4 Sep 2017

ހަ ފޫޓް ހަ އިންޗި: އެންމެ ދިގީ މި ސޮރުތަ؟

އަހަންނާ މި ޒުވާނާ އެންމެ ފުރަތަމަ ބައްދަލުވީ މީގެ ދެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ދެން ގެއްލުނީ އެވެ. އެކަމަކު ހާސްނުވީ ހަ ފޫޓް ހަ އިންޗީގެ ހިމަތޮޅިވި އެ އިސްކޮޅު މި މާލޭގެ ހަލަބޮލިކަމަށް ނުގެއްލޭނެކަމުގެ ޔަގީންކަން އޮތީމަ އެވެ.

ހަ ފޫޓް ހަ އިންޗި: އެންމެ ދިގީ މި ސޮރުތަ؟

އަހަންނާ މި ޒުވާނާ އެންމެ ފުރަތަމަ ބައްދަލުވީ މީގެ ދެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ދެން ގެއްލުނީ އެވެ. އެކަމަކު ހާސްނުވީ ހަ ފޫޓް ހަ އިންޗީގެ ހިމަތޮޅިވި އެ އިސްކޮޅު މި މާލޭގެ ހަލަބޮލިކަމަށް ނުގެއްލޭނެކަމުގެ ޔަގީންކަން އޮތީމަ އެވެ.

By: Ahmed Nadym

މާލޭގައި ދިރިއުޅޭ މީހަކަށް މި ޒުވާނާ ހޯދަން ނުވަތަ ދެނެގަތުމަށް އެހާ އުނދަގޫވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ހުރިހާ ވެސް ޝުކުރެއް އަހުމަދު ހަމްދާންގެ ހަ ފޫޓު ހަ އިންޗީގެ އިސްކޮޅަށާއި ހެދިހުރި ހިމަތޮށި ސިފައަށެވެ. ނުވަތަ ފަހަރުގައި މިއީ އޭނާގެ ބަދު ނަސީބެވެ. ބަދު ނަސީބެކޭ މި ބުނީ މީހަކަށް ފިލައި އޮންނަން އޭނާ އަށް އުނދަގޫވާނެ މިންވަރު ހިތަށް އަރައިގެންނާއި މި މާލޭގައި ދިރިއުޅޭ މީހަކަށް ބަލާއިރު ވަރަށް ފަސޭހައިން ފާހަގަކުރަން އެނގޭ ޒުވާނަކަށް އޭނާ ވުމުންނެވެ.

އަހަންނާ މި ޒުވާނަކު އެންމެ ފުރަތަމަ ބައްދަލުވީ މީގެ ދެ ތިން މަހެއްހާ ދުވަސް ކުރިން "މިހާރު" ނޫހުގެ އޮފީހުގެ ބޭރުންނެވެ. އަހަންނަކީ ދިވެހިންގެ އާދައިގެ އިސްކޮޅެއް ނުވަތަ ގޯސް އިސްކޮޅެއްގެ މީހަކަށްވުމުން އެ ދުވަހު މި ޒުވާނަކު ކައިރިން އަޅާލާފައި ދިއުމުން ހީވީ އެންމެ ދިގު މީހާ ކައިރިން އަހަންނަށް ދެވުނު ހެންނެވެ. ދެން ހިތަށް އެރީ އޭނަގެ ވާހަކަ މިގޮތަށް ލިޔެ ޑޮކިއުމެންޓްކުރަން ކިހާ ރަނގަޅުވާނެ ހެއްޔޭ އެވެ.

އެހެން ހިތައި މި ސޮރަކަށް ގޮވާލީމަ އެއްވެސް ބޮޑާކަމެއް ނެތިފައި "އެ ބޮޑު ބޮޑު ކުއްޖާ" އަހަރެން ކައިރިއަށް އައިސް މަޑުކޮށްލި އެވެ. ދެން އަހަންނަށް ޖެހުނީ އުސް އިމާރާތަކަށް ބަލަން ހުންނަ ޒާތަކަށް މި ކުއްޖަކާ ވާހަކަ ދައްކާށެވެ. ނާރުއަރައިގެން އެންމެފަހުން ދާށޭ ކިޔައި މި ސޮރެއް އަހަރެން ފޮނުވާލީމެވެ. ކޮނޑުގައި އަތްޖަހައެއް ވެސް ނުލެވުނެވެ.

