5 Jun 2019

ޝިފާ ލިބި، ޝިފޫ އެނބުރި އަތުވެއްޖެ

މޯލްޑިވިއަން އައިޑޮލްގައި ފާޑުކިޔުންތައް އަމާޒުވި އެވެ. ހިތް މަރުވި އެވެ. އެކަމަކު މިހާރު މި ހުރީ އެނބުރި އައިސްފަ އެވެ.

މޯލްޑިވިއަން އައިޑޮލްގައި ފާޑުކިޔުންތައް އަމާޒުވި އެވެ. ހިތް މަރުވި އެވެ. އެކަމަކު މިހާރު މި ހުރީ އެނބުރި އައިސްފަ އެވެ.

By: Shamila Ibrahim

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ޓޮޕް 16 އާ ހަމަ އިން ޝިފާ އިބްރާހިމް (ޝިފޫ) އެ ޝޯ އާ ވަކިވީއެވެ. އެހާ ހިސާބުން އެ ދުވަސްވަރު އެންމެ ހިޓްވި އައިޑޮލްގެ ބޮޑު ބަހުސަށް ވެސް މަޑުޖެހުމެއް އައެވެ. އަޑު ހަލާކުވެގެން ލަވަ ނުކިޔުނަސް، ގަދަ 16 އިން ޖާގަ ދިނުމުން ބެލުންތެރިންގެ ފާޑުކިޔުންތައް ޝިފޫ އާއި ޖަޖުންނަަށް ވެސް އަމާޒުވި އެވެ.

ހިތްވަރު މަރުވެ، އެންމެންނަށް ގެއްލުނު!

"ޝިފޫ މިއީ އައިޑޮލް ސީޒަން ވަންގެ އެންމެ ކޮންޓްރޮވާޝަލް އެކަކަކު"

އުމުރުން 20 އަހަރުގެ ޝިފޫ އޭނާގެ އައިޑޮލް ވާހަކަ ފެށީ މިހެންނެވެ. އޭރު އުމުރުން 17 އަހަރުގައި އުމުރުގެ ހަގު ކަމާ އެކު އެ ކުރި ތަޖުރިބާގެ ހިތިކަން އަދިވެސް އެ އަރުގައި އެބަ ހުއްޓެވެ.

އަޑު ހަލާކުވެ، ޝިފޫ އަށް އައިޑޮލްގެ ދަތުރު ވީ ހިތި ތަޖުރިބާއަކަށް -- ފޮޓޯ: އަދޫ/ ބަރިސްތާ

ޝިފޫ އަށް ލަވަ ނުކިޔުނަސް ފުރުސަތު ލިބުމުން އެއްބަޔަކު މިކަން ގުޅުވީ ޝިފޫގެ ސިފަޔަށެވެ. ސޯޝަލް މީޑިއާގައި ޝިފޫގެ ހިތް މަރަމުން ދިޔަޔަސް ޓައިޓަލް ހޯދުމަށް ރީތިކޮށް ލަވަ ކިޔުމުގެ އަޒުމުގައި ހުރި ޝިފޫ އޭރު ހުރީ އޭނާގެ އަޑަށް ޝިފާއެއް ލިބި ބެލުންތެރިން ހައިރާން ކޮށްލެވޭނެ ކަމުގެ އުންމީދުގައެވެ. އެކަމަކު ވަކި ހިސާބަކުން އެ އުންމީދު ފެނަށްވެ، އައިޑޮލްއާ ވަކިވާން ޖެހި، އެންމެ ފަހުން ޝިފޫ ވެސް ގެއްލުނީއެވެ.

"އައިޑަލް އިން ފުދޭވަރަކަށް ނެގަޓިވް ކޮމެންޓްސްއާ އެއްޗެހި ލިބުނީމަ ހިތަށްއެރީ ދުވަސްކޮޅަކަށް ބްރޭކެއް ނަގާލާނީއޭ. ހަމަ ދުވަސްކޮޅަކަށް ގެއްލެން ބޭނުންވީ"

ޝިފާ ލިބި އެނބުރި ލަވަކިޔަން!

އެކަމަކު އޭރު ހަލާކުވި އަޑު މުޅިން ރަނގަޅުވެ، ކޮމެންޓުތަކުން ޒަހަމްވި ހިތަށް ޝިފާ ލިބިގެން ޝިފޫ އެނބުރި މި ހުރީ އައިސްފައެވެ. ދެތިން އަހަރުގެ ބްރޭކަކަށް ފަހު އަލުންބަލުން މިއުޒިކް ކެރިއަރައިގެން ކޮޅަށް ތެދުވެ ދަތުރު ފަށައިފި އެވެ.

