23 Mar 2024

7 ސުވާލު: އާޓްސީގެ އަހްލާމަށް

By: Aishath Mihna Nasih

އާއިޝަތު އަހްލާމް އިބްރާހިމް އަބަދުވެސް ފަންނުވެރިކަމަށް ލޯބި ކުރި އެވެ. ކުޑައިރުވެސް ޑިޒައިންކުރުމާއި، އެކިކަހަލަ ކަވި މަސައްކަތްތަކަށް ވަރަށް ގަޔާވެ އެވެ. މަންމަ ހެދުން ފަހާއިރު އޭނާގެ މަސައްކަތަކީ ދެމައިންގެ ހެދުންތައް ފަރުމާކުރުމެވެ.

ނަމަވެސް އަހުލާމް، 33، ކިޔަވައި ނިންމުމަށްފަހު އިޚްތިޔާރުކުރީ މަންމަގެ އެދުމުގެ މަތިން މި ޝައުގާ މާ ދުރުން މުދައްރިސްކަމެވެ. ސެކަންޑްރީ ބިޒްނަސް ސްޓަޑީސް ޓީޗިން އިން މޭޖާވެގެން އޭނާ މިހާތަނަށް ވެސް ރަސްމީ ގަޑީގައި ކުރާ މަސައްކަތަކީ އެއީ އެވެ. އެކަމަކު ކޮވިޑުގެ ހުއްޓުމާ އެކު ގޭގައި ހުރެ ވަގުތު ލިބުނީ ޅައިރުއްސުރެ ހިތްދެވިފައިވާ ފަންނުވެރިކަމަށެވެ.

މި މަހުގެ "7 ސުވާލު" އަހަރެމެން މި ކޮށްލަނީ އިންސްޓަގްރާމްގައި ހިންގަމުން އަންނަ، ގދ. ތިނަދޫގައި ބޭސްވެ އެކަމަކު މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ޚިދުމަތްދެމުން އަންނަ ކުޑަ އަދި މެދު ފަންތީގެ ވިޔަފާރިއެއް ކަމަށްވާ އާޓްސީ އަށެވެ.

View this post on Instagram

A post shared by Artsy (@____art.beat____)

އާޓްސީގެ މަސައްކަތެއް

މިއީ ކިހިނެއް ފެށުނު މަސައްކަތެއް؟

އެންމެ ކުޑައިރުވެސް ޑިޒއިން ކުރަން ވަރަށް ޝައުގުވެރިވޭ، ވަރަށް ކަވި މަސައްކަތްތައް ވެސް ކުރާހިތްވޭ. މަންމައަކީ ހެދުން ފަހާ މީހެއްވީމަ އޭރު މަންމަގެ ހެދުންތަކާއި އަޅުގަނޑުގެ ހެދުންތައް ޑިޒައިންކޮށް ހަދަން. ސްކޫލް ނިންމާފައި މަންމަ ބޭންވި ދާއިރާއަކުން ތައުލީމު ހާސިލްކުރުމަށް ޓީޗިން ހެދިން. އެގޮތުން ސެކަންޑްރީ ބިޒްނަސް ޓީޗިން އިން މޭޖާ ވިން. ދެން އެ ހިސާބުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން އަބަދުވެސް ހުރޭ. ސެކަންޑަރީ ޓީޗަރެއް ވީމާ އެހާ ވަގުތެއް ނޯވޭ އަމިއްލަމަސައްކަތް ތަކަށް.