އާދައިގެ ދުވަހެއްގައި ހަމްދާން މާލޭގެ މަގެއްގެ މަތިން ފެންނާނެ ގޮތް. --ފޮޓޯގްރެފީ: މަސްރާހް

އެކަމަކު އޭނާ ދިޔައީ މި ފޮޓޯ ޝޫޓަކަށާއި އިންޓަވިއުއަކަށް އެއްބަސްވެގެން، ގުޅޭނެ ނަމްބަރެއް ވެސް ދީފަ އެވެ. އެކަމަކު ދެން ވީގޮތް އެނގޭ ހެއްޔެވެ؟ އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ފޯނު ހަލާކުވެ އޭނާއާ ގުޅޭނެ ގޮތް ގެއްލިއްޖެ އެވެ. އެކަމަކު އަހަރެން ހާސްނުވީ ހަ ފޫޓް ހަ އިންޗީގެ ހިމަތޮޅިވި އެ އިސްކޮޅު މި މާލޭގެ ހަލަބޮލިކަމަށް ނުގެއްލޭނެކަމުގެ ޔަގީންކަން އޮތީމަ އެވެ.

އޭގެ ދެ ތިން ދުވަސް ފަހުން އަނެއްކާ ވެސް ދެ ކޮޅަށް ކިރެމުން ނިކަން ކޫލު ހިނގުމެއްގައި މި ސޮރު ދަނިކޮށް އަތުޖެހިއްޖެ އެވެ. މިދިޔަ ޖުލައި މަހު 18 އަހަރު ފުރުނު ހަމްދާނަކީ ރާއްޖޭގައި ހުރި އެންމެ އިސްކޮޅުން ދިގު މީހާއޭ ބުނަން ނޭނގުނަސް ޔަގީނަށް ބުނެވިދާނެ އެއް ވާހަކައަކީ މިހާ އިސްކޮޅުން ދިގު ދެ ވަނަ ޓީނޭޖާއެއް މާލެއަކު ނެތް ކަމެވެ. ހަމްދާނު ބުނަނީ ރާއްޖޭގައި ވެސް އޭނާ އަށް ވުރެ ދިގު، އޭނާގެ އުމުރުގެ ކުއްޖަކު ހުރެދާނެހެން ހީނުވާ ކަމަށެވެ.

"ހިއެއް ނުވޭ މި އުމުރުގައި މިހާ ދިގު ދިވެއްސަކު ހުރެދާނެހެން. މަގުމަތިން ފެނިގެން ވެސް މީހުން ބުނާނެ ތިއީ ރާއްޖޭގެ އެންމެ ދިގު ކުއްޖާ ދޯއޭ. އެކަމަކު މިގޮތަށް އިސްކޮޅުން ދިގު މީހަކަށްވުމަކީ އަހަރެން އެއް އިރެއްގައި ވެސް ބޭނުންވިކަމެއް ނޫން،" އިސްކޮޅުން ދިގު މީހަކަށްވުމުގެ ހުވަފެނެއް ނެތްކަމަށް ބުނެ ވާހަކަ ދައްކަމުން ހަމްދާން ބުންޏެވެ.

"އެކަމަކު މިހާ ދިގުވީމަ ހިތަށް އެރީ އިސްކޮޅުގެ ބޭނުން ހިފައިގެން ކުރިއަށް ދެވިދާނެ ދާއިރާތަކުން ކުރިއަށް ދާން މަސައްކަތްކުރަން ރަނގަޅުވާނެއޭ."

ހަމްދާން އޭނާގެ ގޭގައި. --ފޮޓޯގްރެފީ: މަސްރާހް

އޭނާ ވޮލީކުޅެން ފެށީ މި ހުވަފެނުގެ ތެރެއިންނެވެ. މިއަދު އޭނާ ގައުމީ ވޮލީޓީމުގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނައިރު މިއީ ރާއްޖޭގެ ވޮލީ އާ އުސްމިނަކަށް ގެންގޮސްފާނެ ކަމުގެ އުއްމީދު ބޮޑު ހުނަރުވެރިއެކެވެ. އޭނާ ކުޅެނީ ސެންޓަ ބްލޮކަރަކަށެވެ. އެކަމަކު ހަމްދާނާއި އޭނާގެ އިސްކޮޅަށް އެންމެ ފުރަތަމަ ޝައުގުވެރިވީ ވޮލީގެ ތަޖުރިބާކާރުންނެއް ނޫނެވެ.

"އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ބާސްކެޓްބޯޅައިން ކުރިއަށް ދާން. ސްކޫލްގައި ކޮންމެވެސް ވަރަކަށް ބާސްކެޓްކުޅުމަށް ފަހު އާރްއެލްސީ އިން ވެސް ފުރުސަތު ލިބުނު އެ ޓީމަށް ކުޅެން."

ހަމްދާން ކާރެއް ކައިރީގައި މަޑުކޮށްލައިގެން ހުރެ ފޯނާ ކުޅެނީ. ފޮޓޯގްރެފީ: މަސްރާހް

ނަމަވެސް ހަމްދާން ބުނީ ފަހުން ވޮލީއަށް ސްވިޗުކޮށްލީ ރާއްޖޭގައި މަގްބޫލު ކުޅިވަރަކުން ކުރިއަށްދާން ބޭނުންވެގެން ކަމަށެވެ. އޭނާ އަކީ ފޯރިގަދަ ރިސޯޓް ވޮލީ މާކެޓްގައި ވެސް ޑިމާންޑް ބޮޑު ޒުވާން ހުނަރުވެރިއެކެވެ. އަދި މިފަދަ ކުޅިވަރުގެ މުބާރާތްތަކުގައި ލޭ ކައްކުވާލާ ބޮޑުބެރުގައި ވެސް ހަމްދާނަކީ އަރަމުން އަންނަ ތަރިއެކޭ ބުނެވިދާނެ އެވެ. އޭނާ އަކީ ދަންމާނު ބޮޑުބެރު ގްރޫޕުގެ މެމްބަރެކެވެ.

ބޮޑުބެރުގައި ނަށައި އުޅޭއިރު ފިލްމާއި ލަވަ އާއި އިޝްތިހާރުތަކުން ވެސް ހަމްދާނަށް ފުރުސަތު ލިބިފައި އެބަހުއްޓެވެ. އެކަމަކު އޭނާ އަދި އޭގެ ފުރުސަތެއް ބޭނުމެއް ނުކުރެ އެވެ.

ހަމްދާންގެ މި ފޮޓޯ ޝޫޓާއި އިންޓަވިއުގައި އަހަރެމެން ގޮސް އޭނާގެ ގެއަށް ވެސް ބޯދިއްކޮށްލީމެވެ.

ހަމްދާން އޭނާގެ މަންމައާ އެކު ބަދިގޭގައި. ފޮޓޯގްރެފީ: މަސްރާހް

އިސްކޮޅުގައި ފަސް ފޫޓު ދެ ތިން އިންޗި ހުރި އޭނާގެ މަންމަ އުޅެނީ އޭރު ނިކަން އަވަދިނެތި ބަދިގޭގަ އެވެ. ކެމެރާތަކާ އެއްޗެހި ފެނުމުން ހަމްދާންގެ އަންހެން ކޮއްކޮ ލަދުން ފިލައިފި އެވެ. އޭނާގެ އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި އެވެ.

ސޯފާގައި އިށީނދެލައިގެން އިން ހަމްދާންގެ ފިރިހެން ކޮއްކޮގެ އިސްކޮޅަކީ ވެސް އެއީ އެވެ. ކޮންމެއަކަސް ގޮސް މި ވަދެވުނީ މުޅިން ވެސް އަހަންނަށް ވުރެ ދިގު މީހުންގެ ގެއަކަށެވެ. އެހެންވީމަ އަހަރެން މިވީ އެ މީހުންގެ ގޭގައި ބޮޑުވާ އިނގިއްޔެއްވަރުގެ ތަމްބްލީނާއަކަށެވެ.

