By: Ahmed Jaishan
މީގެ ދިހަ ވަރަކަށް އަހަރު ކުރިން ހުމާމް އިބްރާހިމް ގާތުގައި، އޭނާ އެންމެ ބޮޑު ހުވަފެނަކީ ކޮބައިތޯ އަހައިފި ނަމަ ލިސްޓުގެ އެއްވެސް ހިސާބެއްގައި މިއުޒިކު ނުހިމެނޭނެ އެވެ. ނަމަވެސް ގިޓައެއްގައި ފުރަތަމަ އަތްލި ދުވަހުން ފެށިގެން އެނގުނީ މިއީ އޭނާގެ މުސްތަގުބަލު ބިނާކުރަން ބޭނުންވާ ދާއިރާކަމެވެ. މިހާރު އޭނާ ނޭވާލައި، ދިރިއުޅެނީ ވެސް މިއުޒިކުންނެވެ.
އުމުރުން 26 އަހަރުގެ ހުމާމް އެންމެ ކުޑައިރުން ފެށިގެން ވެސް ވާން ބޭނުންވީ މެރީން ބަޔޮލޮޖިސްޓަކަށެވެ. އަދި އެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރު ވެސް ވެފަ އެވެ. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވީ އޭނާ އަށް 16 އަހަރުވީ ހިސާބުންނެވެ.
"އެއް ދުވަހަކު ރައްޓެއްސެއް ހަމަ އަހާލަނީ ގިޓާ ކުޅެން ދަސްކުރަން ބޭނުންވޭހޭ. އެއަށް ފަހު އޭނާ ބޭނުންކުރި ގިޓާއެއް ދިނީ. އެހާ ހިސާބުން ދެން ގިޓާ ކުޅެން ދަސްކުރަން ފެށީ. މިއުޒިކްގެ ތެރެއަށް ވަދެވުނީ މި ހިސާބުން،" ހުމާމް ކިޔައިދިނެވެ.
މިއުޒިކް ކުޅެން ފެށިއިރު އެ ދާއިރާއިން ކުރިއަށް ދިޔުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. ގިޓާ ކުޅެން ދަސްކުރީ އެކަމަށް ދެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް ގިނައިން އެކަމުގެ ތެރޭގައި އުޅެން ފެށުމުން މިއީ މުސްތަގުބަލުގައި ކުރަން ބޭނުން އަދި ރަނގަޅު ކަމެއްކަން ވެސް ވިސްނުނެވެ.
އޭގެ ފަހުން ތަފާތު އެކި އިންސްޓްރުމެންޓްތައް ދަސްކުރުމުގެ މަސައްކަތް އޭނާ ފެށި އެވެ. އިތުރަށް މި ކަމަށް ޑެޑިކޭޓްވެ، މިއުޒިކުގެ ތެރެއިން ޝައުގުވެރިކަން އެންމެ ބޮޑަށް ހުރި ދާއިރާ އިން ކިޔެވި އެވެ؛ އެއީ ސައުންޑް އެންޖިނިއަރިންގެ ދާއިރާއިންނެވެ.
ތަފާތު އެކި އިންސްޓްރުމެންޓް ދަސްކޮށްގެން އެކި ކަހަލަ މިއުޒިކްތައް އޭނާ ހަދަ އެވެ. ގިޓާގެ އިތުރުން ޔޫކެލީލީ އާއި ކީބޯޑު ވެސް އޭނާ ދަސްކުރި އެވެ. އަދި މިއުޒިކް އުފައްދަން ފެށީ ތަފާތު އިންސްޓްރުމެންޓް އާއި ސިންތެސައިޒާސްތައް ބޭނުންކޮށްގެންނެވެ.
"އެންމެ ފުރަތަމަ އަސްލު މިއުޒިކް ހަދަން ފެށިއިރު ބުނެވޭނީ މެޓަލް ގިޓަރިސްޓެކޭ. އެއީ އޭރު ގާތުގައި އުޅުން އެންމެން ވެސް ދަސްކުރަން އުޅުނީ މެޓަލް. އެކަމު ފަހުން ތަފާތު އެކި މީޑިއަމްތައް ދަސްކުރީ،" ހުމާމް ކިޔައިދިނެވެ.
