23 Mar 2018

7 ސުވާލު، ޕާސަނަލް ޓްރެއިނާ އަކަށް

ޕާސަނަލް ޓްރެއިނާއަކަށް ވާން ހަށިގަނޑު ވަކި ގޮތަކަށް ހުންނަންޖެހޭ ހެއްޔެވެ؟ މިއީ އާމްދަނީ ހޯދަން ކޮންކަހަލަ ވަޒީފާއެއް ހެއްޔެވެ؟

ޕާސަނަލް ޓްރެއިނާއަކަށް ވާން ހަށިގަނޑު ވަކި ގޮތަކަށް ހުންނަންޖެހޭ ހެއްޔެވެ؟ މިއީ އާމްދަނީ ހޯދަން ކޮންކަހަލަ ވަޒީފާއެއް ހެއްޔެވެ؟

By: Aishath Mihna Nasih

ޝައުގުވެރިވާ ދާއިރާއެއްގައި މަސައްކަތްކުރަމުން، ރަނގަޅު އާމްދަނީ އެއް ލިބުމަކީ ލިބޭނޭ ބޮޑު ހިތްހަމަޖެހުމެކެވެ. ގިނަ ބަޔަކު މި ދެ އުފާ އެއްފަހަރާ ހޯދަން ވަރަށް އުންމީދުކުރެ އެވެ. ނަމަވެސް މި ވާހަކައިން ހިތްވަރު ހޯދާލާށެވެ.

މި ހަފުތާގެ 7 ސުވާލު މިކޮށްލަނީ މިދިޔަ އަހަރު ޕާސަނަލް ޓްރެއިނާއެއްގެ ގޮތުގައި ޓީއެފްޖީއާ ގުޅުނު ވިޒާމް އަބްދުލް ވާހިދު، 24 އާ އެވެ.

މަޖީދިއްޔާ ސްކޫލުން އޯލެވެލް ނިންމުމަށް ފަހު، ކޮމްޕިއުޓިންގެ ދާއިރާއިން ކޯހެއް ފުރިހަމަކުރި ނަމަވެސް، ވިޒާމްއަށް އޭނާގެ ޝައުގުވެރިކަން ހުރި ދާއިރާއެއް ނޭނގުނެވެ. މީގެ ކުރީން ގެސްޓްހައުސް ރިސެޕްޝަނިސްޓެއްގެ ވަޒީފާ އާއި ލައިބްރޭރިއަނެއްގެ ވަޒީފާ ވެސް އޭނާ ވަނީ އަދާކޮށްފަ އެވެ. ނަމަވެސް އެންމެފަހުން ހިތްޖެހުނީ އެހެން ދިމާލަކަށެވެ.

ވިޒާމް ޓީއެފްޖީގައި

މި މަސައްކަތް އިޚްތިޔާރުކުރީ ކީއްވެ؟

މަޖީދިއްޔާގައި ކިޔެވިއިރު އަޅުގަނޑު އުޅުނީ ބޭންޑްގައި. ސައިޑް ޑްރަމާ އަކަށް އުޅުނީ. އެހެންވެ އަބަދު ޑްރަމް ހިފައިގެން އުޅެންޖެހޭތީ ފިޒިކަލީ ވަކި ވަރަކަށް ފިޓްވާންޖެހޭ. އެހިސާބުން ކޮންމެވެސް ވަރަކަށް ޓްރެއިނިންތަކެއް ހެދިން. ސްކޫލް ނިންމާލާފައި އެހެން މަސައްކަތްކުރި އިރު ވެސް އަމިއްލައަށް ވަގުތު ހޯދައިގެން ދިޔައިން އެކުވެންޏަށް ދުވެލައި ކަސްރަތު ކުރަން. އެކަމަކު އެއްވެސް ވަރަކަށް ހިޔެއް ނުކުރަން މިއީ ކެރިއާއެއްގޮތަށް ކުރާނެ ކަމެކޭ. ދެން ވިލާ ކޮލެޖްގައި ލައިބްރޭރިއަން އެއްގޮތަށް މަސައްކަތްކުރަނިކޮށް ފޭސްބުކުން ފެންނަނީ ޓީއެފްޖީ އިން އައިޕީޓީއެފްއޭ ޓްރެއިނިންއަށް ހުޅުވާލާފައި ހުރިތަން. އެހެންވެ ބައިވެރިވީ. ދެން ހަމަ އެދުވަސްވަރު ޖޮބް އޮފާ ވެސް ލިބުނީ ޓީއެފްޖީ އިން.

ނޯމަލް ދުވަހެއް މަސައްކަތުގައި ހޭދަވަނީ ކިހިނެއް؟

އާންމުކޮށް ޕާސަނަލް ޓްރެއިނަރެއް ވެއްޖިއްޔާ މަސައްކަތްކުރަން މިޖެހެނީ އެހެން މީހުން މަސައްކަތް ނުކުރާ ގަޑީގައި. މިސާލަކަށް އަޅުގަނޑުގެ ޑިއުޓީ ފެށޭނީ ފަތިހު 5:30 ގައި. ދެން އެހެން ގޮސް ހެނދުނު 10 ޖަހަންދެން އުޅޭނީ ޓްރެއިނިންގައި. ކޮންމެ ކްލައިންޓަކަށް 1 ގަޑިއިރު އިންނާނީ. ދެން ލިބޭނެ ބްރޭކެއް. އެއަށްފަހު އަނެއްކާވެސް މެންދުރު ފަހު 3 ޖަހަންދެން ވަރަށް މަދުވާނެ މީހުން. އެހެންވީމަ ކުޑަކޮށް ފްރީވާނެ. އެއަށްފަހު އަނެއްކާވެސް 9:30 ވަންދެން އުޅޭނީ ޖިމްގައި. ކޮންމެހެން ވަކި ގަޑިތަކަކަށް ފިކްސްވެފައި އޮންނަ ކަމެއް ނޫން މިއީކީ. އެމީހަކު ކްލައިންޓުން ނަގާވަރަކަށް ޑިޕެންޑްވާނީ. ދެން ފްރީވާ ގަޑިތަކުގައި އަމިއްލަ ޓްރެއިނިންތައް ވެސް ހަދަމުން ދާނީ.