ހަމްދާން ލޯގަނޑުން ބަލައިގެން ބޯ ރީތިކުރަނީ: ކޮޓަރީގެ އެއްވެސް އެއްޗެއް އޭނާގެ ސައިޒަކާ ދިމަލެއްނުވޭ. ފޮޓޯގްރެފީ: މަސްރާހް

ހަމްދާނުގެ އިސްކޮޅާ ވާދަކޮށްލެވޭ ވަރުގެ އިސްކޮޅެއްގެ ވެރިއަކީ އޭނާގެ ބައްޕަ އެވެ. އެކަމަކު މަންމަ އާއި ބައްޕަ ހަމްދާން ވަރަށް ކުޑައިރު ވަކިވެފައިވާތީ އަހަރެމެން ދިޔައިރު ވެސް ގޭގައި ބައްޕައެއް ނެތެވެ. ތިން ކުދިން ގޮވައިގެން އުޅުނީ މަންމަ އެވެ.

އެއީ އާދައިގެ ގެއެކެވެ. އެކަމަކު އިސްކޮޅުން އަދިވެސް ހަލުވިކަމާ އެކު ދިގުވަމުން އަންނަ ހަމްދާނަށް މި ގެ ވެސް ވަނީ ކުޑަކުޑަ ތަނަކަށް ބަދަލުވެފަ އެވެ. އިސްކޮޅުން ދިގުވުން އޭނާ އަށް އުނދަގުލަކަށް ވެގެން އުޅެނީ މިހެންވެގެންނެވެ.

ހަމްދާން އޭނާގެ ރައްޓެއްސަކާ އެކު ކޮފީއެއްގައި. ފޮޓޯގްރެފީ: މަސްރާހް

އޭނާ ބުނީ އެންމެ އުނދަގުލީ އަރާމުގައި ނިދާލެވޭނެ އެނދެއް އޭނާގެ ނެތީމަ އެވެ.

"ބަންކު ބެޑެއްގެ އެންމެ ތިރީގައި ހުންނަ ދަމާ އެނދުގައި ނިދަނީ ކުރިން. އެތަނުގައި ނުނިދިގެން ދެން އެންމެފަހުން ހަމްދާނަށް ހާއްސަ ބޮޑު އެނދެއް މަންމަ ވަނީ ޖަހައިގެން ގެނެސްދީފައި،" ބަންކު ބެޑާއި މިހާރު ނިދާ އެނދު ދައްކަމުން ހަމްދާން ކިޔައިދިނެވެ.

އެކަމަކު ހަމްދާންގެ އިސްކޮޅަށް ޖަހައިގެން 2014 ވަނަ އަހަރު މަންމަ ގެނެސްދިން އެނދު ވެސް މިހާރު ހަމްދާނަށް ކުޑަވެއްޖެ އެވެ. އެއީ ބަރާބަރު ހަ ފޫޓުގެ އެނދެކެވެ. އެހެންވީމަ މިހާރު އެއީ ހަމްދާނަށް ކުޅޭކުޅޭ އެނދެކެވެ. އެކަމަކު ވެސް ހަމްދާންގެ ޝަކުވާއެއް ނެތެވެ.

ފޮޓޯގްރެފީ: މަސްރާހް | ސްޓައިލިން: ނޯނި | ވޯޑްރޯބް: ސޮނީ ސްޕޯޓްސް/ ސީ ސްޕޯޓްސް

"ދެން އަބަދަކު އެނދެއް ވެސް ނުޖެހޭނެތާ. އެހާ ފިލާ، އެހާ ލާރި އެއީ. އަނެއްކޮޅުން ފެމިލީއަކީ ވެސް މާ ގިނަ ލާރިތަކެއް ލިބޭ ބަޔަކު އުޅޭ އާއިލާއެއް ނޫން. މަންމަ އަށް ލިބޭ އެއްޗަކުން މި ހަމަޖައްސަނީ،" ހަމްދާން ބުންޏެވެ.

"މިހާރު ދެން އެ އެނދުގައި އޮވެވޭ ގޮތަށް އޮންނަނީ."