މެޓަލް އަށް ފަހު، ދެން ފޯކް މިއުޒިކްގެ ތެރެއަށް ވަދެވިގެން ދިޔައީ ޔޫކެލީލީ ދަސްކުރުމުގެ ތެރޭގަ އެވެ. މިހާރު ހުމާމްގެ ސްޓައިލަކީ ކްލެސިކަލް ރޮކް އެވެ. އޭނާގެ މިއުޒިކް ސްޓައިލް ސިފަކޮށްދެނީ އެކްސްޕެރިމެންޓަލް ސްޓައިލެއްގެ ގޮތުގަ އެވެ.
މިއުޒިކްގެ މަސައްކަތް ކުރަމުން ގޮސް އަމިއްލަ ތަފާތު އެކި ކަހަލަ ކްލިޕްތައް ވަނީ ތައްޔާރުކޮށްފަ އެވެ. އެންމެ ފުރަތަމަ އަޕްލޯޑުކޮށްފައި ވަނީ މިދިޔަ އަހަރުގަ އެވެ. "ދަ ޖާނީ ނައު"ގެ ނަމުގައި ހުމާމް މިއުޒިކް އުފައްދަން ފަށައި އެ މަސައްކަތް ސީރިއަސްކޮށް ނެގި އެވެ.
ރާއްޖޭގެ އަމިއްލަ ރިކޯޑިން ލޭބަލެއް ކަމަށްވާ "ވިލޯ ރިކޯޑްސް" ގެ ދަށުން ހުމާމް ފުރަތަމަ އީޕީ އެއް ނެރުނެވެ. "ސްޓާޓް"ގެ ނަމުގައި ނެރުނު އީޕީގައި ހިމެނެނީ ފަސް ޓްރެކެކެވެ. މި އީޕީ ތައްޔާރުކުރުމަށް، ހުމާމް މިއުޒިކް އުފެއްދީ އޭނާ ވަށައިގެން ވާ މާހައުލުން އިވޭ އަޑުތަކުންނެވެ.
"އޭގައި ހުންނާނެ އަތިރިމަތީގައި ރާޅު ޖަހާ އަޑުން ފެށިގެން ވާރޭގެ އަޑާއި ބަސް ދުއްވާ އަޑު ވެސް. މި އީޕީން އިން ކިޔައިދޭނީ ހަމަ ތަފާތު ވާހަކަތަކެއް،" ހުމާމް ކިޔައިދިނެވެ.
ފުރަތަމަ އީޕީގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ހުމާމް އިތުރު ސިންގަލްތަކާއި އަލްބަމްގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، ބައިވަރު މެޓީރިއަލް މިހާރު ވެސް އެބަހުރި ކަމަށް ހުމާމް ފާހަގަކުރެ އެވެ.
"ދެން އަލްބަމް އެއް ހަދާއިރު ބޭނުންވަނީ ކޮންސެޕްޓް އަލްބަމް އެއް ހަދާލަން. ވީޑިއޯ އާއި ލިޔެވިފައިވާ ވާހަކަތައް ހިމެނޭ ގޮތަށް. އެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި ކުރާނަން،" ހުމާމް ކިޔައިދިނެވެ.
ހުމާމްގެ މިއުޒިކާ އެކު ދިވެހި އާޓިސްޓުންނަށް އޭނާ ދޭނެ މެސެޖެއް އެބަ އޮތެވެ. އެއީ މިއުޒިކް ހަދަން ބޭނުންވާ މީހަކަށް ކޮންމެ ގޮތަކަށް ވެސް އެކަން ވާނެކަމެވެ. ތަފާތު އެޕްތައް އަޅައިގެން މުޅި އީޕީގެ މަސައްކަތް އޭނާ ކުރީ ވެސް ފޯނުންނެވެ. އޭނާގެ ރިކޯޑް ލޭބަލުން އެ އީޕީގެ މާސްޓަރިން ކުރި ނަމަވެސް ދެން ހުރި ހުރިހާ ކަމެއް ކޮށްފައި ވަނީ އަމިއްލަ އަށެވެ.