By: Aishath Mihna Nasih
އެންމެ ކުޑައިރު ވެސް ހުދާ އަބްދުﷲ، އެންމެ ގަޔާވާ އެއް ކަމަކީ އެކި ތަންތަނަށް ދަތުރުކުރުމެވެ. ކޮންމެ ޗުއްޓީއެއްގައި ވެސް ކޮންމެވެސް ރަށަކަށް ދަތުރުކޮށްލައި ތަފާތު ތަޖުރިބާތަކެއް ކުރުމަކީ އޭރުން ފެށިގެން އާއިލާއިން އަބަދުވެސް ކުރަމުން އައި ކަމެކެވެ. އެއާ އެކު، ހުދާ ޝައުގު އެންމެ ބޮޑަށް ހުއްޓުނީ ވެސް ދަތުރުކުރުމަށެވެ. މިއަދު އޭނާގެ ސޯޝަލް މީޑީއާތަކުން އޭނާގެ ފޮލޯވަރުން ވެސް ގެންދަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މަންޒިލްތަކަށެވެ. ޑިޖިޓަލް ދުނިޔޭގައި މި ޒުވާނާ މި އަންނަނީ ފިޔަޖަހަމުންނެވެ.
އަބަދުވެސް އެންމެ ކުރާހިތްވި ކަމަކީ ދަތުރުކުރުން
ހުދާ ބުނި ގޮތުގައި ކުޑައިރުއްސުރެ ވެސް، ދަތުރުކުރުމަށް އޮތް ޝައުގުގެ ބޮޑުކަމުން ސާނަވީ ގްރޭޑްގައި އިޚްތިޔާރުކުރީ ވެސް "ޓްރެވަލް އެންޑް ޓުއަރިޒަމް" މާއްދާއެވެ. އެއާ އެކު، ގްރޭޑް 10 ގެ އަހަރު އިންޑިއާގެ އުތުރުގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބުނެވެ. ދެން ގާލްގައިޑްގެ ހަރަކާތުގެ ތެރެއިން ދެކުނު ކޮރެއާގެ ޖަމްބަރީ އަށް ދާން ވެސް ފުރުސަތު ލިބުނެވެ. މިއީ މި ދާއިރާއަށް އިތުރަށް ޝައުގުވެރިކުރުވި ދެ ފުރުސަތެވެ.
ޑިޕްލޮމާއާއި ޑިގްރީ ވެސް އޭނާ ހާސިލްކުރީ އިންޓަނޭޝަނަލް ޓްރެވަލް މެނޭޖްމަންޓްގެ ދާއިރާއިންނެވެ. އަދި މެލޭޝިޔާގައި ކިޔަވަމުން ދިޔައިރު ވެސް ލިބު އެކި ފުރުސަތުތަކުގައި އޭނާ ވިއެޓްނާމާއި ތުރުކީ ފަދަ ގައުމުތަކަށް ދަތުރުކޮށް، އެ ގައުމުތަކުގެ އެކި މަންޒިލްތަކާއި، ފަތުރުވެރިކަން ތަޖުރިބާކުރި އެވެ.
"އެންމެ ފުރަތަމަ އެކި ޓްރެވަލް ޕޯސްޓްތައް ކުރަންފެށީ 2018 ވަނަ އަހަރު. އަމިއްލަ ހޮބީއެއްގެ ގޮތުގަ އާއި ޓްރެވަލް ޑައިރީއެއްގެ ގޮތަށް އަމިއްލަ ޕާސަނަލް އެކައުންޓަށް އަޕްލޯޑްކުރަންފެށީ. ދެން އެ ޕޯސްޓްތައް ގިނަވާން ފެށިވަރަކަށް، މީހުންގެ ޕޮޒިޓިވް ފީޑްބެކް ލިބެމުން އައީ،" ހުދާ ބުންޏެވެ.
