9 Aug 2019

ދަރިފުޅު ގޮވައިގެން އުނޫޝާ "އުދުހިލާ"

ދަރިފުޅު ގޮވައިގެން އުނޫޝާ "އުދުހިލާ"

By: Aishath Maaha

ތުއްތު ދަރިފުޅު މަސަލަސްކުރަން ނުވަތަ ނިންދަވަން މިފަހަކަށް އައިސް ހުރިހާ މައިންބަފައިން އިހުތިޔާރު ކުރަނީ އިނގިރޭސި ކޮންމެވެސް ލަވައެކެވެ. ހާއްސަކޮށް ޒުވާން ބެލެނިވެރިންނެވެ. ކުޑައިރު މައިންބަފައިން ކިޔައިދިން ލަވަތައް މަތިން ހަނދާނެއް ނެތެވެ. ނަމަވެސް އަލަތު ދަރިފުޅާއެކު މަރިޔަމް އުނޫޝާ (ކިޑީ) ބޭނުންވީ މުޅިން ވެސް ދިވެހި ލަވަތައް ދަރިފުޅަށް ކިޔައިދޭށެވެ.

އެހެންވެ ދަރިފުޅަށް ބަލިވެ އިން ދުވަސްވަރު ބާޗީ އާ ދެމީހުން މިވަނީ ކުޑަކުދިންނަށް ހާއްސަ ލަވަ އަލްބަމެއްގެ މަސައްކަތް ފަށައިގެން އެންމެފަހުން އެ މަސައްކަތް ކޮޅެއްގައި ޖައްސައިފަ އެވެ. އުމުރުން މިހާރު ހަތަރު މަސް ފުރިފައިވާ ފިރިހެން ދަރިފުޅާއި އެހެން ހުރިހާ ކުޑަކުދިންް އަދި ބެލެނިވެރިންނަށް ހާއްސަކޮށްލާ މި އަލްބަމްގެ ނަމަކީ "އުދުހިލާ" އެވެ. މިއީ ކިޑީ އާދި ބާޗިގެ ފުރަތަމަ ލަވަ އަލްބަމް ވެސްމެ އެވެ.

އެ އަލްބަމްގައި އަމިއްލަ ރާގުގެ ހަތް ލަވައެއް ހިމެނޭއިރު މިހާރު އެއް ލަވަ ރިލީޒްވެސް ކޮށްފި އެވެ. އެއީ ކިޑީ އަދި މަންމަ މަރިޔަމް ޝަފީގާ ކިޔާފައިވާ "ނާނާ" އެވެ. އެއީ ރަންޒަމާނުގެ ލަވަކިޔުންތެރިޔާ ޖޭމް ދޮންކަމަނަގެ "ނާނާ" ގެ ކަވާ އެކެވެ. މި ލަވައަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ލަވަ އެކެވެ.

"ބަނޑުބޮޑުއިރު ކިޑީ އާއި ބާޗި ބޭނުންވީ ތަފާތު އަދި ހާއްސަ މަސައްކަތެއް ކުރަން. އެގޮތުން އުފެއްދި އަލްބަމެއް މިއީ. ވިހެއުމުގެ ކުރިން ލަވަތައް ރިކޯޑުކޮށް ހުރިހާ ކަމެއް ކުރީ،" އަންނަ ސެޕްޓެމްބަރު މަހު އެ އަލްބަމް ރިލީޒްކުރަން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރަމުން ކިޑީގެ ފިރިމީހާ އަދި މެނޭޖަރު އިބްރާހިމް ހަމީޝް ބުންޏެވެ.

ކިޑީ އާއި ހަމީޝް އަށް ކުއްޖަކު ލިބުނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އަލަތު ދަރިފުޅަށް ހާއްސަކޮށްގެން ލަވަ އަލްބަމެއް ނެރޭއިރު މި ދެމަފިރިން ފާހަގަކުރަމުން ދަނީ އެމީހުންގެ ކައިވެނީގެ 10 ވަނަ އަހަރެވެ. ކިޑީ އާއި ހަމީ ކައިވެނިކޮށްފައި ވަނީ 7 ޑިސެމްބަރު 2008ގަ އެވެ. އޭގެފަހުން ހަމީ ވެފައި ވަނީ ކިޑީގެ ހަޔާތުގެ ބައިވެރިޔަކަށް އެކަންޏެއް ނޫނެވެ. އޭނާ އަކީ ލަވައިގެ ދުނިޔޭގައި ކިޑީގެ އެންމެ ބޮޑު ސަޕޯޓަރު އަދި މެނޭޖަރު ވެސް މެ އެވެ.

ހަމީ އާއި ކިޑީ އެންމެ ފުރަތަމަ ބައްދަލުވެ ތައާރަފުވީ 2005 ވަނަ އަހަރު، ބަނޑޮހުގައި އޮތް ޝޯއެއްގެ ތެރެއިންނެވެ. މަޝްހޫރު އެމޭޒަން ޖޭޑްގެ އެ ޝޯގައި ކިޑީ ލަވަކީ އިރު ހަމީ ހުރީ ދިރާގުގެ އެ ޝޯގެ ބައިވެރިިންގެ ހެދުމުގައި މާ ޖަހާށެވެ. ދެ މީހުންގެ ލޯބި ފެށިގެން ދިޔައީ އެރޭ ހަމީ ދިއްކޮށްލި އޯކިޑް މަލަކުންނެވެ. މެނޭޖަރެއްގެ ގޮތުގައި ކިޑީ ގޮވައިގެން ހަމީ ހޭވައްޓާލާފައި ކާމިޔާބީ އަށް ވާސިލުވަމުން އަންނައިރު އުނޫޝާގެ ކެރިއަރުގެ އެންމެ ބޮޑު ހައިލައިޓަކީ މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަނެވެ. އޭގެ އިތުރުން ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ރިކޯޑްކުރި ފުރަތަމަ ދިވެހި އާޓިސްޓަކީ ވެސް ކިޑީއެވެ.

މަރިޔަމް އުނޫޝާ (ކިޑީ)

Popular