21 Oct 2021

ޝިފޯން ފޮތީގެ ބުރުގާ މަޑުވެފައި ތުންޏެވެ. މީގެ ފޮތީގައި ފައުންޑޭޝަން ނުވަތަ ކޮފީ ކަހަލަ އެއްޗެއް ޖެހި ހަޑިވުމުން އެންމެ ފަސޭހަ އެއްގޮތަކީ ދޮންނަ މެޝިނުން ދޮވެލުން ކަމަށް ވިއަސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިކަހަލަ ފޮތީގެ ބުރުގާ ރަނގަޅު ކޮލިޓީއެއްގައި ގިނަ ދުވަހު ގެންގުޅެވޭނީ އަތުން ދޮވެގެންނެވެ.

މި ކިޔައިދެނީ ފިލުވަން އުނދަގޫ ހަޑިއެއް މިކަހަލަ ބުރުގާއެއްގައި ޖެހިއްޖެ ނަމަ ދޮވެލެވޭނެ ގޮތެކެވެ.

1- ތައްޓަކަށް ފިނިފެން އަޅާށެވެ. ޝިފޯން ފޮތި ދޮންނަން އެންމެ ރަނގަޅީ ފެނުގެ ޓެމްޕަރޭޗާ 40 ޑިގްރީ ފެރަންހައިޓްގައި ހުރުމުންނެވެ.

2- ބުރުގާއިން ނުބައިވަހެއް ހުރެ އެ ވަސް ފިލުވަން ބޭނުން ނަމަ ފެން އެއްޗަށް ޖޯޑެއްގެ ހަތަރުބައި ކުޅަ އެއްބައިގެ ވިނެގާ އަޅައި ބުރުގާ އޭގެ ތެރޭގައި ފޯކޮށްލަން 30 މިނެޓު ބާއްވާށެވެ.

3- އެއަށްފަހު މި ފެން އެތި ހުސްކޮށް، އޭގެ ތެރެއަށް އާ ފެން އަޅާށެވެ. އަދި ސިލްކު ޑިޓާޖަންޓު ނުވަތަ އެހެން ކަހަލަ މައިލްޑް ޑިޓާޖަންޓެއް އެއްކޮށްލާށެވެ. އަދި އޭގެ ތެރޭގައި ބުރުގާ ފޯކޮށްލާށެވެ.

4- ކޮފީ ނުވަތަ ފައުންޑޭޝަން ޖެހިފައި ހުރި ތަންތަނުގައި، މަޑު ބުރުހެއްގައި ބޭކިން ސޮޑާ ކޮޅެއްލާފައި މަޑުމަޑުން އުނގުޅަމުންދާށެވެ.

5- ބުރުސް އުނގުޅާ ނިމުމަށް ފަހު އަނެއްކާވެސް މި ޑިޓާޖަންޓު ފެންގަނޑުގައި 30 މިނެޓު ވަންދެން ބުރުގާ ބާއްވާށެވެ. އަދި އެއަށް ފަހު ރީތި ހުސް ފެނުން ދޮވެލާށެވެ.

6- ދޮވުމަށް ފަހު ރަނގަޅަށް ފެންތައް ފެލައިލައި ރީތި ތުވާޔެއްތެރެޔަށް ބުރުގާ ފަތުރާލާފައި އެޔާއި އެކު އޮޅާލާށެވެ.

7- އެންމެ ފަހު ކަމަކަށް ބުރުގާ ރީތިކޮށް ފަތުރާލާފައި ހިއްކަން ބާއްވާލާށެވެ.

Popular