނަމަވެސް ޒަމާން ބަދަލުވެ ހުރިހާ އެއްޗެއް ޓައިޕުކުރަން ޖެހުމުން އެ ކުދިންގެ ހުނަރު ގެއްލިއްޖެ އެވެ.
ސްކޫލުން ނިކުތުމަށް ފަހު މަތީ ތައުލީމަށް ބައެއް ކުދިން ދާއިރު އަނެއްބަޔަކު ވަޒީފާ އަށް ނުކުންނަން ފަށަ އެވެ. މިހާ ހިސާބުން އަތުން ލިޔުން ހުއްޓާލައި ހުރިހާ އެއްޗެއް ވެސް ކޮމްޕިއުޓަރު ބޭނުންކޮށްގެން ޓައިޕްކުރަން ފަށަ އެވެ.
ގްރޭޑް ސްކޫލުގައި އުޅޭ އިރު އާންމުކޮށް ފޮތްތައް މާކު ކުރަން ގެންގޮސް ގެންނައިރު ޓީޗަރުން އެންމެ ގިނައިން ދައްކާނެ އެއް ވާހަކައަކީ ކުދިންގެ އަތުލިޔުމުގެ ވާހަކަ އެވެ. އަދި އިނގިރޭސި އަށް ވުރެ ބޮޑަށް ތާނަ ލިޔުން ރީތިކުރަން އެދޭނެ އެވެ.
"އަހަރެމެން ކިޔެވި އިރު އުޅޭނެ ކްލާހުގައި ތިން ކުއްޖެއް. އެއީ ފިރިހެން ކުއްޖަކާއި ދެ އަންހެން ކުދިން. އެ ތިން ކުދިންގެ އަތު ލިޔުން ވަރަށް ރީތިވާނެ. މިސް ފޮތްތައް ގެންގޮސް ގެންނަ ކޮންމެ ފަހަރަކު އެ ލިޔުން ރީތި ވާހަކަ ދައްކާނެ،" މީގެ ހަ ވަރަކަށް އަހަރު ކުރިން ގްރޭޑް ސްކޫލު ނިންމާލި ޒުވާނަކު ކިޔައިދިނެވެ.
އެކަމަކު އެ ހުރިހާ ސަމާލު ކަމެއް އޮންނަނީ ސްކޫލު ދުވަސްވަރު އެކަންޏެވެ. އެތައް އަހަރެއް ވަންދެއް ރީތިކުރަމުން އައި އަތު ލިޔުން މިހާރު ބޭނުން ކުރާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި އަވަހަށް ޓައިޕް ކުރުން މާ މުހިއްމެވެ.
ސްކޫލުގައި އެންމެ ރީތިކޮށް ލިޔެ އުޅުނު ކުދިންނަށް ވެސް މިހާރު ރީތިކޮށް ލިޔާކަށް ނޭނގެ އެވެ.
"ނޭނގެ އަތުން ލިޔެވުނީ އެންމެ ފަހުން ކޮން ދުވަހަކު ކަމެއް ވެސް. ވަރަށް ގިނަ ދުވަސް ވެދާނެ. ހަމަ ގައިމު ވެސް މިހާރު ނޭނގޭނެ އޭރު ލިޔުނު ގޮތަށް ލިޔާކަށް،" ސްކޫލު ދުވަސްވަރު ރީތިކޮށް ލިޔެ އުޅުނު ޒުވާނަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި މިހާރު އަތުން ލިޔަނީ ކްލާހުގައި ނުވަތަ މީޓިން އެއްގައި ނޯޓް ނަގަންށެވެ. އެހެންވީމަ ލިޔުމުގެ ރީތިކަމަކަށް ނުބަލާ ކަމަށާއި އަމިއްލަ ލިޔާ އެއްޗެހި އެހެން މީހުންނަށް ކިޔަން ވެސް ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ.
މިއީ ހަމަ ގައިމު ވެސް ގިނަ ދިވެހީންނަށް މިއަދު "ރިލޭޓް" ކުރެވޭނެ ކަމެކެވެ. އޭގެ ބައިވަރު މީހުން އެނގޭ ދޯ އެވެ.