ބޮޑު ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖަކު ގެންގުޅުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންވީއިރު، އެފަދަ ތިން ހަތަރު ދަރިން ގޮވައިގެން އުޅޭނެ ހާލު އިހްސާސްކޮށްލާށެވެ. މިއީ އެފަދަ ދިރިއުޅުމެއް އުޅޭ ދެމަފިރިއެއްގެ ވާހަކަ އެވެ.
ބޮޑު ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖަކު ގެންގުޅުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންވީއިރު، އެފަދަ ތިން ހަތަރު ދަރިން ގޮވައިގެން އުޅޭނެ ހާލު އިހްސާސްކޮށްލާށެވެ. މިއީ އެފަދަ ދިރިއުޅުމެއް އުޅޭ ދެމަފިރިއެއްގެ ވާހަކަ އެވެ.
ގދ. ތިނަދޫއަށް އުފަން ޒިމްނާ އަލީ އާއި އޭނާގެ ފިރިމީހާ މުހައްމަދު އަޒީމް (އަޒީ) ހުޅުމާލޭގައި އުޅޭ ގެޔަށް އަަހަރެން ވަންއިރު ފުރަތަމަ ވެސް ފެނުނީ ނުކުޅެދުންތެރިކަން ހުންނަ ފިރިހެން ކުއްޖަކާއި ހަމަ އެފަދަ ކުޑަ އަންހެން ކުއްޖެކެވެ. އަހަރެން ފެނުމާ އެކު ކައިރިއަށް އައިސް ދައްތާ، ދައްތާއޭ ކިޔަމުން އަތުގައި ހިފައިގެން އެތެރަށް ވެއްދިގޮތުން އެ ކުދިން ތިބީ ފޫހިވެފައިކަން އެނގުނެވެ.
ގޭތެރެއަށް ވަނުމުން ފެނުނީ އެންމެ ދޮށީ އަންހެން ކުއްޖާގެ ހާލެވެ. އެއީ ހިނގާ ނޫޅެވޭތީ ތަންމަތީގައި އޮންނަންޖެހޭ 26 އަހަރުގެ ޒުވާނެކެވެ. އޭނާ އޮތް ކޮޓަރިއަށް ވަނުމާ އެކު އޭނާ ގަތީ ބިރެވެ. ބާރަށް ހަޅޭއްލަވައިގަނެ ރޯން ފެށި އެވެ. ކުދިންގެ މަންމަ، 45 އަހަރުގެ ޒިމްނާ ހިނިތުންވެލަމުން ބުނީ އެއީ ކޮންމެދުވަހެއްގެ ވެސް އާދަ ކަމަށެވެ.
ކުދިންތައް ހަމަޔަކަށް އަޅުވާފައި ޒިމްނާ އައިސް އަހަންނާ ވާހަކަ ދައްކަން ފެށުނީ އިރުކޮޅެއް ފަހުންނެވެ. އޭނާ ބުނީ އަބަދު އެހެން އުޅެއުޅެ ގައިގައި، އަދި ވަކިން ބޮޑަށް ފައިގެ ކަކުލު ހުޅުގައި ރިއްސާ ކަމަށެވެ. އެވަގުތު ގެޔަށް އައިސް ވަން، ޒިމްނާގެ ފިރިމީހާ، 48، އަހަރުގެ އަޒީ ވެސް ފެށީ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ.
"މާލޭގަ އުޅުނު އިރު ހާލެއްގަ އުޅުނީ. ދިހަ ފޫޓް ބާރަ ފޫޓް ކޮޓަރިގަނޑެއްގައި ބަލި ކުދިންތަކެއް ގޮވައިގެން ސާދަ އަހަރު ކަންނޭނގެ އުޅެފަ ހުޅުމާލެ މި ބަދަލުވީ. މިހާރު ހުޅުމާލޭގައި އުޅޭތާ ހަތަރު އަހަރުވެއްޖެ،" އަޒީ ބުންޏެވެ.
އެންމެ ދޮށީ އަންހެން ކުއްޖާގެ އުމުރުން 26 އަހަރުވީއެވެ. އުމުރުން އަށް އަހަރުން ފެށިގެން އޭނާ އޮންނަނީ ތަންމަތީގަ އެވެ. ހުރިހާ ކުދިންގެ ތެރެއިން އެންމެ ހާލު ގޯހީ ވެސް އެ އާއިލާގެ ނަމުންނަމަ މި "ދޮންތަ" އެވެ.
