15 May 2022

By: Aishath Maaha

ކުޑަކުދިންނަށް ކަމުދާ ކަހަލަ އެކުދިންނަށް ހާއްސަ ގިނަ ފޮތް މާލޭގެ ބުކްޝޮޕްތަކުންނާއި އޮންލައިން ބުކްޝޮޕްތަކުން ލިބެން އެބަހުއްޓެވެ. އެކަމަކު ދުނިޔޭގެ ނަން މަޝްހޫރު ލިޔުންތެރިންގެ ފޮތް ރާއްޖެއިން ލިބެން ހުންނަނީ މަދުން އަދި ވަރަށް އަގު ބޮޑުކޮށް ކަން ފާހަގަކުރެވެއެވެ. މިކަމަށް ހައްލެއް ގެނެއުމަށް، ހައްވާ ހަފީޒާ (ހަފީ)، ކުޑަކުދިންގެ ޚާއްސަ ފެންވަރު ރަގަޅު ފޮތް ވިއްކަން އިންސްޓަގްރާމް އާއި ފޭސްބުކް ގައި "އައި ކެން ރީޑް" ގެ ނަމުގައި އޮންލައިން ފިހާރަ އެއް ހުޅުވާ ހިންގަންފެށި އެވެ.

ހަފީ އަކީ އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލްގައި ގިނަ އަހަރު ތަކެއް ވަންދެން ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. ހަފީ މިވަގުތު ދިރިއުޅެމުންދަނީ ފިރިމީހާ އާއި ދަރިފުޅާއެކު ބެންކޮކްގައެވެ.

ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަ ފޮތްތައް 'އައި ކެން ރީޑް' ޕޭޖުން ވިއްކާއިރު، މާލެ، ވިލިނގިލި، ހުޅުމާލެ، އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ފޮތް ޑެލިވަރީކޮށްދެ އެވެ. ހަފީ ބުނީ އެ ވިޔަފާރީގައި އޭނާއަށް އެންމެ މުހިއްމީ ކަސްޓަމަރުން ކަމަށެވެ. އެހެންވެ ކަސްޓަމަރުނަށް ޚާއްސަކޮށް ގިނަ ޕްރޮމޯޝަންތަކާއި ސޭލްތައް ބާއްވާ ކަމަށެވެ. މި ދިޔަ ރޯދަ މަހު ވެސް އެ ޕޭޖުން ވަނީ ރޯދަ މަހުގެ ކޮންމެ ދުވަހަކު ގިވްއަވޭގެ ގޮތުގައި ފޮތެއް ހަދިޔާކޮށްފަ އެވެ.

1. އެންމެ ފުރަތަމަ ކިޔައިދީބަލަ އައިކެން ރީޑް އެމްވީ ފެށިގެން އައި ގޮތް

"އަޅުގަނޑަކީ އަބަދުވެސް އަމިއްލަ މަސައްކަތެއް ކުރަން ޝައުގުވެރިވާ މީހެއް. އެގޮތުން ބުރުގާ، އަތްދަބަސް، މޭކަޕް ސާމާނު އަދި ސެންޓު ފަދަ ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކަން ޚިޔާލު ކުރިން. 'އައި ކެން ރީޑް' ފެށިގެން އައިގޮތުގެ ވާހަކަ ދައްކާނަމަ އެންމެ ފުރަތަމަ އަޅުގަނޑު ކްރެޑިޓް ދޭން ޖެހޭނީ އަޅުގަނޑުގެ އަށް އަހަރުގެ ދަރިފުޅަށް. އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް ވާހަކަ ކިޔާ ހިތްވާ ދެމައިން. އަޅުގަނޑު ގެ ދަރިފުޅަށް ރާއްޖެއިން ދިވެހި ވާހަކަ ފޮތާއި އިސްލާމް ދީނާ ގުޅޭ ފޮތްތައް ވެސް ގެނެސްދެން. އެއްދުވަހު ބުކްޝޮޕެއްގެ ތެރޭ ހުރެފައި ދަރިފުޅު އަހާލި އެތަނުން ލިބެން ހުންނަ އިނގިރޭސި ވާހަކަ ފޮތް ރާއްޖެއަށް ބަދަލުވީމަ ލިބޭނެތޯ؟ އަދި އެފަދަ ބުކްޝޮޕް ރާއްޖޭގައި ހުރޭތޯ؟ 'އައި ކެން ރީޑް' ގެ ޚިޔާލު އަޅުގަނޑަށް އައީ އެހާ ހިސާބުން.

