10 Oct 2021

ބަޖެޓް ޓްރެވަލިން: ގުރައިދޫ އަށް

By: Ahmed Jaishan

ޖީބަށް ލުއިކޮށް ދަތުރުކުރުމަކީ ހުރިހާ އެންމެން ވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ކުޑަ ޗުއްޓީއެއް ހޭދަކޮށްލަން މާލޭގައި އުޅޭ މީހުންނަށް އެންމެ ހަރަދު ކުޑަކޮށް ދަތުރު ދެވޭނީ އަތޮޅު ތެރޭގެ ރަށްރަށަށެވެ. މާލެއާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ގުރައިދޫ އަކީ ކުޑަކުޑަ "ގެޓްއަވޭ" އަކަށް ވަރަށް ވެސް ހިތްގައިމު ރަށެކެވެ.

ރަށުގެ ކައިރީގައި އޮންނަ ކުޑަކުޑަ ފަޅުރަށުން ފެށިގެން ރަށުގެ ރީތި ކަމަކީ ރަށް ހާއްސަވާ ސަބަބެވެ.

View this post on Instagram

A post shared by Jin (@jenzyben)

ދަތުރު އޮންނަ ގޮތް

މާލެ އަތޮޅަށް ވާތީ، މާލެއިން ގޮސް އަދި އައިސް އުޅުމަށް ވަރަށް ފަސޭހަ އެވެ. ލޯންޗުގައި އެރަށަށް ދާން ބޭނުންވާ މީހުންނަށް ކޮންމެ ދުވަހަކު ދެވޭނެ އިންތިޒާމު އޮވެ އެވެ. އެ ރަށާއި މާލެއާ ދެމެދު ދަތުރު ކުރުމަށް ރަށުގައި ލޯންޗު ފެރީއެއް އޮވެ އެވެ.

ލޯންޗު ފެރީގެ އަގަކީ ކޮޅަކަށް 100ރ. އެވެ.

View this post on Instagram

A post shared by ʀɪᴢᴀᴍ (@rizam.maldives)

ޝެޑިއުލް އޮންނަ ގޮތް

އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހަށް

މާލެއިން ގުރައިދޫ އަށް ދާނީ 1100 އާއި 1630 ގަ އެވެ. އަދި ގުރައިދޫ އިން މާލެ އަށް އަންނާނީ ހެނދުނު 0800 އާއި 1330 ގަ އެވެ.

ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަސް

މާލެއިން ގުރައިދޫ އަށް ދާނީ 1100 އާއި 1500 އަދި 1815 ގަ އެވެ. އަދި ގުރައިދޫ އިން މާލެ އަންނާނީ 0800 އާއި 1330 އާއި 1700 ގަ އެވެ.

ހުކުރު ދުވަސް

މާލެއިން ގުރައިދޫ އަށް ދާނީ 0930 އާއި 1815 ގަ އެވެ. އަދި ގުރައިދޫ އިން މާލެ އަންނާނީ 0800 އާއި 1600 ގަ އެވެ.

ހުންނާނެ ތަނެއް

ގުރައިދޫ އަކީ މި އަތޮޅުގެ އެހެން ރަށްތަކެކޭ އެއްގޮތަށް ގެސްޓް ހައުސްގެ ވިޔަފާރި ހިންގާ ރަށެކެވެ. ކުޑަ ރަށެއް ނަމަވެސް އެ ރަށުގައި 15 އަށް ވުރެ ގިނަ ގެސްޓް ހައުސް އެބަހުއްޓެވެ. ގެސްޓް ހައުސްގެ އަގުތައް އުޅެނީ 400ރ. އިން ފެށިގެން 2،000ރ. އާ ދެމެދުގަ އެވެ. އެހެންވީމާ ބަޖެޓަަށް ފިޓުވާ ގޮތަށް ވެސް ހުންނާނެ ތަނެއް ލިބޭނެ އެވެ.

މިރަށުގައި ކުރެވިދާނެ ކަންތައް

މި ރަށަކީ ވަރަށް ކުޑަ ރަށެކެވެ. އެހެންވީމާ މުޅި ރަށުތެރެ ބަލައިލަން ކޮންމެހެން ސައިކަލެއް އަދި ބައިސްކަލެއް ވެސް ބޭނުމެއް ނުވާނެ އެވެ. ރަށުގެ މަގުތައް ވަރަށް ހަންޏެވެ. އަދި ރަށުގެ މީހުން އެމީހުންގެ ގޭގެ ބޭރުގައި ތަފާތު ގަސްތައް ހައްދާފައި ހުރުމުގެ ސަބަބުން ރަށުގެ ގިނަ މަގުތައް ހީވަނީ ކުޑަވަރެއްގެ ބަގީޗާއެއް ހެނެވެ.

ރަށުތެރެ ބެލުމުގެ އިތުރުން ރަށާ އެއް ފަޅެއްގައި ރަށުގެ ދެކުނު ސަރަހައްދުގައި ކުޑަކުޑަ ރަށެއް އޮވެ އެވެ. މީގެކުރިން ފާލަމެއް އޮތް ނަމަވެސް މިހާރު އެ ރަށަށް ދާން ޖެހޭނީ މޫދުންނެވެ. ނަމަވެސް އެއީ ވަރަށް ކުޑަ ތަންކޮޅެކެވެ. އަދި އިސްކޮޅު އެ ތަނުގައި ހުންނާނެ އެވެ. އެ ކުޑަ ރަށަށް ގޮސް އެކުވެރިންނާ އެކު ކުޑަ ޕިކްނިކެއް ވެސް ހަދާލެވޭނެ އެވެ. އެގޮތުން އަމިއްލަ އަށް ކުޑަ އެއްޗެއް ކައްކާލައިގެން އެތަނުގައި ކެވޭނެ އެވެ.

ރަށުގައި މޫދަށް އެރުމަށް ވެސް ހާއްސަ ސަރަހައްދެއް އޮންނާނެ އެވެ. އެ ސަރަހައްދަކީ ރަށުގެ އާންމުން އެންމެ ގިނައިން މޫދަށް އެރި އުޅޭ އެއް ސަރަހައްދެވެ. އެ ސަރަހައްދު އޮންނަނީ ގުރައިދޫ އާ ދިމާލުގައި އެ ފަޅުގައި އޮންނަ ކަނޑޫމާފުށި ރިސޯޓު ކުރިމަތީގަ އެވެ. ދެ ރަށް ދެމެދުގައި އޮންނާނީ 20 ވަރަކަށް ފޫޓެވެ.

View this post on Instagram

A post shared by fresisui13 (@fresisui13)

ރަށުގެ އުތުރު ސަރަހައްދުގައި ކުޑަ ސޭންޑްބޭންކެއް ވެސް އޮވެ އެވެ. އެ ސޭންޑް ބޭންކް އޮންނަނީ ގުރައިދޫގެ ފަޅުތެރޭގަ އެވެ. ރަށުގެ ގިނަ ބަޔަކު އެތަނަށް ދަނީ ކެނޯގަ އެވެ. ދިޔަވަރު ކުޑަ ވަގުތުގައި މޫދުގައި ފަތާލާފައި ވެސް އެތަނަށް ދެވޭނެ އެވެ. އެތަން ހުންނަނީ އިސްކޮޅު ހުންނާނެ ހިސާބުގަ އެވެ.

ކ. ގުރައިދޫ

Popular