18 Apr 2019

ތުޅާދޫގެ "ދިވެހި" އިނގިރޭސި ޓީޗަރު

ތުޅާދޫގެ "ދިވެހި" އިނގިރޭސި ޓީޗަރު

By: Aishath Maaha

ބ. އަތޮޅުގެ ބައެއް ރަށްތަކަށް "ދޯ" އިން ކުރި ދަތުރުގައި، ތުޅާދޫގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރު ދިނީޝް ކޭ ޖޯންގެ ވާހަކަ ލިޔަން މީހުން ބުންޏެވެ. މިއީ ދިވެހިން ވާހަކަ ދައްކާހާ ފަރިތަކޮށް ދިވެހިން ވާހަކަ ދައްކާ އިންޑިއާ ޓީޗަރެކެވެ. މި ޓީޗަރުގެ އިންޓަވިއު ހޯދަން މާބޮޑު މަސައްކަތްތަކެއް ކުރާކަށް ވެސް ނުޖެހުނެވެ.

"ކޮންމެ ބަހަކުން ސުވާލުކުރިއަސް އޯކޭ. ދިވެހިން ބުންޏަސް އިނގިރޭސިން ބުނުމެކޭ އަހަންނަށް ތަފާތެއް ނެތް. އެކަމަކު އަހަރެން ޖަވާބުދޭނީ އިނގިރޭސި ބަހުން. އެންމެ ރަނގަޅެއްނު،" އިންޓަވިއު ކުރަންވީ ކޮން ބަހަކުންތޯ އެހުމުން ހިނިގަނޑެއް ޖަހާލާފަ ދިނީޝް ބުނީ މިހެންނެވެ.

ދިނީޝް ރާއްޖެ އައީ މީގެ 13 އަހަރުކުރިންނެވެ. އެހެންވެ އެންމެ ފުރަތަމަ ވެސް އޭނާ މާދުރު ހަނދާންތަކެއްގެ ތެރެއަށް ގެއްލި ހުސްވީ އެވެ. ދިގު ދަތުރަކަށް ފަހު ބަނދަރު ވެސް އޭރު ނުހަދާ އޮތް ތުޅާދޫ އަށް އޭނާ ފޭބީ ޑިންގީއެއްގަ އެވެ. އެ ދުވަހުގެ މަންޒަރުތައް އަދިވެސް އޭނާގެ ސިކުނޑީގައި ރައްކާކޮށްފައި އެބައޮތެވެ.

"ގަޑިން އޭރު ހެނދުނު 10 ޖަހާނީ. އަހަންނަށް ހުރީ ވަރަށް ބޮޑަށް އުނދަގޫވެފަ. ފުރަތަމަ ފަހަރަށް ފެރީގައި ދަތުރުކުރަން ޖެހުނީމަ. އެކަމަކު އަވިގަދަ އެ ދުވަހުގައި ބިއްލޫރިކޮޅެއްހާ ސާފު މޫދާ އެއްޗެހި ފެނިފަ ކުރެވުނު އިހްސާސް އަދިވެސް ހަނދާން އެބަހުރި،"

އިނގިރޭސި ބަހުން ޑިގްރީ ކޯސް އަދި ޓީޗިން ކޯސް ނިންމާލާފަ އެންމެ ފުރަތަމަ އަލަށް ވަޒީފާއަކަށް އޭނާ ނުކުތީ ވެސް ތުޅާދޫ ސްކޫލަށެވެ. ރާއްޖޭގެ އެހި ހިސާބުގައި އަދި އެތައް އޮފީސްތަކެއްގައި މަތީ މަގާމުތަކުގައި ދިނީޝްގެ ދަރިވަރުން ތިބިކަން ފަހުރުވެރިކަމާއެކު އޭނާ ފާހަގަކުރި އެވެ. އޭނާ ކިޔަވައިދެނީ ގްރޭޑް 10ގެ ދަރިވަރުންނަށް އިނގިރޭސި މާއްދާ އެވެ. ނަމަވެސް ރާއްޖޭގެ ސްކޫލެއްގައި ކިޔަވައިދިނުން އޭނާ ފާހަގަކުރީ ވަރަށް ވެސް ޗެލެންޖިން ކަމެއްގެ ގޮތުގަ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިތަނުގައި ރަނގަޅަށް ކިޔަވައިދެވިއްޖެ މީހަކަށް ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ކިޔަވައިދެވޭނެ. އެހާވެސް ޗެލެންޖިން ކަމެއް މިތަނުގައި މިއީ."

ދިނީޝް އޭނާ އުޅޭ ގޭގެ ޖޯލިފަތީގައި އޮށޯވެލައިގެން. -- ފޮޓޯ: ދޯ

"އަދި ކޮންމެ ބިދޭސީ ޓީޗަރަކު ވެސް ޖެހޭނެ ކޮންމެވެސް ވަރަކަށް ދިވެހި ދަސްކުރަން. އެހެން ނޫނީ ވަރަށް އުނދަގޫވާނެ ކިޔަވައިދޭން. ކުދިން އާންމުކޮށް ވާހަކަ ދައްކާ ހަދާނީ ވެސް ދިވެހިން ވީމަ. އެކަމަކު ސީދާ ދިވެހި ދަސްކުރަން އެއްވެސް މަސައްކަތެއް ނުކުރަން. ވަރަށް އަވަހަށް ދަސްވެއްޖެ ކުދިންނާއި އެހެން ޓީޗަރުންގެ ފަރާތުން."

