14 Jun 2022

By: Aishath Maaha

ފަހަރެއްގައި މިއީ އޯތެންޓިކް، ހޯމް މޭޑް ޕިއްޒާ ތައްޔާރުކޮށްގެން ވިއްކާ ހަމައެކަނި ޝެފެވެ. މި ދައްކަނީ ގޭގައި ތައްޔާރުކޮށްގެން ކާއެއްޗެހި ވިއްކާ މީހުންގެ ތެރެއިންނެވެ.

ފާތިމަތު ޔާނިއު މަޝްހޫރީ "ބިރިޔާނިއު"ގެ ނަމުންނެވެ. އެކަމަކު އެއީ މާ މީރުކޮށް ބިރިޔާނީ ކައްކާތީ ކިޔާ ނަމެއް ނޫނެވެ. އަދި މާގިނައިން ބިރިޔާނީ ކާތީއެއް ވެސް ނޫނެވެ. އެއީ ޔާނިއުގެ ނަމާއި ބިރިޔާނީއާ ގުޅުވައިގެން އޭނާ ކުޑައިރު ރުޅިއަރުވަން ދައްތަ ކީ ނަމެކެވެ.

ޔާނިއުގެ އެންމެ ހާއްސަ އެއްޗަކީ ޕިއްޒާ އެވެ. ބިރިޔާނީއެއް ނޫނެވެ.

"ޔާނިއުގެ މި ބިޒްނަސްއަށް ނަމެއް ހޯދަން އުޅެނިކޮށް އަނެއްކާވެސް ބިރިޔާނިއު މަތިން ހަނދާންވެގެން ހިތަށް އެރީ ބިރިޔާނިއު އޭ ކިޔާނީ،"

މެލޭޝިޔާގެ ޔޫއޯޑަބްލިއު ކޭޑީޔޫ އައިއެމްއައި ސްވިޓްޒަލޭންޑް ޔުނިވަސިޓީން ކަލިނަރީ މެނޭޖްމަންޓުން ޑިގްރީ ހާސިލްކޮށްގެން މާލެ އައިސް، "ބިރިޔާނިއު"ގެ ނަމުގައި އިންސްޓްގަރްމާގައި ފެށި ކަމަކީ ބޭގަލް އާއި ބޭގަލް ބައިޓްސް ތައްޔާރުކޮށްގެން ވިއްކުމެވެ. ދުވަސްކޮޅެއް ފަހުން ޕިއްޒާ ތައާރަފްކޮށް މިހާރު ހާއްސައީ ޕިއްޒާ އަށެވެ.

ޔާނިއު: އެންމެ ފުރަތަމަ ވިޔަފާރި ފެށީ ބޭގަލް އަދި ބޭގަލް ބައިޓްސް ތައްޔާރުކޮށްގެން

"ބިރިޔާނިއު"ގެ މެނޫގައި ހަތަރު ވައްތަރުގެ ޕިއްޒާ ލިބެން ހުރެ އެވެ. އެއީ "ނީއަޕޮލިޓަން"، "ޑަޔަވޯލާ"، "ކުއާތުރޯ ފޮރްމާޖީ" އަދި "ޗިކަން ޕެސްޓޯ" އެވެ.

"ކިޔަވައިގެން އައިސް ޔާނިއު ބޭނުންވީ އަމިއްލަ ކަމެއް ކުރަން، ކުރަން ޝައުގުވެރިކަން ހުރި ކަމެއް ކޮށްގެން މީހުންގެ ތެރޭގައި މަގުބޫލު ނަމަކަށް ވާން ބޭނުންވީ، ދެން އަބަދު ވެސް ވަރަށް އުފާވޭ މީހުންނަށް ކައްކައި ދެވުނީމަ، އެހެންވެ ބޭނުންވީ ކައްކައިދީގެން އެހެން މީހުންނަށް ވެސް އުފާވެރިކަމެއްް ހޯދައިދޭން،" ދޮޅު އަހަރުވީ ވިޔަފާރި ފެށިގެން އައި ގޮތް ކިޔައިދޭން ޔާނިއު ފެށި އެވެ.

ކިޔައިވައިގެން އައުމުގެ މާކުރިން ފެށިގެން ވެސް ޔާނިއު އަކީ ޝެފެކެވެ. އެކަމަކު އޭރު ހަމައެކަނި ކައްކައިދެނީ ގޭގައި އާއިލާއަށެވެ. ހުކުރު ދުވަސް ފަދަ ބޮޑެތި ކެއުންތައް އޮންނަ ކޮންމެ ދުވަހަކީ ޔާނިއުގެ ދުވަހެވެ.