ކޮވިޑްގެ ލޮކްޑައުން ވެގެންދިއީ ހުރިހާ ޓީޗަރުންނަށްވެސް ވަރަށް ހުސް ވަގުތު ލިބުނު ދުވަސްކޮޅަކަށް. އޭރު ގޭގައި ހުންނަންޖެހުމުން އަސްލު އާރޓްސް އަށް ހުންނަ ޕެޝަން ފޮލޯކުރަން ފެށީ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތަކަށް ކުރީ އަޅުގަނޑުގެ ދެކުދިންގެ ރޫމް ޑެކަރޭޝަންއަށް ސިމެންޓް ލެޓަރސް ތަކެއް ޑިޒައިން ކުރުން. އެ މަސައްކަތައް އަޅުގަނޑުގެ އިންސްޓަރގްރާމް އެކައުންޓުން އަޕްލޯޑްކުރި ހިސާބުން އެޔަށް ވަރަށް ބޮޑު ޑިމާންޑެއް ކްރިއޭޓްވެ ގިނަ އޯޑަރތަކެއް ލިބެންފެށީ. އެހިސާބުން އަސްލު އާރޓްސްގެ ބިޒްނަސްއެއް އުފެއްދުމަށް ހިޔާލެއް ލިބުނީ.

ދެން އާޓްގެ އެކި އޮޕްޝަންތައް އެކްސްޕްލޯކުރަން ފެށުނީ. ސިމެންޓް ލެޓާސް ހަދަމުން ދަނިކޮށް އެއްދުވަހަކު ބޭބެ އައިސް ބުނީ ތި ލެޓާސްތައް ރެސިން އިން ޓްރައިކޮށްލަންވީ ނޫންހޭ. އޭރު ނޭނގޭ ރެސިން އަކީ ކޯއްޗެއްކަމެއް ވެސް. އެމަސައްކަތް ފެށިއިރު ރާއްޖޭގައި ރެސިން އާޓްގެ މަސައްކަތްކުރާ ފަރާތްތަކާ މަޝްވަރާކުރިން. އެ އާޓިސްޓުންގެ ހެލްޕް ވެސް ވީ ވަރަށް ބޮޑު މޯޓިވޭޝަނަކަށް. އެގޮތުން ސިމެންތި އަކުރުގެ އިތުރުން ރެސިން އިން އަކުރުތަކާއި ކީޗެއިންސް ހަދަން ފެށީ. އެ ހިސާބުން އާޓްސީ އުފަންވެގެން އައީ. ވަކި ބިޒްނަސްއެއްގެ ގޮތަށް ރަޖިސްޓްރީކޮށްގެން އިންސްޓަގްރާމް ޕޭޖެއް ކްރިއޭޓްކުރީ ނޮވެމްބަރު 2020 ގަ. އޭގެފަހުން ތަފާތު އާޓްސް ޓެސްޓްކޮށް ތައާރަފްކޮށް މެޝިނަރީޒް އަޕްގްރޭޑް ކުރަމުން މިދަނީ.

އާންމުކޮށް ތައްޔާރުކުރަނީ ކޮން ކަހަލަ ޕްރޮޑަކްޓްތަކެއް؟

އަޅުގަނޑުމެންގެ ޕޯޓްފޯލިއޯގައި މިހިމެނެނީ މައިގަނޑު ގޮތެއްގައި އާޓް އެންޑް ކްރާފްޓާ ގުޅުންހުރި ގިނަ ޕްރޮޑަކްސްތަކެއް. އެގޮތުން ސިމެންޓް ލެޓާސް، ރެސިން/ ލަކުޑި ކީޗެއިން އަދި ޝީލްޑް، މެޑަލް، ބޭބީ ނާސަރީ ޑެކަރޭޓިވްސް، ބޭބީ ކީޕް ސޭކްސް، ކިޑްސް ސޭވިން ބޭންކްސް، ފޯން ކަވަރު، ނައިޓް ލޭމްޕް، ރެސިން އިން ހަދާ އެކި ޕްރޮޑަކްޓް. އަޅުގަނޑުމެންގެ ގިނަ ޕްރޮޑަކްޓްތަކީ ކަސްޓަމައިޒްކޮށް އަދި ޕާސަނަލައިޒްކޮށް ހަދާ ޕްރޮޑަކްޓްތައް.

