15 Jun 2018

އަނިލްގެ ދިރިއުޅުމަކީ ގިޓާ

By: Nurah Rasheed

އޭނާ އަކީ މިއުޒިކް ސީނަށް އެއްގޮތަކަށް ވެސް އާ މޫނެއް ނޫނެވެ. މި ފަހަރު ގެނެސްދޭ ގިޓަރިސްޓަކީ މިކަމަށް ލޯބިކުރާ އެތައް ބައިވަރު މީހުންގެ އިންސްޕިރޭޝަނެއް ކަމާ މެދު އެއް ވެސް ޝައްކެއް ނެތެވެ. މިީގެ 23 އަހަރު ކުރިން އަހުމަދު އަނިލް އަށް އޭނާގެ މިއުޒިކީ ހަޔާތް ފަށައިގަނެވުނު ގޮތުގެ ވާހަކަ އެވެ.

އުމުރުން 18 އަހަރުގައި، މާލެ ތެރޭގައި ގިނަ ބޭންޑުތަކެއް ނޫޅެ އެވެ. ގިޓައެއް ހޯދައިގެން އޭރު މިއުޒިކް ކުޅެން އުޅުނު ނާގިތު، ސަމީއު އަދި ބެންހާ ހަބީބު މެން ފަދަ މީހުން ކައިރިން އަހާ އޮޅުން ފިލުވައިގެން މީހުން އަތުން އިންސްޓްރުމަންޓުތައް ނަގައިގެން މިކަންތައް ކުރެވޭތޯ އުޅުނެވެ.

"ދެން އޭރު ދެތިން ބޭންޑެއް އޮންނާނީ. އެ ބޭންޑުތަކަށް މީހުންވެސް ބޭނުން ވެފަ ހުންނަނީ. އެގޮތަށް އަންހަން ޗާންސެއް ލިބުނީ ފުރަތަމަ ޓޫ އެންޑް ހާފް އެމްސީ ކިޔާ ބޭންޑަކާ އެކީ ރިސޯޓު މިއުޒިކް ކުޅެލަން ދާން. އޭރު ވެސް އަމިއްލަ ގިޓައެއް ނޯވޭ. ބޭންޑުގެ އިންސްޓްރުމަންޓްސް ބޭނުން ކުރަނީ. އެ ބޭންޑުގަ އޭރު އުޅޭނެ އަބްސީއާ ނާގިތުއާ." އަނިލް ކިޔާދިނެވެ.

އަނިލް ޝޯއެއް ދެނީ

އޭރުގެ މިއުޒިކް ސީންގައި މިހާރު މިފެންނަ ކަހަލަ މަންޒަރުތަކެއް ނުފެނެވެ. ބޭންޑުތައް މަދުވެފައި ކުޅެން ދާން ލިބޭ ރިސޯޓުތައް ވެސް އެހާ މަދެވެ. ދެތިން ބޭންޑެއްގައި މަސަތްކަތް ކޮށްލުމަށް ފަހު ކަންދިމާ ކުރި ގޮތުން އަނިލް އަށް ލައްވާލީ އޭނާ އެންމެ ގިނަ ދުވަހު މަސަތްކަތް ކޮށް ނިންމާލި ބޭންޑަށް ކުޅުމުގެ ފުރުސަތެވެ. މެޒޯ މުހައްމަދުގެ ރިކުއެއްސްޓަކާ އެކީ، 10 އަހަރު ވަންދެން މާލެ ތެރޭގަ އާއި ރިސޯޓުގައި ޕާފޯމް ކުރި އެވެ.

"ވަރަށް ބައިވަރު ހަމަ ވަރަށް ބައިވަރު ޝޯތައް ކުޅުނިން އޭރު މެޒޯ އާ އެކީ. 10 އަހަރަށް ފަހު އެ ބޭނުންޑުން ވަކިވީ އަމިއްލަ ބޭންޑެއް އުފެއްދުމުގެ ހިޔާލުގަ އެ ބޭނުމުގަ. އެކި ގޮތްގަތަށް ސާމާނު ހޯދައިގެން އެކަން ކުރުމުގެ މަގުމަތީގަ އުޅެނިކޮށް އެކަމު ވީގޮތަކީ އަހަރެން އެންމެ ކުރީއްސުރެއް މިއުޒިކް ކުޅެން ބޭނުންވެގެން ގިޓަޔާ ނަރު ސެޓާ ކޭބަލް މިކަހަލަ ސާމާނުތައް ނުލިބިގެން ހޯދިއިރު އެހީތެރިވީ މީހާ ބެންހާ ހަބީބްގެ ވިދާޅުވުމަކަށް އަނެއްކާ އެމޭޒަން ޖޭޑަށް ގިޓާ ކުޅެދޭން ދިއައީ. ހަބީބަކީ އެމޭޒަން ޖޭޑުގެ ފައުންޑާ އަދި އޯނަރުވެސްމެ،" އަނިލް ބުންޏެވެ.

