28 Nov 2021

By: Ahmed Jaishan

ކަސްރަތުކޮށް އެކްޓިވްކޮށް އުޅުމަށް ޒައިނަބް މަންސޫދު (ޒައި) އަބަދުވެސް އިސްކަންދެ އެވެ. ހަރަކާތްތެރި ދިރިއުޅުމުގެ ތެރެއިން އެންމެ ދެކެމުން އައި ހުވަފެނަކީ އަމިއްލަ ޖިމެއް ހުޅުވުމުގެ ހުވަފެނެވެ. އެންމެ ފަހުން ޒައި އެ ހުވަފެން ހަގީގަތަކަށް ހެދީ އަންހެނުންނަށް ބޮޑު އުއްމީދަކާއި ރައްކާތެރި މާހައުލަކާ އެކުގަ އެވެ. އެއީ "ވީރު"ގެ ނަމުގައި ހުޅުވި އަންހެނުންނަށް ހާއްސަ ތަފާތު ޖިމެކެވެ.

އުމުރުން 29 އަހަރުގެ ޒައި އަށް އެކްޓިވް ލައިފްސްޓައިލެއްގެ ތެރެއަށް އެންމެ ފުރަތަމަ ސީރިއަސް ގޮތެއްގައި ވަދެވުނީ އޯލެވެލް އަށް ފަހުގަ އެވެ. އޭގެ ކުރިން ވެސް ޒައި އަކީ ތަފާތު އެކި ކުޅިވަރު ކުޅެ އެކްޓިވްކޮށް އުޅުނު ޒުވާނެކެވެ. ނަމަވެސް އޯލެވެލް އަށް ފަހު އޭނާ ފެށީ ކަސްރަތުކުރާ ތަނަކަށް ދާށެވެ. ކަސްރަތުކޮށް އިތުރަށް އެކްޓިވް ވާން ހިތްވަރު ލިބުނީ އެހާ ހިސާބުންނެވެ.

ވީރު ޖިމް. -- ދޯ ފޮޓޯ : ފަޔާޒް މޫސާ

"އެހާ ހިސާބުން ފެށިގެން ވެސް ދެކެމުން އައި ހުވަފެނެއް އެއީ. ކޮންމެވެސް ދުވަހަކުން އަމިއްލަ ޖިމެއް ހުޅުވަން ބޭނުންވާ ކަމުގެ ހުވަފެން،" ޒައި ކިޔައިދިނެވެ.

އެންމެ ފަހުން އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ އަމަލީ މަސައްކަތް ފެށުނީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް ފެށުނު ހިސާބުން ވެސް ޒައިގެ ގޯލެއް އޮތެވެ. އެއީ ޖިމެއް ހަދާއިރު އެތަނަކީ އަންހެނުންނަށް ހާއްސަ ތަނަކަށް ހެދުމަށެވެ.

ވީރު ޖިމްގެ ތެރެއިން --- ދޯ ފޮޓޯ : ފަޔާޒް މޫސާ

"ޖިމެއް ހަދަން ވިސްނި އިރު ބެލީ އަންހެނުންނަށް އެންމެ ރައްކާތެރި އަދި އެންމެ ކޮމްފޮޓަބަލްކޮށް ވޯކްއައުޓް ކުރުމަށް އޮތީ ކޮން ގޮތެއްތޯ،" ޒައި ބުންޏެވެ.

ސަބަބަކީ ގިނަ ފަހަރަށް، ޖިމްތަކަކީ ދެ ޖިންސުގެ މީހުންތައް އެކީގައި ހަރަކާތްތެރިވާ ތަނަކަށް ވިޔަސް އަންހެނުން ގިނަ ފަހަރަށް އެންމެ ކޮމްފޮޓަބަލް ނުވުން ކަމަށް ޒައި ބުންޏެވެ. އެއާ ގުޅިގެން އެތައް ބަޔަކު ޖިމަށް ދާން ބޭނުންވި ނަމަވެސް ޖިމަށް ދިޔުމަށް ޖެހިލުންވެ އެވެ.

ވީރު ޖިމްގެ ޗޭންޖިން ރޫމް އަދި ފެންވަރާ ކޮޓަރި --- ދޯ ފޮޓޯ : ފަޔާޒް މޫސާ

ޒައި ބޭނުންވީ އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު އަމިއްލަ ތަނެއް ހުޅުވުމަށެވެ. ވީރު ޖިމަކީ ކޮންމެ އަންހެނަކަށް ވެސް ކަސްރަތު ކުރަން ބޭނުން ނަމަ ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ޒައި ހުޅުވި ޖިމެކެވެ. އަންހެނުންނަށް އެތައް ފަސޭހަތަކެއް ވެސް އެ ޖިމުން ލިބޭނެ އެވެ.

