26 May 2023

ރޮކް: މިއީ ވައިބެއް، މަޑުން ނުހުރެވޭނެ

By: Aishath Jazlee

އެތައް ދުވަހެއް ވަންދެން އަޑެއްބަޑެއް ނީވެ އޮތުމަށް ފަހު، "ފަސީ ލައިވް" ހަމަ އަބަދުވެސް ފެންނަ އެނާޖީގައި ނުކުމެ، ލައިވް މިއުޒިކުން އެންމެން ކައްކުވާލައިފި އެވެ. ތަފާތު، ފަންކީ ރޮކް ލަވަތަކެއް އަހަރުމެންނާ ހަމައަށް ގެނެސްދެމުން އަންނަ ފަސީގެ އަލްބަމެއް އެންމެ ފަހުން އަޑު އަހައިލަން ލިބުނީ 2008 ވަނަ އަހަރު އެވެ.

ފަނަރަ އަހަރުގެ މެދުކެނޑުމަކަށް ފަހު 11 ލަވައިގެ "ރޮކް" އަލްބަމް ނެރެ، އެންމެން ކައްކުވާލައިފި އެވެ.

"މިއީ ރޮކް. ރޮކް އަކީ އަހަރުމެން. މިއަށް ރޮކް މި ކިޔަނީ މީގައި ހިމެނޭނީ ރޮކްގެ އެކި ވައްތަރުތައް." އަލްބަމްގެ ޓައިޓަލްއާ ބެހޭ ގޮތުން ވޯކަލިސްޓް އަހުމަދު ފަސީހު (ފަސީ) ބުނީ މިހެންނެވެ.

"މި އަލްބަމަކީ ވަރަށް ބޮޑު ޖާނީއެއް. 2004 ވަނަ އަހަރުން ފެށިގެން މި ވޭތުވެދިޔަ އެކި އަހަރުތަކުގައި މެލޭޝިއާ އާއި ޔޫކޭގައި އަހަރުން ޓުއާކުރި އިރު ހަދައި ކުޅުނު ލަވަތައް ހުންނާނެ. މިއީ އަހަރުން ޕާފޯމްކުރިއަސް މިހާތަނަށް އަދި ރެކޯޑް ނުކޮށް ހުރި ލަވަތަކެއް. އަހަންނަށް މި އަލްބަމަކީ ބޭންޑާ އެކު އަހަރެންގެ ޖާނީ ކެޕްޗާ ކުރެވޭ، އެކި އިރު އުޅުނު ބޭންޑް މޭޓްސްއާ އެކު ހަދާ ޕާފޯމްކޮށްފަ ހުރި ލަވަތައް." ފަސީ ބުންޏެވެ.

ފަސީ ލައިވް އަލަށް ނެރުނު "ރޮކް" އަލްބަމާ އެކު. -- ފޮޓޯ: ބައިސްކޯފް

އެކި އިރުގެ ލަވަތައް އަލްބަމުގައި ހިމެނޭ އިރު އާ ތިން ލަވަ ވެސް ހިމަނާފައިވެ އެވެ. އެއީ ދިވެހި ތިން ލަވަ އެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުވި ލައިޝާ ޖުނައިދާ އެއްކޮށް ފީޗާ ކޮށްފައިވާ "ފަނާ" ލަވަ ވެސް ހިމެނެ އެވެ.

"އެކި އިރުގެ ބޭންޑް މޭޓްސްއާ އެކު އެކި އިރުގެ ލަވަތަކެއް ކަމަކު އަތުރާލި އިރު ވަރަށް ސަޅި ސްޓޯރީއެއް ކްރިއޭޓްވެފައި މި އިނީ. މި އަލްބަމަކީ އަހަރެންނާ އެކު މިއުޒިކް ކުޅުނު އެންމެންނަށް ކޮންމެވެސް ކަހަލަ ބިލޯންގިންގްނަސްއެއް ފީލްކޮށްދިނުމަށް ދޭ ހަދިޔާއެކޭ ބުބނެވި ދާނެ." އަލްބަމާއި ބެހޭ ގޮތުން ފަސީ ބުންޏެވެ.

