19 Jun 2019

ސްޕޯޓްސް ފިޒިކްގެ އާ ޗެންޕިއަން؛ އަޒްނީން

By: Shamila Ibrahim

ނިމިގެން ދިޔަ މިސްޓަ މޯލްޑިވްސް މުބާރާތުގެ ސްޕޯޓްސް ފިޒިކް 120 ސެންޓިމީޓާ ކެޓަގަރީން ޓައިޓަލް ހޯދި އަޒްނީން ރަޝާދުގެ ކޮނޑުހުޅަށް ހާނީއްކަ ވެގެން، ކުޑަދުވަސްކޮޅަކަށް ފިޓްނެސްއާ ވަކިވާން ޖެހުނެވެ. އުމުރުން 30 އަހަރުގައި ހޯދި ކާމިޔާބީ އަށް ވާސިލުވެވުމުގެ ކުރިން މި ދަތުރުގައި އަޑިގަނޑުތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. ހިތްދަތި ދިރިއުޅުމަކަށް މީހާ ގެންގޮސް ވައްޓާލީ ފިޓްނެސް އަށް އޮތް ޝައުގާ ހިތްވަރު ވެސް މަރާލަމުންނެވެ.

މިދިޔަ އަހަރު މިސްޓަ މޯލްޑިވްސް މުބާރާތަށް ތައްޔާރުވުމަށް ވޯކްއައުޓް ހަދަނިކޮށް ކޮނޑަށް އަނިޔާވެ ދެން ކުރިމަތިވީ އުންމީދު ވެސް ނުކުރާހާ ހިތްދަތިކަމަކާއެވެ. އޭރު ވަމުން ދިޔަ ތައްޔާރީތައް ފަށަން ޖެހުނީ ސުމަކުންނެވެ. ފިޓްނެސްގެ ދިގު ކެރިއަރަށް ފަސްއަޅައި ވަޅުލާށޭ ވެސް އެއްބަޔަކު ބުނި ކަހަލައެވެ.

"ރިކަވަރީ ބްރޭކެއް ނަގާފަ އަލުން ފަށަން ޖެހުނީ ހަމަ ސުމަކުން. ވަރަށް ދެރަވި. ވަރަށް ގިނަ މީހުން ބުނި ތި ދެން ކެރިއާ ނިމުނީއޭ، ތިކަމެއް ދެން ނުވާނެއޭ،" އަޒްނީން ކިޔައިދިނެވެ.

އަޒްނީން: މިފަހަރު މިސްޓަ ސްޕޯޓްސް ފިޒިކް ޓައިޓަލް ހޯދީ ކުރީގެ ޗެންޕިއަން ފާލިހު ވައްޓާލުމަށްފަހު --

"އެކަމަކު ހިތްވަރެއް ދުލެއް ނުކުރަން. އަނެއްކާ ވެސް ހަމަ ޒީރޯ އިން ފަށައިގެން މަސައްކަތް ކުރީ،" އިންޖަރީ ބްރޭކަށް ފަހު ހަ މަސް ދުވަހުގެ ބުރަ މަސައްކަތާއެކު، ޓައިޓަލް ހޯދަން ކުރި މަސައްކަތް ކިޔައިދެމުން އޭނާ ބުންޏެވެ.

އެކަމަކު އެންޖަރީގެ ސަބަބުން ހަ މަސް ދުވަސްވަންދެން ވޯކްއައުޓް ނުހެދޭނެ ވާހަކަ ޑޮކްޓަރު ބުނުމުން އެންމެ ފުރަތަމަ ވެސް ހިތްވަރު މަރުވީއެވެ. އެހެން އުޅެނިކޮށް ދިމާވި ރައްޓެއްސެއްގެ ލަފަޔަށް ފިޒިއޯ ހަދައިގެން އަލުން ވޯކްއައުޓް ހެދޭވަރަށް ރަނގަޅުވިއެވެ. މުބާރާތަށް އަލުން ތައްޔާރުވުމަށް މަސައްކަތް ފެށުނީ ވެސް އެހިސާބުންނެވެ.