ނަމަވެސް، ސޯޝަލް މީޑިއާގައި އެކި ކޮންޓެންޓް އަޕްލޯޑްކުރުމުގެ މަސައްކަތް ސީރިއަސް ކަމެއްގެ ގޮތުގައި ދެކިގެން ކުރަން ފެށުނީ 2020 ވަނަ އަހަރުތެރޭގަ އެވެ. އޭރު ހުދާ މަސައްކަތްކުރަމުން ދިޔައީ ޓްރެވަލް އޭޖެންސީއެއްގަ އެވެ. އަދި ވަޒީފާގެ ގޮތުން އެކި ރަށްތަކަށާއި، ރިސޯޓްތަކަށް ދިޔައީ ދަތުރުކުރަމުންނެވެ. އެ ހިސާބުން މީހުންގެ ބޮޑު ސަމާލުކަމެއް އޭނާގެ ޕޯސްޓްތަކަށް ލިބެން ފެށުނީ ކޮވިޑް19 ގެ ތެރޭގައި، ފުރަބަންދުވެފައި ވަނިކޮށް ވެސް، މި ދަތުރުތައް ކުރަން ލިބި އެ މަންޒަރުތައް އޭނާގެ ފޮލޯވަރުންނަށް ގެނެސްދޭން ފެށުމުންނެވެ.
"ވަރަށް ގިނަ މީހުން އޭރު މެސެޖްކުރި. ބުނާނެ ހަމަ އޮންލައިންކޮށް އެކި ތަންތަނަށް ދަތުރުކުރެވޭ ހެންނޭ ހީވަނީ ހުދާގެ ޕޯސްޓްތައް ފެނިފައި،" ހުދާ ކިޔައިދިނެވެ.
ލިބެމުންދިޔަ އާ ފޮލޯވަރުންނާ އެކު އޭނާގެ އެކައުންޓް ދިޔައީ މަގްބޫލުވަމުންނެވެ. އޭނާ 2022 އިން ފެށިގެން އަންނަނީ މެދުކެނޑުމެއްނެތި މިފަދަ ތަފާތު ކޮންޓެންޓްތައް ގެނެސްދެމުންނެވެ.
ހަމައެކަނި ޓްރެވަލް ވްލޮގެއް ނޫން!
ހުދާގެ ފީޑުގެ އެންމެ ހާއްސަ ކަމަކީ މި އެވެ. އޭނާ އަހަރެމެންނާ ހިސާބަށް ގެނެސްދެނީ ހަމައެކަނި ރާޢްޖެއިން ބޭރުގެ އެކި މަންޒަރުތަކެއް ނޫނެވެ. ރާއްޖޭގެ އެކި ރިސޯޓްތަކާއި ރަށްތަކެވެ. "ގެޓް ރެޑީ ވިތު" މީ ވީޑިއޯތަކާއި އެކި ކަހަލަ ރިވިއުތަކެވެ. ހުދާ ބުނާގޮތުގައި ކޮންމެހެން ކެމެރާ ކުރިމައްޗަށް އަރައި ވާހަކަދައްކައި، އެކި ކަހަލަ ޕްރޮގްރާމްތައް ހުށަހެޅުމުގެ ޝައުގެއް ނެތަސް، އޭނާ އަކީ ދުވަހަކުވެސް ކެމެރާ އަށް ބިރުން ފިލަން އުޅުނު މީހެއް ނޫނެވެ. ފުރަތަމަ، އަމިއްލައަށް ވީޑިއޯތަކަށް އަޑުއެޅުމާއި ކެމެރާ ކުރިމަތީ ވާހަކަދައްކަން ފަސް ޖެހުނަސް، މިފަދަ ވީޑިއޯތައް ހަދަމުން އައި ވަރަކަށް، ކޮންފިޑެންސް އިތުރުވި އެވެ. އަދި މިއަދު ކެމެރާ ކުރިމަތީ މޭކަޕްކޮށް، ބުރުގާ ސްޓައިލްކުރުމަކީ ނިކަން ފަސޭހަކަމާއި އަމިއްލަ ނަފްސަށް އިތުބާރާ އެކު ކުރާ ކަންކަމެވެ.
ބިޒީ ޝެޑިއުލެއް، އެކަމަކު ޝައުގަކަށް ބަދަލެއް ނެތް
ސޯޝަލް މީޑިއާގައި ކޮންޓެންޓް ތައްޔާރުކުރުމަކީ ހުދާގެ ހޮބީ އެވެ. ރަސްމީ މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅުނަސް، އެކި ވީޑިއޯތައް ޝޫޓްކޮށް، އެޑިޓްކޮށް އަޕްލޯޑްކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި އޭނާ އަންނަނީ ކުރަމުންނެވެ. ހާއްސަކޮށް، އެކި ބްރޭންޑްތަކާއި އެކީ މަސައްކަތްކުރާއިރު، ނިންމަންޖެހޭ ވަގުުތުތަކަށް ސަމާލުކަންދީގެން ފަރުވާތެރިކަމާ އެކު އެ މަސައްކަތްކުރުމަށް ގިނަ ވަގުތުތަކެއް ނަގަ އެވެ.
