9 May 2019

މި ޓޮޕް މޮޑެލްގެ ހުވަފެނަކީ އުދުހުން

By: Aishath Maaha

ޖަމްޝީދާ ޖަމްޝާދު (ޖަމް) އަށް ބޮޑު މަޝްހޫރުކަމެއް ލިބި ގިނަ ބަޔަކު ދަންނަ މޫނަކަށް ބަދަލުވީ މިދިޔަ އަހަރު ހީ އެންޑް ޝީ އިން ބޭއްވި ޓޮޕް މޮޑެލް މޯލްޑިވްސް ކާމިޔާބުކޮށްގެންނެވެ. މޭކްއޯވާގެ މި ސެގްމަންޓުގައި ރީތިކޮށްލައި ނަލަ ހައްދާލައިގެން މި ގެނެސްދެނީ ޓޮޕް މޮޑެލް ޖަމްޝީދާ އެވެ. އެކަމަކު މި މޮޑެލް އަކީ އަބަދުވެސް ވަރަށް ރީތިކޮށް ހެދުން އަޅާލާ، ނަލަވެލައިގެން ހުންނަ މޮޑެލް އެކެވެ.

ޓޮޕް މޮޑެލް މޯލްޑިވްސް ކާމިޔާބުކުރުމުގެ ކުރިން މާގިނަ ބަޔަކަށް ޖަމް ނޭނގުނަސް މޯލްޑިވިއަންގެ ކެބިންކްރޫގެ ޔުނީފޯމް އަޅައިގެން އެތައް ބަޔަކާ އޭނާ ބައްދަލުވެފައި ވާނެ އެވެ. އޭނާގެ ހިތްހެޔޮ ހިނިތުންވުމާއެކު އެތައް ބައެެއްގެ ހިތް އޭރު ވެސް ވަނީ އަތުލާފަ އެވެ.

ޖަމްގެ އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ބުނަން ހެއްޔެވެ؟ މިއީ ނިކަން ބޮޑު ހިތެއް ލިބިފައިވާ އަންހެނެކެވެ. "ތިކަހަލަ ކަޅު މީހަކަށް ކެބިން ކްރޫއިންނަށް ނުވެވޭނޭ" ބުނެ ހިތް މަރާލާ ދެރަކޮށްލި މީހުންނަށް ވެސް އެހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އަދިވެސް އެއީ ހަމަ ގާތް މީހުންނެވެ.

ޖަމްޝީދާ ރަހުމަތްތެރިންނާއެކު ބޭރުގައި. -- ފޮޓޯ: ނަދުހާ

އަބަދުވެސް ކިޔަވައިގެން މޮޅު މީހަކަށް ވުމަށް ވުރެ ބޮޑު ހުވަފެނެއް ޖަމްގެ ނެތެވެ. މާ ތަނަވަސް އާއިލާއަކަށް ނިސްބަތް ނުވާތީ، ޕައިލެޓަކަށް ވާން ދެކެމުން އައި ހުވަފެން އަދިވެސް އޮތީ ސީދާ ނުވެ އެވެ.

ޖަމްޝީދާ ރައްޓެހިންނާއެކު ސެލްފީއެއް ނެގުމުގައި، -- ފޮޓޯ: ނަދުހާ

"ޖަމް އަބަދުވެސް ބޭނުންވަނީ ކިޔަވައިގެން އަމިއްލަ ފައިމައްޗަށް ތެދުވެގެން ބައްޕަ ފަހުރުވެރިވާ ފަދަ ކުއްޖަކަށްވާން. ގްރޭޑް ތިނަކުން 10 އަށް ބައްޕަމެން ރަށުގައި ގދ. ގައްދޫގައި ކިޔަވައިގެން ސްކޫލް ނިންމާލީ ވެސް މަންމަ އާއި ބައްޕަ ފަހުރުވެރިވާ ފަދަ ނަތީޖާއަކާއެކު،" ޖަމް ކިޔައިދިނެވެ.

ޖަމްޝީދާ ރައްޓެހިންނާއެކު. -- ފޮޓޯ: ނަދުހާ

ދެން ވެސް މައިންބަފައިން ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދަން އަޒުމު ކަނޑައަޅައިގެން މާލެ އައިސް އޭ ލެވެލް ހަދަން ފެށި ނަމަވެސް ކިޔެވުން ފުރިހަމަނުކޮށް އެނބުރި ރަށަށް ދާން ޖެހުނީ އެވެ. އަހަރެއްހާ ދުވަސް ވާންދެން ރަށުގައި ކުދިންނަށް ޓިއުޝަން ނަގައިދިނުމާއި ގުރުއާން ކިޔަވައިދޭން ޖަމްގެ ވަގުތުތައް ހުސްކޮށްލި އެވެ. އެއިން އެއްވެސް ކަމަކާމެދު ޖަމްގެ ޝަކުވާއެއް ނެތެވެ. އޭ ލެވެލް ފެށުމުގެ ކުރިން ޤާރީ ކޯސް ލެވެލް އެކެއް ފުރިހަމަ ކުރުން ވީ އިތުރު ނަސީބަކަށެވެ. އެދުވަސްވަރު ރަށުގައި ހިންގި އައިޓީ ކޯހެއް ވެސް ފުރިހަމަކުރި އެވެ.