ދެން ހުރީ ހަމައެކަނި ފިރިހެން ކުއްޖާއެވެ. އޭނާގެ ހާލު މާ ރަނގަޅު ނޫނަސް، އަމިއްލައަށް ހިނގާލައި އުޅުނެވެ. ދައްކާ ވާހަކަ ސާފު ނުވިޔަސް، އިންޓަވިއު މެދުތެރޭން ވެސް "ބައްޕަ"އަށް ގޮވާލައެވެ.
މި ދެމަފިރިންނަށް ތިން ވަނަ އަށް ލިބުނު އަންހެން ކުއްޖާ ވެސް ގިނަ ވަގުތު އޮންނަނީ ނުހިނގި އެނދުމަތީގައެވެ. އެކަމަކު އޭގެފަހުން ލިބުނު އަންހެން ދަރިފުޅު ރަނގަޅެވެ. އޭނާ މިހާރު އުޅެނީ ގްރޭޑް 11ގަ އެވެ. މި ކުއްޖާގެ ހަގަށް ވެސް ކުއްޖަކު އެބަހުއްޓެވެ. އެއީ ވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.
ރަނގަޅަށް ހުރި ކުއްޖާއަށް ވެސް، އެހެން ކުދިންނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަ ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށާއި ޓެސްޓްތައް ހަދަން ބޭނުން ކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ. އަދި އެންމެ ހަގު އަންހެން ދަރިފުޅަށް އެކަށީގެންވާ ފަރުވާ، ކުޑައިރު ދެވިއްޖެ ނަމަ ރަނގަޅު ކުރެވިދާނެކަމުގެ އުންމީދު ޑޮކްޓަރުން ދީފައިވާ ކަމަށް ދެމަފިރިން ބުންޏެވެ.
"ސިއްހީ މާ ބޮޑު ތަހުލީލުތަކެއް ކުރެވިފައެއް ނެތް. ޑޮކްޓަރުންނަށް ފާހަގަކުރެވޭ ގޮތުން ވިހާއިރު ހުރިހާކުދިން ވެސް ތިބެނީ ރަނގަޅަށް. އެހެން ތިބެފަ، އުމުރުން ތިން އަހަރު ނޫނީ ތިން އަހަރު ބައިވީމަ ކުއްޖާގެ ލޮލަށް އަންނަނީ އަވަރު ކަމެއް. ދެން މަސްލްސް ތަކާ ގުނަވަންތަކަށް ބަދަލުތަކެއް އައިސް މިހެންވަނީ،" ހަތަރު ކުދިންގެ ބައްޔަކީ ވެސް ނިއުރޯނަލް މައިގްރޭޝަން ޑިސްއޯޑާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މިއީ ސިކުނޑި އާއި ނާރުތައް ހެދި ބޮޑުވުމުގައި ނިއުރޯންތައް އެ ހުންނަންވީ ތަންތަނަށް ނުދިއުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ހަތަރު ކުދިން ގޮވައިގެން އުޅޭ ދެމަފިރިއަކު މީގެ ކުރިން އަހަންނެއް ނުދެކެމެވެ. އެކަމަކު އެ ދެމަފިރިންގެ ވާހަކައިން އެ މީހުން އުފުލާ ވޭނާއި ބުރަ އެނގުނެވެ. އެކަމަކު ކުދިން ބަލަންޖެހޭތީ ބުރަ ބޮޑުވެގެން އުޅޭތަނެއް ނުފެނެ އެވެ.
"ވަރަށް މަދުވާނެ ރާއްޖޭގަ ނުކުޅެދޭ ކުއްޖަކު ދެ ކުއްޖަކު ލިބުނީމަ މަންމަ ވަރިކޮށްލާފަ ނުދާ މީހުން. އެކަަމަކު އަހަރެމެން އިނީކީ (ކައިވެނި ކުރީ) ކޮންމެހެން ކުއްޖަކު ލިބުނީމަ ނޫނީ އޭގެ ފަހުން ވެސް ކަމެއް ދިމާވާއިރަށް ވަކިވާކަށް ނޫން. އަހަރެމެން އިނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކެއްގެ ފުރާނަ ދަންދެން އެއްކޮށް އުޅެން. އަދިވެސް އެ ވައުދު މަތީ މި ތިބީ،" އެ އާއިލާ ތެރޭގައި ވެސް އޯޓިޒަމް ކުއްޖެއް ލިބުމުން ފިރިމީހާ ވަރިކޮށްލާފައި ދިޔަ އަންހެން ކުއްޖެއް އުޅޭ ވާހަކައެއް ކިޔައިދެމުން އަޒީ ބުންޏެވެ.