"ކުޑައިރު މަންމައަށް ފިޔާ ނޮޅައިދޭން ބަދިގެއަށް ވަދެ އުޅޭ ހަނދާންހުރޭ، އޭގެ ފަހުން ވެސް އަބަދު ވެސް ބަދިގެއަށް ވަދެ މަންމައަށް އެހީވެ އުޅެން، ދެން އޭ ލެވެލް ހެދިއިރު ދިޔައީ މާލޭގައި ހުރި ކެރިއާ އޮޕޮޗުނިޓީސް ބަލަމުން އެކަމަކު މާ އިންޓްރެސްޓިން ކަމެއް ނުފެނުނު. އެހެން އުޅެފައި ދިޔަ ސްޓޫޑެންޓް އެކްސްޕޯއެއްގައި އޮތް ކަލިނަރީ ޕްރޮގްރާމްތަކެއް ފެނި އޭގެ މައުލޫމާތުތައް ހޯދި ފަހުން ވަރަށް އިންޓްރެސްޓިން ވީ މިކަން، އެހާ ހިސާބުން ނިންމީ މިއޭ ކުރިއަށްދާނެ ދާއިރާއަކީ،"

View this post on Instagram

A post shared by Yaniu (@biriyaniu)

އެހެންވެ އޭ ލެވެލް ނިންމާލާފައި ސްކޮލާޝިޕްތަކަށް އެޕްލައިކުރަމުން ވަނީ އެއާޕޯޓުގެ ވަޒީފާއަށެވެ. އެތަނުގައި އުޅޭތާ ދެ އަހަރު ފަހުން ޔުނިވާސިޓީން ޖާގަ ލިބިގެން ކިޔަވަން ދާން ތައްޔާރުވިއިރު ސްކޮލާޝިޕެއް ވެސް އޮތީ ހަމަޖެހިފަ އެވެ.

ތިން އަހަރު ދުވަހުގެ ކޯސް ނިންމާފައި އެނބުރި މާލެ އައިއިރު އޮތީ ކޮވިޑްގެ ބިޔަ ރާޅު ބިންދާލައިފަ އެވެ. "ބިރިޔާނިއު" އުފައްދައި ފަށައިގަތުމުގެ ކުރިން ޔާނިއު ގޮސް ވަނީ މާގިރި ހޮޓަލަށް އިންޓާނަކަށެވެ. ހަ މަސް ދުވަހުގެ އެ ޕްރޮގްރާމް ނިންމާފައި އައިސް "ބިރިޔާނިއު" ފަށައިގަތް ނަމަވެސް މިހާރު ޔާނިއުގެ ރަސްމީ ވަޒީފާއަކަށް އަދާކުރަނީ "މީރް ފުޑްސް"ގެ ފުޑް ކޮންސަލްޓަންޓް ކަމެވެ. އެތަނުގެ މެނޫ ތައްޔާރުކުރުން އަދި ސްޓާފުން ޓްރެއިން ކުރުމެވެ. އޭގެ އިތުރުން "ސޯސަލް އެމްވީ"ގެ ފުޑް ސެގްމަންޓަށް ކޮންމެ މަހަކު ދެ ރެސިޕީއެއް ތައްޔާރުކުރެ އެވެ.

އެހެންވެ "ބިރިޔާނިއު" އިން ޕިއްޒާ އޯޑަރުތައް ނަގާނީ ހަމައެކަނި އަންގާރަ އަދި ހޮނިހިރު ދުވަހު އެވެ. މިއިން ކޮންމެ ދުވަހަކު 6، 7 ގަޑިއިރު އެކަމުގައި ހޭދަކުރަން ޖެހޭ ކަމަށް ޔާނިއު ބުންޏެވެ. އެއީ އެއްޗެހި ގަތުމުން ފެށިގެން މަސައްކަތް ނިންމާ ސާފުކުރުން ވެސް ހިމަނައިގެންނެވެ. އާންމުކޮށް ނަގަނީ ދުވާލަކު 16 ޕިއްޒާ އެވެ.