ހޯމޯންސްތަކެއްގެ ސަބަބުން ކުއްލިއަކަށް އިސްކޮޅުން ދިގުވާން ފެށި ހަމްދާން އަދިވެސް ދިގުވަމުން އަންނައިރު އޭނާ އަށް މިކަން ހަނދާންކޮށްދެނީ ގޭތެރޭގައިވީ ދޮރުތަކުގެ ކަނިތަކެވެ.

ފޮޓޯގްރެފީ: މަސްރާހް | ސްޓައިލިން: ނޯނި | ވޯޑްރޯބް: ސޮނީ ސްޕޯޓްސް/ ސީ ސްޕޯޓްސް | ސްކޭޓްބޯޑް: ބަނޫން

"ގޭތެރޭގައި ހިނގާލާފައި ދަނިކޮށް ދޭތެރެއަކުން، ފާރުގައި ހުންނަ ޓީވީގައި ބޯ ޖެހިދާނެ. ދޮރުކަނީގައި ބޯ ޖެހިދާނެ. ކުރިން ބޯ ނުޖެހޭ ތަނެއްގައި ބޯ ޖެހުނީމަ އެނގެނީ ކުރިއަށް ވުރެ އަނެއްކާ ވެސް ދިގުވެއްޖެކަން މިހާރު."

ހަމްދާން އާއި އޭނާގެ މަންމަ އާއި ދެ ކޮއްކޮ މިހާރު ދިރިއުޅެމުން އަންނަނީ މަންމަގެ އާއިލާގެ ފަރާތުން ލިބިފައި ހުރި އެ މީހުންގެ ކުޑަކުޑަ އެޕާޓްމަންޓެއްގަ އެވެ. ފިހާރައެއްގައި ސޭޓަކަށް މަސައްކަތްކޮށްގެން ހަމްދާންގެ މަންމަ އަށް ކުރިން ލިބެނީ 3000 ނުވަތަ 5000ރ. އެވެ. މިހާުރު މި އަންހެން މީހާ އަށް ގެއަށް ގެންދަން ހަ ހާހެއްހާ ރުފިޔާ ލިބެނީ ހަކުރު ޕެކެޓް ބަންދުކުރާ ތަނެއްގައި މަސައްކަތްކޮށްގެންނެވެ.

ފޮޓޯގްރެފީ: މަސްރާހް | ސްޓައިލިން: ނޯނި | ވޯޑްރޯބް: ސޮނީ ސްޕޯޓްސް/ ސީ ސްޕޯޓްސް | ސްކޭޓްބޯޑް: ބަނޫން

ކިޔެވުން ނިމިފައި ހުއްޓަސް ހަމްދާން އަދި ޖޮބަކަށް ނުދެ އެވެ.

"ދެން މަންމަ ބުނަނީ ހަމްދާން އަދި ޖޮބަކަށް ދާން ފެށީމަ މި އަށް ވުރެ ބޮޑުކޮށް ލިބޭނެއޭ. އެއީ ބައްޕަ އެއްޗެއް ނުދޭތީ ހަމްދާން އޮންލައިންކޮށް ހާވައިގެން މަންމަ އަށް ޖޮބެއް ހޯދައިދިނީ ވެސް،" ކިޔަވަން މާ ބޮޑު ޝައުގުވެރިކަމެއް ނެތަސް ޕޮލިޓެކްނިކް ކޯހެއްގައި ވެލްޑިން އާއި މެޝިން ހަދަން ދަސްކޮށްފައިވާ ޒުވާނާ ބުންޏެވެ.

ފޮޓޯގްރެފީ: މަސްރާހް | ސްޓައިލިން: ނޯނި | ވޯޑްރޯބް: އސޮނީ ސްޕޯޓްސް/ ސީ ސްޕޯޓްސް | ސްކޭޓްބޯޑް: ބަނޫން

"ވަރަށް ދެރަވޭ ބައްޕަ ފަރާތުން ލޯތްބާއި އަޅާލުން ނުލިބޭތީ. މިއީ ހަމްދާންގެ ހަމައެކަނި އިހްސާސް. މި ވާހަކަ ބުނެލަން ބޭނުންވަނީ އެއީ ބައްޕަ އަށް މި ވާހަކަ ފެނުނީމަ ވެސް ފަހުން ރަނގަޅުކޮށްލަން އެނގޭނީދޯ."