އަނިލް އޭނާގެ މިހާރުގެ އެއް ލައިނަޕްއާ އެކުގައި

އުމުރުގެ އެއްވެސް ހިސާބެއްގައި، ދުވަހަކު ވެސް އެހެން މަސަތްކަތެއް ކޮށްގެން އަނިލް އާމްދަނީ އެއް ނުހޯދަ އެވެ. އޭނާ ބޭނުންވީ ވެސް މި ގޮތެ އެވެ. މެޒޯ ބޭންޑާ އެކީ ހަފުތާ އަކު ހަތް ރޭ އަދި ބައެއް ފަހަރު ހަ ރޭ ޝޯ ދީގެން އަނިލް ހުރީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އަދި އެ ބޭންޑުގެ ތިން އަލްބަމްގެ ހުރިހާ ލަވައެއްގައި ވެސް ގިޓާގެ މަސަތްކަތްތައް ފުރިހަމަކޮށްދީފައިވެއެވެ. މިއުޒިކުން ދިރިއުޅުމަކީ އޭނާގެ މައިގަނޑު މަގްސަދެވެ. އެމޭޒަން ޖޭޑާ އެކު އަހަރެއްހާ ދުވަސް މަސަތްކަތް ކޮށް ނިންމާލުމަށް ފަހު އެހިސާބުން އަނެއްކާވެސް އެންމެ ކުރީގެ އެއްކަލަ ހުވަފެން ހަގީގަތަކަށް ހަދަން މަސަތްކަތް ފަށައިގަތެވެ. ވައިޓް ސްމޯކް ކިޔާ އަނިލްގެ އަމިއްލަ މިއުޒިކް ބޭންޑެއް އުފެއްދި އެވެ. މި ބޭންޑަށް މިއަހަރާ ހަމަޔަށް އަށް އަހަރު ވެފައިވާއިރު އަދިވެސް އަނިލް ޕާފޯމްކުރަނީ މި ބޭންޑާ އެކުގަ އެވެ.

"ކުރިން މި ބޭންޑު ފެށި ލައިންއަޕެއް ނޫން އަށް އަހަރު ވީއިރު މީންދީކީ. މިހާރުގެ ލައިންއަޕްގަ އުޅޭނެ އައްމަޑޭއާ އިންޝާ ވެސް މުޅި އަކު ދެ ލައިން އަޕް މިހާރު އެކި ރޭ ރޭ ޕާފޯމް ކުރާނެ. އެންމެ ފުރަތަމަ ލައިންއަޕްގަ އުޅުނު ފަޒީލުއާ، އޮގަރޭ ވެސް. އެބަ ކުޅެން ހަތަރު ރޭ ރިސޯޓުގަޔާއި ފަސް ރޭ މާލޭގަ އޭގެތެރެއިން ބްރެޑް މެޓާސްގަ ވެސް އެބަ ކުޅެން،" އަނިލް ބުންޏެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގައި އައްމަޑޭއާ އެކު ގިޓާ ކުޅެނިކޮށް

އަނިލް ގަބޫލު ކުރާގޮތުގައި އޭނާގެ މިއުޒިކް ކެރިއަރުން ލިބުނު ކާމިޔާބީތައް ލިބިފައި ހުރީ މެޒޯ ބޭންޑާ އެކީ ޕާފޯމް ކުރި ދުވަސްތަކުގަ އެވެ. ސަބަބަކީ މި ވީހާ ދުވަހު ކުޅުނީ ރިސޯޓުތަކުގައި ކަމަށް ވެފައި އެ ބޭންޑުގައި އުޅުނު އިރު އޭނާއަށް ޖަރުމަނު، ބާލިން، ކޭޕް ޓައުން މިހެން ގޮސް އެތައް ގައުމަކަށް ޕާފޯމްކުރަން ދިއުމުގެ ފުރުސަތު ލިބިފައިވާތީ އެވެ. ފެށުނީއްސުރެ މިއަދާ ހަމައަށް އައި އިރުވެސް ހުއްޓާނުލާ މިއުޒިކް ކުޅުނު މީހެއްގެ ގޮތުގައި އަނިލް ހުރި އިރު އެ ޒަމާނާއި މިއަދުގެ މިއުޒިކް ސީންގައި ހުރި ބޮޑުތަފާތު އަނިލް އަށް ވަނީ ފެނިފަ އެވެ.

"ކުރިން ވެއްޖެއްޔާ ވަރަށް މަދު ބޭންޑެއް އޮންނާނީ އެކަމު ވަރަށް ކުޅަދާނަ އެކަމަށް ރަނގަޅުވާނެ. މިހާރު އަހަންނަށް ފެންނަގޮތުގަ ވަރަށް އާ ޅަ ކުދިން ގިނަ މި އިންޑަސްޓްރީއަށް ނުކުންނަލެއް. އެކަމު އެކްސްޕީރިއަންސާ ވަގުތު އެކަމަށް ނުލާ އަވަހަށް ރިސޯޓުތަކަށް ޝޯތައް ކުޅެންދާން އުޅެންޏާ މާ ރަނގަޅު ޕޭއެއް ނުލިބޭނެތާ."

"އަސްލު ޑިމާންޑް ހިފެެހެއްޓޯތޯ ބަލަން ޖެހޭނީ. ދެން އެކަމު ބައެއް ރިސޯޓުތަކުން ކޮލިޓީއަށް ވެސް ބަލާ، ރަނގަޅު ބޭންޑުތަކަށް ބުނާ އަގުވެސް ދޭ. މިހާރުގެ މިއުޒިޝަނުން ކުރީގެ މިއުޒިޝަނުންނާ އަޅުވާ ކިޔާ އިރު މިހާރުގެ މިއުޒިޝަނުން އެވްރޭޖްކޮށް މާ މޮޅު. އިންޑިވިޖުއަލީ. އެކަމު އޭޒް އަ ބޭންޑް މިހާރުގެ މީހުން އެބަ ޖެހޭ އަދިވެސް ވަރަށް މަސަތްކަތް ކުރަން. އަހަނަށް މިހާރު އެންމެ ކަމުދާ އާޓިސްޓަކީ ހަމަ މިހާރު އައްމަޑޭ އިނގޭ. އޭނަ ވަރަށް މޮޅު. ބައިވަރު ސަބަބުތަކާ ހުރެ." އަނިލް ބުންޏެވެ.

Popular