16 Apr 2019

ވަސްމީ: ނުކުޅެދުންތެރިކަމަކީ ނުކުޅެދުމެއް ނޫން

ވަސްމީ: ނުކުޅެދުންތެރިކަމަކީ ނުކުޅެދުމެއް ނޫން

By: Shamila Ibrahim

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި، އުމުރުން 19 އަހަރުގެ ވަސްމީ ވަހީދު ދެއްކި ހުނަރުން އަހަރެމެން މި ތިބީ ފަހުރުވެރި ވެފައެވެ. ވަކިން ބޮޑަށް، ވަސްމީގެ އުފަންރަށް، ބ.ތުޅާދޫ އިން އޭނާ އެނބުރި ރަށަށް ދިޔުމުން ކުލަ ގަދަކޮށް ކީ މަރުހަބާ ވީ ފަލަ ސުރުހީ ވާހަކައަކަށެވެ.

އެންމެންގެ ތައުރީފު ވަސްމީއަށް ލިބުނީ ހަމައެކަނި މެޑަލް ހޯދީމައެއް ވެސް ނޫނެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ގޮތުގައި ރާއްޖެ ތަމްސީލްކުރުމަށް އަބޫދާބީ އަށް ގޮސް ދެއްކި މޮޅު ހުނަރުންނެވެ. އެ ބޮޑު މުބާރާތުގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނީމައެވެ.

ވަސްމީ ވަނީ 200 މީޓަރަށް ދުވެ، އެ ކެޓަގަރީން ދެވަނަ ހޯދައި އަދި 100 މީޓަރަށް ދުވެ ހަތަރު ވަނަ ހޯދައިގެން ރިހި މެޑަލް ރާއްޖެ އަށް ގެނެސްދީފައެވެ.

ވަސްމީ -- | ފޮޓޯ: ދޯ

"ވަރަށް ތަފާތު ތަޖުރިބާއެއް މީ. ހީވެސް ނުކުރަން މިކަހަލަ ކާމިޔާބީއެއް ލިބޭނެ ކަމަށްވެސް. ރަށަށް ދިޔައިރުވެސް ހިޔެއް ނުކުރަން އެހާ ބޮޑު ކްރައުޑެއް މަރުހަބާ ކިޔަން (ބަނދަރުގަ) އޮންނާނެ ކަމަކަށް ވެސް،" ބޮޑު ހިނިތުންވުމަކާއެކު ވަސްމީ ބުނީ މިހެންނެވެ.

ވަސްމީއަށް ލިބުނު އުފާވެރިކަން ނުހަނު ބޮޑެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވުމުން ކުރިން ބަލައިނުގަތް އެތައް ބަޔަކު އޭނާ ބަލައިގެންފިއެވެ.

"ވަސްމީގެ އުޅޭނެ އަތުގެ މައްސަލައެއް. ކުދި އެއްޗެހީގަ ވެސް ނުހިފޭނެ. އެކަމަކު ކުރިއަށް ވުރެ ވަރަށް ބޮޑު ތަން ރަނގަޅު. ކުރިން ބޭސްފަރުވާ ވެސް ކުރަމުން އައީ. މިހާރު ޓްރީޓްމެންޓް ހުއްޓާލައިގެން މިއުޅެނީ، ބޭހެއް އެއްޗެއް ވެސް ބޭނުމެއް ނުކުރަން"

ކުޑައިރު ވަސްމީ ކިޔެވީ އޭނާގެ ރަށު ސްކޫލުގައި އާދައިގެ ކުދިންނާ އެއް ހަމަ އެއްގައި، އެއް ކްލާހެއްގައެވެ. އެކަމަކު 2013 ވަނަ އަހަރު މާލެ ބަދަލުވި ހިސާބުން އޭނާގެ އިލްމީ ހިޔާވައްސަކަށް ވީ އިމާދުއްދީން ސްކޫލެވެ.