އެކަމަކު ކޮންމެހެން ޝިފޫ ހުރީ ބްރޭކަށް ފަހު މިދާއިރާއަށް އަލުން ނުކުންނަ ވިސްނުމަކު ނޫނެވެ. ވަކިން ބޮޑަށް ޕަބްލިކާ ކުރިމަތިލައި، އޭނާގެ ރެޕިއުޓޭޝަން ބަދަލުކޮށްލެވިދާނެ ކަމުގެ ޔަގީންކަން ވެސް ނެތީއެވެ. ނަމަވެސް، ހައުސް އޮފް މިއުޒިކް ޝިފޫ އަށް ޝިފާއަކަށް ވެ، އަލުން އެ ކެރިއަރު ނަގާ ކޮޅަށް ޖެހީއެވެ. ހައުސް އޮފް މިއުޒިކްގެ އެ ފުރުސަތަށް މިއަދު އޭނާ ވެސް ޝުކުރުވެރިވެއެވެ.

ޝިފޫ: ފާޑުކިޔުންތައް ލިބުމުން ބްރޭކްއެއް ނެގުމަށްފަހު އަލުން ލަވަ ކިޔުމައިގެން ކުރިއަށް --

މިވަގުތު ޝިފޫގެ ގިނަ ލައިވް ޕާފޯމަންސްތައް ފެންނަނީ އެ ބޭންޑުގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމާ އެކުގަ އެވެ. މިއީ ވެސް އާ ކަންކަން ދަސްކުރަން ލިބުނު ހިތްވަރަކަށްވެ، މި ޖާނީގެ އުފާވެރިކަން އެ ހިތަށް އަންނަނީ ލިބެމުންނެވެ.

ލަވަކިޔުމާ ލެޔާ ގުޅިފައި!

ޝިފޫ ލަވަ ކިޔާތާ ކިތަންމެ ދުވަހެކެވެ. އެންމެ ކުޑައިރު ވެސް ލަވަކިޔަން ހުރި ޝައުގު ގޮސް ގުޅިފައި އޮތީ މައިންބަފައިންނާއެވެ. ސ. ހިތަދޫގެ ލަވަޔާ މިއުޒިކީ އާއިލާއަކުން ކެކެމުން އައި ޒުވާން އެ ލޭގައި އަބަދުވެސް ހިނގަމުން ދިޔައީ ލަވަކިޔުމުގެ ފޯރިއެވެ.

"ކުޑައިރުވެސް ބައްޕަ މަދަހަ ކިޔައިދޭ. މަންމަ އާއި ބައްޕައަކީ ވެސް ލަވައިގެ ބެކްރައުންޑެއްގެ ދެމީހުން. ދޮންތަ ވެސް ވަރަށް ރީތިކޮށް ލަވަކިޔާނެ."

ޝޯއެއްގައި ލަވަ ކިޔުމުގެ ހުވަފެން ޝިފޫ އައީ އަބަދުވެސް ދެކެމުންނެވެ. އޭނާގެ އެ ދުވަސްވީ ބޮޑު ހުވަފެނުގައި ކުލަ ޖެހުނީ މޯލްޑިވިއަން އައިޑޮލް އޮންނަކަން އިއުލާނުކުރުމާ އެކުގަ އެވެ.

"ބައްޕަ އަށް ވުރެ ބޮޑަށް މަންމަ ލަވަ ކިޔުއްވަން ބޭނުންވަނީ. އަބަދުވެސް މަންމަ ބުނާނެ ޝިފޫ ކޮންމެތާކު ހުއްޓަސް ލަވަ ކިޔާ އަޑު އިވެންޏާ އޯކޭއޯ. ކުޑައިރު ވެސް ލަވަ ކިޔުއްވަން ބޭނުންވާތީ ލަވަ މުބާރާތްތަކުގަ ވެސް ބައިވެރި ކުރި،" ބޮޑު ހިނިތުންވުމަކާއެކު އޭނާ ބުންޏެވެ.

ލަވަކިޔަން އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މަންމަ ފަރާތުން -- ފޮޓޯ: އަދޫ / ބަރިސްތާ

"އެކަމަކު ފަހުން ފަހުން އައިސް ބައްޕަ އެހާ އޯކޭއެއްނޫން ލަވަޔަކަށް. ބައްޕަގެ އިންނަނީ މަދަހަބައި. ފެމިލީ އެންމެންގެ ތެރެއިންވެސް ލަވަ ކިޔަން އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މަންމަގެ ފަރާތުން"

ޝިފޫ އަށް އައިޑޮލް ވީ ދިރިއުޅުން ބަދަލުކޮށްލި ކަމަކަށެވެ. އޭގެ ކުރިން މޮޑެލް ކުރަމުން ދިޔަ ނަމަވެސް ފަހުން އައިޑޮލް އާ ހިސާބުން ގިނަ މީހުންނަށް އޭނާ އެނގެން ފެށީ ލަވަކިޔާ މީހެއްގެ ގޮތަށެވެ.

އައިޑޮލްގެ ދުވަސްވަރު އެތައް އެތައް ފާޑުކިޔުމެއް ލިބުނަސް، އޭގެ ޕޮޒިޓިވް ސައިޑް ވެސް އޮތެވެ. ހަޔާތަށް ގިނަ ބަދަލުތަކެއް އައިސް، ލަވަކިޔުން ވެސް ކުރިއެރުވުނެވެ.