"އަހަރެމެން ދެމަފިރިންނަށް ނުލިބޭ ދުވަހަކުވެސް އެއް ރެސްޓޯރެންޓަކުން ކާން، އެއް ސަވާރީއެއްގަ ދަތުރުކުރަން. އެކަހަަލަ ހުރިހާ ކަމަކުން މަހުރޫމްވެގެން މި އުޅެނީ. އަހަރެމެންނަށް ވެސް ވަރަށް އަސަރު ކުރޭ އަހަރެމެން އުމުރުގެ ދެމަފިރިން ރޭގަނޑު ކުދިން ނިންދަވާފަ ދުއްވާލަން ދާ މަންޒަރާ، ރެސްޓޯރެންޓްގަ ކާން ތިބޭ މަންޒަރު ފެނުނީމަ. އަހަރެމެންނަށް ވެސް އެ އުމުރު އައިސް ދޯ މިތިބީ. އެކަމަކު ހުރިހާ މަގެއް ބަންދުވެފަ މިވަނީ."
ހިތްފަޅައިގެންދާހާ ހިތްދަތިކަމުގައި އުޅުނަސް އެ މީހުންގެ ވާހަކައިން އެނގުނީ ދަރިންނާ ކުރިމަތިލަނީ އުފާވެރި މޫނަކާ އެކުގައި ކަމެވެ.
"އަހަރެމެން ދެމީހުން ފުރާނަ ހުއްޓަ އަހަރެމެންގެ ކުއްޖަކު (ނުބެލިގެން) ގުރައިދޫއަކަށް ނުފޮނުވާނަން،" ބަލި ދަރިންތައް ނުބެލިގެން އެހެން މީހަކާ ނުވަތަ ބަޔަކާ ހަވާލު ނުކުރާނެ ކަމުގެ ޔަގީންކަން ދިނެވެ.
އަޒީ ބުނީ ބޭރުގައި ދަރިއަކު ގޮވައިގެން އުޅޭ ވަގުތުތަކުގައި ވަރަށް ހިތްދަތިވާ ކަހަލަ ކަންތައްތަކަކާ ދިމާވާ ކަމަށެވެ.
"އެއްދުވަހު އަހަރެން (ފިރިހެން ދަރިފުޅު) ގޮވައިގެން ޕާކަށް ގޮސް ހުއްޓަ އަންނަނީ އަންހެނެއް. މީނަ މާ ދުރުން ފެށިގެން ވެސް ބަލަން ފައްޓައިފި. އަނެއްކާ ކައިރިއަށް އައިސް ވެސް ބަލަމުން އެނބުރި ދަމުން ވެސް ހުއްޓި ހުރެގެން ހަމަ ބަލަނީ. އެހެންވެ، އަހަރެން ނުހުރެވިގެން ބުނެފިން މީ ސަލްމާން ހާން ހެއްޔޭ. ކެތްތެރިކަން ކޮޅުން ލީމަ ބުނެވޭނެ ދޯ،" އަޒީ ކިޔައިދިނެވެ.
މިހާރުވެސް އާދަޔާ ޚިލާފަށް މީހުން ބެލުމަކީ ދިމާވާ ކަމެއް ކަމަށާއި ނަމަވެސް ކުރިއަށް ވުރެ މީހުންގެ ހޭލުންތެރިކަން އިތުރުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އެ މީހުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ހަތަރު ކުދިން ގޮވައިގެން ދެމަފިރިއަކު އެކަނި އުޅޭނެ ހިތްދަތި ދިރިއުޅުމާ އެ ދިރިއުޅުމުގައި އެކުލެވޭނެ ވޭން އާދައިގެ ދިރިއުޅުމެއްގައި އުޅޭ ބަޔަކަށް ވަޒަންކޮށްލަން ވެސް ނޭނގޭނެ ކަމަށެވެ.
ފަރުވާ ދެވެން އޮތް ގޮތަކުން ދީގެން، މި ކުދިންނަކީ "ކުޅެދޭ" ކުދިންނަށް ވުމަކީ ދެމަފިރިންގެ އުންމީދެވެ. ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް އަންނަނީ ކުރަމުންނެވެ.
"މި ކުދިންނާ ބެހޭގޮތުން ގާނޫނެއް އެބައޮތް. އެޔަށް ދިހަ އަހަރުވީ. ތަންފީޒް ކުރެވުނީ ކޮންކަމެއް؟ ޑިސްއެބިލިޓީސް ކައުންސިލެއް ވެސް އޮވޭ. އެކަމަކު އެ ކައުންސިލުން ކޮށްދިން ކަމެއް ބުނެބަލަ ނިކަން؟،" އަޒީ އަސަރާ އެކު ސުވާލުތައް ބަންޑުންކޮށްލި އެވެ.