View this post on Instagram

A post shared by Yaniu (@biriyaniu)

"އެކަމަކު ވަރަށް ފަހުން ނަގައިފިން 44 ޕިއްޒާގެ އޯޑަރެއް ވެޑިންއަކަށް، ތިން ދުވަސް ކުރިން ފުށްގަނޑު ތައްޔާރުކުރަން ފަށައިގެން ތައްޔާރުވީ، އެ ދުވަހުގެ 2 ޖެހިއިރު ފެށިގޮތަށް 11 ޖެހިއިރު ނިމުނީ، އެއީ މިހާތަނަށް ނެގި އެންމެ ގިނަ އޯޑަރު،"

ޔާނިއުގެ މި ޕިއްޒާ ބިޒްނަސްގައި ޔާނިއުއާ އެކު މެކޭނިކަލް އިންޖިނިއަރިން އިން ޑިގްރީއަށް ކިޔަވަމުން އަންނަ ރަހުމަތްތެރިއެއް ކަމަށްވާ ސައުދޫން ވެސް ހިއްސާވެ އެވެ. ޕިއްޒާތަކުގެ ރެސިޕީތައް ތައްޔާރުކުރަނީ ދެ މީހުން އެކުގައި މަސައްކަތްކޮށް އެކްސްޕެރިމެންޓްތައް ކޮށްގެންނެވެ.

"ޕިއްޒާގެ ފުށްގަނޑު ތައްޔާރުކުރަނީ ވަރަށް ބަލައިގެން ވަރަށް އެކްސްޕެރިމެންޓްތައް ކޮށްގެން. ދެ މީހުން ވެސް ބޭނުންވާ ގޮތަށް ކާމިޔާބުވަންދެން ޓެސްޓްކޮށްފައި ވިއްކަން ފަށަނީ. ޔާނިއުއަށް ގަބޫލުކުރެވޭ ގޮތުގައި ޔާނިއުގެ ޕިއްޒާ މީހުންނަށް އެންމެ ކަމުދިއުމުގެ ސިއްރަކީ ވެސް ފުށްގަނޑު. ބޭނުންވާ އިންގްރީޑިއަންޓް ނުލިބިގެން ކޮމްޕްރޮމައިސްއެއް ނުކުރަން، އެއީ ފުށަށް ވިޔަސް ސޯސް އަށް ވިޔަސް، މިބުނީ ކިތަންމެ ކުޑަ އެއްޗެއް ވިޔަސް ހަމަ ބޭނުންވާ އެތި ހޯދައިގެން އެ ބޭނުންކުރަނީ، އެއީ ކިތަންމެ ކުޑަ އިންގްރީޑިއަންޓެކޭ ހީވިޔަސް އެ ހުރިހާ އެއްޗެއް އެއްކޮށްލީމާ ފައިނަލް ޕްރޮޑަކްޓަށް ބޮޑު އިމްޕެކްޓެއް އަންނާނެތީ،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by Yaniu (@biriyaniu)

ޔާނިއު ބުނި ގޮތުގައި މިހާރު އެންމެ ގިނައިން ވިކެނީ ޑައިވޯލާ އެވެ. ޕެސްޓޯ ޗިކަން ވެސް މަޑުމަޑުން އެބަ ވައިގައި ހިފައި ކަމަށާއި ކަންކަން ރަނގާޅުކުރަނީ ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކަށް ބަލައިގެން ކަމަށް ބުންޏެވެ.

"ބިރިޔާނިއު"ގެ މެނޫގައި އަދި ހަތަރު ޑިޝް އޮތް ނަމަވެސް ޔާނިއު ދެކެމުން އަންނަ ހުވަފެން ބޮޑެވެ.

"ސްލޯލީ މި ބިޒްނަސް ފުޅާކޮށް އަމިއްލަ ތަނެއް ހުޅުވަން ބޭނުމީ، އެ ދުވަސް އަންނަންދެން ޔާނިއުގެ ޕިއްޒާ ގޭގައި ތައްޔާރުކޮށްގެން ވިއްކުން ޕްލޭނަކީ، އެކަމަކު މި މަސައްކަތުގައި ޑެލިވަރީ ކުރުންވޭ ޗެލެންޖިން ކަމަކަށް، މިހެން ގޭގައި ކައްކައިގެން ވިއްކާ މީހުންނަށް ފަސޭހަ ޑެލިވަރީ ސާވިސްއެއް އަދި މާލޭގައި ނެތް އެކަމަކު ޔާނިއުގެ ބޮޑު ސަޕޯޓް ސިސްޓަމެއް އޮންނާތީ ޑެލިވަރީ އަދި ޝޮޕިން ކުރަން މާބޮޑު ދަތިތަކެއް ކުރިމައްޗެއް ނުވޭ،"

އަވަސް މުސްތަގުބަލެއްގައި އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމުގެ އުންމީދުގައި ޔާނިއު ހުރިއިރު އެތަނުން ޔާނިއުގެ އަމިއްލަ ޑިޝްތައް ލިބޭނެ ކަމަށް ޔާނިއު ބުންޏެވެ.

ޕިއްޒާ

Popular