"އައިޑަލްގެ ފަހުން ވީޑިއޯ ލަވައަކުން ވެސް ފުރުސަތު ލިބުނު. އެކަމަކު އެ ދުވަސްކޮޅު ހަމަ ބްރޭކްގަ ހުންނަން ބޭނުންވީ"

އައިޑޮލްގެ ތަޖުރިބާ އިން ކުރިއެރުން!

"އައިޑަލް ފަރާތުން އަސްލު އިނގުނީ ލަވަ ކިޔުމަކީ ކިހާ ވަރެއްގެ ކަމެއްކަން. އެކަމަކު އަދިވެސް ހިތްހަމަޖެހޭ ވަރަކަށް ޕަބްލިކް ތެރޭގަ ޕާފޯމްއެއް ނުކުރެވޭ. އަދިވެސް ހަމަ ޕަބްލިކަށް ނިކުންނަން ބިރުގަނޭ"

އެގޮތަށް ބިރު ގަތުމުން ދެން ޝީފޫ އަށް ވާ ގޮތަކީ ލަވައިގެ ލިރިކްސް ހަނދާންނެތި އޮޅޭގޮތްވަނީއެވެ. އެކަމަކު ސްޓޭޖު ދޫކޮށް ފިލުމުގެ ބަދަލުގައި "އޮޑް" ފީލް ނުވާނެހެން ހަމަޖައްސާލައިގެން ޕާފޯމް ކޮށް ނިންމާލަނީއެވެ.

"ކުރީގަ ވެއްޖެއްޔާ ސްޓޭޖަށް އަރާ ގޮތަށް މީހާ އިންނާނީ ދާ ހިއްލާފަ. މިހާރު އެކަމު އެބައި ވަރަށް ރަނގަޅު ގިނަ ޝޯތަކުގައި ޕާފޯމް ކުރާތީ"

މިވަގުތު ޝިފޫގެ ޕާފޯމަންސްތައް ފެންނަނީ ޝަލަބީ އާއެކު -- ފޮޓޯ: ފޭސްބުކް

ޝިފޫ ބުނާ ގޮތުން މިކަމަށް ހުސްވެ ހުރެ އާމްދަނީ ހޯދުމަށް މިއީ ކުރަން ރަނގަޅު ކަމެކެވެ. އެ ވިސްނުމުގައި އިތުރު ވަޒީފާއަކަށް ނުގޮސް އޭނާ ހުންނަނީ މިކަމަށް ހުސްވެއެވެ.

ޝިފޫގެ ހުރިހާ ޝުކުރެއް ގޮސް ގުޅިފައި އޮތީ ހައުސް އޮފް މިއުޒިކަށެވެ. އެއީ މިއަދު މައިކެއް ހިފައިގެން ލަވަކިޔަން ހުއްޓި ހުރެވޭ ހުރެވުމުގެ އަސްލު ހިތްވަރު ގުޅިފައި އޮތީ އެ ބޭންޑާ ކަމުގައި ވާތީއެވެ.

ހައުސް އޮފް މިއުޒިކްގެ ޗޮއިސްއަކަށް ޝިފޫ؟

"އަހަރެމެން ބަލަނީ ވަރަށް ބޮޑަށް މިކަމަށް ވަގުތު ދެވޭ ކުދިން ނެގޭތޯ. ފުލް ޓައިމްކޮށް މިކަމަށް ހުސްވެ ހުންނަ ކުދިންނަށް އިސްކަން ދެނީ. އެގޮތަށް ފެނުނީ ޝިފޫ ވެސް. ހުސްކޮށް މިވަގުތު ތިބި އަންހެން އާޓިސްޓުން ތެރެއިން މޮޅު ކުއްޖެއް މިއީ. ކުރިއަށް ދެވޭނެ ޓެލެންޓެޑް ކުއްޖެއް މިއީ،" މި ސުވާލުގެ ޖަވާބު މިފަހަރު ދިނީ އޭނާގެ މެނޭޖަރު ޝަފީގު އަލީ (ސައްޕެ)އެވެ.

ހައުސް އޮފް މިއުޒިކާ ޝިފޫ ގުޅުނުތާ އަދި ދެތިން މަހެވެ. އެކަމަކު މި މަދު ދުވަސްކޮޅު ތެރޭ އެތައް ޝޯއެއްގައި ޕާފޯމް ކޮށްފިއެވެ. އެ ބޭންޑާއެކު ތަޖުރިބާތަކެއް ކޮށް ކުރިއެރުންތަކެއް ހޯދައިފިއެވެ.

މި ބޭންޑުގެ އާޓިސްޓެއްގެ ގޮތުގައި ޝިފާގެ އަމިއްލަ ލަވައެއް ވެސް ވަރަށް އަވަހަށް އިވިގެންދާނެއެވެ. އެއްކަލަ ގެއްލުނު ހިތްވަރާ އެ ހިތިކަން ހަނދާން ނައްތާލައި، އާ އަޒުމެއްގައި ނިކުމެގެން އުޅޭކަން އެންމެންނަށް އޭރުން ސާބިތު ކޮށްދެވުނީ އެވެ.

މޯލްޑިވިއަން އައިޑޮލް ޝަލަބީ އިބްރާހިމް

Popular