ފޮޓޯގްރެފީ: ނަދުހާ | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

"ޖަމް އަކީ އަބަދުވެސް ވަރަށް ކިޔެވުމަށް ލޯބިކުރާ ވަރަށް ކިޔަވަން ބޭނުންވާ ކުއްޖެއް. ޖަމް ކިޔަވަން ބޭނުންނުވެ ނުކިޔަވައިގެނެއް ނޫން ރަށަށް ދާން ޖެހުނީ. އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް މަސައްކަތް ކުރިން ރަށަށް ނުދާން."

ފޮޓޯގްރެފީ: ނަދުހާ | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

ދިރިއުޅުމުގައި ބިންދާލި މިފަދަ އެތައް ރާޅަކަށް ފަހު ވެސް ކިޔަވައިގެން މޮޅު މީހަކަށްވާން ކަނޑައަޅާފައި އޮތް އަޒުމަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެނބުރި މާލެ އައިސް ވަޒީފާއެއް ހޯދަން އެތައް ތަނަކަށް ސިޓީލަމުން ދަނިކޮށް ޖަމްގެ އަތުގައި ހިފީ ކެބިން ކްރޫއިން ތަމްރީނުކުރާ ކޯހެވެ. އެ ކޯސް ފުރިހަމަކޮށް ކެބިން ކްރޫއަކަށްވީ އެއް ސަބަބަކީ ވެސް ޕައިލެޓަކަށް ވާން ޖަމްގެ ހިތް ކަނޑައަޅާފައި އޮތް އަޒުމެވެ. ކުޑަ ފައިސާކޮޅެއް އެއްކޮށްލައިގެން އަދި ސްޓޫޑެންޓް ލޯނެއް ހޯދައިގެން ކިޔަވަން ފުރަން ރައްޓެއްސަކާ އެކު ޖަމް އަންނަނީ ތައްޔާރުވަމުންނެވެ. މާލެއިން ބައެއް ކޯސްތައް ހަދަން ވެސް ވަނީ ނިންމާފަ އެވެ.

ފޮޓޯގްރެފީ: ނަދުހާ | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

"ގްރޭޑް ހައެއްގަ އުޅެނިކޮށް ޖަމް ޕައިލެޓަކަށް ވާން ބޭނުންވީ. އޭގެކުރިން ބޭނުންވީ ސިފައިންގެ މީހަކަށް ވާން. ބައްޕަ ކައިރި ބުނީމަ ބައްޕަ ބުނީ ޖަމް ސްކޫލް ނިންމާފަ ސިފައިންގެ މީހަކަށް ހަމަ ވާންވީ އޭ. ދެން ޕައިލެޓަކަށް ވާން ވެސް ބޭނުންވާ ވާހަކަ ފަހުން ބުނީމަ ބައްޕަ ދެނީ ހިޔާލެއް. ފުރަތަމަ ސިފައިންގެ މީހަކަށް ވެފަ އެތަނުން ޕައިލެޓަކަށްވާނީ އޭ."

ފޮޓޯގްރެފީ: ނަދުހާ | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

"އެކަމަކު ވަކި ހިސާބަކުން ސިފައިންގެ މީހަކަށް ވާ ހިޔާލު ގޮސްފި. ޖަމް ގްރޭޑް އަށަކަށް ދިޔަ ފަހުން އެނގުނީ ކެބިންކްރޫއިން ވެސް އުޅޭކަން. ދެން ފެނުނު އިރު ވަރަށް ޝައުގުވެރިވީ ވަރަށް ރީތި ޔުނިފޯމެއް ލައިގެން ވަރަށް ރީތިވެގެން ތިބެނީ. ދެން އެހެންވެ ހިތަށް އެރީ ކެބިން ކްރޫއަކަށް ވެސް ވާން ބޭނުމޭ."

