19 Jul 2023

By: Aishath Mihna Nasih

އިސްކަންދަރު ސްކޫލުން ގްރޭޑް 10 ނިންމާލިއިރު، މަރިޔަމް އަޒްހާ އިބްރާހިމް އާއި އޭނާގެ ކޮއްކޮ އައިމިނަތު ޒާރާ އިބްރާހިމަކީ އެ ސްކޫލް ފަޚްރުވެރިވާ ކާމިޔާބު ދެ ދަރިވަރުންނެވެ. ސްކޫލް ނިންމާލީ އެ ސްކޫލުން ދޭ އެންމެ މަތީ ޝަރަފް ކަމަށްވާ "ބެސްޓް އޯލް ރައުންޑް" ގެ މަގާމް ހާސިލްކޮށްގެންނެވެ.

މި ދެ ކުދިން ވެސް އޯލެވެލް އިމްތިހާނުގެ އެއްވަނަ އަދި ދެވަނައިގައި ވެސް ހިމެނުނެވެ. މިއީ ސްކޫލް ކެޕްޓަނުންނެވެ. ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތް ފަދަ އަދަބީ ކަންކަމުގަ އާއި، ގުރުއާން ކިޔެވުމާއި ފެތުމާއި އެނޫން ވެސް އިތުރު ހަރަކާތްތަކުގައި ހުނަރުވެރި ކުދިންނެވެ. ދެކުދިންގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ހިނިތުންވުމާ އެކު ހިތްވަރު ދޭން ތިބީ މައިންބަފައިންނެވެ.

ހުރިހާގޮތަކުން ވެސް ކާމިޔާބު ދަރިއަކު ތަރުބިއްޔަތު ކުރުމަކީ އަހަރެމެން އެންމެންގެ ވެސް އުންމީދެކެވެ. މިއީ އޯލެވެލްގައި އެއް ވަނަ ހޯދި އަޒްހާ އާއި ތިން ވަނަ ހޯދި ޒާރާގެ ކާމިޔާބީގެ ފޯމިއުލާ އެ ކުދިންގެ މަންމަ ޝަޒްނާ އަބްދުއްސަމަދު ކިޔައިން ގޮތެވެ.

ހުރިހާ ކަމެއް ވެސް ތަރުތީބުވަނީ ކުދިންގެ ޝެޑިއުލަށް

ޝަޒްނާއަކީ މި ކިޔާ ގޮތުން ނަމަ "ސްޓޭ އެޓް ހޯމް މަމް" އެކެވެ. އޭނާގެ މުޅި ދުވަސް ތަރުތީބުވަނީ ދެ ކުދިންގެ ޝެޑިއުލަށެވެ. ގޭތެރޭގެ މަސައްކަތްތަކާއި ދޮވެ އިސްތިރިކުރުމުގެ ހުރިހާ ކަމެއް ވެސް ކުދިން ސްކޫލް ނިމެންވާއިރަށް ނިންމާލަ އެވެ. ބޭނުމަކީ ކުދިންގެ ކަންކަމަށް އަދި ކުދިންނަށް ވަގުތު ހުސްކުރުމެވެ. ހާއްސަކޮށް، އިމްތިހާނު ދުވަސްވަރުތަކުގައި އަމިއްލަ އަށް ކުރާ އެކިއެކި ކަންކަން ވެސް މަދުކޮށް، ކުދިންނާ އެކީ އިތުރު ވަގުތު ހޭދަކުރެވޭތޯ ބަލާކަމަށް ޝަޒްނާ ބުންޏެވެ.

ވަގުތު މެނޭޖްކުރަން ދަސްކޮށްދޭންޖެހޭ

އަޒްހާ އާއި ޒާރާއަކީ ވެސް ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އެކަންކަމުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކުދިންނެވެ. އެހެންވެ އޯލެވެލް އިމްތިހާނާ ހިސާބަށް އައިއިރު، ކުދިންނަށް އެންމެ ފަސޭހަ ކަމަކަށްވީ ޅައުމުރުއްސުރެ ދަސްކޮށްދީފައި އޮތް ވަގުތު މެނޭޖްކުރުމެވެ.

