7 Jul 2019

By: Ahmed Nadym

އެއީ މިދިޔަ ޖޫން މަހުގެ އަށް ވަނަ ދުވަހެވެ. ހޮޓެލް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ، އުމުރުން 21 އަހަރުގެ ލަމްހާ އަސްލަމް އޭނާގެ މަސައްކަތަށް ހޭލައިގެން ގެއިން ނުކުމެގެންދިޔައިރު، މި ތަރުތީބުގައި އޭނާގެ އެހެން ދުވަސްތަކާ މާ ބޮޑު ތަފާތެއް ނެތެވެ. އޭގެ އެއް ދުވަސް ކުރިއާ އަޅާބަލާ ނަމަ ތަފާތަކީ އެ ދުވަސް ހޮނިހިރު ދުވަހަކަށްވުމުން ޖެހިގެން އޮތް އާދީއްތަ ދުވަސް އޮފު ދުވަހަކަށް ވާނެތީ ބޮލުގައި ރާވަމުން ދިޔަ ބައެއް ރޭވުންތަކެވެ. ނަމަވެސް އޮފް ޑޭގެ އެ ޕްލޭންތަކާ އެކު ވެސް އޭނާގެ އޮފީސް ނިމުނީ އާދައިގެމަތިން ގޮސް އާދައިގެ ދުވަހަކަށެވެ. ލަމްހާ ހީކުރީ އަދި ނިންމައިގެން ހުރީ ވެސް މިހެންނެވެ. އެކަމަކު އޮފީހުން ނިމިގެން ގެއަށް ދާން ނިކުތްއިރު، އާންމުކޮށް ކޮންމެ ދުވަހަކު ގެއަށް ދާން ބޭނުންކުރާ މަގުތައް އެ ދުވަހު ވަނީ ބަންދުކޮށްފައެވެ. މި ސަބަބާ އެކު ލަމްހާގެ ދުވަހުގެ ތަރުތީބު ވަގުތުން ގެއްލިގެން ދިޔައެވެ. އަދި އާދައިގެ ގޮތަކަށް ފެށުނު އެ ދުވަސް ކުއްލިއަކަށް އަނދިރިވެ އެ އަނދިރިކަމުގެ ތެރެއިން ފުރޭތައެއްގެ ސިފައިގައި އޭނާގެ ފަހަތު އަޅުވާލި މުޑުދާރު ފިރިހެނެއްގެ ލަދުހުތުރު އަވަލުމާއެކު އެ ދުވަސް ލަމްހާގެ ހަޔާތުގެ އެންމެ ބިރުވެރި، އެންމެ ކަޅު ދުވަހަށް ކުއްލިއަކަށް ބަދަލުވެގެން ދިޔަ އެވެ.

މީހަކު ފަހަތުން އަޅުވާލައިފިކަން އޭނާ އަށް ރޭކާލީ އޮފީހުން ނިކުމެގެން ހިނގަމުން ގޮސް މަޖީދީމަގަށް ނުކުމެ ހިސާބަކަށް ދެވުނު ފަހުންނެވެ. އެންމެ ފުރަތަމަ ފަސް އެނބުރި ސީދާ އެމީހަކަށް ބަލައިލާކަށް ނުކެރުނެވެ. ނަމަވެސް ހަތަރެސްފައި ފިނިވެ ހިނގަން އުނދަގޫވާވަރުވުމުން އެންމެފަހުން އެމީހާއާ ކުރިމަތިލުމަށް ލަމްހާގެ ހިތް ތެޅިގަތެވެ. ތުރުތުރުއަޅަމުން ދިޔަ އެ ނަފުސު ކުއްލިއަކަށް ހުއްޓުމަކަށް އަތުވެ އެންމެފަހުން ފަސްއެނބުރި ބަލައި ޖިންސީ ޝިކާރަވެރިޔާއާ އޭނާ ކުރިމަތިލައިފިއެވެ. އޭރު، ތެޅެމުންދިޔަ ހިތުގެ އަޑުއިވޭހާ ގާތުން އޭނާ އަށް ފެނުނީ "ކާފަ އުމުރުގެ" ފިރިހެނެކެވެ. ހެވި ދިއްލިފައި ހުރެގެން އޭރު އެމީހަކު ގެންދިޔައީ ލަމްހާއާ ދިމާލަށް އަނގައިންނާއި އަތުން ޖެއްސުނު އެންމެ ހުތުރު ޖިންސީ ވައްތަރުތަކުން އެއްވެސް ލަދެއްހަޔާތެއް ނެތި އެންމެންގެ ކުރިމަތީގައި ފުރައްސާރަކުރަމުންނެވެ.