"މިދިޔަ އަހަރު ޑިސްއެބިލިޓީ ކައުންސިލްގެ ދެ ބައްދަލުވުމުގައި އަހަރެން އެދުނިން އަހަރެންގެ ގެއަށް އައިސްދީބަލާށޭ ނުކުޅެދޭ މީހުންގެ ގާނޫނުގަ ލާޒިމްކުރާ ކަންތައްތައް ބަރާބަރަށް ލިބެމުންދޭތޯ ބަލައިލަން. ޖެންޑާ މިނިސްޓްރީގަ އެދުނީ ކަމާބެހޭ ފަރާތްތަކުން ފޮނުވައިގެން ވިޔަސް ހާލަތު ބަލާފަ ރިޕޯޓެއް ތައްޔާރުކޮށްދީ ބަލާށޭ. ޖެންޑާ މިނިސްޓްރީއަކަށް ނުވިއޭ އެކަމެއްވެސް."
މި ކުދިންނަށް ބޭނުންވާ ފަރުވާތަކަށް އާސަންދަ ހަމަނުޖެހިގެން އުޅެން ޖެހުމަކީ ވެސް ބޮޑު ވޭނަކަށް ވެފައި އޮންނަ ކަމެކެވެ.
އަޒީ ބުނީ އޯޓިޒަމް ސްކޫލަށް ވެސް ކުދިން ފޮނުވަން ބޭނުން ކަމަށާއި އެކަމަކު އެތަނަށް ވެސް ކުއްޖެއްގެ މައްޗަށް 9،000 ރުފިޔާ ހޭދަކުރަންޖެހޭ ކަމަށެވެ.
"ޖެންޑާ މިނިސްޓްރީއަށް ވެސް އަހަރެން އިންނާނީ އަންގާފަ ދެން ދާނީ ކުދިން ގޮވައިގެން މަޖީދީ މަގު މެދަށޭ. ވިސްނާލާ، ކެތްތެރިކަން ކޮޅުން ލީމަ ވާނެ ދޯ މިހެން ވެސް،" ދަރިންގެ ހައްގުގައި ކުރާ މަސައްކަތުން އަޒީއަށް އަދި ކާމިޔާބީއަކާ ހިސާބަކަށް ނުދެވެ އެވެ. ކޮންމެ ކަމެއްގައި ވެސް ކޮޅެއް މެދެއްނުފެނި މަގުތައް ވަނީ ބަންދުވެފައެވެ.
މި ބަލި ކުދިންތައް ގޭތެރޭގައި އުޅޭއިރު އެ ކުދިންނަށް ހާނީއްކަވެ އެވެ. ސިއްސައިގެން ގޮސް ތަންތަނުގައި ބޯ ޖެހި ބޯ ފަޅައިގެންދެ އެވެ. އަދި ފިޓް ޖެހޭ އިރު ވެސް އަނިޔާވެފައި އެބަހުއްޓެވެ.
"ސަރުކާރުން ބުނި ތެރަޕީއޭ ހިލޭއޭ. އެއް ނުކުޅެދޭ ކުއްޖާ ހުންނަ މީހާއަށް ތެރަޕީ އަށް ދެވުނަސް އަހަރެންނަކަށް ނުދެވޭނެ ދޯ. އެންމެ ކުއްޖެއް ދެ ކުއްޖެއް ނޫން ތެރަޕީއަށް ބޭނުންވެފަ މިތިބީ،" ޒިމްނާ ބުންޏެވެ.
ތެރަޕީ ނުދީ ބޮޑުކުރަން ޖެހުނަސް، ދަރިންނަށްޓަކައި މި ދެމަފިރިން ހުރިހާ ވަގުތެއް ހުސްކުރެ އެވެ.
"ދެގަޑި ބައި ތިނެއް ޖަހާއިރު އަހަރެމެން ދެމަފިރިން ނިދަނީ. އަނެއްކޮޅުން ހައެއް ޖަހާއިރު ތެދުވަން. ކޮންމެވެސް އެކަކު އަބަދު ވެސް ގޭތެރޭގަ ޑިއުޓީގަ ހުންނަން. އެހެން އުޅެއުޅެ ބޮލަށް ތަދުވެގެން ފަހުން ނުނިދިގެންވެސް އެތައް ދުވަހަކު އުޅެން."
އެކަމަކު، އެހީތެރިކަން ލިބި ފަރުވާ ހޯދައިގެން ހުރިހާ ދަރިންނަށް ވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ދުވަހަކަށް ދެމަފިރިން އުންމީދުކުރެ އެވެ.