ކެއުމުގެ ސްޓައިލް އޭނާ ބަހައްޓާ ގޮތަށް ބަލަންޏާ، ހަރަދު ބޮޑުވެފައި ބުރައެވެ. އެކަމަކު އަންހެނުންނާއި ދަރިފުޅު ވަކި އެއްޗެއް ކެއުމަށް ދޫކޮށްލާފައި މިވަގުތު ވެސް އޭނާ އަންނަނީ ރާއްޖޭން ބޭރުގައި އޮންނަ ސައުތު އޭޝިއަން މުބާރާތަކަށް ތައްޔާރުވުމަށް ޑައިޓްކުރަމުންނެވެ. މި ޑައިޓާ އެއްގޮތަށް ކާ ތަކެތި ތައްޔާރުކުރަނީ ވެސް އަމިއްލައަށެވެ. އެގޮތުން އާންމު ޑައިޓުތަކުގައި ދުވާލެއްގެ މައްޗަށް ހަ ޗިކެން ބްރެސްޓް ބޭނުން ކުރެއެވެ. ހެލްތީކޮށް ކެއުމަށް ރެސްޓޯރެންޓް މެނޫތަކާ ވެސް ވަރަށް ދުރެވެ.

"މިހެން އުޅޭތީ އަސްލު ހަމަ ހަރަދު ބޮޑު. ޗިކެން ބްރެސްޓް އެއްޗެހި ބަހައްޓަނީ ކޭސް ގަނެފަ. ޖިމަށް ވަކި ހާއްސަ ބަޖެޓެއް ހަދައިގެން އެ ބަޖެޓުގެ ދަށުން މިކަމަށް ހަރަދު ކުރަނީ،" މުބާރާތްތަކަށް ތައްޔާރުވާއިރު އުޅެންޖެހޭ ގޮތް ކިޔައިދެމުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރޮއްޓާއި ރިހަ ނުކާތާ މިހާރު ދެތިން އަހަރު ވެދާނެ އެވެ. މިހާރު އެ ކަހަލަ އެއްޗެހި ފެނުނަސް ކާހިތް ވެސް ނުވާ ކަމަށް ބުންޏެވެ.

މިސްޓަ މޯލްޑިވްސްގައި ބައިވެރިވަނީ ޕޮލިސް ކްލަބްގެ ފަރާތުން --

ސްކޫލް ދައުރުގައި ފުޓްބޯޅަ ކުޅުމާއި އެ ނޫން ވެސް އެކްޓިވް ސްޕޯޓްސްތަކުގައި އުޅެވިފައި ހުރުމުން އަބަދުވެސް ފިޓްނެސް އަށް ޝައުގުވެރިއެވެ. އޭގެ އިތުރަށް ބޭބެއަކު ވޯކްއައުޓްތައް ހަދާތަން ފެނި އިތުރަށް ފިޓްނެސް އަށް އޮތް ޝައުގު ފުޅާވީއެވެ. ޖިމް ވޯކްއައުޓް ވީޑިއޯތައް ފެނިގެން އެކަން ކުރަން ބޭނުންވީއެވެ. އެހެންވެ ސްކޫލް ނިމުނުއިރު ބޭނުންވީ އުފަށް ރަށް ގއ. ވިލިނގިލީގައި ހުންނަ ޖިމަށް ދާށެވެ. އެކަމަކު އެ ހުވަފެން ހަގީގަތަކަށް ވުމަށް ހުރަސް އެޅީ އުމުރުން ހަގުވުމެވެ. އެންމެ ފަހުން ޖިމް ބޭރުގައި ހުރެގެން އެހެން މީހުން ޖިމް ޖައްސާތަން ބަަލައިގެން އޭރު ފުއްދާލިއެވެ.

އޭގެފަހުން ޕޮލިހުގެ ވަޒީފާއަށް ދާން ފަށައި، ޕޮލިސްގެ ބޭސިކް ޓްރެއިނިން ނިންމާާލުމަށް ފަހު އެނބުރި މާލެ އައިސް ޕޮލިސް ޖިމަށް ދާން ފެށިއެވެ. އަހަރުތަކެއް އެ ޖިމުގައި ހޭދަކުރީ އަމިއްލަ ހަށިގަނޑު ފިޓްކޮށް ބަހައްޓާށެވެ. އެހެން އުޅެނިިކޮށް ލިބުނު ފުރުސަތެއްގައި، 2017 ވަނަ އަހަރު އެ ޖިމުގެ ކޯޗު އަލި މަނިކު (އައްޔަ)ގެ ސަޕޯޓާއެކު މިސްޓަ މޯލްޑިވްސް އަށް ތައްޔާރުވާން ފެށިއެވެ. އައްޔަގެ އިރުޝާދާ އެކު ދެ މަސް ދުވަހު ކުރި މަސައްކަތުން އެފަހަރު ކެޓަގަރީން ތިން ވަނަ ލިބުނީތީ ހުރީ އުފަލުންނެވެ. ހުރިހާ ޝުކުރެއް ވެދުން ކުރީ ވެސް އައްޔައަށެވެ.