ހަފީފެ ދަރިފުޅު ފޮތެއް ކިޔާލަނީ،

އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި ދިވެހި ލިޔުންތެރިން ވަރަށް ރަގަޅު ކުޑަކުދިންގެ ފޮތް މާކެޓަށް ދަނީ ނެރެމުން. އަދި މިކަމުގެ ސަބަބުން ކުޑަކުދިން ދިވެހި ބަހަށް ދޭ ޝައުޤުވެރިކަން އިތުރުވާކަން އުފަލާއެކު ފާހަގަކުރަން. ނަމަވެސް، ދުނިޔޭގެ މަޝްހޫރު އިނގިރޭސި ލިޔުންތެރިންގެ ކުޑަކުދިންގެ ވާހަކަ ފޮތް ލިބެން ހުންނަނީ ވަރަށް މަދުން ކަން ފާހަގަކުރެވުނު. އަދި ލިބެން ހުންނަ ފޮތްތައްވެސް ހުރީ އާއްމު ރައްޔިތުންނަށް އަތްފޯރާ ފަށަށްވުރެ މަތީގައި. އަޅުގަނޑު އަޒުމް ކަނޑައެޅީ ރަނގަޅު ފެންވަރުގެ ކުޑަކުދިންގެ އިނގިރޭސި ވާހަކަ ފޮތް ރާއްޖެއަށް ތަޢާރަފްކޮށް ފޮތްތަކުގެ އަގު ތިރިކުރަން. އެގޮތުން މީގެ ދެ އަހަރު ކުރިން 'އައިކެން ރީޑް' އޮންލައިން ވިޔަފާރި ރަޖިސްޓަރ ކޮށް ކުޑަ ގޮތަކަށް ވިޔަފާރި ފެށިން. 'އައި ކެން ރީޑް' އޮންލައިން ޕޭޖް ހިންގަނީ އިންސްޓަގްރާމް އަދި ފޭސްބުކްގައި. 'އައިކެން ރީޑް' ފެށިގެން އައީ ޕެންޑަމިކްގެ ތެރޭގައި ކަމަށްވާތީ އެ ދުވަސްވަރަކީ ލޮކްޑައުން އާ ގުޅިގެން ގިނަ ކުޑަކުދިން ބޭރަށްނުދެވި ގޭގައި ތިބި ދުވަސްވަރެއް. އަދި ކުޑަކުދިން ޓެބްލެޓާއި، ޓީވީ ގޭމް ކުޅުމަށް ހޭދަކުރާ ވަގުތު މާބޮޑަށް އިތުރުވެފައި ވާތީ އެދުވަސްވަރު ބެލެނިވެރިން ވެސް ތިބީ ޓެކްނޮލޮޖީއާ ކުޑަކުދިން ދުރުކުރާނެ ގޮތެއް ބޭނުންވެފައި. 'އައި ކެން ރީޑް' ލޯންޗް ކުރުމާއެކު ބެލެނިވެރިންނަށް ވަރަށް ބޮޑު ހިތްތަމަޖެހުމެއް ލިބުނުކަން ފާހަގަކުރެވުނު. އަދި ބުކް ޕޭޖްގައި ވަރަށް ގިނައިން ޕްރޮމޯޝަން ހިންގާ ސޭލް އަޅުވަމުން ދިޔުމާއެކު ޕޭޖަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބުނު. ހަމައެއާއެކު 'އައި ކެން ރީޑް' ގެ ޑެލިވަރީ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވުނު"

View this post on Instagram

A post shared by 𝗶𝗖𝗮𝗻𝗥𝗲𝗮𝗱 (@icanread.mv)