ވިޒާމް ޓީއެފްޖީގައި މީހަކަށް ކިޔައިދެނީ

ޖިމް އިންސްޓްރަކްޓަރުކަން ނޫން އެހެން މަސައްކަތެއް ކުރަން މީހުން ބުނޭތަ؟

ކޮންމެވެސް ވަރަކަށް އެކަހަލަ ކޮމެންޓްތަކެއް އައި ފެށިއިރު. އެއީ ލައިބްރޭރިއަންއަކަށް ހުރެފައި ޕާސަނަލް ޓްރެއިނާއަކަށް ބަދަލުވާން އުޅުނީމަ މަންމަމެން ކޮންމެވެސް ވަރަކަށް ހާސްވި. އެކަމަކު މި މަސައްކަތްކުރަން ފަށައި އެތަން މަންމަ މެންނަށް ފެންނަން ފެށީމަ ހަމަ ވަރަށް ޕޮޒިޓިވް. ވިޒާމް އަމިއްލައަށް ވަކި އެކަހަލަ އެއްވެސް ވިސްނުމެއް ނެތް. ޖިމަށް އަންނަ ކްލައިންޓުންނަށް ނޫނީ މިކުރާ މަސައްކަތް ފެންނަ މީހުންނަށް އެނގޭނެ މިއީ ކިހާވަރެއްގެ ޖޮބެއްކަން.

މިއީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްތަ؟

ޔެސް. ހަމަ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ އެބަ މި މަސައްކަތުން. އެއީ ޕާސަނަލް އިންސްޓްރަކްޓާއަކީ ފްރީ އޭޖެންޓެއް. ފިކްސްޑް ސެލަރީއަކަށްވުރެ ބޮޑަށް އެމީހަކު މަސައްކަތްކުރި ވަރަކަށް ލިބޭ އިންކަމް އެބަ އިތުރުވޭ. އެހެންވީމަ ގިނަ ކްލައިންޓުން ނަގާވަރަކަށް ނޫނީ މަސައްކަތްކުރި ވަރަކަށް ހަމަ އާމްދަނީ ދާނީ ރަނގަޅުވަމުން.

ޓީއެފްޖީގައި މީހަކު ޓްރެޑްމިލްގައި ދުވާއިރު ވިޒާމް ބަލަހައްޓައިގެން

ޕާސަނަލް ޓްރެއިނާއަކަށް ވުމަށްޓަކައި އަމިއްލަ ފިޓްނަސް ވަކި ލެވެލްއެއްގައި ބަހައްޓަން ޖެހޭތަ؟

ނޫނޭ. އެއީ ކޮންމެހެން އެހާ މުހިންމުކަމެއް ނޫން. މިސާލަކަށް ވަކި ޑިސެބިލިޓީއެއް ހުއްޓަސް، މިކަމުގެ ނޮލެޖް ހުންނަންޏާ މިކަން ކުރެވޭނެ. އެކަމަކު ގިނަ ދިވެހިންނަށް ހީވެފައި އޮންނަ އެއްޗެއް ކަންނޭނގެ ބޮޑީ ރީތިކޮށް ހުރިއްޔާ އޭނާމޮޅުވާނޭ މިކަން ކުރަން. އެކަމަކު އެހެން އޮންނަ ކަމެއް ނޫން މިއީ. ސެޓިފައިޑް އަދި ނޮލެޖް ހުރިއްޔާ މިކަން ކުރެވާނެ.

މިއީ ޒުވާނުންނަށް ރަނގަޅު ވަޒީފާއެއްތަ؟

އަސްލު ވަރަށް ރަނގަޅު ކަމެއް. މިކަމަށް ޝައުގުވެރިކަން ހުރެފައި މިކަން ކުރަންބޭނުންވާ އެންމެންނަށް ވަރަށް ރަނގަޅު މަސައްކަތެއް މިއީ.

ވިޒާމް ޓީއެފްޖީގައި

މި މަސައްކަތުން ލިބޭ އެންމެ ބޮޑު އުފަލަކީ ކޮބާ؟

އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކްލައިންޓުންގެ ފަރާތުން އެ ލިބޭ ޕޮޒިޓިވް ޗޭންޖަސް. ވިޒާމްގެ އެއް ކްލައިންޓަކީ އޯޓިސްޓިކް ކުއްޖެއް. ޓްރެއިނިން ފެށިއިރު އެއް ކިލޯ ވެސް އުފުއްލައިނުލެވޭ. އެކަމަކު ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މިހާރު 10 ކިލޯ އުފުއްލައިލެވޭ. އެއީ ހަމައެކަނި ވިޒާމްގެ ވެސް މަސައްކަތެއް ނޫން. އެ ކްލައިންޓުގެ ވެސް ވަރަށް ހިތްވަރު. އެހެންވީމަ އެކަހަލަ ބަދަލުތައް ފެނުނީމަ އަސްލު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ.

ވަޒީފާ ޒުވާނުން

Popular