20 Jan 2020

By: Aminath Ibrahim

މިއީ 61 އަހަރުގެ ނަޒީރު އަހުމަދެވެ. އޭނާ އަކީ ގދ. ތިނަދޫގެ ވިޔަފާރިވެރިއެކެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި އެތައް އަހަރެއް ވަންދެން ވަޒީފާ އަދާކުރި ހިދުމަތްތެރިއެކެވެ. އެކަމަކު މި ތައާރަފަށް ފަހު ދެން ވިދާޅުވީ މާ ތަފާތު ވާހަކަ އެކެވެ. "މިހާރު މި ދިރިއުޅެނީ ދެވަނަ ދިރިއުޅުމުގަ" އޭ އެވެ.

މީގެ ހަތް އަހަރު ކުރިން ސްޓޭޖް ހަތަރެއްގެ ޕްރޮސްޓޭޓް ކެންސަރަށް ޑައިގްނޯސްވި އިރު ނަޒީރުގެ ހަށިގަނޑުގެ ބޮޑު ބަޔަކަށް ހުރީ ކެންސަރު ފެތުރިފަ އެވެ. އޭނާގެ ހާލަތު އޭރު ހުރި ގޮތުން ދުނިޔޭގައި ހުރެދާނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައި ދިނީ އަހަރު ދުވަހުގެ މުއްދަތެކެވެ. އެކަމަކު އޭގެ ފަހުން މިހާރު ހަތް އަހަރު ވީ އެވެ. ބައްޔާ ދެކޮޅަށް އަދިވެސް ހަނގުރާމަކުރަނީ އެވެ.

މިދިޔަ ހަތް އަހަރު ތެރޭގައި، އިންސާނެއްގެ މައްޗަށް ބަލި ގަދަވެގަންނަން ފުރުސަތު ހަނިކުރަން އޮތް ކޮންމެ ގޮތަކަށް އޭނާ މަސައްކަތްކޮށްފި އެވެ.

ކެންސަރުގެ ދިލަ، ފަރުވާ އާއި ހިތްވަރު

މައިބަދައިގައި އުފެދުނު ރިހުމެއް ރަނގަޅު ނުވެގެން އިންޑިއާ އަށް ގޮސް ހެދި ޓެސްޓުތަކުން ކެންސަރު ހުރިކަން އެނގުމަކީ ނަޒީރުގެ އާއިލާ ހިތާމައިގެ އަނދިރިކަމުގެ ތެރެއަށް ގަންބާލި ވިލާގަނޑެކެވެ.

"މުޅި ދިރިއުޅުން އެއްކޮށް ހުއްޓުމަކަށް އައި. އޭރު އަޅުގަނޑުގެ ބައެއް ކުދިން ކިޔަވައި ނުނިމޭ. ދެން މާގިނަ ދުވަހަކު ދުނިޔޭގައި ނުހުރެދާނެކަމަށް ބުނީމަ، ބައްޕައެއްގެ ހައިސިއްޔަތުން ވެސް ފުން އަސަރުތަކެއް ކުރި. ދެން އެހާ ހިސާބުން ވިޔަފާރި އާއި މަސައްކަތްތައް ދޫކޮށްލާފައި މުޅިން ފަރުވާ އަށް ހުސްވާން ޖެހުނީ،" ނަޒީރު ކިޔައިދެއްވި އެވެ.

ނަޒީރް ކެންސަރާ ހަނގުރާމަ ކުރާތާ ހަތް އަހަރު: އޭނާ އަކީ ކެންސަރު ހުންނަ މީހުންނަށް ޒިޔާރަތްކޮށް، މީހުންނަށް ހިތްވަރުދީ، ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހެއް

ކެންސަރުގެ ބިރުވެރިކަމާއި އޭގެ ކެކުޅުމުގެ ވާހަކަ އޭނާ ވެސް އަޑު އަހައެވެ. އެކަމަކު އަމިއްލަ ނަފްސާއި ހިތާއި ހަށިގަނޑުގައި އަޅާ ވޭނާ އެއްވަރަށް ނަފްސާނީ ގޮތުން މީހާ މިލައި މޯޅިކޮށްލައި ނިކަމެތިކޮށްލާ ގޮތް އަސްލާ ގާތަށް ވެސް މީހުންނަށް ބުނެދެވިފައި ނުވާކަން އޭނާއަށް ވިސްނެން ފެށުނީ އެހާ ހިސާބުންނެވެ.