2. އައިކެން ރީޑެ އިން ވިއްކަނީ ހުސް އަމިއްލަ ފޮތްތަ؟

" 'އައި ކެން ރީޑް' އިން ވިއްކަމުން ދިޔައީ ދުނިޔޭގެ ނަން މަޝްހޫރު ލިޔުންތެރިން ލިޔެފައިވާ އަދި ޕަބްލިޝާސް ގެ އިނގިރޭސި ބަހުން ހުންނަ ކުޑަކުދިންގެ ހުރިހާ އުމުރުފުރާއެއްގެ ވާހަކަފޮތް. 'އައި ކެން ރީޑް' ބްރޭންޑް ނޭމް ގެ ދަށުން އަމިއްލަ ފޮތް ނެރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވި ކަމެއް. އެގޮތުން 'އައި ކެން ރީޑް' ގެ ފުރަތަމަ އަމިއްލަ ފޮތް ކަމުގައިވާ 'މޯލްޑިވްސް އޭބީސީ' މިހާރު ވަނީ ޕަބްލިޝްކުރެވި މާކެޓަށް ނެރެވިފައި"

3. އައި ކެން ރީޑް އެމްވީގެ ދިވެހި ފޮތެއް ނުނެރެނީ ކީއްވެ؟

" 'އައި ކެން ރީޑް' ގެ ޕްރޮޑަކްޓްސް މިވަގުތު ޚާއްސަކޮށްފައި ވަނީ އިނގިރޭސި ބަހުން ހުންނަ ފޮތްތަކަށް. ނަމަވެސް، 'އައި ކެން ރީޑް' ގެ ދިވެހި ފޮތެއް މުސްތަޤުބަލުގައި ފެނުމަކީ އެކަށީގެންވާކަމެއް. އަޅުގަނޑަށް ފެންނަ ގޮތުގައި ކުޑަކުދިންގެ ދިވެހި ވާހަކަފޮތް ލިޔާ ފަރާތްތައް ވަރަށް ގިނަ، އަދި މިވަގުތު މާކެޓުން ވަރަށް ރަގަޅު ފެންވަރުގެ ދިވެހި ފޮތް ލިބެން ހުރޭ. އަޅުގަނޑާ އެއިގެ ތެރެއިން ގިނަ ފަރާތްތަކާ ރަގަޅު ގުޅުމެއް އޮވޭ. އެފަދަ ފަރާތްތަކަށް 'އައި ކެން ރީޑް' އިން ވެދެވޭނީ ކޮން ކަހަލަ އެހީތެރިކަމެއްތޯ މިދަނީ ބަލަމުން."

އައި ކެން ރީޑް އިން ނެރެފައިވާ އޭބީސީ ފޮތް ހިފައިގެން ކުޑަ ކުއްޖަކު. މިއީ އައި ކެން ރީޑްގެ ފުރަތަމަ ފޮތް

4. އައިކެން ރީޑް އެމްވީ ގެ ފޮތްތަކުގެ ސްޕެޝަލިޓީ އަކީ ކޮބާ؟

" 'އައި ކެން ރީޑް' އިން ވިއްކާ ފޮތްތަކަކީ ވަރަށް ބޮޑަށް ރިސާޗް ހެދިގެން ގެނެވޭ ފޮތްތަކެއް. އެގޮތުން އިންޓަރނޭޝަނަލް ބުކްޝޮޕްތަކަށް އަޅުގަނޑު އަމިއްލައަށް ގޮސް ދުނިޔޭގެ މަޝްހޫރު ޕަބްލިޝާސްގެ އެންމެ ފާހަގަކޮށްލެވޭ ފޮތްތަކާއި ސީރީސްތައް ފާހަގަކޮށް، ހުރިހާ އުމުރުފުރާއެއްގެ ކުޑަކުދިންނާ ގުޅޭ ގޮތަށް ކެޓަގަރީތަކަކަށް ބަހާލައިގެން ފޮތް ސެލެކްޓް ކުރަން. އަލަށް އަކުރު ކިޔަން ފަށާ ތުއްތު ކުދިން އިން ފެށިގެން ފުރާއުމުރުގެ ކުދިންނަށް އެކަށޭނެ ކޮލިޓީ ފޮތް މިދަނީ ތައާރަފް ކުރަމުން."

5. "މޯލްޑިވްސް އޭބީސީ" މި ފޮތުގެ ކުޑަ ތަފްސީލެއް ދީބަލަ!