އެކަމަކު ދިނީޝް ފާހަގަކުރާ އެހެން ކަމެއް އެބައޮތެވެ. އުދަރިވަރުން ސްކޫލް ނިންމާ ފަހުން މާބޮޑަށް ޓީޗަރުންނަށް އިހުތިރާމް ނުކުރާ ކަމެވެ. ސްކޫލްގައި އުޅުނުއިރު ހުރިހާ ކަމެއް ކިޔެވުމަށް ހުސްކޮށްލައިގެން އުޅުނު "ބަސްއަހާ" ކުދިން ސްކޫލް ނިންމާލުމަށް ފަހު ޓީޗަރުންނަށް މާބޮޑު އަޅާނުލާކަމަށް އޭނާ ބުންޏެވެ.

ދިނީޝް ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ގިނަ ކުދިން ކިޔެވުމަކަށް މާބޮޑު ޝައުގުވެރިިކަމެއް ނެތެވެ. ސަބަބަކީ ނުކިޔެވިޔަސް މިތަނުގައި އާމްދަނީ ހޯދައިގެން މުސްތަގުބަލް ބިނާކުރެވޭނެ ފުރުސަތުތައް އޮތީމަ އެވެ. އަދި އެއީ ދަރިވަރުން ގަބޫލު ވެސް ކުރާ ގޮތެއް ވީމަ އެވެ.

"އަހަރެން ކައިރީ އެއް ދުވަހު ކުއްޖަކު އަހަނީ ކޮބާހޯ އަހަރެންގެ ތައުލީމީ ފެންވަރަކީ. ދެން އެ ބުނެދިނީމަ އަހަނީ ކިހާވަރެއްހޯ އާމްދަނީއަކަށް ލިބެނީ. ދެން އަހަރެން ބުނެފިން ލިބޭ ވަރު ވެސް. ދެން އޭނަ ބުނަނީ ތިމަންނަ ކަންނެލި މަސްވެރިކަމަށް ގޮސްގެން ހަފްތާއެއްގެ މައްޗަށް ވެސް އެވަރު ހޯދާނަމޭ."

ނަމަވެސް އިންޑިއާގައި ވަޒީފާ ހޯދުމަކީ އުނދަގޫ ކަމަކަށް ވުމުން ކިޔެވުމަށް ދަރިވަރުން ދޭ ޝައުގުވެރިކަން ބޮޑެވެ. އަދި އެތަނުގައި ޓީޗަރުންނަކީ މުޖުތަމައު އަދި ކްލާސް ތެރޭގައި ވެސް އިހުތިރާމް ލިބޭ ބައެކެވެ. ނަމަވެސް ދިނީޝް ޓީޗަރަކަށް ވީ އެހެންވެ އެއް ނޫނެވެ. އޭނާ ބޭނުންވީ ފުލުހަކަށްވާށެވެ. އެތައް އެތައް ކޮލެޖަކަށް އެތައް ކޯހަކަށް އެޕްލައިކޮށްގެން ވެސް ފުރުސަތު ލިބުނީ ޓީޗިން ވީމަ އެވެ.

"ކުރިން މާބޮޑު ޝައުގުވެރިކަމެއްނެތް. އެކަމަކު ކިޔަވައިދޭން ފެށީމަ ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނީ މިކަމަށް. ރާއްޖެ އައީ ވެސް ތަފާތު އެކްސްޕީރިއަންސެއް ހޯދަން. ދެން ވެސް ބޭނުމީ އެހެން ގައުމަކަށް ދާން."

ތުޅާދޫގެ 13 އަހަރުގެ ތަޖުރިބާ ދިނީޝް ސިފަކުރީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. މިހާރު އޭނާގެ "ހޯމް" އަކީ މިއެވެ. ޗުއްޓީތަކަށް އިންޑިއާ އަށް ދިޔަ ނަމަވެސް އަމިއްލަ ވަޒަން އޭނާއަށް ސިފަކުރެވެނީ ރާއްޖެ އައިސް ތުޅާދޫގެ ފަސްގަނޑުގައި ފައި ޖެހުނީމަ އެވެ.

މިވީ 13 އަހަރުގެ ތެރޭގައި ބ. އަތޮޅުގައި އެހެން ގިނަ ރަށްތަކަށް ވެސް އޭނާ ޒިޔާރަތްކޮށްފި އެވެ. އެހެން ރަށްތަކުގަައި މަސައްކަތްކުރާ އަދި މަސައްކަތްކޮށްފައި ތިބި ޓީޗަރުންނާ ބައްދަލުކޮށްފި އެވެ. އެ ހުރިހާ ކަމަކަށް ބިނާކޮށް އޭނާ ތުޅާދޫ ފާހަގަކުރީ އެކުވެރި ބައެއް އުޅޭ ރަށެއްގެ ގޮތުގަ އެވެ. ވައްކަމާއި ފޭރުން އަދި ޑްރަގް ގޭންގުތަކުގެ އުނދަގުލެއް ވެސް ނުފޯރާ އަމާން ރީތި ރަށެއްގެ ގޮތުގަ އެވެ. އަދި ރާއްޖޭގައި އޭނާ މަސައްކަތް ކުރާހާ ދުވަހަކު އެހެން ރަށަކަށް ބަދަލުވުމުގެ ވިސްނުމެއް ވެސް ނެތެވެ.

ދިނީޝް ބުނަނީ މިހެންނެވެ. "ދިސް އިޒް މައި މޯލްޑިވްސް، ތުޅާދޫ އިޒް މައި މޯލްޑިވްސް."

ޓީޗަރުން ބ. އަތޮޅު ބ. ތުޅާދޫ

Popular