"ދެ ކުދިންނަށް ވެސް ފިލާވަޅު ނިންމަން ހަނދާންކޮށްދޭން ވަރަށް ނުޖެހޭ. އެއީ ކުރީއްސުރެ ވެސް ޓްރެއިންވެފައި މި ތިބެނީ އިތުރު ހަރަކާތްތަކަށް ދިއުމުގެ ކުރިން ފިލާވަޅުތައް އަމިއްލައަށް ނިންމައި ޓައިމް މެނޭޖްކުރަން. ކިތަންމެ ބިޒީކޮށް އުޅުނަސް އަބަދުވެސް ވަގުތު ބޭކާރުނުކޮށްވޭތޯ ބަލަނީ."

ޝަޒްނާ ބުނީ ޓީވީ ބެލުމާއި ރަށްޓެހިންނާ އެކީގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމަކީ މި އުމުރުގައި ކޮންމެ ކުއްޖެއް ވެސް ބޭނުންވާނެ ކަމަކަށްވާއިރު، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެން ކަންކަން ރާވާލުމަށް އެންމެ ކުޑައިރުއްސުރެ ވެސް ކުދިން ހާނުވަންޖެހެ އެވެ.

ކިޔަވަން އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދޭންވާނެ

ގޭތެރޭގައި ކުދިންގެ ކިޔެވުން ކުރިއަށްދާ ވަގުތުތަކަކީ އެ ކުދިންނަށް ކިޔަވަން ފަސޭހަ، ފަހި މާހައުލެއްތޯ ޔަގީންކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ޒިންމާއެކެވެ. ހާއްސަކޮށް، އިމްތިހާނު ދުވަސްވަރާ ދިމާކޮށް ގޭތެރޭގައި އިތުރު ކަންކަން ރާވައި ނުހެދުމަށް މަސައްކަތްކުރިކަމަށް ޝަޒްނާ ބުންޏެވެ. އަދި އޯލެވެލް ޕޭޕަރުތަކާ ހިސާބަށް މަޑުނުކޮށް، ފައުންޑޭޝަން ހިސާބުން ވެސް ކިޔަވައި ފިލާވަޅުތައް ރިވައިސްކޮށް، މުދައްރިސުންދޭ ފިލާވަޅުތައް ނިންމާތޯ ޔަގީންކޮށް، ސިލަބަސް ނިމޭހިސާބުން ޕާސްޕޭޕަރުތައް ހެއްދުމުން ކުދިންނަށް ވަރަށް ބޮޑަށް ފައިދާވި ކަމަށް އޭނާ ބުންޏެވެ.

މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ވަރަށް މުހިންމު

ޝަޒްނާ ބުނި ގޮތުގައި ދެކުދިންގެ ކާމިޔާބީއަކީ ވެސް ކޮންމެހެން ކުދިންގެ ފަހު އަހަރު ނުވަތަ އޯލެވެލް އިމްތިހާނަށް އަމާޒުކޮށްގެން ކުރި މަސައްކަތް އެކަންޏެއް ނޫނެވެ. އޭގެ މާ ކުރިއްސުރެ ވެސް، ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާތަކުން ސީނިއާ ބެޗްތަކުގެ ކުދިންނަށް ލިބޭ ކާމިޔާބީތައް ފެނި، އެ ކާމިޔާބީތައް ހޯދުމަށް ދޮށީ ދަރިފުޅު އަޒްހާ މަސައްކަތްކުރަންފެށި އެވެ. އެ މަންޒަރުތައް ފެނި، އަދި އަޒްހާގެ ކާމިޔާބީ އެންމެ ކައިރިން ފެނުނު ޒާރާ ބޭނުންވީ ކޮންމެހެން އޭނާގެ ބެޗްގެ ކުދިންނާ ވާދަކުރުމުގެ ބަދަލުގައި ދޮންތި ހޯދި ކާމިޔާބީއަށްވުރެ ވެސް ރަނގަޅު ނަތީޖާތަކެއް ހޯދާށެވެ. އެހެންވެ ޒާރާ ވެސް އެ އުންމީދުގައި ގަދައަޅާ މަސައްކަތްކުރިކަމަށް ޝަޒްނާ ބުންޏެވެ. އަދި ގޭތެރޭގައި ވެސް އެހެން ކުދިންގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ދެ ކުދިން އެކުގައި ކުރިއަށް ދާން ހިތްވަރު ކުރިތަން ފެނުނު ކަމަށް ބުންޏެވެ.

