29 Mar 2021

By: Ifraz Ali

ކޮވިޑްގެ ކުރިން، ރޯދަ މަހެއް ނަމަ، ޝަލާބީ އިބްރާހިމް ހުންނާނީ އަތޮޅު ތެރޭ ކޮންމެ ވެސް ރަށެއްގައި މަދަހަ ނުވަތަ ގުރުއާން މުބާރާތްތަކަށް ކޯޗުކަން ކޮށްދިނުމާއި ޖަޖުކަން ކުރުމުގަ އެވެ. އެކަމަކު ކޮވިޑް ލޮކްޑައުންގެ ފަހުން މި އަންނަ ދެ ވަނަ ރޯދަ މަހު ވެސް މާލޭގައި ހުންނަ ޖެހުމުން ޝަލަބީގެ ވިސްނުން މިފަހަރު ތަފާތުކޮށްލީ އެވެ.

މާލޭގައި ހުރެގެން ވެސް އެކަން ކުރެވޭނެ ގޮތެއް ހޯދީ އެވެ. ކުރިއަށް އޮތް ރޯދަ މަހު، މަދަހަ ކިޔަން ދަސްކޮށްދޭ އޮންލައިން ކުލާސްތަކެއް ފެށުމަށް އޭނާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިހާރު ވެސް އެކި ތަންތަނުން ހިންގާ މަދަހަ އަދި ގުރުއާން ކިޔަވަން ދަސްކޮށްދޭ ކުލާސްތައް ޝަލާބީ ނަގައިދެ އެވެ. އޭނާގެ އަމިއްލަ ކުލާހެއް ނަގައިދޭން ފަށާ މިއީ އަދި ފުރަތަމަ ފަހަރެވެ. މި މަދަހަ ކުލާސް ކުރިއަށް ގެންދަން ނިންމައިފައި ވަނީ ވަކި އުމުރަކަށް ނުބަލައި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ.

"ވަރަށް ގިނަ ބެލެނިވެރިން ބޭނުންވެގެން ބުނޭ ޝަލާބީގެ އަމިއްލަ ކުލާސްތަކެއް ނަގައިދޭން ފަށަންވީނުންހޭ،" މި ކުލާސް ފަށަން ނިންމީ އެހެންވެ ކަމަށް ޝަލަބީ ބުންޏެވެ.

މަދަހަ ކިޔައި އުޅޭ ކުދިންނާއި އަލަށް ދަސްކުރަން ބޭނުންވާ ކުދިންނާއި މުބާރާތްތަކަށް ދަސްކުރާ ކުދިންނަށް ވެސް އެ ފުރުސަތު މި ކުލާހުގައި އޮންނާނެ ކަމަށް ޝަލަބީ ބުންޏެވެ. އަދި ދިވެހި މަދަހައިގެ އިތުރުން އަރަބި ބަހުން ހުންނަ މަދަހަ ވެސް ކިޔަން ދަސްކޮށްދޭނެ ކަމަށެވެ. ކުލާސްތައް އޮންނާނީ ރޯދަ މަހުގެ މެންދުރު ފަހުގެ ވަގުތުތަކުގަ އެވެ. ބައިވެރިވާން ބޭނުންވާ މީހުން ޝަލަބީގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް މެސެޖުކޮށްގެން ނުވަތަ ހޮޓްލައިން ނަންބަރަށް ގުޅައިން ނަން ނޯޓް ކުރެވޭނެ އެވެ.

މި ރޯދަ މަހު ވެސް ޝަލަބީގެ ހާއްސަ މަދަހަ އަލްބަމެއް

ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް، ފޭނުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި ޝަލަބީ މަދަހަ އަލްބަމެއް ނެރެ އެވެ. މިފަހަރު ވެސް މަދަހަ އަލްބަމެއް ނެރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި އަހަރުގެ އަލްބަމް ވަރަށް ހާއްސަވާ ސަބަބެއް ވެސް އެބަ އޮތެވެ.

"މިފަހަރު އަލްބަމް ރިކޯޑްކުރީ ވަރަށް ތަފާތު ގޮތަކަށް. ރަށަކަށް ގޮސް، ރަށެއްގެ ސްޓޫޑިއޯއަކުން އަލްބަމް ރިކޯޑްކުރީ،" ޝަލަބީ ބުންޏެވެ.

ޝަލަބީ ބުނީ މި އަލްބަމްގައި ކުރީގެ ބައެއް މަޝްހޫރު މަދަހަތަކުގެ ކަވާ ވެސް ހިމަނާފައިވާނެ ކަމަށެވެ. އަދި އެ މަދަހަތައް ކުރިން ކިޔާފައިވާ މީހުންނާ ބައްދަލުކޮށް، އޭނާ ނެގި ބައެއް އިންޓަވިއުތައް ވެސް ގެނެސްދޭނެ ކަމަށެވެ.

***

ކަވަ ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ވޭވް

މަދަހަ ޝަލަބީ އިބްރާހިމް

Popular