View this post on Instagram

A post shared by Artsy (@____art.beat____)

އާޓްސީގެ މަސައްކަތެއް ---

ޓީޗަރެއްގެ ވަޒީފާއަދާކުރަމުން މި ވިޔަފާރީގެ މަސައްކަތް މެނޭޖްކުރަނީ ކިހިނެއް؟

ޓީޗަރެއްވީމަ އަސްލު ބިޒްނަސްއަކަށް ދޭންވާ އެންމެ އެކަށީގެންވާ ވަގުތު ނުދެވޭ. އެކަމަކު ވަރަށް މަސައްކަތްކުރަން ލިބޭ ހުރިހާ އޯޑަރެއްނަގައި ގަޑިއަށް ނިންމަން. ސްކޫލްގެ އޮފް ގަޑިތަކުގައި، ގިނައިން ރޭގަނޑާއި ހަފްތާ ބަންދުގައި މަސައްކަޔް ކުރަނީ. މިކަމަށް އެހާބޮޑު ޝައުގެއް ހުންނާތީ ވަގުތު ކޮންމެވެސް ގޮތަކަށް މެނޭޖްކުރަން.

ސީޒަނަލް ޑިމާންޑް ވަރަށްބޮޑަށް އޮންނަ މަސައްކަތެއްމީ، މިސާލަކަށް ޓީޗަރުންގެ ދުވަސް، ކުޑަކުދިންގެ ދުވަސް.. އެހެންވީމާ ކުރިއާލައި އެކަހަލަ އޮކޭޝަނަތަކަށް ތައްޔާރުވަން. އެގޮތުން ބޭނުންވާ ތަކެތި ހޯދާފަ ބަހައްޓަނީ. ދެން ރެގިއުލާ ކަސްޓަމާސްއާ ވާހަކަ ދައްކާފައި އަބަދުވެސް ބުނަން ޕްރީ އޯޑާ ކޮށްލަން. އެގޮތަށް ރާވައިލައިގެން މަސައްކަތުގެ ޓައިމް މެނޭޖްކުރަނީ. ދެން ވަރަށް ބޮޑެތި އޯޑަރުތައްވެސް ލިބޭ. މިސާލަކަށް މުބާރާތްތަކަށް މެޑަލާއި ޝީލްޑް ތައްޔާރުކުރުން. އެކަހަލަ ވަގުތުތަކުގައި އާއިލާއާއި ރަހުމަތްތެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. އެހެންވީމާ ބޮޑެތި އޯޑަރުތައް ވެސް ވަގުތަށް ނިންމާލެވޭ.

މިހާތަނަށް ކޮށްފައިވާ އެންމެ ހިތްހަމަޖެހޭ މަސައްކަތް

އަސްލު ހުރިހާ މަސައްކަތެއްވެސް ވަރަށް ހިތްހަމަޖެހިގެން ހަދާ ނިންމަނީ. އާރޓްސީގެ ގިނަ މަސައްކަތްތަކަކީ ހަމަ އަމިއްލައަށް ޑިޒައިންކޮށްގެހަދާފައި ހުންނަ ތަކެތި. އެހްންވީމާ ވަރަށް ހިތްހަމަޖެހޭ ހުރިހާމަސައްކަތެއް ވެސް. ކަސްޓަމަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނީ ކިޑްސް ސޭވިން ބޭންކަށް. ދެން އަޅުގަނޑުމެން ހަދާ ރެސިން ޝީލްޑް ތަކަށްވެސް ވަރަށް ޕޮޒިޓިވް ކޮމެންޓްސް އަބަދުވެސް ލިބޭ. އަޅުގަނޑުގެ ޕާސަނަލް ފޭވަރިޓް ޕްރޮޑަކްޓަކީ ބޭބީ ކީޕްސޭކްސް އާއި ބޭބީ ނާސަރީ ޑެކަރޭޓިވްސް.

މަސައްކަތްކުރުމުގައި ދަތިވަނީ ކޮންކަމަކަށް؟

ކުދިވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އަބަދުވެސް ކުރިމަތިވޭ. އެގޮތުން އެއްޗެއް ހަދަން ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތައް ހުރޭ. ރެސިން ގިނައިން މިގެންނަނީ އިންޑިއާއިން. ދެން ބޮޑު ބިޒްނަސްއެއް ނޫންވީމަ އެއްފަހަރާ އެހާ ގިނައިން ނުގަނެވޭ. އެހެންވީމާ އިންޑިއާއިން ރެސިން ގެންނަންވެސް އުދަނގޫ. ދެން ބޭނުން ކުރާ ތަކެތީގެ އަގު ބޮޑުވީމަ ވެސް ވަރަށް ދަތިވޭ.