އާމިނަތު ޒާރާ އިބްރާހިމް (ކ) އަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ކާމިޔާބީގެ ހަނދާނީ ފިލާ ހަވާލު ކޮށްދެނީ

ޝަޒްނާ ބުނީ ހަމަ އެއާ އެކު ދެން އެންމެ މުހިންމު ކަމަކީ ދަރިންނާއި މައިންބަފައިންނާ ދެމެދު އޮންނަންވީ އިހްތިރާމާއި ދުޅަހެޔޮ ގުޅުން ކަމަށެވެ. ކުއްޖާގެ ޝައުގާއި، ކުރަން ބޭނުންވާ ކަންކަމަށް ފުރުސަތު ދިނުމާ އެކު ވެސް އެކަންކަމުގެ އިން ކަނޑައަޅަންޖެހޭނީ ބެލެނިވެރިންކަމަށާއި ބެލެނިވެރިންގެ ނިންމުމަށް ކުދިން އިހްތިރާމްކުރަން އެންމެ ކުޑައިރުއްސުރެ އާދަވެފައި އޮންނަންވާނެ ކަމަށް ބުންޏެވެ.

"ކަމަކަށް އަޒުމު ކަނޑައަޅައިގެން މަސައްކަތްކުރާއިރު، އެކަމަކަށްޓަކައި ކޮންމެވެސް ކަހަލަ ގުރުބާނީތަކެއް ވެސް ވާންޖެހޭނެކަން ކުދިންނަށް ދަސްކޮށްދޭންޖެހޭ."

ނާއުންމީދުވާ ހާލަތްތަކުގައި ވެސް ހިތްވަރު

ކިތަންމެ ގަދަ ހިތްވަރާއި އަޒުމާ އެކު މަސައްކަތްކުރިޔަސް ކޮންމެ ފަހަރަކީ އަހަރެމެން އެންމެ އުންމީދުކުރާ ނަތީޖާ ލިބޭނެ ފަހަރެއްކަމުގައި ނުވެދާނެ އެވެ. އެ ހާލަތުގައި ވެސް ދަރިންނަށް ހިތްދަތި ބަސް ބުނުމުގެ ބަދަލުގައި މައިންބަފައިން ދަރިންގެ ހިތްވަރަކަށް ވާންޖެހޭކަމަށް ޝަޒްނާ ބުންޏެވެ.

"އަބަދުވެސް ދެކުދިން ގާތުގައި ބުނަން، މަސައްކަތްކޮށްފައި ދެން ލިބޭ ނަތީޖާ ކޮންމެގޮތަކަށް އޮތަސް އޯކޭ ކަމަށް. އެއީ އެކުއްޖަކަށް ވެސް އެނގޭނެ އަމިއްލައަށް މަސައްކަތްކުރެވުނުކަން."

އޭނާ ބުނީ އުންމީދުކުރި ނަތީޖާ ނުލިބޭ ފަހަރުތަކުގައި ވެސް، އިތުރަށް މަސައްކަތް ކޮށްގެން ކުރިއަށް ދޭން ދެނީ ހިތްވަރު ކަމަށާއި މަސައްކަތް ނުކޮށްގެން ވީގޮތް ކަމަށް ބުނެ ނެގެޓިވް ބަސްތައް ބޭނުން ނުކުރާ ކަމަށެވެ.

ޝަޒްނާ ބުނީ ޓެސްޓު ދުވަސްވަރު ހާސްވެ، ކެއުމާ ދުރުވެ ކުދިންނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަކަން ފާހަގަވާ ނަމަ، ވީހާވެސް ގިނައިން އެކުދިންނާ އެކު މަންމަމެން ތިބިކަން އަންގައިދޭން ވާނެ ކަމަށެވެ. އެއީ ކުދިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް ނަމާދުކޮށް ހާސިލްކުރަން ބޭނުންވާ އަމާޒާ ހިސާބަށް ވާސިލްވެވޭތޯ ދުއާކުރަން ކުދިންނަށް ހަނދާންކޮށްދޭންޖެހޭނެ ކަމަށް ބުންޏެވެ.

ކިޔަވާކުދިން ދަރިން ތަރުބިއްޔަތުކުރުން

Popular