އަލްބަމްގެ އެންމެ ތަފާތު ކަމެއްގެ ގޮތުން ފަސީ ފާހަގަކުރީ އަލްބަމް އެއްކޮށް ލައިވްކޮށް ރެކޯޑްކޮށްފައިވުމެވެ.

"ބޮޑު ޓީމެއްގެ ބޮޑު މަސައްކަތެއް މީ. ބައިސްކޯފް ހިޔާރުކޮށް ބައިސްކޯފަށް މި އަލްބަމް މި ރިލީޒްކުރީ ވެސް އެ ތަނުން އަހަރުމެންނަށް ލައިވްކޮށް ރެކޯޑްކުރެވޭނެ ގޮތް ހަދާދިނީމާ. ބައިސްކޯފް ޓީމުގެ އެއްބާރުލުން އަލްބަމްގެ ހުރިހާ ކަމެއްގައި ވެސް ލިބުނު." ފަސީ ބުންޏެވެ.

ފަސީ ބުނި ގޮތުގައި މި އަލްބަމް ލައިވްކޮށް ރެކޯޑްކުރީ ލަވަތަކުގެ އެނާޖީ އާއި އެލެމަންޓުތައް އެންމެ ފުރިހަމައަށް ކެޕްޗާކޮށް ގެނެސްދެވޭނީ ލައިވްކޮށް ކަމަށް ވާތީ އެވެ. އަދި މި ލައިވް ރެކޯޑިން އަލްބަމުގެ މުޅި ދަތުރު "މޭކިން އޮފް ދަ ރޮކް" ޑޮކިއުމެންޓްރީން ފެންނާނެ ކަމަށް ބުންޏެވެ.

"ބައިސްކޯފުގައި އިންނާނެ މި އަލްބަމްގެ ޑޮކިއުމަންޓްރީ ވެސް. ބޭނުންވީ އަލްބަމަށް ދިޔަ މަސައްކަތް ދައްކައިދޭން. އަދި އެއް ލަވައެއް އެތައް ފަހަރަކު ކިޔަން ޖެހި، އަލްބަމް ފުރިހަމަ ކުރުމަށް އެ ދިޔަ ޓެކްނިކަލް މަސައްކަތްތަކާއި ހުރިހާ ކަމެއް ވެސް ދައްކައިދިނުން. އޭރުންތާ މިކަމަށް އާ ބަޔަކު ނިކުންނަން ވެސް އިންސްޕަޔާ ވާނީ." ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން ފަސީ ބުންޏެވެ.

އަލްބަމުގެ ލަވަ ލިސްޓުގައި ހިމެނެނީ "ރޮކް އިޒް ހޫ އައި އެމް"، "ކުއީން ރައިޑާ"، "ބޮމްބޮމްބޮމް"، "ރަންއަވޭ"، "ޓީއެސްއެސްޓީ"، "ފަނާ"، "މައުވަންތަ"، "ޑާންސިންލޭޑީ"، "ޓެމްޕްޓޭޝަން"، "އަލް ޝިފާ" އަދި "ބީން އަ ލޯންގަ ޓައިމް" އެވެ.

ފަސީ ބޭނުންވީ ފަސީ ލައިވް، ލަވަތަކުގެ ލައިވް އެނާޖީ ފޭނުންނަށް ކެޕްޗާކޮށްދޭންށެވެ. އެ މަސައްކަތް ނިންމައި މިއޮތީ ފޭނުންނަށް ދޫކޮށްލައިފަ އެވެ. ބައިސްކޯފުން "ރޮކް"ގެ ލަވަތައް މިހާރު ސްޓްރީމްކޮށްލެވޭނެ އެވެ.

Popular