ހުދާ ބުނާ ގޮތުން ކޮންމެ ދުވަހަކުވެސް އޭނާގެ މި ވަޒީފާއަށް 2-3 ގަޑިއިރު ހޭދަވެ އެވެ. އަދި ގިނަ މަސައްކަތްތައް ހަފްތާ ބަންދަށް ޝެޑިއުލްކުރާއިރު، ގާތްގަނޑަކަށް 5-6 ގަޑިއިރު ކޮންމެ ހަފްތާ ބަންދެއްގައި ވެސް އޭނާ ހާއްސަކުރަނީ މި މަސައްކަތަށެވެ.
ސޯޝަލް މީޑީއާ އިންފްލުއެންސަރުންގެ މަސައްކަތަކީ އަދިވެސް އަހަރެމެންނާ އެންމެ ދެކެފަރިތަ ކަމެއް ނޫނެވެ. ނަމަވެސް މަޑުމަޑުން މީހުން މި މަސައްކަތް ބަލައިގަންނަން ފަށައިފި ކަަމަށް ހުދާ ގަބޫލުކުރެ އެވެ. އަދި މިއަދު އެކި ވިޔަފާރިތަކުން ވެސް މާކެޓިން ޓޫލެއްގެ ގޮތުގައި އިންފްލުއެންސަރުން ބޭނުންކުރުމަކީ މިކަމަށް ދިވެހިންގެ ވިސްނުން ބަދަލުވަމުން އަންނަ ކަމެއްގެ ގޮތުގައި ހުދާ ދެކެ އެވެ.
ނަމަވެސް، އަދިވެސް ރާއްޖޭގެ ސަރަހައްދުގެ ގޮތުން ބައެއް ކޮންޓެންޓްތައް މޮނެޓައިޒްކުރުމުގައި ދަތިތަކެއް ހުރެއެވެ. އަދި މާކެޓިންއަށް ޚަރަދުކުރަން ބޭނުންވާ ބްރޭންޑްތައް މަދުކަމުން މި މަސައްކަތުން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް މިކަންކުރުމަށް ދިމާވާ އިތުރު ގޮންޖެހުމެކެވެ.
އެންމެ ބޮޑު ތަރުހީބެއް ދެނީ އާއިލާ އާއި ރައްޓެހިން
ކޮންޓެންޓް ކްރިއޭޓާއެއްގެ މި މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. އަމިއްލަ ދިރިއުޅުމުގެ އެކި މަންޒަރުތަކާއި އެކި ތަޖުރިބާތައް އެންމެނަށް ފެންނާނެހެން ޕޯސްޓްކުރާއިރު އެކި ފާޑުކިިޔުންތަކާއި ވާހަކަ މީހުން ދައްކާނެކަން އެނގެ އެވެ. ހުދާ ބުނީ ފުރަތަމަކޮޅު އެންމެ ހާސްވި ކަމަކީ ވެސް އެއީ ކަމަށެވެ.
"ފުރަތަމަކޮޅު ވަރަށް ފަސްޖެހުނު މީހުން މި ޕޯސްޓްތަކަށް ރިއެކްޓްކުރާނެ ގޮތަކާއ މެދު ވިސްނިފައި. އެކަމު އެންމެންގެ ފަރާތުން ގިނައިން ލިބެނީ ހަމަ ޕޮޒިޓިވް ފީޑްބެކް. އެހެންވެ ނެގެޓިވް ވާހަކަތައް އަޔަސް ވެސް މިހާރު އެ ބަލައިގަންނަން އެނގޭ،" ހުދާ ބުންޏެވެ.
ހުދާ ބުނީ މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ވީޑިއޯތަކާއި ރިވިއުތަކުން ކޮންމެވެސް ބައަކަށް އިތުރު މައުލޫމާތުތަކެއް ލިބި ފަސޭހަތަކެއް ލިބިގެން ދާތީ ކަމަށެވެ. އަދި ޝައުގުވެރިކަން ހުރި ދާއިރާއަކުން، ކުރަން ބޭނުންވާ ކަމަކުން ކުރިއަރައި ދިއުމަށް އާއިލާއިން ދޭ ތަރުހީބާއި ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރިކަން ހުދާ ފާހަގަކުރެ އެވެ.