By: Ifraz Ali
ކުރިން ވެސް ވަރަށް ގިނަ މަދަހަތައް ކިޔާފައިވާ އަބްދުﷲ ރަޝީދު މަދަހަ އަލްބަމެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އެކަމަށް މަގު ނުފެނިފައި ހުއްޓާ، އޭނާ އަތުގައި ހިފައި މި މަސައްކަތް ނިންމަން އެހީވީ، ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.
ކުޑަ އިއްބެގެ އަމިއްލަ ސްޓޫޑިއޯ، ޓޮނިކް ލައިވް ސްޓޫޑިއޯ އިން އިއްޔެ ވަނީ މި އަލްބަމް ރިލީޒްކޮށްފަ އެވެ. ނަމަކީ "މަށިކޮޅު" އެވެ.
މި އަލްބަމްގައި ހަތް މަދަހައެއް ހިމެނެ އެވެ. ހުރިހާ މަދަހައެއް ކިޔާފައިވަނީ އަބްދުﷲ އެވެ.
އަބްދުﷲ ރަޝީދު "ދޯ" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް / މިހާރު
"މި މަދަހަ އަލްބަމަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ވާހަކަ އިންސާނުންގެ ހިތްތަކަށް ފޯރުކޮށްދޭ ވަސީލަތެއް. ހަމަ އެއާ އެކު ދެން ދައްކަނީ ރަސޫލާގެ ވާހަކަ. އަދި ދުނިޔޭގައި އިންސާނުންނަށް މި އުޅެވެމުންދާ ގޮތްތަކުގެ ވާހަކަ،" އަބްދުﷲ ބުންޏެވެ.
މި އަލްބަމްގެ ހުރިހާ މަދަހައެއް ލިޔުއްވީ މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހިމެވެ.
"މަށިކޮޅު" އަލްބަމްގެ ޓްރެއިލާ.
"މި މަދަހަތަކަށް އަޅުގަނޑު އަމިއްލައަށް ރާގު ހަދައިގެން ވަރަށް ގިނަ ދުވަސް ވެއްޖެ މި މަސައްކަތް ކުރަމުން އަންނަތާ،" އެކަމަކު އަމިއްލައަށް މި މަސައްކަތް ނުކުރެވުނީ ކަމަށް އަބްދުﷲ ބުންޏެވެ.
"މަށިކޮޅަކީ އަސްލު ހަގީގަތަށް ބަލާއިރު ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުން ހަލްގުކުރެއްވުމުގެ އަސްލު ދެއްތޯ، އެއީ އިންސާނުންގެ ފެށުމަކީ. މުޅި އިންސާނުންގެ ހަޔާތާ ގުޅެނީ މި އަލްބަމްގެ މަދަހަތައް،" އޭނާ ބުންޏެވެ.
އަބްދުﷲ ވަނީ މީގެ ކުރިން ވެސް "އުއްމަތް" ނަމުގައި މަދަހަ އަލްބަމެއް ނެރެފަ އެވެ. އަދި މިދިޔަ އަހަރު ކޮވިޑާއެކު އައި ލޮކްޑައުން ތެރޭގައި ވެސް ވަރަށް ގިނަ އާޓިސްޓުންގެ އަޑުން ކިޔާފައިވާ މަދަހައެއް ކަމަށްވާ "ދުއާގެ މިހުރާބުގައި" ނެރުމުގެ މަސައްކަތް ވެސް އޭނާ ކުރި އެވެ.
މީގެ ކުރިން ބައެއް މަދަހަތަކަށް އަމިއްލަ ޅެން ވެސް ލިޔުނު އަބްދުﷲގެ ކުރީގެ މަޝްހޫރު އެހެން މަދަހަތަކުގެ ތެރޭގައި "ޝަހާދަތުން"، "ދުނިޔެ ރޯޝަންކުރަންވީ"، "ވިސްނާށޭ ދުނިޔެ" އަދި "ދޫނިތައް އުދުހެމުން" ފަދަ މަދަހަތައް ހިމެނެ އެވެ.
ޓޮނިކް ލައިވް ސްޓޫޑިއޯ އިން މިކްސިނިން އަދި މާސްޓަރިންގެ ހުރިހާ މަސައްކަތެއް ކޮށްފައިވާ "މަށިކޮޅު" އަލްބަމްގެ ހުރިހާ މަދަހައެއް ލަވަފޮށިން މިހާރު އަޑުއަހާލެވޭނެ އެވެ.