ވަސްމީ -- | ފޮޓޯ: ދޯ

ކުޅިވަރުގެ ބެކްރައުންޑަކުން އައިސްފައިވާ ވަސްމީ ވަނީ އެ އަހަރު ދިރާގުން ބޭއްވި ސްކޫލް ފެސްޓިވަލްގައި ބައިވެރިވެ، އޭނާގެ ދުވުމުގެ ހުނަރު ދައްކާލާފައެވެ. އެ އިވެންޓުން ދިމާވި މީހަކު ވަސްމީއަށް އުފާވެރި ޚަބަރެއް ދިނެވެ. އެއީ ރާއްޖޭން ބޭރުގައި ބާއްވާ އެކަހަލަ މުބާރާތަކުން ފުރުސަތު ހޯދައިދޭނެ ވާހަކައެވެ.

އެ ފޮނި އުންމީދު ހަގީގަތަކަށްވީ މިފަހަރު ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވި ކުދިން ތެރޭގައި ހިމެނުމުންނެވެ. ފުރުސަތު ލިބުނު ހިސާބުން ވަގުތުން ޕްރެކްޓިސްތައް ފަށައި މުބާރާތަށް ތައްޔާރުވާން ފެށީއެވެ.

މުބާރާތަށް ފަރިތަކުރަމުން އައި އިރު ވަޒީފާ އަދާކުރަމުން ދިޔަ ތަނުން ލިބުނު ސަޕޯޓް ފާހަގަކުރަމުން ވަސްމީ ބުނީ އާއިލާގެ ސަޕޯޓާ ނުލައި މިކަހަލަ ކާމިޔާބީއެއް ނުހޯދޭނެ ކަމަށެވެ. އަދި ދުވުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރުދީ އެހީވެދިން އެންމެންނަށް ޝުކުރު އަދާކުރިއެވެ.

"އަބަދުވެސް ފުޓްބޯޅަ ކުޅެން. އެކަމަކު ދުވުމުގެ ދާއިރާއަށް އަދި މި ވަނީ އިހަކަށް ދުވަހަކު. ކޯޗަކާއެކު ޕްރެކްޓިސް ކުރިން 15 ވަރަކަށް ދުވަހު. ދެން އޭގެ ފަހުން މުބާރާތަށް މިދިޔައީ،" 195 ގައުމުގެ ކުދިންނާ ވާދަކޮށް މި ކުރި ތަޖުރިބާ ކިޔައިދެމުން ވަސްމީ ބުންޏެވެ.

ވަސްމީ -- | ފޮޓޯ: ދޯ

ވަސްމީގެ ހުރި ނުކުޅެދުންތެރި ކަމަކީ އޭނާގެ ކެރިއަރަށް އެޅޭ ހުރަހެއް ކަމަކަށް ވަސްމީ ނުދެކެ އެވެ. ދުވުމުގެ ދާއިރާއިން ކެރިއަރެއް ބިނާކޮށް ކުރިއަށް ދެވެން އޮތް އެންމެ މައްޗަށް ދިޔުމަށް ވެސް ހުރީ ތައްޔާރަށެވެ.

"ދުވުމުގެ ދާއިރާއިން ވިސްނާފަ އޮތީ މި ދާއިރާއިން ދެވުނު އެންމެ ކުރިއަކަށް ދާން. ސްޕެޝަލް އޮލިމްޕިކްސްގެ ގައުމީ ޓީމެއް ވަކިން ރާއްޖޭގަ އުފައްދާފަ އޭގެ ތެރެއިން ޕްރެކްޓިސްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ވަރަށް އަވަހަށް ވާނެހެން ހީވަނީ."

ވަސްމީ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި ނަމޫނާއެކެވެ. އެ ހިތްވަރާއި ގަދަ އަޒުމުން އެފަދަ އެހެން ކުދިންނަށް އިބްރަތެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ އެހެން ކުދިންނަށް އޭނާ ބުނެލަން ބޭނުންވަނީ މިހެންނެވެ: "ހިތްވަރާއެކު މަސައްކަތް ކުރާށޭ. އޭރުން ހަމަ ކޮންމެ ކުއްޖަކަށްވެސް ކާމިޔާބީއާ ހަމައަށް ދެވޭނެއޭ"

ސްޕެޝަލް އޮލިމްޕިކްސް ނުކުޅެދުންތެރިކަން ހުންނަ މީހުން

Popular