"އޭރު އަހަރެން ހުރީ ވަރަށް އަންކޮމްފޯޓެބްލްވެފައި އޭނަ ކުރަމުން ދިޔަ އެ އިޝާރާތްތަކުން. ދެން އަހަރެން އަހައިފިން ކޯއްޗެއްހެއްޔޭ ބޭނުންވެގެންތި އުޅެނީ؟."

މިހެން ބުނެފައި އަމިއްލަ ދިފާއުގައި ލަމްހާ އެމީހާއާ ކުރިމަތިލުމުން އޭނާ ދެން ދެއްކި ލަދުހުތުރު ވާހަކަތައް އެ ބަހުރުވައިން ކިޔައިދޭކަށް ލަމްހާ އަކަށް ނުކެރުނެވެ. ފަސްޖެހި، ބަސްހުއްޓި، އިންޓަވިއުގެ މި ހިސާބުން ލަމްހާ އަނެއްކާވެސް ހުއްޓުމަކަށް އަތުވެއްޖެއެވެ.

"ދަ ސެޝަން" ގައި ލަމްހާ އޭނާގެ ވާހަކަ ކިޔައިދެނީ. --ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު / އަބްދުﷲ އައުރަފް

އިރުގަނޑެއްފަހުން، ހަމަޖެހިލަމުން އޭނާ ވަރަށް އުނދަގުލުން އަނެއްކާވެސް އެ ވާހަކަތައް ފަށައިގަތެވެ.

"އޭނާ ބުނެލީ ތިމަންނަ ބޭނުންވަނީ މިހެންނޭ ލަމްހާ އަށް ހަދަން. މިއީއޭ ތިމަންނަ ބޭނުންވާ ކަމަކީ. އޭރު ދެން ނޭނގުނު ހުރެވުނުތަން ވެސް. ސަބަބަކީ ކުރިން ދުވަހަކުވެސް މީހެއްގެ ފަރާތުން ކުރިމަތިވި ތަޖުރިބާއެއް ނޫން އެއީ. މީހަކު އަހަންނާ ދިމާލަށް މުހާތަބުކުރި ގޮތެއް ނޫން އެއީކީ ދުވަހަކު ވެސް،" ލަމްހާ ކިޔައިދިނެވެ.

"އެކަހަލަ ބަސްތަކެއް ވެސް ދުވަހަކުވެސް އަޑެއް ވެސް ނާހަން، މީހަކު އެހެން މީހަކާ ދިމާލަށް ބޭނުންކުރަނިކޮށް ވެސް"

"ދެން އަހާލެވުނީ، ބޭބެ އަށް އެނގޭހޭ ބޭބެގެ އުމުރު. ދެން އޭނަ ބުނެފި އުމުރަކުން ކީއްހޭ ކުރާނީ. ހަމަ އެއްކަމެއް ނޫންހޭ ކުރާނީ. ދެން އެހިސާބުން އެނގިއްޖެ، އާނ. މީނަ އަދި އެހާ ފަސޭހައަކުން އަހަރެން ދޫކޮށެއްނުލާނެކަން."

ލަމްހާއާ ފޮށެމުން "ކާފަ އުމުރުގެ މި ފިރިހެން މީހާ" އުފައްދަމުން ދިޔަ މަންޒަރު ބަލަން އޭރު މަޖީދީމަގުގެ އެހިސާބުގައި ވަރަށް ގިނަ މީހުން ތިއްބެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ލަމްހާ އަށް އެހީވާން ނުދިއުމުން އެންމެފަހުން އަމިއްލަ ދިފާއުގައި ލަމްހާ އެ ފުރޭތައާ ދިމާލަށް ދިއްކޮށްލީ އަތުގައި އޮތް ފޯނެވެ.