"މޯލްޑިވްސް އޭބީސީ އަކީ 'އައި ކެން ރީޑް' ގެ ވަރަށް ޚާއްސަ ފޮތެއް. 'އައި ކެން ރީޑް' އިން އެންމެ ގިނައިން ވިކޭ އެއް ފޮތަކީ އޭބީސީ ފޮތް ކަމަށްވެފައި، ގިނައިން އެ ފޮތްތަކުގައި ހުންނަނީ އެއް ތަސްވީރުތަކެއް (މިސާލަކަށް: އޭ ފޯ އެޕަލް، ބީ ފޯ ބޯލް) މީގެ ބަދަލުގައި ރާއްޖޭގެ މާހައުލުން ފެންނަ ތަކެއްޗަށް، ހާއްސަކޮށް ރާއްޖޭގެ ރީތި ގުދުރަތީ މާހައުލު ފެންނަގޮތަށް އޭބީސީ (އަލްފަބެޓް) ކުޑަކުދިންގެ ފޮތެއް ނެރުމަކީ އަޅުގަނޑަށް އައި ހިޔާލެއް. މީގެ އިތުރުން ރާއްޖެއަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ދަތުރުކުރާއިރު ކުޑަކުދިން ރާއްޖޭގެ ހަނދާނަކަށް ގެންދާނެ ފޮތެއް މާކެޓުން ލިބޭކަށް ނުހުރޭ. އެހެންކަމުން މޯލްޑިވްސް އޭބީސީ ފޮތަކީ ރާއްޖޭގެ ހަނދާނަކަށް ގެންދެވޭނެ ވަރަށް ރަގަޅު އަގުހުރި ފޮތެއް."

6. މި ފޮތް ތައްޔާރުކޮށްފައިވަނީ ކިހިނެއް؟

"މިއީ ބޯޑް ބުކް ފޮތެއް، މި ބޯޑް ބުކް ފޮތަކީ މަތީ ކޮލިޓީގައި ތިމާވެއްޓާ ރަށްޓެހިކޮށް ރިސައިކަލްޑް ގްރޭ ބޯޑް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮތެއް. އަދި ފޮތް ޕްރިންޓްކޮށް ބައިންޑް ކޮށްފައި ވަނީ ނޮން-ޓޮކްސިކް އިންކް އަދި ތެރަސް ބޭނުންކޮށްގެން. ކުޑަކުދިންގެ ރަށްކަލަށް ފޮތުގެ ކަންތައް ހުންނާނީ ވަށް ކުރެވިފައި. މި ފޮތަކީ ގިނަ ދުވަހު ބޭނުންކުރެވޭގޮތަށް ހައި ކޮލިޓީ މެޓީރިއަލްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮތެއް. ފޮތުން ފެނިގެން ދާނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ކުރެހުން ތެރިއެއް ކަމަށްވާ އަހުމަދު އީގާންގެ ރީތި ކުރެހުންތައް. މިފޮތަކީ ތުއްތު ކުދިން އިން ފެށިގެން 5 އަހަރުގެ ކުދިންނަށް ވެސް ކިޔޭނެ ފޮތެއް. އެންމެ ތުއްތު ކުދިންނަށް ރީތި ކުލަގަދަ ތަސްވީރުތައް ބަލާލެވޭ އިރު، ކިޔަން ފަށައިގަންނަ ކުދިންނަށް އަކުރުތަކާއި ބަސްތައް ކިޔޭނެ އަދި އެއަށްވުރެ ބޮޑެތި ކުދިންނަށް ބަސްތަކުގެ އިތުރުން މައުލޫމާތު ބައި ކިޔާލެވޭނެ"