View this post on Instagram

A post shared by Artsy (@____art.beat____)

އާޓްސީގެ މަސައްކަތެއް

މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބާ؟

އާޓްސީ އަކީ އަޅުގަނޑުގެ ހިތްހަމަޖެހުން. ވަޒީފާގެ މާހައުލާއި އެހެނިހެން ގޮތްގޮތުން ވެސް އެއަންނަ ސްޓްރެސް ފިލުވަނީ މިމަސައްކަތުން. ރަނގަޅު އާރޓް ޕީސް އެއް ހަދާލެވުނީމަ ވަރަށް ހިތްހަމަޖެހޭ. އަސްލު ކުޑަ ބިޒްނަސްއަކާ ބަލާފައި ވަރަށް އިތުބާރުކޮށްފަ ބޮޑެތި އޯޑަރުތައް ވެސް ދޭ. އެހެންވީމަ މިމަސައްކަތް ބަލައިގަންނަކަން އިހުސާސްކުރެވުނީމަ ވެސް ވަރަށް ހިތްހަމަޖެހޭ.

މި ހާހިސާބަށް އައިއިރު މިބިޒްނަސްއަށް ވަރަށް ބޮޑެތި އިންވެސްޓް ކުރެވިއްޖެ. ހަމަ ލިބޭ އެއްޗަކުން ސޭވްކޮށްގެން. އެއީ އާޓްސީގެ ކޮންމެ ކަސްޓަމަރެއްގެ ކޮންޓްރިބިއުޝަން. ހާއްސަކޮށް ބޮޑެތި އޯޑަސް ތަކުން ބޮޑު ސޭވިންއެއް ކުރެވެނީ. އެގޮތުން އަޅުގަނޑު ވަރަށް ފާހަގަކޮށްލަން ބޭނުން ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ތިނަދޫ އަންހެނުންގެ ޖަމުއިއްޔާ (ވީޓް) އިން އަޅުގަނޑަށްކުރާ އިތުބާރާއި ދެއްވާ އެއްބާރުލުން. އެގޮތުން އެފަރާތްތަކުގެ އިވެންޓްތަކަށް ޝީލްޑް ހަދަން އަބަދުވެސް ފުރުސަތު ލިބޭ. އަންހެނުންގެ ކޮމެޓީގެ ފަރާތުން ތިނަދޫގައި ބޭއްވި ހިޔަލަ އެކްސްޕޯ ވެގެންދިޔައީ އާޓްސީގެ ބްރޭޑް އެވެއާ ކުރުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތަކަށް.

މިމަސައްކަތް ކުރުމުގައި ދެންލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަޅުގަނޑެމެންގެ މި މަސައްކަތައް ސަޕޯޓްކުރާ އާއިލާއަކާއި ރައްޓެހިން ތިބުން.

ކުރިިއަށް އޮތްތަނުގައި ވިޔަފާރި ފުޅާކުރަން ގަސްތުކުރަނީ ކިހިނެއް؟

އާޓްސީގެ މަސައްކަތްތައް ކުރިއަރުވާ ޕްރޮޑަކްޓް ޕޯޓްފޯލިއޯ އިތުރުކޮށް މަސައްކަތައް ބޭނުންވާ އިތުރު މެޝިނަރީސް ހޯދުން. އަދި ލޯންގް ޓަރމް ޕްލޭންއަކީ އާޓްސީގެ ސްޓޫޑިއޯ މިހާރަށްވުރެ ތަރައްގީކޮށް އާޓްސީގެ ޝޯރޫމެއް ހުޅުވުން.

ކުދި ވިޔަފާރި އާޓިސްޓް

Popular