"އެންމެނަށް ވެސް އެނގޭނެ މަގުމެދުގައި މީހަކު ފިރިހެނެއްގެ ކުރިމައްޗަށް އަރައި ފޯނު ދިއްކޮށްގެން ކެމެރާކުރަން ހުރީމަ ކޮންމެވެސް ގޯސް ކަމެއް އެބަ ހިނގާކަން،" ލަމްހާ ކިޔައިދިނެވެ.

"މީހުން ތިބި މަޑުކޮށްލައިގެން ބަލަން. އެކަމަކު އެއްވެސް ބަޔަކު ނައި އަހަންނަށް އެހީވާކަށް"

"ދެން އެހައި ހިސާބުން ގައިގަ، ފައިގަ ވަރުދޫވެ، ހާސްވެ، ދެން އައި ވޯޒް ލައިކް، ހިތަށް އެރީ ދެން ދާނީއޭ މިތަނުން. މިތާ ހުރުމުގެ އެއްވެސް ބޭނުމެއް ނެތޭ. ދެން ހިނގައިގަތީ."

އެކަަމަކު ދެންވެސް އެމީހާގަނޑު ލަމްހާ ދޫކޮށެއް ނުލިއެވެ. ޖިންސީ ޝިކާރުގެ ދުނިތައް ލަމްހާއާ ދިމާލަށް އުކަމުން އަނެއްކާވެސް ފަހަތުއަޅުވާލައިފިއެވެ.

ގެންފައިހުރި ބިރާއެކު ދެވޭ ނުދެވޭ ތަނެއް ވެސް އޭރަކު ލަމްހާއަށް ނޭނގެއެވެ. ދާން ނުކުތް ގެ ފަސްދީފައި ދެވުނުއިރު ވެސް އޭނާއަކަށް ނޭނގުނެވެ. އެންމެފަހުން ކެފޭއަކަށް ވަދެ އެ ފިރިހެން މީހާގެ މުސީބާތާއި ފުރައްސާރައިން ރެކިގެންފައި އަވަސްއަވަހަށް އޯޑަރުކޮށްލެވުނީ ފެންފުޅިއަކަށެވެ.

"އެކަމަކު ފެން ގެނެސްދިނީމަ ފެން ދިރުވައެއް ވެސް ނުލެވުނު. އެހާ ވެސް ބިރުގެންފައި އިނީ އޭރު."

ނަމަވެސް އަމިއްލަ ނަފުސާއި އަމިއްލަ އަންހެން ކޮއްކޮތަކާއި ކޮންމެ ދުވަހަކު މި މާލޭގެ މަގުމަތީގައި ޖިންސީ ފުރައްސާރަ އާއި ޝިކާރައަށް ބަދަލުވަމުންދާ ހުރިހާ އަންހެން ކުދިންގެ ހައްގުގައި އެންމެފަހުން ލަމްހާ ބިރުފަހަނަޅައި ނުކުތީއެވެ. ފޯނަށް ރިކޯޑްކުރި ފުރޭތައިގެ ވާހަކަ ސޯޝަލް މީޑިއާ އަށް ޕޯސްޓުކޮށްލީ އެހެން އެއްވެސްގޮތެއް ނެތިގެންނެވެ.

"ދެން ނުކުމެގެން ދިޔައީ ގެއަށް. މުޅި އެ ދުވަހު ގެއަށް ގޮސް ވެސް މީހަކާ ވާހަކަ ވެސް ދައްކާ ހިތެއް ނުވެފައި ހުރީ. ދެން އެންމެފަހުން މަންމަމެނަށް އެކަން ފާހަގަކުރެވިގެން ސުވާލުކުރީމަ ކިޔައިދިނީ މަގުމަތިން މީހަކު ހެރޭސްކުރި ވާހަކަ." ލަމްހާ ކިޔައިދިނެވެ.

"ފުރަތަމަ ވެސް މަންމަމެން ވެސް އަހާލީ، އަތްލި ހޭ ގައިގަ؟."

