11 Aug 2019

By: Aishath Maaha

މިހެން ބުނީމާ ބައެއް މީހުން ގަބޫލުނުކޮށްފާނެ އެވެ. އެކަމަކު މިދިޔަ 25 އަހަރު ދުވަހު ވެސް އަހަރެމެން މިވަރަކަށް އެއް ރާގަކަށް ތައުރީފުކުރި ނެށުންތެރި އަކީ މިއީ އެވެ. ސުނީތާގެ ޑާންސް މޫވްތަކާއި ޝޯތައް ބަލަން ކިއޫ ހަދާލައިގެން އުޅޭ މީހުން ބައިވަރެވެ. މި އީދަކީ ވެސް އޭގެ ހެއްކެކެވެ.

އީދު ޝޯތަކާއި، މާހެފުންތަކާއި، ހިތާނީ ހަފުލާތައް އަދި އުފަންދުވަހުގެ ޕާޓީތައް ވެސް ފުރިހަމަކޮށްލަން ސުނީތާ ގެންދާ މީހުން ބައިވަރެވެ. މި އީދުގައި ވެސް ސުނީތާ ވަރަށް ބިޒީ އެވެ.

ރޭ މާލޭގައި ޝޯ ދިނުމަށް ފަހު މިރޭ ޝޯ ދިނުން އޮތީ ހއ. ހޯރަފުށީގަ އެވެ. އީދުގެ ތިން ވަނަ ދުވަހުގެ ރޭ ވ. ފެލިދޫގައި ޝޯ ދީފައި ޖެހިގެން އަންނަ ދުވަހުގެ ރޭގެ ޝޯއަށް ނައްޓާލާނީ ބ. އޭދަފުއްޓަށެވެ. އީދުގެ ދެވަނަ ދުވަހުގެ ރޭ ސުނީ އަށް އަދި އޮތީ ހުސްކޮށެވެ. އީދު ޝޯއަށް ސުނީ ބޭނުން ރަށްތަކުން އަވަހަށް ގުޅަންވީ އެވެ.

މިއިން ކޮންމެ ޝޯއެއް ވެސް އޭނާ ކުޅެދެނީ އާންމު ގޮތެއްގައި 10،000 ރުފިޔާ އާއި 12،000 އާ ދެމެދުގެ އަގަކަށެވެ. ސޯލޯ ޕާފޯމާއަކަށް ބަލާއިރު ޔަގީނަށް ވެސް އެންމެ އަގުބޮޑު އެއް ފަންނާނަކީ ސުނީތާ އެވެ.

ސުނީތާ އަކީ ރާއްޖޭގައި މިގޮތަށް ޝޯ ދޭ ހަމައެކަނި ސޯލޯ ޕާފޯމާ އެވެ. އަދި ދުވަހެއް ދުވަހަކަށް މަގުބޫލުކަން އިތުރުކުރަމުން އަންނަ ފަންނާނެއް ވެސްމެ އެވެ.

މިހާރު މިހާ ބޮޑު އަގަކަށް ޝޯތައް ކުޅެދިން ނަމަވެސް އެންމެ ކުރިން ސުނީތާ ޝޯއެއް ކުޅެދިނީ 3،000ރ އަށެވެ. ނަށަން ނުކެރި ލަދުން ލަދުން އުޅެފައި އެންމެ ފުރަތަމަ އާންމުކޮށް އޭނާ ޝޯއެއް ދިނީ 1995 ވަނަ އަހަރުގެ ގެލެކްސީ ޝޯގެ ތެރެއިންނެވެ. އޭނާ ބުނީ ލަދުކަނޑާލާފައި ސްޓޭޖަށް އެރީ، ލަވައަކަށް ނަށާލާނެ ކުއްޖަކު ނުލިބިގެން މީހަކު އާދޭސްކުރުމުން ކަމަށެވެ. އޭގެ ފަހުން އޭރުގެ ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔަ "ހަފުތާ ނިންމާ" ޝޯތަކަށް އަރާ މިހާރު އަހަރެމެންނަށް މިފެންނަ ކުޅަދާނަ ނެށުންތެރިޔާ އުފެދުނީ އެވެ.

މިގޮތުގައި އެހާ ދުވަސް ވަންދެން ހިފެހެއްޓޭނީ މަސައްކަތުގައި އަހުލާގާއި ފެންވަރު ވެސް ރަނގަޅުވެގެން ކަމަށް ބަލަން ޖެހެ އެވެ. އޭގެ އިތުރުން ސުނީތާ އަކީ ހިތްވަރާއެކު މަސައްކަތްކުރާ ފަސްނުޖެހި މަސައްކަތްކުރާ ފަންނާނެއް ވެސްމެ އެވެ. ސޯޝަލް މީޑިއާގައި ބަޔަކު ކިތަންމެ ވަރަކަށް އޭނާ "ނޮޅައިގެން ކެޔަސް" ހިތްވަރު އެލުވާނުލައި މީހަކަށް ހިތްބުރަކަމެއް ނުބާއްވައި މަގުބޫލުކަން ހޯދަމުން އެ އަންނަނީ އެވެ. އޭނާގެ ކާމިޔާބީ އަކީ އެއީ އެވެ.

އަޟްހާ އީދު ސުނީތާ އަލީ

Popular