17 Oct 2021

By: Ahmed Jaishan

މި ދުވަސްވަރު ދުނިޔޭގެ އެކި ސަރަހައްދުތަކާ އެއްގޮތަށް ރާއްޖޭގެ އެކި ފެޝަންތައް ވެސް އަންނަނީ އަވަސް އަވަހަށް ބަދަލުވަމުންނެވެ. މި ދުވަސްވަރު ދެ ފެޝަން ޓްރެންޑެއް ވަރަށް ގަދަ އަށް ވައިގައި ހިފަމުން އެބަ އާދެ އެވެ. އެއީ ބޮޑެތި މާޖެހި ނުވަތަ ފްލޯރަލް ޕްރިންޓްގެ އިތުރުން ޕޭސްޓެލް ކުލަ ތަކުގެ ޑިޒައިންތަކެވެ.

މި ފަހަކަށް އައިސް އެންމެ ބޮޑަށް މަގުބޫލުވާން ފަށާފައިވަނީ 90ގެ ފަހުކޮޅާއި 2000ގެ ކުރީކޮޅު ޒުވާނުން ލައި އުޅުނު ހެދުންތަކުގެ ޓްރެންޑެވެ. މިހާރުގެ ޒުވާނުން ނުވަތަ ޖެން-ޒީ އިން ބޭނުންވަނީ އެމީހުން ކުޑައިރު މަޝްހޫރުވި ފެޝަން ސްޓައިލްތައް އަލުން ލާށެވެ.

.

ފްލޯރަލް ޕެޓާން އާއި ޕޭސްޓެލް ކުލަތަކުގެ ޑިޒައިންތަކަކީ އެ ދުވަސްވަރު ވަރަށް މަގުބޫލުވި ޓްރެންޑަކަށް ވުމުން މިހާރު ގިނަ ބަޔަކު މި ޓްރެންޑް ވަނީ އަނބުރާ ގެނެސްފަ އެވެ.

މީގެކުރީން މި ޓްރެންޑް މަގުބޫލުވި އިރު ގިނަ ފަހަރަށް މި ޓްރެންޑްތައް ހިމެނެނީ އެކި ކަހަލަ ބޫޓުތަކާއި ޓެކްސްޗާ ސްކާޓްތަކުންނެވެ. ނަމަވެސް އެ ޑިޒައިންތައް މިހާރު ފެންނަނީ އެކި ކަހަލަ ހެދުމުންނެވެ.

.

ޕޭސްޓެލް ކުލައިގެ ހެދުންތައް ޖެން-ޒީ އިން ލައިގެން އުޅެނީ އެކި ކަހަލަ ގަމީހާއި ޖީންސާ އެކުގަ އެވެ. މި ޖީންސްތަކަކީ އެ ދުވަސްވަރު މަގުބޫލުވި ޖީންސްތަކަށް ވުރެ ބޮޑަށް ފުޅާކޮށް އަދި ގަޔަށް ދޫކޮށް ހުންނަ ޖީންސްތަކެވެ. އަދި ޕޭސްޓެލް ކުލަތަކުގައި އެ ޖީންސް ހުރުމުން ވަރަށް ގިނަ ކުލަތައް ފެނެ އެވެ. އެކަމަކު އެންމެ ގިނައިން މަގުބޫލުވާ ކުލަތަކުގެ ތެރޭގައި ނޫކުލަ އާއި ފެހި ކުލަ އަދި ފިޔާތޮށި ހިމެނެ އެވެ.

.

ފްލޯރަލް ޕްރިންޓް މިހާރު ފެންނަނީ އެކި ކަހަލަ ތުނި ގަމީހުންނާއި ސްކާޓުތަކުންނެވެ. އޭގެއިތުރުން ބައެއް ފަހަރު ފަޓުލޫނުތަކާއި ޓީޝާޓުތަކުން ވެސް މިފަދަ ޕްރިންޓްތައް އެބަ ފެނެ އެވެ. މިފަދަ ޑިޒައިންތައް ސެޓުކޮށްފައި ހުންނަނީ އާންމުކޮށް ޕްލެއިން އެއްޗެއް ލާއިރުގަ އެވެ.

މި ހުރިހާ ޑިޒައިންތަކުގެ ހެދުންތަކަކީ އާންމުކޮށް ކެޝުއަލް ހާލަތްތަކުގައި ލެވޭނެ އެއްޗެއްސެވެ. ހާއްސަކޮށް ހަވީރު ބޭރަށް ދާއިރު ނުވަތަ ރަށްޓެހީންނާ ބައްދަލުކޮށްލާއިރު މި ޑިޒައިންތަކަކީ ހަމަ ޓެސްޓުކޮށްލަން ވަރަށް ރަނގަޅު ޑިޒައިންތަކެކެވެ.

ފެޝަން

Popular