"އަޅުގަނޑު ހަމަ މޮޔަވާ ދަރަޖައަށް ދިޔަ. ދަންނަ މީހެއްގެ މޫނު ފެނުމުން އެއީ ކާކު ކަން ބުނެދޭން ނޭނގޭ ވަރަށް ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި. ސިޓިންރޫމުގައި ބާކީވެ، ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މަތިން ފޫހިވި ދުވަސްކޮޅެއް ވެސް ދިޔަ. އެހެން ނަމަވެސް އަޅުގަނޑު ﷲ އަށް ވަކީލުކޮށް، މި އައި ބަދަލަށް ޝުކުރުވެރިވެ، ދިމާވެފައިވާ ހާލުން މިންޖުކުރައްވާތޯ އެތައް ދުއާއެއް ކުރިން،" ނަޒީރު ވިދާޅުވި އެވެ.

"އެއްދުވަހު އަޅުގަނޑުގެ އަންހެނުން ބުނެފި، ދޭބަލާށޭ ދިރިއުޅުން މަތިން ތިގޮތަށް މާޔޫސްވެފައި ތިބޭ މީހުންނަށް އެހީވެދޭ ބަޔަކު އުޅޭ ޖަމިއްޔާއެއް ވެސް އޮތްތޯ ބަލައިލަން. އެހެން ބުނީމަ، ކެންސަރު ސޮސައިޓީއަށް ގުޅީ، އަލްހަމްދުލިއްލާހި، އެއީ އަޅުގަނޑުގެ ހަޔާތުގައި ކުރެވުނު އެންމެ މުހިއްމު އެއް ފޯން ކޯލު،"

އޭނާ އަކީ، ކެންސަރު ބަލީގެ މީހުންނަށް ކައުންސެލިން އާއި ސަޕޯޓް ފޯރުކޮށްދޭ، ކެންސަރު ސޮސައިޓީގެ ސަޕޯޓް ގްރޫޕްގެ އެންމެ ދުވަސްވީ އެއް މެންބަރެވެ. އެ ގްރޫޕްގެ އެންމެ ބޮޑު އެއް އިންސްޕިރޭޝަނަކީ ވެސް އެއީ އެވެ.

ނަޒީރު ކެންސަރަށް ހޭލުންތެރިކުރުމުގެ ހަފްލާއެއްގައި: ކެންސަ ސޮސައިޓީގެ ސަޕޯޓް ގްރޫޕާ އެކު ނަޒީރު ކުރައްވަމުން ގެންދަވާ ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސޮސައިޓީ އިން ވަނީ އެކި ފަހަރު މަތިން އޭނާ އަށް ހިތްވަރު ދެއްވާފައި

"ކެންސަރަށް މި ނަގާ ބޭހާއި ކީމޯތެރަޕީ އަކީ ވަރަށް ބައިވަރު ބަދަލުތަކެއް މީހާއަށް ގެނުވާ ކަމެއް. މީގައި އެންމެ ބޮޑީ ނަފްސާނީ ގޮތުން އެ އަންނަ ބަދަލު. ކީމޯ ފަށައިގެން އުޅޭއިރު، ވަރަށް ވަރުގަދަ ރުޅިއެއް އަންނާނެ. ހަށިގަނޑުގައި އާދަޔާ ހިލާފު ތުރުތުރެއް އަޅާނެ. ގޭތެރޭގައި ވެސް އެއްވެސް މީހަކު ކޮށްދޭ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. އަޅުގަނޑުގެ ގައިގައި އަޅާ ވޭނެއްގެ ބޮޑުކަމުން އެއްބައި ދުވަސް ދުވަހު ނިތްކުރި ކަކުލުގައި ޖެހޭ ވަރަށް ގުޅައަކަށް ޖެހިގެން ވެސް އޮންނަން،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވި ގޮތުގައި، ކެންސަރު ފަދަ ބައްޔެއްގައި އުޅޭ މީހަކަށް އެންމެ ރަނގަޅު ފަރުވާ އަކީ އަޅުކަމުން އެ ލިބޭ ރޫހާނީ ޔަގީންކަމާއި ހިތްވަރެވެ. އެކަމުގެ ސަބަބުން، ދިރިއުޅުމާ މެދު ދެކޭ ގޮތް މުޅިން ބަދަލުކޮށްލައި އާދަޔާ ހިލާފު އުފާވެރިކަމެއް ލިބިގެންދާ ކަމަށް ވިދާޅުވި އެވެ.