"ތިން ވަނަ ލިބުނު އަހަރު އެ ގަޑީގަ ސްޓޭޖް މަތީ ހުރިއިރު ހިތަށްއެރި ދެން އަންނަ އަހަރަކަށް އަދި ވަރަށް މަސައްކަތް ކުރާނަމޭ. މިއީ އެ އަޒުމުގައި ދެ އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ،" މިފަހަރު ލިބުނު ޓައިޓަލްއާ މެދު އަޒްނީން ބުނީ މިހެންނެވެ.

މިއަހަރު ޓައިޓަލް ހޯދީ ކުރީގެ ޗެންޕިއަން ފާލިހު ވެސް ވައްޓާލައިފައެވެ. ހިތްވަރާއެކު ވާދަކޮށް ކާމިޔާބުވީތީ ހުރީ ވަރަށް އުފަލުންނެވެ.

ކުރީގެ ޗެންޕިއަން ފާލިހު އާ ވާދަކޮށް މިފަހަރު ސްޕޯޓްސް ފިޒިކް ޓައިޓަލް ލިބުނީތީ ހުރީ ވަރަށް އުފަލުން -- | ފޮޓޯ: ހުސެން ވަހީދު

އެކަމަކު ޓައިޓަލް ލިބުމުގެ ހިތްހަމަ ޖެހުމާއި، ބޮޑީ ބިލްޑިންގެ ގައުމީ ޓީމަށް ހޮވުމުގެ އުފަލަށްވުރެ ބޮޑަށް އަޒްނީން އުފާވަނީ އޭނާގެ އުފަށް ރަށް ފަހުރުވެރި ކޮށްދެވުނީމައެވެ. އަލަށް ގޯލްޑް މެޑައްޔެއް ހޯދައި، އޭނާގެ ރަށާއި އަތޮޅު ތާރީހުގެ ތެރެއަށް ގެންގޮސްދިނީތީ މުޅި އާއިލާ އަޒްނީނަށް މަރުހަބާ ކީތީއެވެ.

މިދިޔަ 10 އަހަރު ދުވަހެކޭ އެއްގޮތަށް މިއަދުވެސް މަސައްކަތްކުރާ މޯލްޑިވްސްގެ ޕޮލިސް ސާވިސް އާއި އެތަނުގެ ޖިމާއި ޕޮލިސް ކްލަބްގެ ސަޕޯޓު ވެސް އޭނާގެ ކާމިޔާބީގެ ބޮޑު ރޯލެއް އަދާކުރިއެވެ.

ކޮފީތަކަށް ގޮސް ރައްޓެހިންނާއެކު ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އަޒްނީން އިސްކަން ދެނީ ގިނަ ވަގުތު ޖިމްގައި ހޭދަކުރަން --

މިވަގުތު ޖިމްގެ ފޯކަސް ގެއްލިދާނެތީ ޕާސަނަލް ޓްރެއިނިން ނަގައިދިނުމުގެ ވިސްނުމެއް އަޒްނީންގެ ނެތެވެ. އޭނާ ބޭނުންވަނީ ހުރިހާ ވަގުތެއް އަމިއްލަ ހަށިގަނޑު ބައްޓަންކުރަން ހޭދަ ކުރާށެވެ. އެކަމަކު ޖިމްގައި އުޅޭ ވަގުތުތަކުގައި މީހަކު ނުބައިކޮށް ވޯކްއައުޓް ހަދަންޏާ ކިިޔައިދީ، ވީހާ ވެސް ގިނަ ބަޔަކު ބޮޑީބިލްޑިންގެ ތެރެއަށް ވައްދަން މަސައްކަތް ކުރެއެވެ.

އަންނަ އަހަރު އޮތް މިސްޓަ މޯލްޑިވްސް މުބާރާތުގައި ބައިވެރިވާން ވެސް އަޒްނީން ހުރީ ނިންމައިގެންނެވެ. މިފަހަރުގެ ޓައިޓަލް ނެގުމުން އިތުރަށް ކޮންޕެޓިޓިވް ވާނެކަން އެނގިހުރެ، ކުރިމަތިލާން ހުރީ ތައްޔާރަށެވެ.

މިސްޓަ މޯލްޑިވްސް ފިޓްނެސް

Popular