އައި ކެން ރީޑް އިން ނެރެފައިވާ އޭބީސީ ފޮތް

7. އައިކެން ރީޑް އިން ފޮތް ގަންނަންވީ ކީއްވެ؟

" 'އައި ކެން ރީޑް' އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ފެންވަރު ރަނގަޅު ކުޑަކުދިންގެ ފޮތް އަގު ހެޔޮކޮށް ވިއްކޭތޯ. އާއްމުގޮތެއްގައި މާކެޓްގައި ހުންނަ އަގަށް ވުރެ ކުޑަކޮށް ވިއްކޭތޯ މަސައްކަތްކުރަން. 'އައި ކެން ރީޑް' އިން އަހަރު ތެރޭ ވަރަށް ގިނައިން ޕްރޮމޯޝަން ހިންގާ ސޭލް އަޅުވާނެ. އަޅުގަނޑުމެން މުޅި ރާއްޖެއަށް ޑެލިވަރީ ހިދުމަތް ދެން. އެ ހިދުމަތުގެ ފެންވަރު އިތުރަށް ރަގަޅުކޮށް ހަރުދަނާކުރަން އައި ކެން ރީޑް ގެ ޓީމުން މިދަނީ މަސައްކަތް ކުރަމުން. އައި ކެން ރީޑް ގެ ކޮންމެ ކަސްޓަމަރަކީ ވެސް އަޅުގަނޑަށް ވަރަށް މުހިއްމު ފަރާތެއް. ހަމައެކަނި ފޮތް ވިއްކާލުމުން އަޅުގަނޑަށް އެ ނިމުނީ އަކީ ނޫން. ކަސްޓަމަރުންގެ އަޑު އަހާ ފޮތްތަކާ ދޭތެރޭ ދެކޭ ގޮތް 'ރިވިއުސް' އަކީ 'އައި ކެން ރީޑް' އެންމެ އިސްކަންދޭ އެއް ކަންތައް. 'އައި ކެން ރީޑް' ގެ ފްލެކްސިބަލް ޕޭމަންޓް ޕޮލިސީ އަކީ ވެސް 'އައި ކެން ރީޑް' ހިޔާރުކުރައްވަން ވީ އެއްސަބަބު. 'އައި ކެން ރީޑް' އިން ފޮތުގެ އިތުރުން އެކި ވައްތަރުގެ ބުކްޝެލްފް ވެސް ލިބެން ހުންނާނެ. 'އައި ކެން ރީޑް' އިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ހަދިޔާއެއްގެ ގޮތުން ކުޑަ ސްޓޭޝަނަރީ ސެޓެއް ލިބިވަޑައިގަންނަވާނެ. ހިލޭ ދޭ މި ހަދިޔާ އަށް ޕަޒްލްސް ވެސް ވަރަށް އަވަހަށް އިތުރުކުރެވޭނެ."

8. އެންމެ ގިނައިން ވިކެނީ ކޮން ފޮތްތަކެއް؟

"އެންމެ ގިނައިން ވިކެނީ ތުއްތު ކުދިންގެ އޭބީސީ، ފޮނިކްސް، އިންޓަރެކްޓިވް ފޮތް އަދި ކުޑަކުދިންގެ ބަންޑުލް ސީރީސް ފޮތްތައް"

އައި ކެން ރީޑް އިން އެންމެ ގިނައިން ވިކެނީ ތުއްތު ކުދިންގެ އޭބީސީ، ފޮނިކްސް، އިންޓަރެކްޓިވް ފޮތް އަދި ކުޑަކުދިންގެ ބަންޑުލް ސީރީސް ފޮތްތައް

9. މި ޕޭޖުން ވިއްކާ ފޮތްތަކުގެ އަގު އުޅެނީ ކިހާވަރެއްގަ؟

"ފޮތްތަކުގެ އަގު އުޅެނީ 100 ރުފިޔާ އިން ފެށިގެން 1195 ރުފިޔާ (ފޮތް ބަންޑުލް) އާ ދެމެދު. ބައެއް ފޮތް ބަންޑުލް ގައި 52 ފޮތް ހުންނާނެ."

10. އައި ކެން ރީޑް އެމްވީގެ ފިއުޗާ ޕްލޭންސް އަކީ ކޮބާ؟

"މުސްތަޤުބަލުގައި 'އައިކެން ރީޑް' އިން ގިނަ ކަންތައްތަކެއް ކުރަން ގަސްތުކުރަން. 'އައި ކެން ރީޑް' ގެ ވެބްސައިޓް ލޯންޗް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. ވެބްސައިޓް ލޯންޗް ކުރުމުން ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. 'އައި ކެން ރީޑް' ބްރޭންޑްގެ ތަފާތު މުޅިން އައު ޕްރޮޑަކްޓްތަކެއް ނެރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އެއީ ސަޕްރައިސް އެއް! އިރާދަކުރެއްވިއްޔާ ކަސްޓަމަރުންގެ އެދިލެއްވުމާ އެއްގޮތަށް އައި ކެން ރީޑް ގެ ފިހާރައެއް ކައިރި މުސްތަޤުބަލެއްގައި ހުޅުވޭނެ"

ކުޑަކުދިން

Popular