20 Apr 2019

ކާފަ ބުނީ ތެދެއް، ލިޔެލާޖެހުން ރަނގަޅު

ކާފަ ބުނީ ތެދެއް، ލިޔެލާޖެހުން ރަނގަޅު

By: Ifraz Ali

ލިޔެލާޖެހުމުގެ މަސައްކަތަށް ބ. ތުޅާދޫއަކީ މަޝްހޫރު ރަށެކެވެ. އަދިވެސް މި ރަށުގައި މި މަސައްކަތްކުރާ ކިތަންމެ ބަޔަކު އެބަ ތިއްބެވެ. އެ މީހުންގެ ތެރެއިން އަހަރެމެންނާ ދިމާވި އެކަކީ، އަހަރެމެން ތިބި ގޭގެ އަވައްޓެރިއެއް ކަމަށްވާ މުހައްމަދު އަބްދުﷲ އެވެ. ލިޔެލާޖަހާ ތުޅާދޫ މުހައްމަދޭ ބުނެފި ނަމަ ގިނަ މީހުނަށް އޭނާ އެނގޭނެ އެވެ.

އެ ގެއަށް ވަންނަން ސަލާމް ގޮވުމުން ޖަވާބު ދިނީ މުހައްމަދުގެ އަންހެނުން ލަތީފާ އެވެ. މި އައީ މުހައްމަދުބެއާ ބައްދަލުކޮށްލަން ވެގެންނޭ ބުނުމުން އަހަރެމެން ގޮވައިގެން ދިޔައީ އެ ގޭގެ އަނެއް ފަރާތަށެވެ. އޭރު މުހައްމަދު އިނީ އޯޑަރެއް ލިބިގެން، ލިޔެލާޖެހުމުގެ މަސައްކަތުގައި އަވަދިނެތި އެވެ. މި މަސައްކަތްކުރަން ގޭގެ ބިއްދޮށުގައި ކުޑަ ތަންކޮޅެއް ހަދައި ހިޔާކޮށްފައި ހުއްޓެވެ.

އެންމެ 15 ވަރަކަށް އަހަރުގައި މުހައްމަދު ފެށި މި މަސައްކަތް ކުރަމުން އަންނަތާ މިހާރު ތިރީހަކަށް އަހަރުވެއްޖެ އެވެ. މިހާރު އޭނާގެ އުމުރު 50 އަށް އަޅަނީ އެވެ.

މުހައްމަދު "ދޯ" އަށް އިންޓަވިއު ދެނީ -- | ފޮޓޯ: ދޯ

"އެންމެ ފުރަތަމަ މި މަސައްކަތުގެ ތެރެއަށް ވަދެވުނީ ކާފަގެ ފަރާތުން. އޭރު ކާފަ މި މަސައްކަތް ކުރަން އިންނައިރު ބުނާނެ ދަމަން އަންނާށޭ. އެހެން އިނދެ ކާފައަށް އަތް ގާތްކޮށްދެމުން ގޮސް މި މަސައްކަތް ދަސްވީ،" ލިޔެލާޖެހި ފުރަތަމަ ދުވަހުގެ ވާހަކައިން އޭނާ ހަނދާތައް އާކުރަން ފެށި އެވެ.

"މާލޭގައި އީޕީއެސް ސްކޫލްގައި ދެ އަހަރަކު ކިޔަވަން ހުރެފަ ރަށަށް އައީ. ރަށަށް އައިތަނުން ކާފަ ބުނެފި މަހަށް ގޮސްގެން ރަނގަޅު އެއްޗެއް ނުލިބޭނޭ މި މަސައްކަތް ކުރަން ދަސްކުރަން އުޅޭށޭ،" ކާފަގެ ބަސް ގަބޫލުކޮށްގެން އޭނާ ދެމިހުރީ މި މަސައްކަތުގަ އެވެ.

ކާފަގެ އިތުރުން އޭނާގެ ބައްޕަ ވެސް ކޮންމެވެސް ވަރަކަށް މި މަސައްކަތުގެ ތެރޭގައި އުޅުނެވެ. އެއް ބަނޑު ދެ ފިރިހެނުން ތިބޭއިރު އެ މީހުން ވެސް މި މަސައްކަތެއް ނުކުރެ އެވެ. މުހައްމަދުގެ ހުންނަނީ އެންމެ ކުއްޖެކެވެ. ރަށު ސްކޫލްގައި ޓީޗަރުކަން ކުރާ އެ ކުއްޖާއަކީ ވެސް މި މަސައްކަތާ ބީރައްޓެހި ކުއްޖެކެވެ.