"އެކަމަކު އަހަރެން މީހުންނަށް ވިސްނައިދޭން ބޭނުންވާ ކަމަކީ، ހެރޭސްމަންޓަކީ ހަމައެކަނި ގަޔަށް އަތްލައިގެން ކުރާ ކަމެއް ނޫންކަން. އެ ވެދާނެ އަނގަބަހުން ކުރެވޭ ކަމަކަށް ވެސް. އޭގެ އެއްވެސް ކަމެއް އެއްވެސް ގޮތަކަށް އޯކޭވެގެން ނުވާނެ. މީހަކު ބޭނުންނުވާ އެއްވެސް އެޓެންޝަނެއް އެމީހަކަށް ދިނުމަކީ ހެރޭސްމަންޓް."

ލަމްހާ

މިއީ ޖޫން މަހުގެ އަށް ވަނަ ދުވަހު ލަމްހާ އަށް މަގުމަތިން ޖިންސީ ފުރައްސާރަކުރި ހާދިސާގެ ވަރަށް ވެސް ކުޑަ މިންވަރެކެވެ. މި ހަފުތާގެ "ސެޝަން" ގައި އޭނާ އެ ދުވަހުގެ ބިރުވެރިކަމާއި އޭގެ ނޭދެވޭ އަސަރު ކުރި ގޮތުގެ ވާހަކަ މި އިންޓަވިއުގައި ކިޔައިދޭއިރު މަގުމަތިން އެ ދުވަހު ލަމްހާއާ ބެހުނު މީހާ މިހާރު ވަނީ ފުލުހުން ބަލަމުން އަންނަ މި މައްސަލަ ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.

މައްސަލަ ނިމޭނެ ދުވަހެއް ނޭނގެއެވެ. އަދި ނިމޭނެ ގޮތެއް ވެސް ނޭނގެއެވެ. ނަމަވެސް މަގުމަތިން ޖިންސީ ފުރައްސާރަކުރި މައްސަލައިގައި އެ މީހާ ކުށްވެރިވެއްޖެ ނަމަ އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު މިންވަރު އެނގެން އެބައޮތެވެ. – ތިން މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

އެކަމަކު ސުވާލަކީ މިއެވެ. ތިން މަސް ދުވަހަކީ ހައްގު އަދަބެއް ހެއްޔެވެ؟ ލަމްހާ ބުނަނީ މިހެންނެވެ.

"އެއީ ހައްގު އަދަބެއް ނޫން. ބޭކާރު އަދަބެއް. އޭނަ އަހަރެންގެ ގަޔަކު އަތެއް ނުލާތީ އިތުރު އަދަބެއް ދެވޭކަށް ނެތޯ ބުނެފައި ވަނީ"

"އެކަމަކު މިސާލަކަށް ތިން މަސް ފަހުން އޭނަ މިނިވަންވެގެން މަގުތަކަށް އަނެއްކާވެސް ނުކުތީމަ ކޮން ގެރެންޓީއެއްތަ އޮތީ އޭނަ ދެން ވެސް ނުފޮށޭނެކަމަށް. ރަނގަޅު، ކުރިއާ ހިލާފަށް ދެން ތަންކޮޅެއް އުނދަގޫވެދާނެ ފޮށެން. އެކަމަކުވެސް ކޮން ގެރެންޓީއެއް އޮތީ ތިން މަހުގެ އަދަބަކުން އޭނަ އަށް މިކަމުން ފިލާވަޅެއް ލިބިދާނެ ކަމަށް،" ލަމްހާގެ މި ސުވާލުތަކުގައި އަސްލަށް ބަރުދަނެއް އެބަހުއްޓެވެ.

"މިކަހަލަ ކަމަކަށް ބަލާއިރު އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ކުޑަ އަދަބެއްހެން. މިއަށް ވުރެ ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލައެއްހެން އަޅުގަނޑަށް ހީވަނީ މިއީ"

"އަނެއްކޮޅުން މި މުޖުތަމައުގެ ވިސްނުން ވެސް މިފަދަ މައްސަލަތަކުގައި ބަަދަލުކުރަން އެބަޖެހޭ. އަންހެން ކުއްޖަކާ ފޮށުނީމަ އެ އަންހެން ކުއްޖާ އަށް ފާޑުކިޔައި އެޓޭކުކުރުމުގެ ބަދަލުގައި އަސްލު ޖެހޭނީ އެހީތެރިކަން ފޯރުކޮށްދޭން ދޯ"