ވީރު ޖިމްގެ އެންމެ ހާއްސަ އެއް ކަމަކީ، ކިތަންމެ ބިޒީ ޝެޑިއުލެއްގެ ތެރެއިން ވެސް ކަސްރަތު ކޮށްލުމަށް ވަގުތުކޮޅެއް ލިބިއްޖެ ނަމަ އެ ފުރުސަތު ފަހިކޮށްދޭނެ ތަނަކަށް ވާތީ އެވެ.

ވީރު ޖިމްގެ ތެރޭގައި ހުންނަ ނަމާދު ކޮޓަރި --- ދޯ ފޮޓޯ : ފަޔާޒު މޫސާ

"މަސައްކަތުގައި ބިޒީކޮށް އުޅެލާފައި އޮފިޝަލް އެއްޗެހީގައި އައިސް އެއްޗެހި ބަދަލުކޮށްލައިގެން ކަސްރަތު ކުރެވޭނެ ފުރުސަތު މިތަނުން އޮންނާނެ،" ޒައި ކިޔައިދިނެ އެވެ.

އެ ޖިމްގައި ފާހަގަކޮށްލެވޭ އެއް ފީޗާ އަކީ ލޮކަރު ސިސްޓަމްގެ ފީޗާ އެވެ. އެ ލޮކަރުތައް ފަރުމާކޮށްފައިވަނީ ރަސްމީ ހެދުން އަދި ދިގު ހެދުތައް ރޫ ނުޖެހޭ ގޮތަށް އެއްކޮށް އަޅުވާލެވޭނެ ވަރަށް ދިގުކޮށެވެ. އަދި ޖިމަށް ދާ ހުރިހާ އެންމެނަށް ވެސް ފެންވަރައި ތައްޔާރުވެވޭނެ ފަދަ ހިދުމަތް ވަނީ އެ ޖިމުގައި ގާއިމުކޮށްފަ އެވެ. ނަމާދުކުރަން ހާއްސަ ކޮޓަރިއެއްގެ އިތުރުން ޒަމާނީ ސޯނާ ކޮޓަރިއެއް ވެސް އެ ޖިމުގައި ހުންނާނެ އެވެ.

ވީރު ޖިމްގެ ތެރޭގައި ހުންނަ ސޯނާ ކޮޓަރި --- ދޯ ފޮޓޯ : ފަޔާޒް މޫސާ

ވީރު ޖިމަކީ އެތަނަށް ދާ ކޮންމެ މީހަކަށް ވެސް ފަސޭހަ ވަގުތެއްގައި ކަސްރަތު ކުރެވޭނެ ގޮތަށް ގަޑިތައް ރާވާލެވޭނެ ތަނެކެވެ. އެތަނުން ފަތިހު 5:30 އިން ފެށިގެން 11:00 އާ ހަމަ އަށް އަދި މެންދުރު ފަހު 1:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް އެ ޖިމް ހުންނާނީ ހުޅުވައިފަ އެވެ. މިއީ ބިޒީ ޝެޑިއުލްގައި އުޅޭ އަންހެނުންނަށް ފަސޭހަ ވާނެ ގޮތަށް ޝެޑިއުލްތައް ހަމަޖައްސާލަން ފަސޭހަ ފުރުސަތަކަށް ވާނެ އެވެ.

އުމުރުން 29 އަހަރުގައި ޒައި އަމިއްލަ ޖިމެއް ހުޅުވައި މަސް ދުވަސްވީ އިރު މުޅި ޕްރޮސެސްގެ ތެރޭގައި އެންމެ އުނދަގޫ ކަމަކަށްވީ މާކެޓިންގެ މަސައްކަތެވެ. ކްލައިންޓުންނަށް ރީޗުވާން އަދި ދަތިތަކެއް އުޅުން އެއީ ޒައި ފާހަގަކުރާ ދަތިކަމެވެ. ނަމަވެސް މިހާރު މަޑުމަޑުން އެކަމަށް ވެސް އަންނަނީ ހައްލެއް ލިބެމުންނެވެ.

.

އަމިއްލަ ޖިމެއް ހުޅުވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޒައިގެ ފިރިމީހާގެ ފަރާތުންނެވެ. އެއީ ޒައިގެ ހުވަފެން ހަގީގަތަށް ހެދުމުގައި އެންމެ ބޮޑު އެހީ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ވީރު ޖިމް ހުޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް ކުރިއަށް އޮތް ތަނަށް ޒައިގެ ބޮޑެތި އުއްމީދުތަކެއް އެބައޮތެވެ. އަދި ވީރުގެ ކުރިމަގު ވެސް އުޖާލާކޮށް ފެންނަ ކަމަށް ޒައި ގަބޫލުކުރެ އެވެ.

ސިއްހަތު ފިޓްނެސް

Popular