ފޮޓޯގްރެފީ: ނަދުހާ | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

ކެބިން ކްރޫއެއްގެ ގޮތުގައި އަހަރެއްހާ ދުވަހު މޯލްޑިވިއަންގައި މަސައްކަތް ކުރުމަށްފަހު ޖަމް އެ ވަޒީފާ ދޫކޮށްލީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ އަދި ޓޮޕް މޮޑެލް މޯލްޑިވްސްގައި ބައިވެރިވުމަށްފަހުގަ އެވެ. މިހާރު ވެސް އެތައް ތަނަކަށް ކެބިން ކްރޫއަކަށް އަދި އެހެން ތަންތަނަށް ވަޒީފާއަށް ލައިގެން އުޅެނީ ވެސް ޖަމްގެ ހުވަފެންތައް ހާސިލްކުރާށެވެ.

"ކެބިންކްރޫއަކީ ޖަމްގެ ޑްރީމް ޖޮބެއް ނޫން. ޕައިލެޓަކީ ޖަމްގެ ޑްރީމް ޖޮބް. އެކަމަކު ކިޔަވަންދާނެ ފުރުސަތެއް ނުލިބި ހުއްޓަ ކެބިންކްރޫއަކަށްވާން ފުރުސަތު ލިބުނީމަ ހިތަށްއެރީ ކަމެއް ނުކޮށް ހުރުމަށްވުރެ ރަނގަޅުވާނޭ މިކަން ކުރުން. މާދަން ވެސް ފުރުސަތެއް ލިބިއްޖެޔާ ކިޔަވަން ދާން ނިންމައިގެން ހުރިއިރު އެކްސްޕީރިއަންސެއް ލިބި އައިޑިއާއެއް ލިބިފަ ހުންނާނެތީ ދިޔައީ،"

ފޮޓޯގްރެފީ: ނަދުހާ | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

"ޖަމް ކެބިންކްރޫއަކަށް އުޅުނު އިރު ޕައިލެޓުންނާ ވަރަށް ސުވާލު ވެސް ކުރަން. އެމީހުން ވަރަށް ކިޔައި ދޭނެ. ފޫހިވެގެނެއް ނޫން ޖަމް ފްލައިކުރުން ހުއްޓާލީއެއް. އެދުވަސްކޮޅު ދިމާވި ކަންތައްތަކެއްގެ ސަބަބުން ކެނޑުނީ."

ޖަމް ބުނީ އޭނާ އަކީ ކުރިމަތިލާ ކޮންމެ ކަމެއް ވެސް ކާމިޔާބުކުރަން އަޒުމުކަނޑައަޅާ އެކަމަށް މަސައްކަތްކުރާނެ މީހެއް ކަމަށެވެ. ޓޮޕް މޮޑެލް މޯލްޑިވްސްގައި ވެސް ޖަމް ބައިވެރިވީ އެ އަޒުމުގަ އެވެ. އެ މުބާރާތް ކާމިޔާބުކޮށް ޓޮޕް މޮޑެލް ވޯލްޑް 2018 ގައި ބައިވެރިވެ އެއިން ވަނީ "މިސް މެރާކީ ގްލޭމް މޮޑެލް"ގެ ލަގަބު ހޯދާފަ އެވެ. އެހެންވެ މޮޑެލްކުރުމުގެ ދާއިރާއިން ވެސް ކުރިއަށް ދާން ޖަމް ބޭނުންވެ އެވެ. ކުރިއަށް އޮތްތަނުގައި މޮޑެލްކުރަން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖަމްހުރީ ތައްޔާރަށެވެ.

ފޮޓޯގްރެފީ: ނަދުހާ | ޑިޒައިނާ: ނޫރާ | މޭކަޕް އެންޑް ހެއާ: ޗޫޓީ

މޮޑެލް ވެސް ކުރަން ބޭނުންވެފަ ހުރި ޖަމް އަށް މޮޑެލްކުރަން ފަށަން އެންމެ ރަނގަޅު ޕްލެޓްފޯމެއްގެ ގޮތުގައި ފެނުނީ ޓޮޕް މޮޑެލް މޯލްޑިވްސް އެވެ. އަދި އެކަމުގައި އޭނާ އަށް އެންމެ ބޮޑު ސަޕޯޓެއް ވެސް ލިބުނީ ބައްޕަގެ ފަރާތުންނެވެ.

"މި ފުރުސަތުގައި ޖަމް ބޭނުން މިހާ ހިސާބަށް ޖަމް އައުމުގެ ފަހަތުގައި ތިބި އެންމެނަށް ޝުކުރު އަދާކުރަން. ޖަމްގެ ބައްޕައާ ދޮން މަންމަ އާއި ދޮންމަންމަގެ އާއިލާ އަދި މާމައާއި ކާފަ ހަމަ ވަރަށް ހާއްސަކޮށް. ގޭތެރޭގެ ކަންތައްތައް ކުރަން ދަސްވެ ގެވެހި ކަންކަން ދަސްވީ ޖަމްގެ ދޮންމަންމަ އާއި ދޮން މަންމަ އާއިލާގެ މީހުންގެ ސަބަބުން."

Popular