މުހައްމަދު މި މަސައްކަތައް ބޭނުންކުރާ މެޝިނެއް -- | ފޮޓޯ: ދޯ

އެންމެ ފުރަތަމަ މުހައްމަދު އޭނާގެ އަތުން ތައްޔާރުކުރީ ދަޅެކެވެ. މުހައްމަދު ހަދައި އުޅޭ ބައެއް އެއްޗެހި، އޭނާގެ އަންހެނުން އެ ގޭތެރެއިން ގެނެސް ދައްކައިލި އެވެ. ކަން ދިމާކުރި ގޮތުން އެ ވަގުތު ހަމައެކަނި އޮތީ ދަޅަކާއި ވާސްއެކެވެ. ޕެން ހޯލްޑަރާއި ސިނގެރޭޓް ދަޅު އަދި އަޅި ކެނޑި ވެސް އޭނާ ހަދަ އެވެ.

"މިހާރު ހަމައެކަނި އޯޑަރަށް އެއްޗެހި ހަދަނީ. ކުރީގައި ރަށުގައި ވެސް ވިއްކައި އުޅެން ރިސޯޓުތަކުން އަންނަ ގެސްޓުންނަށް،" މިހާރު ހަމައެކަނި އެއްޗެހި ހަދަނީ މާލޭގެ ގެސްޓު ޝޮޕްތަކުން އަންނަ އޯޑަރުތަކަށް ކަމަށް މުހައްމަދު ބުންޏެވެ.

"ކުރީގައި ރައީސް މައުމޫންގެ ދައުރުގައި ގެންދަން މަސައްކަތްތެރިންގެ މައުޒަރަށް ވެސް އެއްޗެހި. ހުރިހާ އެއްޗެއް ވިކޭނެ. މިހާރު ދެން އެކަމެއް ވެސް ނެއްތާ ދޯ."

މުހައްމަދު ތައްޔާރުކޮށްފައި އިން ތަޅަކާއި ވާސްއެއް، (ވ) ކުރަހަން ބޭނުންކުރާ ތިލަ -- | ފޮޓޯ: ދޯ

މުހައްމަދު ބުނީ އެންމެ ކުރީގައި މި މަސައްކަތްކޮށް އުޅުނީ މުޅިން ވެސް އަތުން ކަމަށެވެ. ކުރީގައި ދަމަންވީމަ ކާފަ ނޫނީ ބައްޕަ އެހީވެ އެވެ. ނަމަވެސް އެ ދެމީހުން ދުނިޔެ ދޫކުރުމުން، ފައިސާ ދީގެން މީހުން ގެނެސްގެން ވެސް މިކަން ކުރުވި އެވެ. މިހާރު އެކަމަކު މެޝިންގެ ފަސޭހަ އޮތުމާއެކު އަމިއްލައަށް ހުރިހާ މަސައްކަތެއް ކޮށްލެވޭ ކަމަށް ބުންޏެވެ.

"މިހާރު ދުވާލަކު ދެތިން އެތި ހަދައި ނިންމާލެވޭ. ވަރަށް އޯޑަރު އާދޭ،" އާންމުކޮށް އޯޑަރުތައް ނަގަނީ ހަފުތާއެއް ކުރިން ކަމަށާއި އޯޑަރު އަންނަ ވަރަށް ބައެއް ފަހަރު ނުހެދޭ ކަމަށް ވެސް ބުންޏެވެ.

"ވަގުތު ދާނީ ކުރަހަން. ކަށިގަނޑު ބޭނުންކޮށްގެން އަތުން ކުރަހަނީ. އެކި ފަހަރު އެކި ޑިޒައިންތައް. އެކަމަކު އެއް ކުލަތަކެއް އަބަދުވެސް ބޭނުންކުރަނީ. ކަޅާއި ރަތާއި އަދި ރީނދޫ ކުލަ."

ފޮޓޯ: ދޯ

މި ކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަކުޑި ހޯދުމެވެ. ރަށުން ލަކުޑި ނުލިބޭތީ ގެންނަނީ ރަށުން ބޭރުންނެވެ. މި އެއްޗެހި ހަދަން ބޭނުންކުރަނީ އޮނު، ހިރުނދު، ކިނބި، އަދި ފުނަ ގަހުގެ ލަކުޑި އެވެ.

އެ އެއްޗެހި ހަދަން ގެނެސްފައި ހުރި ލަކުޑި އާއި މަސައްކަތަށް ބޭނުންވާ ސާމާނުތައް އެ ތަނުގެ ތެރޭގައި ހުއްޓެވެ. އިންޓަވިއު ނަގަން އަހަރެމެން މަޑުކޮށްގެން ތިބީ ވެސް އެ ތަންކޮޅުގަ އެވެ. ކުރީގައި މިއީ ފަނުން ހިޔާކޮށްފައި ހުރި ތަންކޮޅެކެވެ. އެ ތަނާއި މުޅި ގޯތި ރާނައި ހިޔާކުރީ މި މަސައްކަތުން ލިބުނު އާމްދަނީން ކަން މުހައްމަދުގެ ވާހަކަތަކުން އެނގުނެވެ.

ބ. ތުޅާދޫ އަތްތެރި މަސައްކަތް ބ. އަތޮޅު

Popular