ޑރ ޝިފާން އާއި ނަޒީރް: އޭނާގެ ހިތްވަރަށް ޑރ ޝިފާން ވެސް ވަނީ ތައުރީފުކުރައްވާފައި

"މީގެ އިތުރުން ވެސް ދިރިއުޅުމުގެ ވައްޓަފާޅި އަށް ވަރަށް ބޮޑެތި ބަދަލުތައް އެބަ ޖެހޭ ގެންނަން. އަޅުގަނޑުމެން ބަލައި ނުލަން މި ކެވެނީ ކޯއްޗެއް ކަން. ކަސްރަތުކޮށެއް ނޫޅެން. އެކަމަކު ދުޅަހެޔޮ ސިއްހަތަކަށް ރަނގަޅު ކާނާ އާއި ކަސްރަތަކީ ވަރަށް މުހިއްމު އެއްޗެއް. ކަމެއް ދިމާވުމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން މަޑުކޮށްގެން ހުރުމަށް ވުރެ ރަނގަޅީ ދުރާލައި ވިސްނުންތެރިކަމާއެކު ނަގާ ފިޔަވަޅު."

ބަލިމީހުންނަށް މިސާލެއް

ކެންސަރުގެ ތޫނު ހަމަލާތަކަށް އައްޑަނައަކަށް ނަޒީރު ބޭނުންކުރީ ކަށިން ނެރުނު ހިތްވަރާއި ތަގުވާގެ މަތިވެރި މަގެވެ. އަނދިރިވެފައިވާ ދުނިޔެ އަލިކޮށްލީ ލޯބިވާ އަނބިމީހާ އާއި ދަރިންގެ ފަރާތުން ލިބެމުން ދިޔަ އޯގާތެރިކަމާއި ލޯބީގެ ބާރުގައި ދިއްލާލި އުންމީދީ ވޮށުންނެވެ.

ކެންސަރަކީ، ނޫނީ އެ ނޫން ވެސް އެފަދަ ބޮޑު އެއްވެސް ބަލިމަޑުކަމަކީ މަރު ބައްޔެއް ކަމަށް ދެކިގެން އުންމީދު ކަނޑާނުލަން އޭނާ ނަސޭހަތްތެރިވާން ބޭނުންވެ އެވެ. ކަސްރަތާއި ދުޅަހެޔޮކަމަށް އިސްކަންދޭން ގޮވާލަން ބޭނުންވެ އެވެ.

ދިރާގް ރޯޑް ރޭހެއްގައި ނަޒީރް ބައިވެރި ވަނީ: ކެންސަރުގެ ވޭނާ އެކު ވެސް އޭނާ އުޅެމުން ދަނީ ދުޅަހެޔޮ އެކްޓިވް ދިރިއުޅުމެއް

"ރުޅިވެރިކަން ދޫކޮށްލައި، އުފާވެރިކަން ދިރިއުޅުމަށް ގެންނަންވީ. އުނދަގޫ ކަމެއް. އެކަމަކު އަޅުކަމާއި ގާތުގައި ތިބޭ މީހުންގެ އަގު ވަޒަންކުރަން ދަސްކުރުމުން އެ ހިތްވަރު ކޮންމެ މީހަކަށް ވެސް ލިބޭނެ. އަމުދުން އިމްތިހާނުގެ ވަގުތުކޮޅެއް އަންނަ ހިނދު ކެތްތެރިވެ، ޝުކުރުވެރިވާން ވާނެ. އަޅުގަނޑަށް ޑޮކްޓަރު ދެއްވީ އެންމެ އަހަރެއް. އެކަމަކު އިރާދަކުރެއްވިއްޔާ އެންމެ ފަހު ސްޓޭޖުގައި ހުރެފައި މިހިސާބަށް އައި އިރު ހަށިގަނޑުގެ 70 ޕަސެންޓް ރަނގަޅު ވެެއްޖެ. މިއީ ވަރަށް ހިތްވަރު." ހުރިހާ ބަލި މީހުންނާއި ބަލި ތަހައްމަލުކޮށްފައިވާ މީހުންނަށް ނަޒީރު ދޭން ބޭނުންވާ ނަސޭހަތަކީ މިއީ އެވެ.

ދަ ސެޝަން ކެންސަރު ސިއްހަތު

Popular