"އަދިވެސް މި ސޮސައިޓީ އަށް ގަބޫލެއް ނުކުރެވޭކަން ނޭނގެ އަންހެނަކު ވަޒީފާ އަށް ދިއުން ނުވަތަ އަމިއްލަ ފައި މައްޗަށް ތެދުވެ އުޅޭ އުޅުން ބަލާކަން. ވަރަށް އުނދަގޫކަންކަން މިއީ އަދިވެސް. އެކަމަކު އަންހެނަކު އިންޑިޕެންޓެންޑްވުން ނުވަތަ އެކަނި ބޭރަށް ދިއުން އެއީކީ އެއްވެސް މައްސަލައެއް އޭގައި ހުރި ކަމެއް ނޫން"

"އަހަރެމެންގެ މުޖުތަމައުގެ މަގުތައް ފިރިހެނުންނަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ހެދިފައިވާ ފަދައިން އެތަންތަން އެބަ ވާންޖެހޭ ހަމަ އަންހެނުންނަށް ވެސް ރައްކާތެރި މަގުތަކަކަށް. މިނިވަންކަމާ އެކުގައި އަންހެނުންނަށް ވެސް މަގުތަކުން ހިނގާލާފައި ދެވެން އެބަޖެހޭ."

ލަމްހާގެ އިންޓަވިއުގެ ތެރެއިން.

ލަމްހާ ފަދައިން މި ހުވަފެން ދެކޭ އަންހެން ކުދިން ބައިވަރެވެ. ނަމަވެސް މުޖުތަމައުގެ ވިސްނުމާއި އާންމު އަހުލާގު އެންމެ ބޮޑަށް ހާމަވެގެން ދަނީ އަބަދުވެސް މިކަހަލަ މައްސަލަތަކުންނެވެ. އަދި މިފަދަ މައްސަލަތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް މި މުޖުތަމައު ތައްޔާރުވެފައި އޮތް މިންވަރު ލަމްހާގެ މި "އެންމެ މައްސަލައެއް" ހިލިގެން ބަންޑުންވި ހިޔާލާއި ޝުއޫރުތަކުން އެކަނި ވެސް އެނގިގެންދެއެވެ.

"މީހުންނަށް މިކަންތައް ވެސްވީ ބޮޑަށް މަޖާކަމަކަށް. އަޅުގަނޑުގެ އަމިއްލަ އޮފީސް ތެރެއިން ވެސް ޖެއްސުންކޮށް ދިމާކޮށްލީ އެ ވީޑިއޯއާ ގުޅުވާލައިގެން. މީހުންނަށްވީ މަޖާ ކަމަކަށް،" ކަންބޮޑުވުން ފާޅުކޮށް ލަމްހާ ބުނެލިއެވެ.

"ގިނަ ފަހަރަށް އަންހެން ކުއްޖަކަށް މިކަހަލަ ކަމެއް ދިމާވިޔަސް ކިޔާދޭން ނުކެރެނީ މީހުން އެ ވާހަކަ ގަބޫލުނުކޮށްފާނެތީ. ނުވަތަ އެހެން ކިޔާފައި ދައްކާނީ ކޯއްޗެއް ހެއްޔޭ. ކޮބައި ހެއްޔޭ އެ ވާހަކައެއް ޕްރޫވްކޮށްދޭނެ ގޮތަކީ. ކަމާ ބެހޭ ފަރާތްތަކަށް އަހަރެން އެ ވާހަކައެއް ހިފައިގެން ދިޔަޔަސް އެމީހުން އަހަރެންގެ ވާހަކަ ގަބޫލުކުރާނެހޭ؟ ސީރިއަސްކޮށް ނަގާފާނެ ހެއްޔޭ؟ ގިނަފަހަރަށް ވެފައި ހުންނަނީ ވެސް މިހެން. މީހުން ގަބޫލެއް ނުކުރޭ."

ފަހަރެއްގައި ލަމްހާގެ މި ހިތްވަރަކީ، މަގުމަތިން ފޮށުމާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ގައުމު ހޭލައްވަފާނެ ހިތްވަރެކެވެ. އެހެންކަމަށް އުއްމީދުކޮށް އޭގައި ބައިވެރިވަމާ ހިނގާށެވެ.

ދަ ސެޝަން ޖިންސީ ގޯނާކުރުން

Popular