3 Aug 2019

ގެއްލިފައި ހުރި ރީތި ލަވަތައް

ގެއްލިފައި ހުރި ރީތި ލަވަތައް

By: Ifraz Ali

ލަވައެއް ހާއްސަ ވަނީ އޭގައި އެ ކިޔައިދޭ ވާހައަކުންނެވެ. އެއިން ނެގޭ މާނައަކުންނެވެ. ޖަޒުބާތާއި ހިތާ ކުޅެލާ އިހުސާސްތަކުންނެވެ. އަދި އެއިން ދައްކައިދޭ މަންޒަރަކުންނެވެ. މި ހުރިހާ އެއްޗެއް އެކުވެ ރީތި ލަވައެއް އުފަންވެ އެވެ. މި ކަހަލަ ރީތި އެތައް ލަވައެއް އެބަހުއްޓެވެ. އެ ލަވަތައް އެހާ ވެސް މަޝްހޫރެވެ. އެކަމަކު މީހުންގެ މެދުގައި އެ ވަރުގެ ސަމާލުކަމެއް ނުލިބި، ގެއްލިފައި ވެސް ރީތި ލަވަތަކެއް އެބަހުއްޓެވެ. ހަމަ އެއް އިހުސާސެއް ގެނެސްދޭނެ ލަވަތަކެކެވެ.

ގެއްލިފައި ހުރި ރީތި ދިވެހި ލަވަތައް ހޯދަން ކުރި މަސައްކަތުން ލިބުނު ބައެއް ލަވަތައް މިހުރީ އެވެ. މީގެ ތެރެއިން ގިނަ ލަވަތަކަކީ މިހާރު އާންމުކޮށް އަޑު ނީވޭ ލަވަތަކެވެ؛

1. ވިދާ ގުރަހައިގެ ތަރިތައް ވެސް

ކުރިން ޓީވީއެމް ގެނެސްދިން ޓީވީ ޑްރާމާއެއްގެ ލަވައެކެވެ. މި ލަވަ ކިޔާފައި ވަނީ މުހުތާރު އާދަމެވެ. މި ލަވައިން ކިޔައިދެނީ އަންހެނެއްގެ ރީތިކަން، އޭނާ އަށް ހިތް އެދޭ މީހާކު ސިފަކޮށްދޭ ގޮތެވެ. މީގެ ޅެމުގައި ބޭނުންކޮށްފައިވާ އިބާރާތްކުރުމުގެ މާނާ ވަރަށް ފުނެވެ.

2. ކާމިޔާބު

އެޗޭޝިއާގެ މި ލަވައިން ކިޔައިދެނީ ދިރިއުޅުމުގައި މީހަކަށް ކުރިމަތިވާ އެކި އިމްތިހާނުތަކުގެ ވާހަކަ އެވެ.

3. ބިކަ ހާލު

މީނާ ސަލީމް ކިޔާފައިވާ މި ލަވައިން ފެންނަނީ މަޝްހޫރު މޮޑެލް މަރީ އެވެ. ލަވައާއި އެއްވަރަށް މި ލަވައިގެ ވީޑިއޯ އަށް ވެސް ތައުރީފު ހައްގެވެ.

4. ދޮންބެމެން ދޭމީ ލަފާ

ޒީރޯ ޑިގްރީ އެޓޯލްގެ މި ލަވައިން ކިޔައިދެނީ ދޮންބެއިން އެމީހުންގެ އަންހެން ކޮއްކޮމެންނަށް ދޭ ނަސޭހަތެކެވެ.

5. އަތްލާ ޕަޗަސް

ތަސް ކިޔައިފައިވާ މި ލަވައަކީ ވީޓީވީ ކްރޮސްއޯވާ ސީޒަން ފަހެއްގައި ކިޔައިފައިވާ ލަވައެކެވެ.

6. ދޮންކަނބުލޮ ނިދާލާށޭ

ދަރިޔަކު ނިންދަވާދޭން ބައްޕައަކު ކިޔައިދޭ ނާނާއެކެވެ. ބައެއް މީހުންގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާ މި ލަވަ ކިޔާފައިވަނީ ހުޒާމެވެ.

7. ލޯބީގެ ސިންގާ ސަނާ

މުހުތާރު މި ލަވައިން ކިޔައިދެނީ ލޯބީގެ ސިންގާ ސަނާއެކެވެ.

8. ކަންޒު ދޮންކަމަނަ

އިހުގެ ލޯބީގެ މަންޒަރުތަކެއް ދައްކުވައިދޭ މި ލަވައިން ފެންނަނީ ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ޝިރާނީ އާއި އިސްމާއިލް ވަޖީހެވެ. ލަވަ ކިޔަފައިވަނީ އާސިމް ތައުފީގެވެ.

9. ވެހޭއިރު ފެންނަގާށޭ

އުނޫޝާ ކިޔާފައިވާ މި ލަވައަކީ ރާއްޖޭގައި ކުރިން އޮތް ސަގާފަތެއް ކަމުގައިވާ "ލިބާސް ލެއްވުން" އާ ބެހޭގޮތުން ޔޫއެންއެފްޕީއޭއިން ތައްޔާރުކުރި ލަވައެކެވެ. މިއުޒިކު ތައްޔާރުކުރީ އަހްމަދު އާމިރާއި އަހްމަދު އައްފަލް އެވެ.

10. ހޭވާ ހޭވާ

މިވެސް 2002 ގައި ޔޫއެންއެފްޕީ އިން ތައްޔާރުކުރި ލަވައެކެވެ. ވިހަން ތައްޔާރުވެފައި އޮތް މީހެއްގެ އިހުސާސްތައް ކިޔައިދޭ މި ލަވަ ކިޔާފައިވަނީ ޒޫނާ އެވެ. މި ލަވައިގެ މަގުސަދަކަށްވީ މާބަނޑު ދުވަސްވަރު ފަރުވާ ހޯދުމަށް މީހުނަށް ހިތްވަރުދީ، ހޭލުންތެރިކުރުމެވެ.
އާޓިސްޓް

Popular