ކުޑައިރު ހަމްދާން އުޅެން ޖެހުނީ ވަރަށް ބަލިކޮށެވެ. ގިނަ ދުވަސްދުވަހު އަބަދުވެސް ހޮސްޕިޓަލުގަ އެވެ. އޭނާ ބުނާ ގޮތުން ނަމަ ކުއްލިއަކަށް ހަށިގަނޑަށް ބަދަލުތަކެއް އައިސް ދިގުވާން ފެށީ އުފެދުމުގައި އޭނާގެ ހުރި ނުކުޅެދުންތެރިކަމަކާ ގުޅިގެން ކުރަންޖެހުނު ހާނިއާ އޮޕަރޭޝަނަކަށް ފަހު އެވެ.

ފޮޓޯގްރެފީ: މަސްރާހް | ސްޓައިލިން: ނޯނި | ވޯޑްރޯބް: ސޮނީ ސްޕޯޓްސް/ ސީ ސްޕޯޓްސް

"ޑޮކްޓަރުން ބުނަނީ ދިގުވަނީ ހޯމޯންސް ގިނަވުމުގެ ސަބަބުންނޭ،" ހަމްދާން ބުންޏެވެ.

"މަގުމަތީގައި އުޅޭއިރު މީހުން ވަރަށް ބަލާނެ. ކުރިން އެގޮތަށް މީހުން ބަލާތީ ވަރަށް ދެރަވޭ. ލަދު ވެސް ގަނޭ. އަދި މަންމައާ އެކުގައި ދާ ނަމަ ވަކިން މީހުން ބަލާނެ. ހަމްދާން އިސްކޮޅުން މާ ދިގުވީމަހެން ހީވަނީ."

ފޮޓޯގްރެފީ: މަސްރާހް | ސްޓައިލިން: ނޯނި | ވޯޑްރޯބް: ސޮނީ ސްޕޯޓްސް/ ސީ ސްޕޯޓްސް

"މިހާރު ވެސް މަގުމަތިން ފެނިގެން ވެސް މީހުން ވަރަށް ފޮޓޯނަގާނެ. ތިއީ ރާއްޖޭގެ އެންމެ ދިގު ކުއްޖާއޭ ކިޔާލާފައި ވެސް ބައެއް މީހުން ފޮޓޯނަގާނެ."

އެކަމަކު ހަމްދާން ބުނީ އިސްކޮޅުން ދިގުވީމަ އޭނާ އަށް އެންމެ އުނދަގުލީ މީހުން އޭނާ އަށް ބަލާތީއެއް ނޫނެވެ. އަދި ނިދާ އެނދުގެ މައްސަލަ އަށް ވުރެން ވެސް އޭނާ އަށް ބޮޑީ ހެޔޮވަރު ސައިޒުގެ ހެދުންތަކެއް މާލެއިން ގަންނަން ނުލިބުމެވެ.

ފޮޓޯގްރެފީ: މަސްރާހް | ސްޓައިލިން: ނޯނި | ވޯޑްރޯބް: ސޮނީ ސްޕޯޓްސް/ ސީ ސްޕޯޓްސް

"ލާނެ އެއްޗެއް ހޯދަން ޖެހޭނީ އާންމުކޮޮށް ބޭރުން. ބޭބެ މާލެ އިން ބޭރަށް ދާ ދަތުރެއްގައި ނަމަ، ގެނެސްދޭނެ ހަމްދާނަށް ހެޔޮވަރު އެއްޗެހި. އެއީ މަންމަ ބުނެގެން. އަހަރެންގެ ސައިޒު މާލެއިން ނުލިބޭތީ ގަންނަން ވެސް،" ހަމްދާން ކިޔާލަދިނެވެ.

"މިކަހަލަ އިންޓަވިއުއަކަށް އަރާފައި ވަރަށް ބުނެލަން ބޭނުންވާ ވާހަކައެއް އެއީ ދިގު މީހުންނަށް ހާއްސަ ހެދުމާއި ޖިންސާއި ފަޓުލޫނު ވެސް ގެނެސްދީބަލާށޭ ގާމެންޓް ފިހާރަތަކުން ވިއްކަން."

ފެޝަން

Popular